ރާކޭޝް ރޯޝަން ކަރުތެރޭގެ ކެންސަރަށް ފަރުވާ ހޯދަނީ

ރާކޭޝް ރޯޝަން (ކ)، ކެންސަރަށް ފަރުވާ ހޯދަނީ --

ބޮލީވުޑްގެ ކާމިޔާބު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ރާކޭޝް ރޯޝަން (69) އަށް ކަރުތެރޭގެ ކެންސަރުގެ ބާވަތެއް ކަމުގައިވާ އެސްސީސީ ޖެހި، ބައްޔަށް ފަރުވާ ހޯދަން ފަށައިފި އެވެ.

ރާކޭޝް އަށް ކެންސަރު ޖެހިފައިވާ ކަން ހާމަކޮށްފައި ވަނީ އޭނާގެ ދަރި އަދި ކާމިޔާބު އެކްޓަރު ރިތިކް ރޯޝަން އެވެ. ރިތިކް ކުރި އިންސްޓަގްރާމް ޕޯސްޓެއްގައި ބުނެފައި ވަނީ ބައްޕައަށް ކެންސަރު ޖެހިފައިވާ ކަން އެނގުނީ ވަރަށް ފަހުން ކަމަށާއި، އަދި ބަލި ހުރީ އޭގެ ފުރަތަމަ ސްޓޭޖުގައި ކަމަށެވެ.

ބޮލީވުޑް ފަންނާނުންގެ އިތުރުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް ވަނީ ރާކޭޝް އަށް އަވަސް ޝިފާއަކަށް އެދި ޓުވީޓު ކޮށްފަ އެވެ. މޯދީގެ ޓުވީޓު ރީޓުވީޓުކޮށް ރިތިކް ބުނީ އަންގާރަ ދުވަހު ރާކޭޝްގެ އޮޕަރޭޝަން ކޮށްފައިވާ ކަމަށާއި އަދި އޮޕަރޭޝަން ކާމިޔާބު ކަމަށެވެ. ރާކޭޝް ކަރުތެރޭގެ ކެންސަރަށް ފަރުވާ ހޯދަން ފަށައިފައި ވާއިރު އޭނާގެ އަންހެން ދަރި ސުނައިނާ ރޯޝަން އަށް ވެސް ވަނީ މީގެ އަހަރުތަކެއް ކުރިން ކެންސަރު ޖެހިފަ އެވެ. ފަރުވާކޮށް ސުނައިނާ ވަނީ ކެންސަރުން ސަލާމަތްވެފަ އެވެ.

ކާމިޔާބު ފިލްމުތަކެއް ޑައިރެކްޓުކޮށް އާންމުންގެ މަގުބޫލުކަން ހޯދައިފައިވާ ރާކޭޝް މިހާރު ތައްޔާރުވަމުން އަންނަނީ ކާމިޔާބު ފްރެންޗައިޒް 'ކްރިޝް'ގެ ހަތަރު ވަނަ ފިލްމުގެ މަސައްކަތް ފެށުމަށެވެ.

comment ކޮމެންޓް