ޓެކްސީ މީޓަރު ބޭނުން ކުރަން ޖެހޭ ގޮތަށް ނިންމައިފި

މާލޭގައި ޓެކްސީއެއް ދުއްވަނީ ---

މާލޭ ސަރަހައްދުގައި ދަތުރުކުރާ ޓެކްސީތަކުގައި މީޓަރު ހަރުކުރަން ޖެހޭ ގޮތަށް ހަދަން ޓްރާންސްޕޯޓް މިނިސްޓްރީން ނިންމައިފިއެވެ.

ސިވިލް އޭވިއޭޝަން އޮތޯރިޓީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ، މާލޭ ސަރައްދުގައި ދުއްވާ ޓެކްސީތަކުގައި މީޓަރު ހަރު ކުރަން ގިނަ ރައްޔިތުން ބޭނުންވާ ކަމަށެވެ.

"ގިނަ ރައްޔިތުންތަކެއް މިހާރު ބޭނުންވަނީ ޓެކްސީ މީޓަރަށް ބަދަލު ކުރަން. ޓެކްސީ މީޓަރު ބަހައްޓައިގެން ޓެކްސީ ދުއްވާ ގޮތަށް އެ ބޭފުޅުން އެދިވަޑައިގަންނަވަނީ. އަޅުގަނޑުމެންގެ ސަރުކާރަކީ ރައްޔިތުން އެދޭ ރައްޔިތުންނަށް ފަސޭހަ ބަދަލުތައް ގެންނަން އައިސްފައިވާ ސަރުކާރަކަށް ވާތީ އަޅުގަނޑުމެންގެ ވިސްނުން ބޭނުންކޮށްގެން ޓެކްސީ ކުރެވޭނެ ގޮތް ކުރިއަށްއޮތްތާނގައި ތައާރަފު ކުރަން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ވީހާވެސް އަވަހަކަށް ޓެކްސީތަކުގައި މީޓަރު ހަރު ކުރުމުގެ މަސައްކަތް ކުރުމަށް ކަމަށެވެ. ނަމަވެސް، އެކަމަށް އަދި ޓައިމްލައިނެއް އެކުލަވާލާފައި ނުވާ ކަމަށް ވިދާޅުވި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް މުހައްމަދު ރަފީއު ވިދާޅުވީ، އެ ނިންމުމަކީ ޓެކްސީ ޑްރައިވަރުންނާ ރައްޔިތުންނާވެސް މަޝްވަރާ ކޮށްގެން ބިނާ ކުރަނިވި ހިޔާލުތައް ހޯދައިގެން ނިންމާފައިވާ ނިންމުމެއް ކަމަށެވެ. އަދި އެ ނިންމުން ނިންމި އިރުގައި، މީޑިއާތަކުން އެ މައްސަލައާ ގޫޅޭ ގޮތުން ލިޔެފައިވާ ރިޕޯޓުތައްވެސް ބެއްލެެވި ކަމަށާއި، އެ ރިޕޯޓުތަކުންވެސް މުހިންމު މައުލޫމާތުތައް ލިބުނު ކަމަށް އޭނާ ވިދާޅުވިއެވެ.

"ޝައްކެއް ނެތް މިފަަދަ ކަމެއް ހަމަޖެހޭ އިރުގައި ހަމަޖެހިގެން ދާނީ އެއްވެސް ފަރާތަކަށް ގެއްލުމެއް ނުލިބޭ ފަދަ، އަދި ހިދުމަތް ދޭ ފަރާތުންވެސް އަދި ހިދުމަތް ލިބިގަންނަ ފަރާތައްވެސް ގެއްލުމެއް ނުލިބޭ ގޮތަށް އަޅުގަނޑުމެން ކުރަން ޖެހޭ ދިރާސާތައް ކުރުމަށްފަހުގައި އަޅުގަނޑުމެން އެކަންތައް އިއުލާނު ކުރާނީ،" އޭނާ ވިދާޅުވި އެވެ.

ޓްރާންސްޕޯޓު އޮތޯރިޓީން މިހާރު ކުރިއަށް ގެންދާ އޮންލައިން ސާވޭއާ ގުޅޭ ގޮތުން، ރަފީއު ވިދާޅުވީ، އެ ސާވޭ އަކީ ހަމައެކަނި ޓެކްސީގެ ނިޒާމަށް ބަދަލު ގެންނަން ކުރާ ސާވޭއެއް ނޫން ކަމަށެވެ. އަދި އެ ސާވޭގައި ބަލާ ގިނަ ކަންތައްތަކުގެ މައްޗަށް ކުރިއަށް އޮތްތަނުގައި ނިންމުން ނިންމުމަކީ އެކަށީގެންވާ ކަމެއް ކަމަށް މިއަދުގެ ޕްރެސްގައި ވިދާޅުވި އެވެ.

އަންނަ އާދީއްދަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދަން ނިންމާފައިވާ އެ ސާވޭ މިހާތަނަށް 10000 އަށް ވުރެ ގިނަ މީހުން ވަނީ ފުރިހަމަކޮށްފައެވެ. މިހާތަނަށް އޭގެ ނަތީޖާއިން ދައްކާ ގޮތުން 59 ޕަސެންޓު މީހުން ބޭނުންވަނީ ޓެކްސީތަކުގައި މީޓަރު ހަރުކުރުމަށެވެ.

ޓެކްސީތަކުގައި މީޓަރު ހަރު ކުރުމަށް ނިންމާފައިވާ އިރު އެކަމާ ގުޅޭ ގޮތުން އާންމުންނާއި ޓެކްސީ ޑްރައިވަރުންގެ ހިޔާލު ހޯދަން ދާދި ފަހުން ދަރުބާރުގޭގައި ފޯރަމެއްވެސް ބާއްވާފައިވެއެވެ.

comment ކޮމެންޓް