އަނާލްއަށް ވީގޮތް ރަނގަޅަށް އިޒިއަންއަށް ފެނުނެވެ. އޭނާ އަނާލްގެ އަތުން ދޫވި ފޮޓޯ ގަނޑަށް ނަޒަރު ހުއްޓާލިއެވެ. މަޑު ފިޔަވަޅުތަކެއްގައި އެ ދިމާލަށް އިޒިއަން ހިނގައިގަތުމުން އަނާލްއަށް ވައިއަޑުން "ނޫނެކޭ" ބުނެވުނެވެ.

އިޒިއަންއަށް މި އަޑު ރަނގަޅަށް އިވުނެވެ. އޭނާ އެ ފޮޓޯގަނޑު ނެގިއިރު އަނާލް އިނީ ނޭވާ ހިފައްޓާލައިގެންނެވެ. އެހެންނަމަވެސް އިޒިއަން ފޮޓޯގަނޑު ނެގުމަށްފަހު އެއަށް ބަލާލުމެއްނެތި ގެނަސް އަނާލްއަށް ދިއްކޮށްލިއެވެ. އޭގައިވި އެއްޗެއް ބެލުމަށް ކިތަންމެ ޝައުގުވެރިވި ނަމަވެސް އިޒިއަން އެކަން އެ ގޮތަށް ނުކުރީ އަނާލްއަށް ނުތަނަވަސްކަމެއް ވެރިވެދާނެތީއެވެ.

ފޮޓޯގަނޑު ދިއްކޮށްލުމާއެކު އަވަސްއަވަހަށް އޭގައި ހިފާ ފޮރުވި ގޮތުން އޭގައި ވި އެއްޗެއް ބެލުމަށް އިޒިއަން ޝައުގުވެރިވިއެވެ. އެހެންނަމަވެސް އޭނާއަށް އެކަން އެގޮތަށް ކުރާކަށް ނުކެރުނެވެ. ތަފާތު އެއްޗެހި ހިތަށް އަރާ ފައިބަމުން ދިޔަނަމަވެސް މޫނުމަތިން އެކަމުގެ އެއްވެސް އަސަރެއް ނުދައްކާވޭތޯ އިޒިއަން މަސައްކަތް ކުރިއެވެ.

އަނާލް ފޮޓޯގަނޑު އަވަސްއަވަހަށް ވަތްގަނޑަށް ލަމުން ފޮރުވާލިއެވެ. އަދި އިޒިއަންއަށް ބަލާލަމުން ހިނިތުންވާން މަސައްކަތް ކުރިއެވެ.

"ހެލޯ" އިޒިއަން، އަނާލްއަށް ބަލާލުމަށްފަހު ވާހަކަ ދެއްކިއެވެ. އަނާލް ވެސް ރައްދުގައި "ހައި" އެއް ޖަހާލަމުން އިޒިއަން ގާތު އިށީނުމަށް ބުނެލިއެވެ. މަސައްކަތުގެ ވާހަކަތައް އަނާލް ކިޔައިދެމުން ދިޔައިރު އިޒިއަންއަށް ގިނަ ވަގުތު އިނދެވެނީ އަނާލްއަށް ބަލަހައްޓައިގެންނެވެ. އެ މައުސޫމް ހަރަކާތްތަކަށް އޭނައަށް ގަޔާވެވެމުން ދިޔައެވެ. އެ ތުންފަތަށް ވެރިވާ ހިނިތުންވުމުގެ ސަބަބުން އޭނާގެ ހިތުގެ ހިނގުމަށް ބަދަލު އަންނަހެން ހީވެއެވެ. ބޯ ޖަހާލާ ވާހަކަ ދައްކާލާ ގޮތާ އިޒިއަންއަށް ގަޔާވެވެއެވެ. އަތުން އިޝާރާތް ކުރަމުން ވާހަކަ ދައްކަމުން ދާއިރު އަނާލްގެ ޝައުގުވެރިކަން ހުރި ވަރު ފާހަގަވެއެވެ. އިޒިއަންއަށް ކަޅި ޖަހާ ނުލާ އަނާލްއަށް ބަލަން ފެށުނުއިރު އޭނާގެ ހިތަށް ވެސް އަސަރުތަކެއް ކުރަމުން ދިޔައެވެ.

"އިޒިއަން..." އަނާލް އިޒިއަންއަށް ގޮވާލަމުން އިޒިއަންގެ މޫނާ ދިމާލުގައި އަތް ހޫރާލިއެވެ. އިޒިއަންއަށް ސިހިފައި އަނާލްއާ ދިމާލަށް ބަލާލެވުނެވެ. އޭނާ ދެފަރާތަށް ބޯ ހޫރާލަމުން ކަމެއް ނުވެޔޭ ބުނެލީ އަނާލް ސުވާލު ކުރުމުންނެވެ. މޭޒު ދޮށުގައި އިނދެ މަސައްކަތަށް ސަމާލްކަން ދެވޭތޯ އިޒިއަން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް ގިނަ ވަގުތު އޭނާގެ ސަމާލުކަން މަސައްކަތަށް ވުރެ ބޮޑަށް ހުންނަނީ އަނާލްއަށެވެ. އިޒިއަންއަށް އަންނަމުން ދިޔަ ބަދަލުތައް ދެނެގަންނަން ޚުދު އޭނާ ވެސް އިނީ ނުކުޅެދިފައެވެ. އެ ސިކުނޑީގައި ހިނގަމުން ދިޔަ ހައިޖާނުގަނޑުގެ ސަބަބުން އޭނާގެ ނަފްސުގެ ހަމަޖެހުން ވަނީ ނަގާލާފައެވެ. އަނާލް ފެންނަ ކޮންމެ ފަހަރަކު އެ ހިތް މަޑު ޖެހިލާ ކަހަލަ ގޮތެއް އިޒިއަންއަށް ވެއެވެ. މިހާރަކަށް އައިސް އަބަދު އޭނާއަށް އަނާލް މަތިން ހަނދާން ވަނީއެވެ. އަނާލްގެ ހާލާމެދު ހަމްދަރުދީ ވަނީކަމެއް ނޫނީ އޭނާގެ ހިތުގައި އަނާލްއާ މެދު ޖަޒުބާތުތަކެއް އުފެދެނީ ކަމެއް ބުނެދޭކަށް ނޭނގެއެވެ.

