ދީނަށް ފާޑުކިޔާ މީހުންނަށާއި، އެފަދަ މީހުންނަށް ގެއްލުން ދޭން ގޮވާލާ މީހުންނަށް ފިޔަވަޅު އަޅަނީ

ފުލުހުންގެ ސްޕޯކްސްޕާސަން، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރު ވާހަކަފުޅު ދައްކަވަނީ -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

އިސްލާމް ދީނަށް ފުރައްސާރަ ކުރާ ފަރާތްތަކާއި، އެފަދަ މީހުންނަށް ގެއްލުން ދިނުމަށް ގޮވާލާ ފަރާތްތަކާ މެދުވެސް ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ މިހާރަކަށް އައިސް ބައެއް ފަރާތްތަކުން މީސް މީޑިޔާގައި ހިންގާ ބައެއް މުއާމަލާތްތަކުގައި ރައްޔިތުންގެ ތެރޭގައި އޮންނަ އެއްބައިވަންތަކަމާއި މަސްލަހަތަށް ބުރޫ އަރާފަދަ ބަސް މަގު ބޭނުން ކުރާކަން ފާހަގަ ކުރެވިފައިވާ ކަމަށާއި އެފަދަ ބައެއް މުއާމަލާތްތަކަށް ރައްދު ދިނުމުގެ ގޮތުން އަނިޔާވެރިކަމާއި ނަފްރަތު އުފެއްދުމަށް ހިތްވަރު ލިބޭފަދަ ބަސްމަގު ބޭނުންކުރާކަމަށެވެ.

އިސްލާމްދީނަށް ތައުހީނުކުރުމުގެ ނިޔަތުގައި އިސްލާމް ދީނަށާއި ދީނުގެ އުސޫލުތަކަށާއި ޝިއާރުތަކަށް ފާޑުކިޔާ ފަރާތްތަކަށާއި އެފަދަ ކަންކަން ކުރާ ފަރާތްތަކަށް އިންޒާރުދީ ގެއްލުން ދިނުމަށް ގޮވާލާ ފަރާތްތަކާ މެދުވެސް ފިޔަވަޅު އަޅާނެ ކަމަށް ފުލުހުންގެ ބަޔާނުގައި ވަނީ ބުނެފަ އެވެ. އެފަދަ ކަމަކާ ގުޅިގެން މީހެއްގެ ނަފްސަަށް އިންޒާރެއް އައިސްފައިވާ ނަމަ އެ މައުލޫމާތު ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.

ބަޔާނުގައި އެހެން ބުނެފައިވާ އިރު، "މުރުތައްދުވެފައިވާ" މީހުން ކަމަށް ބުނާ މީހުންގެ މައުލޫމާތު ހިއްސާ ކުރާ ޓެލެގްރާމް ގްރޫޕެއްގެ މައްސަލަ ދާދި ފަހުން ވަނީ ފެންމަތިވެފަ އެވެ.

ފުލުހުންގެ ނޫސް ބަޔާނުގައި އިތުރަށް ވިދާޅުވީ މީސް މީޑިޔާގައި ބަހުގެ ހަމަލާތައް ބަދަލުކުރުން އިތުރުވުމާ ގުޅިގެން އެކަންކަން ކުރާކަމަށް ފާހަގަކުރެވޭ ބައެއް ފަރާތްތަކާ ފުލުހުން ބައްދަލު ކުރަމުންދާކަމަށެވެ. ފުލުހުން ވަނީ، ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި، ރައްޔިތުންގެ މަސްލަހަތާއި، ފަރުދީ ރައްކާތެރިކަމަށް ހުރަސް އެޅޭ ކަންކަން ހިންގަން ގޮވާލާ ފަރާތްތަކާމެދު އަޅަން ޖެހޭ ފިޔަވަޅުތައްވެސް އަޅަމުންދާކަމަށް ވިދާޅުވިއެވެ.

ފުލުހުން އެހެން ބުނެފައިވާ އިރު ފޭސްބުކް ޕޭޖެއް ކަމަށްވާ ސިރު އާޓްސް ހިންގާ މުހައްމަދު ސިރުހާން މިއަދު ވަނީ ފުލުހަށް ހާޒިރުކޮށްފަ އެވެ.

އެ ބަޔާނުގައި ފުލުހުން ވަނީ، މީސް މީޑިޔާ ބޭނުންކުރާ ފަރާތްތަކުންނާއި ހުރިހާ ރައްޔިތުންވެސް، އެންމެންގެ މަސްލަހަތަށާއި، އަމަން އަމާންކަމަށާއި ޤައުމީ އެއްބައިވަންތަކަން ދެމެހެއްޓުމަށްޓަކައި އެހެން މީހުންގެ އިހުސާސްތަކާއި މުޖުތަމައުގެ މަސްލަހަތުތަކަށް އިހުތިރާމް ކުރުމުގެ ސަގާފަތެއް ދެމެހެއްޓުމަށް އެދޭ ކަމަށެވެ.

comment ކޮމެންޓް