"ލީނާ" ކޮބާ؟ ފިލްމު އަޅުވާ ތާރީހު ޔަގީންވެއްޖެ!

އައްޒަ އާއި މުއާ "ލީނާ" ގެ ޝޫޓިންގައި ނަގާފައިވާ ފޮޓޯ އެއް....

މީގެ އަހަރުތަކެއް ކުރިން ވިޔަފާރިވެރިންގެ ޖަމިއްޔާގެ ފާހަނައެއްގެ ތެރޭގައި ރަހުމު ކުޑަ ގޮތަކަށް މަރާލާފައިވާ އަޒްލީނާ ނަފީސްގެ މަރުގެ ހާދިސާ އަސްލަކަށް ބަލައިގެން މަޝްހޫރު ފިލްމީ ތަރި އަބްދުﷲ މުއާޒު (މުއާ) ޑައިރެކްޓްކޮށްފައިވާ "ލީނާ" އަކީ މި އަހަރު ސިނަމާއިން ބަލާލަން ގިނަ ބަޔަކު ކެތްމަދުވެފައި ތިބި ފިލްމެކެވެ.

މިދިޔަ އަހަރު ފުރަތަމަކޮޅު ފިލްމުގެ ކާސްޓުން އިއުލާންކޮށް، އއ. އުކުޅަހުގައި މަންޒަރުތައް ވެސް ވަނީ ނަގާފައެވެ. ފިލްމު މިދިޔަ އަހަރު އަޅުވަން ވެސް ނިންމިއެވެ.

ފިލްމު މިދިޔަ އަހަރު އަޅުވާނެ ކަމަށް ގިނަ ބަޔަކު އުންމީދުކޮށްގެން ތިބި ނަމަވެސް އަހަރު ނިމިގެންދިޔައީ ބެލުންތެރިން މާޔޫސްކޮށްލުމަށްފަހުއެވެ.

ފިލްމު "ލީނާ" އަށް ކުރަމުން އައި އިންތިޒާރު ނިމުމަކަށް އަންނަނީއެވެ. ފިލްމު އަޅުވާނެ ތާރީހު ޑައިރެކްޓަރު މުއާ ވަނީ "ސަން" އަށް ކަށަވަރުކޮށްދީފައެވެ.

މުއާ ބުނީ ފިލްމު ސިނަމާތަކަށް އަންނަނީ އަންނަ އޭޕްރިލް މަހުގެ 20 ވަނަ ދުވަހު ކަމަށެވެ.

ފިލްމުގެ ޕޯސްޓަރު އަދި ޓީޒާ ޓްރެއިލާ އަންނަ މަހު އެއްވަނަ ދުވަހު ދައްކާލުމަށް ހަމަޖެހިފައިވާކަމަށްވެސް މުއާ ބުންޏެވެ.

"އަސްލު ވަރަށް ދުވަސްފަހުން ފިލްމުގެ އަޕްޑޭޓެއް މިދެވުނީ. ފިލްމު އަޅުވާނެ ތާރީހު ޔަގީންވެއްޖެ. އޭޕްރިލް 20ގައި،"

"ލީނާ"ގެ ލީޑު ރޯލުން ފެނިގެންދާނީ މިހާރު ފިލްމީ ދާއިރާގައި ހުރި އެންމެ ޑިމާންޑު ބޮޑު އެއް ބަތަލާ މަރިޔަމް އައްޒައެވެ. އައްޒަ ފެންނާނީ ލީނާގެ ރޯލުންނެވެ. އަދި ލީނާގެ ގާތިލް ޒުހޫރުގެ ރޯލުން ފެންނާނީ މުއާއެވެ.

އޭގެ އިތުރުން އަލީ އާޒިމް (ދޮން އައްޔަ) އާއި ނުޒުހަތު ޝުއައިބު (ނުޒޫ)، މަރިޔަމް ހަލީލް، އަހުމަދު ނިމާލު، އަހުމަދު ސައީދު އަދި ޒީނަތު އައްބާސް ވެސް މި ފިލްމުން ފެންނާނެއެވެ.

ފިލްމުގައި ދޮން އައްޔަ ކުޅޭނީ ލީނާގެ ލޯބިވެރިޔާގެ ރޯލެވެ. މަރިޔަމް ހަލީމްއަކީ ލީނާގެ މަންމައެވެ. ނުޒުހަތު (ނުޒޫ) ކުޅޭނީ ލީނާގެ ބެސްޓް ފްރެންޑްގެބައެވެ. ސައީދު އަދާކުރާނީ ކައުންސިލުގެ ރައީސްގެ ރޯލެވެ.

މި ފިލްމުގެ އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި ނިމާލު ހަރަކާތްތެރިވާނެ އެވެ. ޕްރޮޑިއުސަރުންނަކީ މުއާ އަދި ސައްޔާހު އައްބާހެވެ.

ފިލްމު އަޅުވާނެ ދުވަސް މިވަނީ ކަށަވަރުވެފައެވެ. "ލީނާ" ބަލާލަން ކުޑަ އިންތިޒާރެއްކޮށްލާށެވެ.

comment ކޮމެންޓް