ހައި ވޭގައި ޔޫޓާނެއް ނަގަން އުޅުނު ސައިކަލަކާއި ކާރެއް ޖެހި ދެ މީހަކަށް އަނިޔާވެއްޖެ

މިރޭ ހައިވޭގައި ހިނގި އެކްސިޑެންޓްގައި ކާރަށް ގެއްލުންތަކެއް ލިބިފައި --- ސަން ފޮޓޯ

ސިނަމާލޭ ބްރިޖުން މާލެ އިން ހުޅުމާލެއަށް ދިޔަ ސައިކަލެއް ޔޫޓާނެއް ނަގަން އުޅުމުގެ ތެރޭގައި ކާރެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އެކިވަރުގެ އަނިޔާވެ ހޮސިޕިޓަލަށް ގެންގޮސްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ އެކްސިޑެންޓް ރިޕޯޓްކޮށްފައި ވަނީ މިރޭ 7:35ގައި ކަމަށާއި އަނިޔާވެގެން ހުޅުމާލޭ ޓްރީ ޓޮޕް ހޮސްޕިޓަލަށް ފަރުވާއަށް ގެންގޮސްފައި ވަނީ ސައިކަލް ދުއްވަން އިން 26 އަހަރުގެ ފިރިހެން މީހާ އާއި ފަހަތުގައި އިން 20 އަހަރުގެ އަންހެން މީހާ ކަމަށެވެ.

އެކްސިޑެންޓް ހިނގީ މާލެ އިން ހުޅުމާލެ އަށް ދަތުރުކުރަމުން ދިޔަ ދެ ވެހިކަލްގެ ތެރެއިން ސައިކަލު ޔޫޓާނެއް ނެގުމަށް އަނބުރާލަން އުޅުމުގެ ތެރޭގައި ކާރުގައި ޖެހިގެން ކަމަށް އޮފިޝަލު ވިދާޅުވި އެވެ.

"ހައިވޭގެ މެދުގައި ޔޫޓާން ނެގުމަށް ހާއްސަ ކުރެވިފައިވާ ދިމާލުން އަނބުރާލަން އުޅުމުގެ ތެރޭގައި އެކްސިޓެންޑް ހިނގީ،" ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.

އެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ހޮސްޕިޓަލަށް ގެންގޮސްފައިވާ އިރު ލިބުނު އަނިޔާގެ ތަފްސީލެއް ނުލިބެ އެވެ. އަދި ސައިކަލަށް އެކިވަރުގެ ގެއްލުން ލިބިފައިވާ އިރު ކާރުގެ ވިންޑް ސްކޫރީންގެ ބައެއް ވެސް ވަނީ ތަޅައިގެން ގޮސްފަ އެވެ.

comment ކޮމެންޓް