އީރާނާ އިދިކޮޅު ކޮންފަރެންސްގެ ފަހަތުގައިވަނީ ފޭލްވެފައިވާ ބޮޑުބާރެއް: އީރާން

ޖަވާދު ޒަރީފް އަދި މައިކް ޕޮމްޕެއޯ

ތެހެރާން (ޖަނަވަރީ 12) : އާދިއްތަ ދުވަހު ޕޮލެންޑްގައި ބޭއްވުމަށް ހަމަޖެހިފައިވާ އީރާނާ އިދިކޮޅު ކޮންފަރެންސަށް އީރާނުން ފާޑުކިޔައިފިއެވެ.

އެ ކޮންފްރެސް ސިފަކުރައްވަމުން އީރާނުގެ ޚާރިޖީ ވަޒީރު މުހައްމަދު ޖަވާދު ޒަރީފް ވިދާޅުވީ އެއީ މެދުއިރުމަތީގައި ހަނގުރާމަތައް ފަށައި އެހަނގުރާމަތައް ނާކާމިޔާބުވުމުގެ ސަބަބުން މާޔޫސްވެފައިވާ ހުޅަނގުގެ ބާރުތައް އިސްކޮށް ތިބެގެން ބާއްވާ މާޔޫސީ ކޮންފަރެންސެއް ކަމަށާ އެ ކޮންފަރެންސާމެދު އީރާން ނުސިހޭނެ ކަމުގައެވެ.

ޕޮލެންޑްގައި ބާއްވާ އީރާނާ އިދިކޮޅު ކޮންފަރެސްގައި އިސްކޮށް ހަރަކާތްތެރިވަނީ މެދުއިރުމަތީގެ ގައުމުތައް ހަލާކުކުރުމަށް ޓަކައި ޓެރަރިސްޓް ޖަމާއަތްތައްނެރެ އެޖަމާއަތްތަކަށް ސިއްރިޔާތުގައި އެހީތެރިވި ބޮޑު ބާރެއްކަމަށްވެސް ޖަވާދު ޒަރީފް ސިފަކުރެއްވިއެވެ.

މިއީ ޒަރީފް އެމެރިކާއަށް ކުރެއްވި އިޝާރާތެއްކަމަށް މުރާސިލުން ބުނެއެވެ. މެދުއިރުމަތީގައި އައިއެސް ޖަމާއަތް ވުޖޫދަށް ގެނައުމާއި ސިއްރިޔާތުގައި އެޖަމާއަތަށް އެހީތެރިވުމުގައި އެމެރިކާއާއި އިސްރާއީލުގެ ޖާސޫސީ އިދާރާތަކުގެ ދައުރު ބޮޑުކަމަށް އީރާން އަބަދުވެސް ތުހުމަތު ކުރެއެވެ. އަދި ތަކްފިރީ ވިސްނުމުގެ ނުރައްކާތެރި ޓެރަރިސްޓް ޖަމާއަތެއްކަމަށްވާ އައިއެސްއަށް މާލީގޮތުން އެހީތެރިވަނީވެސް އެމެރިކާއަށް ބަރޯސާވާ ގަލްފުގެ އަރަބި ގައުމުތައް ކަމަށް އީރާނުން ތުހުމަތުކުރެއެވެ.

އަނެއްކޮޅުން އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވަނީ ޕޮލެންޑްގެ ވޯސޯގައި މިމަހުގެ 13 ވަނަދުވަހާއި 14 ދުވަހު ބާއްވާ ކޮންފަރެންސަކީ އީރާނާދެކޮޅަށް ބާއްވާ ކޮންފަރެއްސެއްކަމާއި އެކޮންފަރެންސްގެ ބޭނުމަކީ މެދުއިރުމައްޗަށް ހަމަޖެހުން ގެނައުމަށް މަސައްކަތްކުރުން ކަމަށްވަނީ ސިފަކުރައްވާފައެވެ. މީގެއިތުރުން މެދުއިރުމައްޗަށް ބާރާއި ނުފޫޒު ފޯރުވަން މަސައްކަތްކުރާ ކަމުގެ ތުހުމަތުވެސް ޕޮމްޕެއޯ ވަނީ އީރާނުގެ މައްޗަށް ކުރައްވާފައެވެ.

ޕޮމްޕެއޯ އަރަބި ގައުމުތަކަށް ކުރައްވާ ދަތުރުފުޅުގައި އޭނާ ގެންދަވަނީ އީރާނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އަރަބި ގައުމުތަކުގެ ރުހުން އިތުރަށް ހޯދުމަށް މަސައްކަތް ކުރައްވަމުންނެވެ. ޕޮމްޕެއޯ މިމޭރުމުން ވާހަކަ ދައްކަވާއިރު ސީރިއާގެ ހަނގުރާމައިގާ އެމެރިކާ ވާގިވެރިވާ ޖަމާއަތްތައް ބަލިކޮށް އެޖަމާއަތްތަކުގެ މައްޗަށް ސީރިއާ ސަރުކާރު ކާމިޔާބު ހޯދުމުން އެމެރިކާ ވަނީ ސީރިއާއިން ފޭބުމަށް ނިންމައި އެކަން އިއުލާންކޮށްފައެވެ. އީރާނުން ވަނީ މިއީ އެމެރިކާގެ ހަނގުރާމައިގެ މަޝްރޫއު ސީރިއާގައި ނާކާމިޔާބުވުން ކަމަށް ސިފަކޮށްފައެވެ.

ޕޮމްޕެއޯ އަރަބި ގައުމުތަކަށް ކުރައްވާ ދަތުރުފުޅު ފެއްޓެވުމުގެ ގޮތުން ދެއްވި ބަޔާނުގައި އޭނާ ވަނީ މެދުއިރުމައްޗަށް ވަޑައިގަންނަވަނީ އީރާނާ ކުރިމަތިލުމަށްޓަކައި ގަލްފުގެ އަރަބި ގައުމުތަކާއި މިސްރާއި އުރުދުން އަދި އިސްރާއީލު ބައިވެރިވާ ގޮތަށް އެމެރިކާގެ ބެލުމުގެ ދަށުން އިއްތިހާދެއް ހެދުމާބެހޭ މަޝްވަރާތަކަށް ކަމަށާ އެއީ އިސްރާއީލާއި އަރަބިންގެ މަސްލަހަތަށް މިހާރު ބޭނުންވެފައިވާ އިއްތިހާދެއް ކަމަށް ސިފަކުރައްވާފައެވެ.

ޕޮމްޕެއޯ ވަޑައިގަންނަވާ ގައުމުތަކަކީ އެމެރިކާއަށް ބަރޯސާވުމުގެ ސިޔާސަތުތަކެއް ގެންގުޅޭ އަރަބި ގައުމުތައް ކަމަށްވާ އުރުދުން، މިސްރު، ޔޫއޭއީ، ގަތަރު، ކުވައިތު، އޮމާން އަދި ސައުދީ އަރަބިއާއެވެ.

(ނޫސްއެޖެންސީތައް)

comment ކޮމެންޓް