ޗެތުރީ، މެސީ ފަހަތަށް ޖައްސާލައިފި!

އިންޑިއާގެ ކެޕްޓަން ސުނިލް ޗެތްރީ: އޭނާ ވަނީ

އިއްޔެ ތައިލެންޑު ކޮޅަށް ޖެހި ދެ ގޯލާ އެކު ބައިނަލްއަގްވާމީ ލަނޑު ލިސްޓުގައި އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީ އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ފަހަތަށް ޖައްސާލައިފިއެވެ.

މި އަހަރުގެ އޭއެފްސީ އޭޝިއަން ކަޕުގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗުގައި ތައިލެންޑު އަތުން ވަނީ 4-1ގެ ނަތީޖާއިން މޮޅުވެފައެވެ.

އެ މެޗުގައި ޗެތުރީ ޖެހި ދެ ގޯލާ އެކު އޭނާ ވަނީ ބައިނަލްއަގްވާމީ ލަނޑު ލިސްޓުގައި 20 ވަނަ އަށް އަރައިފައެވެ. އެއީ 105 މެޗުން 67 ގޯލް ޖަހައިގެންނެވެ. ޕޯޗުގަލްގެ ރޮނާލްޑޯގެ ފަހަތުން އޭނާ އަކީ މިހާރު މިވަގުތު ކުޅެމުންދާ ކުޅުންތެރިންގެ ތެރެއިން ދެވަނައަށް އެންމެ ގިނަ ބައިނަލްއަގްވާމީ ގޯލު ޖެހި ކުޅުންތެރިޔާއެވެ.

ޗެތުރީގެ ފަހަތުން އާޖެންޓީނާގެ މެސީ އޮތީ 128 މެޗުން 65 ގޯލް ޖަހައި 21 ވަނައިގައެވެ. އޭނާ އަކީ މިވަގުތު ކުޅެމުންދާ ކުޅުންތެރިންގެ ތެރެއިން ތިންވަނައަށް އެންމެ ގިނަ ބައިނަލްއަގްވާމީ ގޯލު ޖެހި ކުޅުންތެރިޔާއެވެ.

މިވަގުތު ކުޅެމުންދާ ކުޅުންތެރިންގެ ތެރެއިން އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އަކީ ރޮނާލްޑޯއެެވެ. އޭނާ ވަނީ 154 މެޗުގައި 85 ގޯލު ކާމިޔާބު ކޮށްފައެވެ. ރޮނާލްޑޯ އަކީ ފުޓުބޯޅައިގެ ތާރީހުގައި ދެވަނައަށް އެންމެ ގިނަ ބައިނަލްއަގްވާމީ ގޯލު ޖެހާފައިވާ ކުޅުންތެރިޔާއެވެ.

އިއްޔެގެ މެޗުގައި އިންޑިއާއިން ތައިލެންޑު ބަލި ކުރުމުން ގިނަ ބަޔަކު ވަނީ ހައިރާންވެފައެވެ. އިއްޔެ އިންޑިއާ މޮޅުވި އިރު އެ ގްރޫޕުގައި ދެން ހިމެނޭ ޔޫއޭއީ އާއި ބަހުރޭން 1-1 އިން އެއްވަރުވެފައިވާތީ ތިން ޕޮއިންޓާ އެކު ގްރޫޕުގެ އެއް ވަނައިގައި އޮތީ އިންޑިއާ އެވެ.

comment ކޮމެންޓް