އިޒިއަންގެ ހިތުގައި ބިރުވެރިކަން ވަނީ އެ ހިނގަމުންދާ ޝުއޫރު ތަކެއްގެ ސަބަބުންނެވެ. އިޙްސާސް ތަކެއްގެ ސަބަބުންނެވެ. އެ ހިތަށް ބާރު ފޯރުވަން އޭނާ ނުކުޅެދޭ ގޮތުންނެވެ. އަނާލްދެކެ ލޯބި ވެވެނީ ހެއްޔެވެ؟ ނޫނެކެވެ. އެހެން ވެގެން ނުވާނެއެވެ. އަނާލް ދެކެ އޭނާއަށް ލޯބި ވެވިގެނެއްނުވާނެއެވެ. އެ ހިތުގައި އަނާލްގެ މައްޗަށް ލޯބި އުފެދިއްޖެނަމަ އެ ވާނީ އޭނާއަށް ކުރެވޭ ވަރަށް ބޮޑު ކުށަކަށެވެ. އަނާލް ދެކެ ލޯބިވުމުގެ ހައްޤު އިޒިއަންއަށް ލިބިގެންނުވަނީ އޭ ހީވަނީއެވެ. އެކަމަކު ކީއްވެހެއްޔެވެ؟ އެކަންކަން ގުޅިފައިވަނީ އިޒިއަން ގެ މާޒީއާ ހެއްޔެވެ؟

*****

ދީމް ކޮޓަރިން ނުކުތްއިރު އޭނާގެ ކޮނޑުގައި ބެކްޕެކެއް އަޅުވާލާފައި ވެއެވެ. ފޯނުން ކޮންމެވެސް މީހަކަށް މެސެޖް ކުރަމުން ދިޔައިރު އޭނާގެ މޫނުމަތިން އެއްވެސް ކަހަލަ އުޖާލާކަމެއް ނުފެނެއެވެ. ދެ ތުންފަތް ޖައްސާ ބާރުކޮށްލައިގެން ހުރެ ގޭގެ ސިޑިއާ ދިމާލަށް ދީމް ނަޒަރު ހުއްޓާލިއެވެ. އަދި ވިސްނަން ހުރުމަށްފަހު ފުންނޭވާއެއް ދޫކޮށްލަމުން ސިޑިއާ ދިމާލަށް މިސްރާބުޖެހިއެވެ.

"ދީމް!" މަޒާޔާގެ އަޑަށް ހުއްޓި ދީމް ފަހަތް ބަލާލިއެވެ.

"މައްޗައްތަ؟" މަޒާޔާ އަހާލިއެވެ.

"ލައްބަ....." ދީމް އިސްޖަހާލަމުން ޖަވާބު ދިނެވެ.

އޭނާގެ މޫނުމަތިން ހިތްދަތިކަމުގެ އަސަރުތައް ފެންނަމުން ދިޔައެވެ. ޝަފޫން އެ ދުވަހުގެ ފަހުން ދީމްއާ ވާހަކައެއް ނުދައްކައެވެ. ދީމް އޭނާއާއި އެއްތަށި މައްޗަށް ކާން އަރައިފިނަމަ ޝަފޫން އެތަނުން ދާނެއެވެ. މިކަމާ ހުރެ ދީމް ހުންނަނީ ބޯ ގޮވާފައެވެ. އޭނާގެ ހިތަށް ތަދުވާ އެތަކެއް ކަމެއް ހިނގާއިރުވެސް ސުވާލެއް ކޮށްނުލާ ދީމް ހުންނަނީ ހިތަށް ކެތް ވާތީއެއްނޫނެވެ. އެހެންނަމަވެސް އޭނާ އެ މައްސަލަ ބޮޑުކުރަން ބޭނުން ނުވާތީއެވެ. މަންމައާއި ބައްޕައާ ދެމެދު މައްސަލައެއް ޖެހެން ބޭނުން ނުވާތީއެވެ.

މަޒާޔާ ބޯ ޖަހާލުމާއެކު ދީމް ސިޑިން މައްޗަށް އަރައިގެން ގޮސް ޝަފޫންގެ ކޮޓަރީގައި ޓަކި ޖަހާލިއެވެ. "ވަދޭ... ހުޅުވާފަ..." އެތެރޭން ޝަފޫން ތަންކޮޅެއް ބާރަށް ބުނެލި އަޑު އިވިފައި ދީމް މަޑުމަޑުން ދޮރުހުޅުވާލިއެވެ. އޭރު އޭނާގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ. ހީވަނީ މޭތެރޭގައި އޮތް ހިތް ބޭރަށް ފުންމާލަފާނެހެންނެވެ. ހިތް ތެޅެމުން ދިޔަލެއް ބާރުކަމުން ދީމްއަށް ވެސް އެއަޑު އިވޭހެން ހީވިއެވެ.

ކުޑަކޮށް ހުޅުވާލައިގެން ހުރެ އެތެރެ ދީމް ބަލާލިއެވެ. އެނދުގެ އެއްފަރާތުގައި ބަހައްޓާފައި ހުރި ސްޕޮންޖް ސޯފާ ގޮނޑިއެއްގައި ޝަފޫން ކޮންމެވެސް ފޮތެއް ހިފައިގެން އިންތަން ދީމްގެ ލޮލުގައި އަޅައިގަތެވެ. އޭނާ އިސްތަށިގަނޑު ރީތިކޮށްލަމުން ދެލޯ މަރާލަމުން ދޮރު ބާރަށް ހުޅުވާލިއެވެ. އަދި އެއަށްފަހު ދެލޯ ހުޅުވާލިއެވެ. ފުރަތަމަވެސް ލޮލުގައި އަޅައިގަތީ ޝަފޫންގެ ގޮށްޖެހިފައިވާ ދެ ބުމައާއި ބޮޑު ކޮށްލެވިފައިވާ ދެލޮލެވެ. ދީމްގެ ހިތަށް ބިރުވެރިކަން ވަނެވެ. ޝަފޫން އޮންނަނީ އޭނާގެ ކޮޓަރިއަށް ވަނުން ދީމްއަށް މަނާ ކޮށްފައެވެ.

ދީމްއަށް އެ ހިތްވަރު ލިބުނީ ކިހިނެތްބާއޭ ޝަފޫން ހިތަށް އެރިއެވެ. އޭނާ ގޮނޑިން ތެދުވަމުން ފޮތް ވެސް ބާރަށް ލައްޕާލުމަށްފަހު ގޮނޑި މައްޗަށް އެއްލާލިއެވެ. އަދި އެއައި ބާރު މިނުގައި އައިސް ދީމްއާއި ދާދި ގާތުގައި މަޑުކޮށްލިއެވެ.

"މަށަށް ކަލޭ ކައިރީ ނުބުނެވޭތަ މި ކޮޓަރިއަށް ނުވަންނަން... ކަލޭގެ ވަސް ވެސް ޖެހޭ ހިސާބަކު ހުންނާކަށް އަހަރެން ބޭނުމެއްނޫން... ފެންނަ ހިސާބަކު ދިރިއުޅެން ބޭނުމެއް ނޫން..."

"މަންމާ" ޝަފޫންއަށް ދީމް ގޮވާލުމާއެކު ޝަފޫން އަތުން ހުއްޓާލުމަށް އިޝާރާތް ކޮށްލިއެވެ.

"ކަލޭ ގާތު ކިތަށް ފަހަރުތަ ބުނަންވީ މަށަށް މަންމަ ނުކިޔަން..." ޝަފޫން ބާރަށް ބުނެލިއެވެ.

"މަންމާ..." ދީމް ދެވަނަ ފަހަރަށް ވެސް ވާހަކަ ދެއްކުމަށްޓަކައި އަނގަ ހުޅުވާލިއެވެ. އޭރު އެ އަޑުގައި މަޑު ތުރުތުރެއް ވުމާއެކު އަޑު ނުކުތީ ކިރިއަކިރިއާއެވެ. ޝަފޫންގެ އަތުގެ ހޫނު ހަމަލާއެއް ދީމްއަށް އަމާޒުވީ ވެސް އެވަގުތުއެވެ. ޝަފޫން ޖެހިލެއް ބާރުކަމުން ދީމްއަށް އެއްފަރާތަކަށް އެނބުރި ކޯތާފަތުގައި ހިފައްޓާލެވުނެވެ. އޭރު ސަފަކަށް އެ ކޯތާފަތް މައްޗަށް ކަރުނަތައް އޮހެގެންފިއެވެ. ޝަފޫން އަނެއްފަރާތަށް އެނބުރުނެވެ. އެހިތުގައި ދީމްއާ މެދު އެއްވެސް ރަޙްމެއްނެތީއެވެ.

