ރޮއިޓާސް ދެ ނޫސްވެރިންގެ އިސްތިއުނާފު މައްސަލަ މިޔަންމާ ކޯޓުން ބޭރުކޮށްލައިފި

ރޮއިޓާސްގެ ދެ ނޫސްވެރިން ކަމަށްވާ ވާ ލޫން އާއި ޗޯ ސޯ އޫ (ވ) ހަތް އަހަރަށް ޖަލަށް ލާން ވަނީ ހުކުމްކޮށްފައި -- ފޮޓޯ: އީޕީއޭ

ނޭޕީޑޯ (ޖެނުއަރީ 11): މިޔަންމާގެ ރަސްމީ ލިޔެކިޔުންތަކެއް ގަވާއިދާ ހިލާފަށް ގެންގުޅުނު ކަމުގެ ކުށް ސާބިތުވުމުން ހަތް އަހަރަށް ޖަލަށް ލާން ހުކުމް ކުރި ރޮއިޓާސްގެ ދެ ނޫސްވެރިންގެ އިސްތިއުނާފު ބަލައިގަންނަން އެގައުމުގެ ކޯޓަކުން ދެކޮޅު ހަދައިފި އެވެ.

ވާ ލޫން އާއި ޗޯ ސޯ އޫގެ މައްޗަށް ކުރި ހުކުމް އިސްތިއުނާފަށް ހުށަހެޅީ މިދިޔަ ނޮވެމްބަރު މަހުގަ އެވެ. އަދި ދެނޫސްވެރިންގެ ވަކީލުން ވަނީ އެ މައްސަލައިގެ ޝަރީއަތް ކުރިއަށްގެންދިޔައީ "އިންސާފުވެރި ގޮތަކަށް ނޫން" ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް ހައި ކޯޓުގެ ފަނޑިޔާރު އަންގް ނައިންގް ވިދާޅުވި ގޮތުގައި ވާ ލޫން އާއި ޗޯ ސޯ އޫގެ ކުށެއް ނެތްކަން ސާބިތުވާ މިންވަރަށް ވަކީލުން ހެކި ހުށަހަޅާފައި ނުވެ އެވެ. އަދި ދެ ނޫސްވެރިން އަމަލުކޮށްފައި ވަނީ ނޫސްވެރިކަމުގެ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ގަބޫލު ކުރެވޭކަށް ނެތެވެ. އެހެންކަމުން ދެ މީހުންގެ މައްޗަށްކޮށްފައި ވަނީ ކުށާ އެއްވަރުގެ އަދަބެއް ކަމަށް ކޯޓުން ނިންމި އެވެ.

ވާ ލޫން އާއި ޗޯ ސޯ އޫ 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހު ހައްޔަރު ކުރީ، ރާހިން ސްޓޭޓުގެ އިން ޑިން އަވަށުގައި މިޔަންމާގެ އަސްކަރިއްޔާ އިން 10 ރޮހިންގާއިން މަރާލި ހާދިސާ ތަހުގީގު ކުރަމުން ދަނިކޮށެވެ.

އެތަހުގީގާ ގުޅިގެން މިޔަންމާގެ ފުލުހުން ވަނީ އެދެ ނޫސްވެރިންނަށް ލިޔެކިޔުންތަކެއް ދީފަ އެވެ. ނަމަވެސް ފަހުން އެލިޔެކިޔުންތައް ގެންގުޅުނު ކަމަށް ބުނެ އެމީހުން ހައްޔަރުކޮށްފަ އެވެ.

މިޔަންމާގެ އަސްކަރިއްޔާ އިން ފަހުން ވަނީ އިން ޑިން އަވަށުގެ ގަތުލުތައް ތަހުގީގުކޮށް، އެމައްސަލާގައި ހަތް ސިފައިންގެ މީހަކު 10 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފަ އެވެ.

comment ކޮމެންޓް