އުފަންވީއިރު ދެ ކިޑްނީގައި ވެސް ސިސްޓް، އާއިލާ ހިތްދަތިކަންމަތީ!

ޔޫސުފް ޒާން އަހުމަދު--- ފޮޓޯ/ އާއިލާ

ތުއްތު ކުއްޖާ ދުނިޔެއަށް ނޭވާލާ ވަގުތުން ފެށިގެން ވެސް މައިންބަފައިން އިންތިޒާރު ކުރަމުން ދާނީ އެ ކުއްޖާ އާއެކީ ސަކަރާތްޖަހާލާ ކުޅެލާނެ ދުވަހަކަށެވެ. ދަރިފުޅުގެ ސިއްހަތު އެންމެ ފުރިހަމަ ވޭތޯ ކޮންމެ މައެއް ވެސް އަދި ބަފައެއް ވެސް ދުއާކުރެއެވެ.

"ދަރިފުޅަށް ބަނޑުބޮޑު އިރު ކުރި އެއްވެސް ސްކޭނަކުން ނުދައްކާ ބޭބީގެ މައްސަލައެއް ހުރި ކަމަކަށް. ބޭބީ ވިހޭފަހުން ބޭބީ މަޑުމަޑުން އަބަދު ނިދާފައި ވަރުދެރަވެ ގާތުން ނުބޯތީ ޑަކްޓަރު ކައިރި އެދުނިން ޗެކް ކޮށްލަން. ޑަކްޓަރު ވަގުތުން ބޭބީ ބަނޑުގެ ސްކޭނެއް ހެދީ. ސްކޭނުން ދެއްކީ ބޭބީގެ ދެ ކިޑްނީގައި ވެސް ސިސްޓު ހުރިކަމަށް،" ފާތިމަތު ޔުމްނާ އޭނާގެ ދަރިފުޅުގެ ވާހަކަ ފަށަމުން އަސަރާއެކީ ބުންޏެވެ.

އުމުރުން 15 ދުވަސްނުވާ ދަރިފުޅު ޔޫސުފް ޒާން އަހުމަދުގެ ވާހަކަ "ސަން"ކުލުނު އާ ހިއްސާކުރަމުން ޔުމްނާ ބުނީ ކިޑްނީގައި އުފެދުނު ދެ ސިސްޓުގެ ސަބަބުން ހޯމޯން ދަތުރުކުރާ ހޮޅީގައި ފެން އުފެދިފައިވާ ކަމަށް ޑަކްޓަރުން ބުނި ކަމަށެވެ.

"ބޭބީ އަށް ގާތުން ދޭ އިރު ނުއެއް ބޮއޭ އެއްވެސް ވަރަކަށް. ކިރިޔާ ގާތުން ބޮވޭ އިރަށް ބޮޑުކަމުދޭ. ވަރަށް ވަރުދެރަކޮށް އޮންނަނީ. އެހެން ކުދިންނާ ހިލާފަށް ބޭބީ ނުރޮވޭ،"

ޑަކްޓަރުން ލަފާދެއްވަނީ އަވަހަށް ރާއްޖެއިން ބޭރަށް ދާން ކަމަށާއި ޑަކްޓަރުގެ ލިޔުންވެސް ލިބިފައިވާ ކަމަށް ޔުމްނާ ބުންޏެވެ. އަދި ބޭރަށް ދާން އާސަންދަ ހޯދަން މިއަދު ލާފައިވާކަމަށް ވެސް އޭނާ ބުންޏެވެ.

"އިންޑިއާގެ އަމްރިތާ ހޮސްޕިޓަލްއަށް ދައްކަނީ. އެކޮޅުގެ ޑަކްޓަރުންނަށް ދެއްކީމަ އެގޭނީ އޮޕަރޭޝަން ކުރަން ޖެހޭތޯ ވެސް. ވީހާވެސް އެންމެ އަވަހަށް ފުރޭތޯ މަސައްކަތް މިކުރަނީ"

ބޮޑު ގުރުބާނީތަކެއް ވަމުން އަންނަ އެއާއިލާގެ ހިތްހަމަޖެހުމަކީ ތުއްތު ދަރިފުޅު ޒާން އެވެ. ދަރިފުޅު ސަލާމަތްކުރަން އޮތް ހުރިހާ ކަމެއް ކުރަން އާއިލާއިން އަތުކުރި އޮޅާލާފައިވާއިރު އެ އާއިލާ އިން އެދެނީ ރައްޔިތުންގެ އެހީއަށެވެ.

ޔުމްނާ އެދެނީ އޭނާ އަމިއްލަ ފުރާނައަށް ވުރެވެސް ލޯބިވާ ތުއްތު ދަރިފުޅު، ޒާންއަށް ތިބޭފުޅުން ކުޑަ ނަމަވެސް މާލީ އެހީތެރިކަމެއް ދިނުމަށެވެ.

ޔޫސުފް ޒާން އަހުމަދަށް އެހީތެރިވުމަށް

ފޯނު ނަންބަރު: 7605877 (ފާތިމަތު ޔުމްނާ/ ޒާންގެ މަންމަ)

ބީއެމްއެލް އެކައުންޓް ނަންބަރު: 7703221923101 (ޔުމްނާގެ އެއްބަނޑު ކޮއްކޮ އައިޝަތު ވަރުޝާ)

ނޯޓް: ސަންގެ މި ސެގްމެންޓްގެ ދަށުން ގެނެސްދޭ ފަރާތްތަކަށް އެހީތެރިވުމުގެ ކަންކަން އެ އާއިލާއާ ގުޅިގެން ކުރިއަށް ގެންދިއުން އެދެމެވެ. ފައިސާގެ އެއްވެސް ކަމެއްގައި ސަން އިން ބައިވެރިއެއް ނުވާނެއެވެ. ސީދާ އާއިލާއަށް އެހީތެރިވެ ދެއްވާށެވެ.

އެހީތެރިކަމަށް އެދޭ ފަރާތްތަކުން ސަން ކުލުނުގައި ބައިވެރިވުމަށް ‎9992747 ނުވަތަ ‎9982747 އަށް ގުޅައިގެން ކުރިއަށް ގެންދެވުން އެދެމެވެ.

comment ކޮމެންޓް