ދީމް ހިތްވަރު ކޮށްފައި ޝަފޫންގެ ކުރިމައްޗަށް އެރިއެވެ. އަދި ވާހަކަ ދެއްކިއެވެ.

"މަންމާ!. ކާ ގަޑީގައި މޭޒު ދޮށުގައި އިންނަން ޖެހޭ މީހަކީ މަންމަ... އަޅުގަ... އަޅުގަނޑެއް ނޫން... މީގެ ފަހުން... އަޅުގަނޑެއް... އަޅުގަނޑެއް ނުދާ... ނުދާނަން... މާފު ކޮށްދީ... އަޅުގަނޑަށް މާފު ކޮށްދީ... މަން... މަން... މަންމާ" ދީމްގެ އަޑު އުނދަގުލުން ނުކުތުމާއެކު އެންމެ ފަހުފަހަރަށް "މަންމަ" އެ ލަފުޒު އޭނާގެ ދުލުން ބޭރު ކުރުމަށް ކުރި ހިތްވަރު ދެނެވޮޑިގެންވާނީ މާތް ﷲ އެވެ. ހިތް ރޮމުން ދިޔަނަމަވެސް، ޝަފޫން ކިތަންމެ ނުރުހުނަސް، އެ ދުލުން ޝަފޫންއާ މުޙާތަބް ކުރާނެ އިތުރު ބަހެއް ދީމް އަކަށް ނޭނގެއެވެ.

ދީމް އޭނާގެ ކަރުނަތަށް އަތުގެ ނުފުށުން ފޮހެލިއެވެ. އޭނާ އެހެން ހުއްޓާ އެ ކޮޓަރި ތެރެއަށް އަފާޒު ވަނެވެ. އޭނާގެ ނަޒަރު ފުރަތަމަ ހުއްޓުނީ ދޮރާ ކުރިމައްޗަށް މޫނު ފެންނަން ހުރި ދީމް އަށެވެ. އެއަށްފަހު ފަސް އެނބުރި ހުރި ޝަފޫން އަށެވެ. އަފާޒު އެތެރެއަށް ވަނުމަށްފަހު ދީމްއާ ދިމާލަށް ފިޔަވަޅުތައް އަވަސް ކޮށްލީ އެ ދޮން މޫނުމަތިން ފެނުނު ރަތް ކަމުންނެވެ. ޝަފޫން ޖެހިލެއް ބާރުކަމުން ދީމް ގެ ދޮން މޫނުމަތި ވަކި ހިސާބަކުން ރަތްވެ ނޫފައި ގަނެފައި ހުއްޓެވެ.

"ޝަފޫން! މިހާރު މާ މައްޗަށް ތި ދަނީ އިނގޭ..." އަފާޒު ރުޅިއައިސް ބާރަށް ބުނެލިއެވެ. އޭނާ ދީމް ގެ އަތުގައި ހިފާ އެއްފަރާތަކަށް ޖައްސާލިއެވެ. އަދި ރަތް ވެފައިވާ ތަނަށް ރަނގަޅަށް ބަލާލިއެވެ. އޭރުވެސް ދީމްގެ ބޮޑު ދެލޮލުން ކަރުނަތަށް ފައިބަމުން ދިޔައެވެ.

"ޝަފޫން ނުޖެހޭނެ ދީމްއަށް އަނިޔާ ކުރާކަށް..." އަފާޒު ދެން ވެސް ވާހަކަ ދެއްކީ ބާރަށެވެ. ޝަފޫން ރުޅި މޫނު ހަދައިގެން ހުރި އިރު އޭނާ އިތުރަށް އެއްވެސް ބަހެއް ބުނަން ބޭނުން ނުވާފަދައެވެ.

"ޑޭޑް! އަޅުގަނޑު ބޭނުންވަނީ ދާން، މަންމަ ގާތު ބުނެދީ ކުށެއް ކުރެވިފައި ވާނަމަ މާފުކޮށްދޭން. ކީއްވެތަ އެހާ ރުޅި އަންނަނީ އަޅުގަނޑުދެކެ. މަންމަ އަޅުގަނޑު މޭޒު ދޮށުގަ އިށީނީމަ ނުވެސް ކައި އައީ... އެ ކީއްވެތަ ޑޭޑް؟" ކޮޓަރިން އަފާޒުއާ އެކު ނުކުންނަމުން ދީމް ސުވާލުކުރިއެވެ. އޭރުވެސް ދީމްގެ ލޮލުން ކަރުނަ އަންނަމުން ދިޔައެވެ. އޭނާ އިރުއިރު ކޮޅަކާ ނޭފަތް ދަމާލައެވެ.

"ހުއްޓާލާ ދީމް! އަދި މަންމަ އަށް ވިސްނޭނެ، ކޮންތާކަށް ދާންތަ ދަބަސް އަޅުވައިގެން؟ ޔުނިވާރސިޓީއަށްތަ؟" އަފާޒު ބެލީ ވާހަކަ އަނބުރުވާލައިގެން ވިޔަސް ދީމްގެ ސަމާލުކަން އަނބުރާލެވޭތޯއެވެ. ދީމް ބޯ ޖަހާލިއެވެ.

"ޑޭޑް ދާނަން ލާދޭން... އަވަހަށް ދޭ މޫނު ދޮވެ ހަދާލައިގެން އަންނަން އިނގޭ..." ސިޑިއާ ދިމާލަށް ހިނގައިގަންނަމުން އަފާޒު ބުނެލިއެވެ. ދީމް ގޮސް ކޮޓަރިއަށް ވަތް ތަން ބަލަންހުރި އަފާޒު ސިހުނީ އޭނާގެ ފަހަތުން މަޒާޔާ ވާހަކަ ދެއްކުމުންނެވެ.

"އަފާޒު... ނުވޭތަ އަދިވެސް ދީމްއަށް ކޮންމެވެސް ވަރަކަށް ކިޔައިދޭން..." މަޒާޔާ ބުނެލިއެވެ.

"ނޫން... އަދި ވަގުތެއް ނުޖެނޭ" އަފާޒު ވިސްނުމަކަށް ގެއްލިފައި ހުރެ ބުނެލިއެވެ.

"މިހާރު ދީމްއަކީ ކުޑައިރުގެ ދީމް އެއްނޫން، އެއީ ވިސްނޭ ކުއްޖެއް... މިހާރު ދީމް ސުވާލުވެސް ކުރާނެ... އަހަންވެސް އަހާނެ... އަބަދަކު ހަޤީގަތް ސިއްރު ކޮށްފައެއްވެސް ނުބޭއްވޭނެ..." މަޒާޔާ ވާހަކަ ދެއްކިއެވެ.

ދީމް ކޮޓަރިއަށް ވަދެ ކުޑަކޮށް މޫނުދޮވެލައިގެން ނުކުމެ ރަތްވެފައިވާ ދިމާލުގައި ފައުންޑޭޝަން އުނގުޅާލަމުން ފުށްޖަހާލިއެވެ. އަދި ރަތްވެފައިވާ ތަން ރީއްޗަށް ފޮރުވާލިއެވެ. އޭނާ ހިންހަމަ ޖެހޭ ވަރުވުމުން ކޮޓަރިން ނުކުންނަން ހިނގައިގަތެވެ.

