ޓެކްސީ މީޓަރާއި، އަގާ ގުޅޭ އޮންލައިން ސާވޭއެއް!

ޓްރާސްޕޯޓު މިނިސްޓަރ ނަހުލާ މީޑިޔާއަށް ދެއްވި ޕްރެސް ގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

މާލޭ ސަރަހައްދުގައި ޓެކްސީތަކުގައި މީޓަރު ހަރުކުރުމާއި ހިދުމަތް ދޭ އަގުތަކާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދުމުގެ އޮންލައިން ސާވޭއެއް ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ފަށައިފި އެވެ.

އެ ސާވޭގައި އާންމުގެ ހިޔާލު ހޯދުމަށް ހުޅުވާލާފައި ވަނީ 14 ކަމަކާ ބެހޭ ގޮތުންނެވެ.

އެގޮތުން ޓެކްސީ ދަތުރުތަކަށް އަގު ނަގަންވީ މިހާރުވެސް އަމަލު ކުރާ ގޮތައްތޯ، ނުވަތަ މީޓަރު ހަރުކޮށްގެންތޯ ނުވަތަ އޮންލައިން އެޕްލިކޭޝަނަކުންތޯ އެ ސާވޭގައި ބަލަ އެވެ.

އަދި މާލެތެރެއަށާއި، މާލެއިން ހުޅުމާލެއަށާއި، މާލެއިން ހުޅުލެއަށް، ޓެކްސީތަކުން ނަގަން އެންމެ އެކަށީގެންވާ އަގަކީ ކޮބައިތޯ އެ ސާވޭގައި ބަލަ އެވެ. އަދި މިހާރު ނަގާ އަގުތައް ހެޔޮތޯ ނުވަތަ ބޮޑުތޯވެސް އެ ސާވޭގައި ބަލަ އެވެ.

މީޓަރު ނުވަތަ އެޕްލިކޭޝަން ބޭނުންކޮށްގެން އަގު ނަގާ ނަމަ، އެފަދަ ގޮތަކަށް އަގު ނަގަން ދޭންވީ 60 ދުވަސް، 90 ދުވަސް، ނުވަތަ 120 ދުވަސްތޯވެސް އެ ސާވޭގައި އަހަ އެވެ.

އޭގެ އިތުރުން، ހަމައެކަނި ކުންފުނިތަކަށް ޓެކްސީގެ ހިދުމަތް ދެވޭ ގޮތައް ބަދަލު ކުރުމާއި، ހުޅުލެއަށް ޓެކްސީގެ ވަކި ހިދުމަތެއް ގާއިމް ކުރުމާއި، ވެހިކަލް ރެޖިސްޓްރީ ކުރުން ކޮންޓްރޯލު ކުރުމާއި، މާލޭގެ މަގުތަކުގައި ވެހިކަލް ގަރާޖު ކުރެވޭ ގޮތައް ބޭއްވުމާއި، ގަރާޖު ސިޓީ ދިނުން ހަރުދަނާ ކުރުން ފަދަ ކަންކަމާ ގުޅޭ ގޮތުން އެ ސާވޭގައި ހިޔާލު ހޯދަ އެވެ. އަދި ދެ ފުރޮޅުލީ އުޅަނދުތަކާއި ދެ ފުރޮޅަށް ވުރެ ގިނަ ފުރޮޅުލީ އުޅަނދުތަކުގެ އޭޖް ލިމިޓެއްވެސް ބެހެއްޓުމާ ބެހޭގޮތުން ވެސް އެ ސާވޭގައި ހިޔާލު ހޯދަ އެވެ. އަދި މިހާރު ބޭނުން ކުރާ ޓެކްސީތަކުގެ ހާލަތާ ގުޅޭ ގޮތުން ވެސް ހިޔާލު ހޯދަ އެވެ.

މާލޭގައި ދުއްވާ ޓެކްސީތަކުން ދަތުރުކޮށްދޭ އަގުތަކާ ގުޅޭ ގޮތުން ހިޔާލު ހޯދުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ރޭ ވަނީ ފޯރަމެއް ވެސް ބާއްވައިފަ އެވެ. ޓެކްސީގެ އަގުބޮޑު ނޫން ކަމަށް އެ ފޯރަމުގައި ޓެކްސީ ޑްރައިވަރުން ބުނި އިރު އެކަމާ އާންމުން ވަނީ ދެކޮޅު ހަދާފަ އެވެ.

comment ކޮމެންޓް