އަފާޒުއަށް އިތުރަށް އެއްޗެއް ނުބުނެވި އުޅެނިކޮށް ދީމް ނުކުތެވެ. އޭނާ މަޒާޔާއަށް ހިނިތުންވުމެއް ހަދިޔާ ކޮށްލަމުން ދީމްއާ އެއްކޮށް ބޭރު ދޮރާ ދިމާލަށް ހިނގައިގަތެވެ. ދީމްގެ މޫނުމަތިން އޭރުވެސް މާޔޫސްކަން ފެންނަމުން ދިޔައެވެ. ދެރަވެފައި ހުރި ކަމުގެ އަސަރުތައް ފިލައިގެނެއްނުދެއެވެ.

"ޑޭޑް!" ކާރަށް އަރާ އަފާޒު ދުއްވާލުމާއެކު ދީމް ގޮވާލިއެވެ.

"މަންމަ ގާތު ބުނެދީ މީގެ ފަހުން ދީމްއެއް މަންމަ ފެންނަ ހިސާބަކަށް ނުދާނަމޭ. އަދި ބުނެދީ މިއަދު ވީ ކަންތަކަށް ދީމްއަށް މާފު ކޮށްދޭށޭ... ދުވަހަކުވެސް މަންމަގެ ކޮޓަރިއަށް ވެސް ދެން ދީމްއެއް ނުދާނަން.! ޑޭޑް! އަޅުގަނޑު ވަރަށް ދެރަވޭ މަންމަ އެހެން ކަންތައް ކުރާތީ... ޑޭޑް ބުނެދީ މަންމަ ގާތު އަޅުގަނޑަށް ކުށެއް ކުރެވިފައިވާނަމަ މާފުކޮށްދޭން... " ދީމްގެ އަޑު އަދިވެސް އައީ ކެނޑި ކެނޑިގެންނެވެ. އެ އަޑުގައި އަދިވެސް ވަނީ ވޭނެއެވެ. ރިހުމެވެ. އަނެއްކާވެސް ކަރުނަތަށް ލޮލަށް ޖަމާވުމާއެކު ދީމް ލޯ މަރާލީ ދެން ނުރުއިމަށެވެ.

އަފާޒުއަށް ވެސް ބުނާނެ އެއްޗެއް ނޭނގުނެވެ. އޭނާއަށް ކުރެވުނު ހާވެސް ކަމަކީ ދީމްއާ ދިމާލަށް ބަލާލުމަށް ފަހު ބޯ ޖަހާލުމެވެ. ޝަފޫން ދެކެ އޭނާއަށް ރުޅިއާދެވެން ފެށިއެވެ. އަމިއްލަ ދަރިއެއްދެކެ އެހާ ރުޅި އަންނާނީ ޝަފޫން ހާދަ ރަޙުމް ކުޑަ ވީމައެވެ.

*****

ދުވަހުގެ ބޮޑުބައި އިޒިއަންއާއި އަނާލްއާ ދެމީހުން ހޭދަކުރީ މަސައްކަތުގައެވެ. ދެމީހުން އެކުގައި ހިއްސާވާ މަސައްކަތަކަށް ވުމާއެކު އެންމެ ފުރިހަމަ ގޮތުގައި މަސައްކަތް ކުރަން ދެމީހުންވެސް ބޭނުންވެއެވެ. މަސައްކަތަށް އެހާ ސަމާލްކަން ދެވެނީ އެހެންވެއެވެ.

ހަލުވިކަމާއެކު ދުވަސްތައް ފާއިތުވަމުން ގޮސް ތަނުގެ ކޮންސްޓްރަކްޝަންގެ ބޮޑުބައި ނިމިއްޖެއެވެ. އަދިވެސް ކަންތައްތައް ރަނގަޅު ކުރުމަށްޓަކާ ގިނަ މީޓިންތައް ބާއްވާ މަޝްވަރާ ކުރެއެވެ. މިވީ ދުވަސްތަކުގެ ތެރޭގައި އިޒިއަންއަށް އަނާލްގެ ފަރާތުން ތަފާތު އެތަކެއް ކަންތައްތަކެއް ފެންނަމުން ދިޔައެވެ. އަނާލްގެ ނަފްސާނީ މައްސަލަ ކިތަންމެ ވަރަކަށް ސިއްރު ކުރަން އުޅުނަސް އެކަން އިޒިއަންއަށް ސިއްރުކުރެވޭ ގޮތެއް ނުވިއެވެ. އިޒިއަންގެ ތޫނުފިލި ސިކުނޑިއަށް ކަންތައްތައް ނަގާ ގަންނަލެއް އަވަހީއެވެ. ފާއިތުވެގެން ދިޔަ ކޮންމެ ދުވަހަކީ އަނާލްއާ މެދު އެ ހިތުގައި އޮތް ޝައުގުވެރިކަން ބޮޑުވަމުން ދިޔަ ދުވަހެކެވެ. އަނާލްއާ މެދު އެ ހިތުގައި އުފެދެން ފަށާފައިވާ ގޮތް ނޭނގޭ އިޙްސާސް ބޮޑުވަމުން ދިޔަ ދުވަހެކެވެ. އޭނާއަށް ނޭނގުނަސް އެ ހިތުގައި އަނާލްއަށް ލޯބި އުފެދެން ވަނީ ފަށާފައެވެ. އަނާލްއާ މެދު ވެވުނު ހަމްދަރުދީ އާ އެކުވެގެން އެ އުފެދިގެން ދާ ލޯތްބަކީ ބާރުގަދަ ލޯތްބަކަށް ވާނެކަން ޔަޤީނެވެ. ތަޤުދީރު ނިޔާކުރާނީ ކޮންގޮތަކަށްކަން އެކަކަށް ވެސް ނޭނގޭނެއެވެ.

އަނާލްގެ ހަރަކާތްތަކަށް ބަލަން ސޯފާގައި އިށީނދެގެން އިން އިޒިއަންގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވެފައި ވެއެވެ. އަނާލްއާ މެދު އެ ހިތުގައި އުފެދެމުން ދާ ބާރުގަދަ އިޙްސާސްގެ މައްޗަށް ކުރި ހޯދާނޭ ގޮތެއް އިޒިއަން އަކަށް އެއްގޮތަކަށް ވެސް ނޭނގެއެވެ. އިނގޭހާވެސް އެއްޗަކީ އަނާލްއަކީ އެ ހަޔާތުގައި ވަރަށް މުހިންމު މީހަކަށް ވެއްޖެކެމެވެ. އަނާލްގެ ކޮންމެ ހިނިތުންވުމެއް އެހިތަށް ފިނިކަން ގެނެސްދޭކަމެވެ. އެންމެ ހިނިތުންވުމަކަށްޓަކާ ވެސް އިޒިއަން ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެއެވެ. އެހާވެސް އަނާލްއާ މެދު އެ ހިތުގައި އުފެދިގެން އެ އުޅޭ އިޙްސާސް ވަރުގަދައެވެ. އާއެކެވެ. އެއީ ލޯތްބެވެ. އެ ލޯބި ހާސިލް ކުރުމުގެ ޤާބިލް ކަމާއި އަޒުމު އިޒިއަންގެ ގައިގައި ހުންނާނެ ހެއްޔެވެ؟. އެހެންނޫނީ އެއަށްވުރެ އިޒިއަން ފިނޑި ވާނެހެއްޔެވެ؟ ހައްތަހާވެސް ސުވާލެވެ.

"އިޒް... ލުކް އެޓް ދިސް..." އަނާލް އުފަލުން އިނދެ އިޒިއަންއަށް އޭނާގެ އަތުގައި އޮތް ފައިލް ދައްކާލިއެވެ. އަދި ހިނިތުންވެލިއެވެ. އަނާލް ގޮވާލި ގޮތުން އިޒިއަންގެ ގައިން ހީބިހި ހަލުވައިލިއެވެ. އޭނާ އަނާލްއާ ގާތަށް ޖެހިލާ އެ ފައިލަށް ނަޒަރު ހުއްޓާލިއެވެ.

"އައި އެމް ޕްރައުޑް އޮފް ޔޫ..." އިޒިއަން ބުނެލިއެވެ.

"މީ ހަމައެކަނި އަހަރެންގެ މަސައްކަތެއްނޫނެއްނު... އިޒް ވެސް ބައިވެރި ވީމެއްނު.... ވަރަށް ހެޕީވެއްޖެ ފައިނަލީ ހުރިހާ އެންމެން ގެ އެޕްރޫވަލް ލިބުނީ އަހަރެންގެ ޕްލޭނަށް..." އަނާލް އޭނާގެ އަތުގައި އޮތް ގަނޑު އިޒިއަންއަށް ދެމުން ވާހަކަ ދެއްކިއެވެ. އެ އަޑުގައި ވަނީ އުފާވެރިކަމެވެ. މޫނުމަތިން ފެންނަނީ ހިންހަމަޖެހުމެވެ. އަނާލްއާއި އިޒިއަންއާ ދެމެދު ކޮންމެވެސް ވަރެއްގެ ގާތްކަމެއް މިވީ ދުވަސްތަކުގައި އުފެދިފައި ވީ ނަމަވެސް އަނާލް އެ ގުޅުން އަދިވެސް ގެންގުޅެނީ ވަކި ހައްދެއްގެތެރޭގައެވެ. އަނާލްގެ ހަޔާތުގެ ޒައްރެއްގެ މިންވަރުވެސް އިޒިއަންއަށް ކިޔައިދޭކަށް އަނާލް ބޭނުމެއްނުވެއެވެ. މީހުންނާ އެކު މީހުންގެ ތެރޭގައި އުޅުމަކީ އަނާލްއަށް އަދިވެސް ވަރަށް ދަތި އުނދަގޫ ކަމެކެވެ.

ކިތަންމެ ވަރަކަށް އޭނާގެ ހަޔާތުގެ އަނދިރިގަނޑުގެ ތެރެއިން ނުކުމެ މީހުންގެ ތެރޭގައި އެހެން މީހުންނެކޭ އެއްގޮތަށް އުޅެވޭތޯ އަނާލް މަސައްކަތް ކުރެއެވެ. އޭނާގެ ހިތްވަރުގެ ސަބަބުން މިހާރު އެބައި ވަރަށް ބޮޑުތަން ރަނގަޅުވެފައި ވިނަމަވެސް އަނާލްއަށް އަދިވެސް ކުރީގެ ހިޔާލްތައް އުނދަގޫ ކުރަމުން ދެއެވެ. އޭނާ އުފުލަމުންދާ ވޭނާއި ހިތްދަތިކަން އެނގޭނީ ހަމައެކަނި އޭނާ ތަޙައްމަލް ކުރި ފަދަ ވޭނެއް ތަޖުރިބާ ކޮށްފައިވާ މީހަކަށެވެ.

"ވަރަށް އުފާވެއްޖެ މި ޕްލޭންއަށް އެންމެން އާބަސް ބުނީމަ.... އިމާރާތަށް ބައެއް އިތުރު ކުރުމަށް ހެދި ޑިޒައިން އެންމެންނަށް ވެސް ކަމުގޮސްފިތާދޯ... " އިޒިއަން ބުނެލިއެވެ. އަނާލް ވެސް އިޒިއަންއަށް ބަލާލަމުން ބޯ ޖަހާލިއެވެ. އެ އުފަލުގައި ދެމީހުން އެތައް އިރަކު ކަންތައްތަކާ މަޝްވަރާ ކުރިއެވެ.

*****

އާދުވަހެކެވެ. އުޑުމަތީ ގައި ކޮންމެވެސް ވަރަކަށް ވިއްސާރަ ވިލާ އުދުހެމުން ދިޔައީތީ އަވި އޮތީ ނިވާލާފައެވެ. މާލެ މަގުމަތީގައި އާދަޔާ ހިލާފަށް މީހުން ގިނައެވެ. ސްކޫލް ކުދިންނާއި އޮފީސްތަކަށް ދާ މީހުންނެވެ. ތަފާތު މަސައްކަތުގައި މަސްއޫލުވެ އުޅޭ މީހުންނެވެ. ބާޒާރު ކޮތަޅުތަކާ އެކު އެއްބައި މީހުން ހިނގަމުން ދިޔައިރު ކުޑަކުދިންނާ އެކު އަނެއްބައި މީހުންވެސް ހަލުވި ކަމާއެކު ހެލިފެލިވެއުޅޭތަން ފެނެއެވެ. ކަނޑު ނޫކުލައިގެ ކާރުގެ މިސްރާބުހުރީ "ދި ގްރޭންޑް ހޮސްޕިޓަލް އެންޑް ރިސާރޗް ސެންޓަރ" ގެ ކުރިމަތީގައި މަގުގެ އަނެއްފަރާތުގައި ހަދާފައިބާ ބޮޑު އިމާރާތުގެ ކުރިމައްޗަށެވެ. ދުރުން އެ އިމާރާތް ފެންނަ އިރު އެ އިމާރާތުގެ ބޮޑު ކަން ލަފާކޮށްލަން ނޭނގުނަސް ކައިރިއަށް ކާރު ހުއްޓާލުމާއެކު އެތަން ހަދާފައިވާލެއް ފުރިހަމަކަން އެނގެއެވެ. ހަމައެކަނި ރާނާ ގާ ޖަހާފައި ވުމުގެ އިތުރުން އެހެން އެއްވެސް މަސައްކަތެއް ކޮށްފައި ހުރިތަނެއް އަދި ނުފެނެއެވެ. ކާރުގެ ބިއްލޫރިގަނޑު ތިރި ކޮށްލަމުން އަނާލް އެ އިމާރާތަށް ބަލާލިއެވެ. އިޒިއަންގެ އެހީއާއެކު އޭނާ ކާރުން ފައިބާ ގޮނޑީގައި އިށީނެވެ. އަދި ގޮނޑި ދުއްވާލީ އެތަނުން އެތެރެއަށް ވަނުމަށެވެ. އެހިސާބުން އެތަނުގައި މަސައްކަތާ ހަވާލުވެގެން ހުންނަ ސުޕަވައިޒަރާ ދިމާވިއެވެ. މަސައްކަތް ދާ ގޮތާ ބެހޭގޮތުން މަޝްވަރާ ކުރެވުނެވެ. އަދިވެސް އެމީހުންގެ މިސްރާބުހުރީ އިމާރާތުގެ ތެރެއަށެވެ.

ބޮޑު ހޯލް ވޭ އެއްފަދަ އެތަނުގައި އެކި ހިސާބު ތަކުގައި ތަނބުތަކެއް ޖަހާފައިވާ އިރު މުޅި އެތަނުގައި އަދިވެސް ވަނީ ހުސް ހިރަފުހެވެ. އެއްދިމާލެއްގައި ގަލާއި ގޯނިތަކެއް ފުންޏަކަށް ޖަހާފައި ވެއެވެ. އަނާލްއަށް ގޮނޑި ދުއްވަން ފަސޭހަ ވާނޭ ފަދަ ގޮތަކަށް ވަކި ހިސާބަކުން ރީތިކުރެވިފައި ވެއެވެ. އެތެރެއަށް ވަންނަމުން ދިޔަ ވަރަކަށް އެތަން އަނދިރި ވަމުން ދިޔައެވެ. އަނާލްގެ ހިތަށް ބިރުވެރިކަން ވަނެވެ. އޭނާއަށް އަތުން ގޮނޑީގެ އަތް ގަނޑުގައި ބާރަށް ހިފައްޓާލެވުނެވެ.

"އަނާލް! އާރ ޔޫ އޯކޭ؟" އިޒިއަންއަށް، އަނާލްއަށް އަންނަމުން ދިޔަ ބަދަލުތައް ފާހަގަވީ ކަންނޭގެއެވެ. އޭނާ އަނާލްއަށް ގޮވާލާ ސުވާލުކޮށްލިއެވެ.

"އައި އެމް ފައިން..."

އަނާލް ހަމަޖެހެން މަސައްކަތް ކުރަމުން ވާހަކަ ދެއްކިއެވެ. އިޒިއަންގެ ފަހަތުން އަނާލް ވެސް ބޮޑަށް އެތެރެއަށް ވަނެވެ. އެކި ހިސާބު ތަކުގައި ފިލާތަކާއި މަސައްކަތް ކުރަން ބޭނުންވާ ސާމާނުގެ އިތުރުން ގަލާއި މުށިފަދަ ތަކެތި ހުއްޓެވެ. ހިލަވެއްޔާއި އަދިވެސް އެހެނިހެން ތަކެއްޗެވެ. ކަރަންޓު ނަރުތަކާއި ވައިރިން ކުރަން ބޭނުންވާ ސާމާނެވެ. އެތަން އޮތް ގޮތުން އަނާލްގެ ނޭވާ އަވަސްވެގެން ދިޔައެވެ. އޭނާއަށް ވަށައިގެން އެތަނަށް ނަޒަރު ހިންގާލެވުނެވެ. މުޅިތަން އެނބުރެމުން ދާ ފަދަ އިޙްސާސްއެއް ކުރެވުމާއެކު އަނާލްއަށް މެއާ ދިމާލުގައި އަތް އަޅާލެވުނެވެ. ނޭވާ ލާން އުނދަގޫވެގެން އުޅޭފަދައަކުން ދެތިން ފަހަރު ފުންނޭވާއެއް ލުމަށްފަހު އަނާލްއަށް އަތުން އިޒިއަންއަށް އިޝާރާތް ކޮށްލެވުނެވެ. ޒައުނާ ވެސް ނާންނަ ދުވަހަކަށް ވުމާއެކު އޭނާއަށް އެހީތެރިވާން އިތުރު މީހަކު ނެތްކަން އަނާލްއަށް އެނގެއެވެ. އެހެން ނޫނަސް އިޒިއަންއަށް ވެސް މިހާރު އޮންނާނީ އޭނާގެ ކްލަސްޓްރޮފޮބިއާ އާއި އަދިރިއަށް ބިރުގަންނަފަދަ ބަލިތައް ހުންނަކަން އެނގިފަތާއެވެ. ކުރިންރޭ ދިމާވި ކަންތަކަށްފަހު އެކަން އިޒިއަންއަށް ނޭނގި އެއް ނުދާނެއެވެ.

އަނާލް އަތް ދިއްކޮށްލަމުން އިޒިއަންއަށް ގޮވާލަން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އެކަން ކާމިޔާބެއްނުވިއެވެ. އޭނާގެ މެއަށް ބާރުވެ ފިތޭފަދަ އިޙްސާސްއެއް ކުރެވިގެން ދިޔުމާއެކު އަނާލްއަށް ހިންދިރުވާލެވުނީ ވެސް އުނދަގުލުންނެވެ.

ކަރުތެރޭގައި އެއްޗެއް ތާށިވެގެން އުޅޭފަދައަކުން އަނާލް ކަރުގައި ވެސް އަތްއަޅާލިއެވެ. ދެލޯ ބޮޑުކޮށްލަމުން އަދިވެސް ބެލެނީ ވަށައިގެން ވީ މާހައުލަށެވެ. ދެ ބުމާ ގާތް ކޮށްލުމާއެކު މޫނުމައްޗަށް އުނދަގޫ ވެގެން އުޅޭފަދަ އަސަރުތަކެއް ވެރިވިއެވެ. އަނގައިން 'އާހް' އެއް ބޭރުވުމާއެކު އަނާލްއަށް ގުދުވެވުނީ މެއަށް ތަދުވަމުން ދިޔަލެއް ބޮޑުކަމުންނެވެ.

"އިޒިއަން!!!" އުނދަގުލުންނަމަވެސް އިޒިއަންއަށް އަނާލް ގޮވާލިއެވެ. އެ އަޑުން އޭނާއަށް ވަމުން ދިޔަ އުނދަގޫ ދެނެގަނެވެއެވެ.

އިޒިއަންއަށް ފަހަތަށް ބަލާލެވުނު އިރު ކަމަކު ދާކަށް ނެތެވެ. އަނާލް އިނީ ހޭ ނެތޭ ނުނެތޭ ހިސާބުގައެވެ. އޭނާ ވެސް ސުޕަވައިޒަރާ އެކު ހުރެފައި ފަހަތް ބަލާލީ އެކަހަލަ އެއްޗެއް ހީވެގެންނެވެ. އަނާލްގެ ކަޅި މައްޗަށް ޖެހިފައި ވާއިރު އޭނާގެ އަތް އާދަޔާ ހިލާފަށް ތުރުތުރު އަޅަމުން ދިޔައެވެ. ބޯ ކުޑަކޮށް އުފުއްލިފައި ވާއިރު ނޭވާ އަންނަނީ އުނދަގުލުންނެވެ. މެއަށް ތަދުވަމުން ދިޔުމާއެކު އެއްއަތް މެއާ ދިމާލުގައި ޖައްސާލާފައި ވެއެވެ.

"އަނާލް!..." އިޒިއަންއަށް ބާރަށް ހަޅޭއްލަވައިގަނެފައި އަނާލްއާ ދިމާލަށް ދުއްވައިގަނެވުނެވެ. އޭނާ އަނާލް ގޮނޑިން ހަލުވިކަމާއެކު އުފުއްލާލިއެވެ. އަނާލްއަށް އިށީނދެ އިނުން ދަތިކަން ވިސްނުމާއެކު އެގޮތަށް ކަންތައް ކުރީއެވެ. ވަށައިގެން ހޯދާލީ އަނާލް ބާއްވާލާނޭ އެއްޗެއް ފެނޭތޯއެވެ. އެހެންނަމަވެސް އެތަނުން އެފަދަ އެއްވެސް އެއްޗެއް އިޒިއަންއަކަށް ނުފެނުނެވެ. އޭނާގެ އަތް ދަނޑި މައްޗަށް ލެވިފައިވާ އަނާލްއަށް ބަލާލުމާއެކު އެ ހިތް އެތި ކޮޅުތަކަކަށް ބުރައިގެން ދިޔަ ފަދަ އިޙްސާސް އެއް ކުރެވުނެވެ. އެ ހިތް ހިނދުކޮޅަކަށް މަޑުޖެހިލިފަދައެވެ. އިޒިއަން އަވަސްއަވަހަށް އަނާލް ގެބޯ އޭނާގެ ފައިމަތީގައި ބާއްވާލިއެވެ. އަދި އޭނާ އަނާލްއަށް ގޮވަން މަސައްކަތް ކުރިއެވެ.

"އަނާލް!... އަނާލް!... އަނާލް!... އަނާލް!" ހަތަރު ވަރަކަށް ފަހަރު އޭނާ އަނާލްއަށް ގޮވާލިއެވެ. އެހެންނަމަވެސް ނޭވާ ނުލެވި ތެޅެމުން ދިޔަ އަނާލްއަށް އެ އަޑު ނީވޭފަދައެވެ. އޭނާގެ އަތް ގަނޑުފެންކޮޅެއް ހާ ފިނިކަން އިޒިއަންއަށް އެނގުނީ އެއަތުގެ ތެރެއަށް އަނާލްގެ އަތް ލުމުންނެވެ. އޭރު ސުޕަވައިޒަރާއި އަދިވެސް އިތުރު މީހަކު އައިސް އިޒިއަންއަށް އެހީވާންފެށިއެވެ.

ހޭވެރިކަން ނެތެމުން ދިޔަ އަނާލްއަށް ފުސްކޮށް އިޒިއަންގެ ސޫރަފެނުނެވެ. އޭނާއަށް ސިހިފައި އިޒިއަންގެ އަތް ފޮޅުވާލަން އުޅެވުނެވެ. އެއަތުގައި އިޒިއަން އޭނާގެ ދެއަތް ކާތަމުން ދިޔައެވެ. "ނާލް! ލޯ ނުމަރައްޗޭ..." އިޒިއަން ބުނެލިއެވެ. އޭނާ ހާސްވީ އަނާލް ގެހޭވެރިކަން އެއްކޮށް ގޮސްދާނެތީއެވެ.

އެންބިއުލެންސްއަށް ގުޅުމުގެ ބަދަލުގައި އިޒިއަން އަނާލް އަނެއްކާވެސް އަތް ދަނޑި މައްޗަށް އުފުލާލިއެވެ. އަނާލްގެ ނޭވާ އޭރުވެސް ހަމައަކަށް ނޭޅެއެވެ. އަޅަމުން ދިޔަ ތުރުތުރު މަޑެއް ނުވިއެވެ.

އަނާލްއަށް ވަމުން ދިޔަ ގޮތުން އިޒިއަންގެ ލޮލުން ކަރުނަ ހިލުނެވެ. އޭނާ އެ ކަރުނަތަށް އޮއްބާލަން މަސައްކަތް ކުރިޔަސް އެކަމެއް ނުކުރެވުނެވެ. އެ ކޯތާފަތުން ތިރިއަށް ކަރުނަތިއްކެތް ވެއްޓުނެވެ. އެ އަތުތެރޭގައި އަނާލް ތެޅެމުން ދިޔަ މަންޒަރަކީ އޭނާގެ ހިތް ކުދި ކުދި ކުރުވި މަންޒަރަކަށް ވިއެވެ.

"ނާލް އައި އެމް ސޮރީ!..." މާފަށް އެދުމާއެކު އިޒިއަންއަށް ދެ ތުންފަތް ޖައްސާ ބާރުކޮށްލެވުނެވެ.

ދި ގްރޭންޑް ހޮސްޕިޓަލް އެންޑް ރިސާރޗް ސެންޓަރަށް އިޒިއަން ދިޔައީ އަނާލް އޭނާގެ އަތް ދަނޑި މައްޗަށް ލައިގެންނެވެ. ވަގުތުން އެތަނުގައި ހަރަކާތް ތެރިވާ އޮފިޝަލުން އައެވެ. އަދި އެނދަށް އަނާލް ލުމާއެކު އެމަރޖެންސީއަށް ދުއްވާލިއެވެ. އިޒިއަން ވެސް އެނދާ އެއްވަރަށް ދިޔައެވެ. ގިނަ ބައެއްގެ ނަޒަރުތައް އެދިމާލަށް ހުއްޓެމުން ދިޔަ އެވެ. އިޒިއަން ލާފައި ހުރި ގަމީސް އެއްކޮށް ހިރަފުހުން ތަތްވެފައި ހުރިއިރު އަނާލްގެ ގައިގައިވެސް ހުރީ ހުސް ހިރަފުހެވެ. އިޒިއަންއަށް ވެސް ހުރެވުނީ އެއިން އެއްވެސް ކަމަކަށް ސަމާލުކަން ދެވޭ ހާލަތެއްގައެއްނޫނެވެ.

އަނާލް ވެއްދުމާއެކު އެމަރޖެންސީ އެތެރެއަށް އިރުއިރު ކޮޅަކާ ޑޮކްޓަރާ ނަރުހެއް ވަންނަތަން ފެނެއެވެ. އިޒިއަންގެ ހާސްކަންވެސް ދިޔައީ އިތުރުވަމުންނެވެ. އޭނާ ހަމަޖެހެން މަސައްކަތް ކުރިއެވެ. ފޯނު ނަގާ ވިސްނަން ހުރުމަށްފަހު ނަންބަރަކަށް ގުޅާލިއެވެ. އެކޮޅުން ފޯން ނެގުމާއެކު އިޒިއަންގެ މޫނުމަތިން ހާސްކަން ފެނިގެން ދިޔައެވެ. އެހެންނަމަވެސް އިޒިއަން ހިތްވަރު ކޮށްފައި އައްމާރުއަށް ވީގޮތް ކިޔައިދިނެވެ. އައްމާރު ފޯން ބާއްވަމުން 'މި ދަނީ އޭ' ބުނެލިއެވެ.

*****

ކަންފަތުން ފޯން ތިރިކޮށްލި އައްމާރު ދެލޯ ބޮޑުކޮށްލައިގެން ހުރި ގޮތުން މަޒާޔާގެ ހިތަށް ނުބައި ގޮތެއްވިއެވެ. އޭނާ އައްމާރު ކައިރިއަށް ޖެހިލާ ވެގެން އުޅޭ ގޮތަކާ ބެހޭގޮތުން ސުވާލުކޮށްލިއެވެ.

"ކިހިނެތްވީ އައްމާރު..؟؟" މަޒާޔާ އަހާލިއެވެ. އައްމާރު މަޒާޔާގެ ދެކޮނޑުގައި ހިފާ ވާހަކަ ދައްކަން ފެށިއެވެ.

"މަޒާ! ނާލް!... ނާލް ހޮސްޕިޓަލް ގަ..." ކަންބޮޑުވެ ހާސްކަމުގެ އަސަރުތައް ވެރިވެފައިވާ މަޒާޔާގެ މޫނަށް ބަލާލުމާއެކު އައްމާރު ވާހަކަ ދައްކަން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އެ ވާހަކަ މަޒާޔާ ގާތު ބުނަން އައްމާރުއަށް ދަތިވަނީ އެ ޚަބަރު އިނގިގެން މަޒާޔާއަށް ވާނެ ގޮތެއް ނޭނގޭތީއެވެ.

"މަޒާ! ހިތް ވަރު ކުރައްޗޭ! ނާލް ހޮސްޕިޓަލް އެމަރޖެންސީގަ... އެންމެން ގާތު ބުނެފަ ހިނގާ އަވަހަށް ދާން" އައްމާރު ބުނެލިއެވެ. މަޒާޔާގެ ދެލޯ ބޮޑުވުމާއެކު އައްމާރުގެ އަތް ފޮޅުވާލެވުނެވެ.

"ނާލްއަށް ކިހިނެތްވީ؟" މަޒާޔާއަށް ކަރުނަވީ ދެލޮލާއެލު އަހާލެވުނެވެ.

"ރަނގަޅަކަށް ނޭނގެ، ނާލް އާއެކު އިޒިއަން ދިޔައީ ސައިޓްބަލަން... އެތަނުން...." އައްމާރުގެ ޖުމްލަ ފުރިހަމަ ނުކޮށް އުޅެނިކޮށް ވެގެން އުޅޭ ގޮތް މަޒާޔާއަށް ދެނެގަނެއްވިއްޖެއެވެ. އޭނާ ވާހަކަ ދައްކަން ފެށިއެވެ.

"އަނާލް ކީއްވެ އެދިޔައީ އެނގި ހުރެ..." މަޒާޔާއަށް ޝަކުވާ ކޮށްލެވުނެވެ. ކުއްލިއަކަށް އައްމާރުގެ ފޯން ރިންގް ވުމާއެކު އޭނާއަށް ފޯނަށް ބަލާލެވުނެވެ. ގުޅަނީ ހޮސްޕިޓަލުންނެވެ. އަވަސްއަވަހަށް ފޯން ނަގަމުން އޭނާއަށް ބުނެވުނު ހާވަސް އެއްޗަކީ ހުރިހާ ކަމެއް ވެސް އެނގޭ ކަމުގައެވެ. އަދި މިހާރު ހޮސްޕިޓަލަށް މިސްރާބު ޖަހަނީ ކަމުގައެވެ. އައްމާރު ބުނީ ކަންތައްތަކާ ވާހަކަ ދައްކަން ވަގުތު ނެތް ކަމުގައެވެ. އަވަސް އަވަހަށް ދެމީހުންވެސް ބެލީ ގޭ މީހުންނަށް އެންގުމަށް ފަހު ގެއިން ނުކުމެވޭތޯއެވެ. ނަސީބަކުން ހުރިހާ އެންމެން ވެސް ގޭގައި އުޅޭ ވަގުތަކަށް ވުމާއެކު ކާރުތަކަށް ބަހާލައިގެން ހޮސްޕިޓަލަށް ދާން އެންމެން ނުކުތެވެ. އެންމެ ފުރަތަމަ ކާރަށް އެރީ މަޒާޔާ އާއި އައްމާރުގެ އިތުތުން ރަކީން އާއި ޝާހީން އެވެ.

އެމަރޖެންސީގައި އަނާލްއަށް ފަރުވާދެމުން ދިޔައިރު ތަންކޮޅެއް ދުރުގައި ހުރި ޑޮކްޓަރެއް ކަންފަތުގައި ފޯން ޖަހައިގެން ހުރެފައި ތިރިކޮށްލައިފިއެވެ. އެއަށްފަހު އަނާލްއަށް ފަރުވާ ދެމުންދިޔަ އިތުރު ޑޮކްޓަރުން ގާތަށް އައިސް މަޑުކޮށްލިއެވެ.

"އިންފޯމް ކޮށްލައިފިން..." އޭނާ އެހެން ޑޮކްޓަރުންނަށް އަންގާލިއެވެ. އަދި މަސައްކަތަށް ސަމާލުކަން ދިނެވެ. އިރުކޮޅަކުން ޑޮކްޓަރ ރަމްޔާ ވެސް އައިސް ވަނެވެ. އޭނާއަށް އަނާލްއަށް ބަލާލެވުމާއެކު ފުންނޭވާއެއް ލެވުނެވެ. ބޭރަށް ނުކުމެ އިޒިއަންއަށް ގޮވާލާ ވަންނަން އިޝާރާތް ކޮށްލީ އޭރު އަނާލް ހަމައަކަށް އެޅިފައިވާތީއެވެ. ވީގޮތް އޮޅުން ފިލުވުމާއެކު ރަމްޔާ މާޔޫސް ކަމާއެކު ދެފަރާތަށް ބޯ ހޫރާލިއެވެ.

އަނާލް ވީ.އައި.ޕީ ޕްރައިވެޓް ރޫމަކަށް ބަދަލު ކުރެވުނެވެ. އިޒިއަން އެނދުގެ ބޯ ލާކޮޅުގައި ހުރެގެން އަނާލްއަށް ފުން ނަޒަރެއްދިނެވެ. އޭރުވެސް ޑޮކްޓަރެއް އަނާލްގެ ގާތުގައި ހަރަކާތް ތެރިވަމުން ދިޔައެވެ.

"ނާލް ގެ އާއިލާ މީހުން އައިމަ އަޅުގަނޑަށް އަންގާލަދޭތީ އިނގޭ" ރަމްޔާ އިޒިއަން ގާތު ބުނެލުމަށްފަހު ނުކުތީ އަނާލްއަށް ނިދިފައި ވީތީއެވެ. އިޒިއަން ބޯޖަހާލިއެވެ. އޭނާ މަޑުމަޑުން އަނާލްގެ ގާތަށް ހިނގައިގަތެވެ. އަދި އެއްފަރާތުން އަނާލްއާ ދިމާލަށް ގުދުވެލުމަށް ފަހު ފަރުވާތެރިކަމާއެކު އެމޫނަށް ބަލާލިއެވެ. އެވަގުތު އޭނާގެ ލޮލުން ކަރުނަތިއްކެތް ވެއްޓުނެވެ. ކަރުނަ ފުހެލަމުން ތެދުވެ ކައިރީގައި ހުރި ގޮނޑީގައި އިށީނދެ އޭނާ އަނާލްގެ އަތުގައި މަޑުމަޑުން ހިފާލިއެވެ. ހީވަނީ އެ ނާޒުކް އަތަށް ގެއްލުމެއް ވެދާނެތީ އުޅޭހެންނެވެ. މަޑުމަޑުން ނިތް ކުރި ގެންގޮސް އެ އަތުގައި ހިފައްޓާލެވިފައިވާ އޭނާގެ ދެއަތުގައި ޖައްސާލުމާއެކު އޭނާއަށް ރޮވިއްޖެއެވެ.

"އައި އެމް ސޮރީ ނާލް! އައި އެމް ސޮރީ..." އިޒިއަންގެ އަނގައިން އެ ބަސްތައް ބޭރުވަމުން ދިޔައިރު އެ އަޑުގައިވި ވޭނާ ރިހުން ސިއްރެއްނުވިއެވެ. އަޑުގައި މަޑު ތުރު ތުރެއްވީ އޭނާގެ ހިތަށް ވަމުން ދިޔަ ގޮތުން ވާހަކަ ދައްކަން އުނދަގޫވީތީއެވެ. ތިރީ ތުންފަތުގައި ދަތް އަޅާލުމަށްފަހު ތުންފަތް ތެތްމާލީ ލިބިފައިވާ ހާސްކަން ދުރުކުރަން އުޅޭފަދައަކުންނެވެ.

(ނުނިމޭ...)

https://sun.mv/113721

comment ކޮމެންޓް