"ނިވައިރޯޅި"ގެ ރިވިއު: ތަފާތު ޝައުގުވެރި ފިލްމެއް

ފިލްމުގެ ޝޫޓިން ކުރިއަށްދަނިކޮށް--- ފޮޓޯ/ ފޭސްބުކް

ވިހި އަހަރަށް ވުރެ ގިނަ ދުވަސްވަންދެން ފިލްމީ ކެރިއަރުގައި ދެގޮތެއް ނުވެ ބާރަށް ފިޔަޖަހަމުން އައި ނިއުމާ މުހައްމަދު ސްކްރީނުން އަލްވަދާއު ކީ އޭނާގެ ފަހު ފިލްމު "ނިވައިރޯޅި" ބެލުންތެރިންނަށް ދޫކޮށްލައިފަ އެވެ. އެ ފިލްމު ވަނީ ކުލަގަދަ ގޮތެއްގައި މި މަހު ޕްރިމިއާކޮށްފަ އެވެ.

ނިއުމާ ޕްރޮޑިއުސްކޮށް މޫމިން ފުއާދު ޑައިރެކްޓްކުރާ އެ ފިލްމުގެ މަންޒަރުތައް ނެގީ މާލޭގެ އިތުރުން ރ. އުނގޫފާރު އަދި އެ އަތޮޅު އިނގުރައިދޫ ގައެވެ.

ތަރިން

ޔޫސުފް ޝަފީއު (ރިއްފަތު)، އަހުމަދު ސައީދު (އަންވަރު) މަރިޔަމް ހަލީމް (ހާޑީ މަންމަ)، ޒީނަތު އައްބާސް (ނަފީސާ)، އައިމިނަތު ރިޝްފާ (ނިއުމާގެ ޑަކްޓަރު)، އަހުމަދު އާސިމް (ހާޑީ)، މަރިޔަމް ޝަކީލާ (މާނާގެ މަންމަ)، އަހުމަދު އަޒްމީލް (ހަސަން)، ނިއުމާ މުހައްމަދު ( މާނާ)، ނާއްކޮ (އައިންތު)، އައިންތު (ވަހީދާ) އަދި ޒޯޔާ.

މައިގަނޑު ވާހަކަ (ސްޕޮއިލާ ނުލާ)

ޔޫސުފް ޝަފީއު (ރިއްފަތު) އަދި ނިއުމާ މުހައްމަދު (މާނާ) އަކީ ޒަމާންވީ ކައިވެންޏެއްގައި ނުހަނު ލޯތްބާއެކީ އުޅޭ ދެމަފިރިންނެވެ. އެކަކު އަނެކަކުގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް އަތުކުރި އޮޅާލައިގެން ދެމަފިރިން މަސައްކަތްކުރާ މަންޒަރު ފިލްމުން ފެނިގެންދެ އެވެ.

ރާއްޖެއިން ބޭރުގައި އެކަނި މާނާ ތައުލީމް ހާސިލުކުރަމުން އައި ދަނޑިވަޅު ރިއްފަތު މާލޭގައި އޭނާގެ ބައްޕަ އާ ގުޅިގެން އައީ ފުޅާ ދާއިރާއެއްގައި ވިޔަފާރިއެއް ކުރަމުންނެވެ. ދެމަފިރިންގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް އަމިއްލައަށް މަސައްކަތް ކުރަމުން އައި އިރު ދެފަރާތުގެ އާއިލާއިން ވެސް އެންމެ ކަންބޮޑު ވަނީ އުނގުފަޅުފިލުވާނެ ދަރިއެއް އެދެމަފިރިންގެ ނެތުމުންނެވެ. މާނާ އާއި ރިއްފަތުގެ ދުވަސްވީ ކައިިވެންޏަށް ދަރިއަކު ހޯދަން މަސައްކަތް ނުކުރުމަކީ އެމީހުންގެ އެންމެ ބޮޑު ކަންބޮޑުވުމެވެ.

"ނިވައިރޯޅި"ގެ މަންޒަރެއް...

ފިލްމު ފެށެނީ ޗުއްޓީއަށް މާނާ ރާއްޖެ އަންނަ ތަނުންނެވެ. ފިލްމު ބަލައިލުމަށް ޝައުގުވެރިކަން އުފެދުނީ ދެނެވެ. މާނާގެ ފަރާތުން ނުފެންނަ ގިނަ ކަންތައްތަކެއް އޭނާގެ ފަރާތުން ފެންނަމުން އައިއިރު އެކަމަކީ ރިއްފަތު ކަންބޮޑުވި ކަމެކެވެ. މާނާގެ މިޒާޖަށް ބޮޑު ބަދަލެއް އައިސް ދިރިއުޅުމުގައި މައްސަލަތަކެއް ދިމާވާން ފަށަ އެވެ.

އަމިއްލަ ހިޔާލަށް ވާހަކަތައް އުފައްދާ ރިއްފަތަށް މާނާ ޝައްކުކުރެ އެވެ. "ޝައްކު ބަލި" ޖެހިފައިވާ މީހެއްގެ ގޮތަށް މާނާ އެ ފިލްމުން ފެނިގެން ދިޔައެވެ. މާނާގެ ފަރާތުން ތަފާތު ކަންތައްތަކެއް ފެނުމުގެ ސަބަބުން މާނާ ޑިޕްރެޝަނަށް ބޭސްކުރަން ފެށި އެވެ. ބޭސްކުރަން ފެށިތާ ދުވަސްތަކެއް ނުވަނީސް ދެން އެނގުނީ ދަރިއަކަށް ތައްޔާރު ނުވެ ހުއްޓާ މާނާ ބަލިވިއިން ކަމެވެ. ރިއްފަތު ދެގުނަ ސަމާލުކަން ދޭން ޖެހުނީ އެވެ.

ފިލްމުގައި މާނާ ތަފާތެވެ. ކޮށްލާ ކަންތައްތަކުން ނޭވާ ހިފަހައްޓާލަން ޖެހޭ ވަގުތު ވެސް އާދެ އެވެ. ދުވަސްތަކެއް މާނާ ހޭދަކުރަމުން އައީ މިގޮތުގަ އެވެ. ރޭގަނޑު ނުނިދާ އެގޮތް މިގޮތަށް ދުވަސްތައް ހޭދަކުރެ އެވެ.

"ނިވައިރޯޅި" ގެ ޕޯސްޓަރެއް...

ފިލްމުގެ ޓްވިސްޓް އަންނަނީ މިހިސާބުންނެވެ. އަހުމަދު އާސިމް (ހާޑީ)ގެ އެންމެ ގާތް އެކުވެރިޔާ އަކީ ރިއްފަތު އެވެ. ސްކޫލު ދައުރުގައި ދެގޮތެއް ނުވާ ރަހުމަތްތެރިޔާ އަކީ ރިއްފަތެވެ. ފިލްމުގައި އަސްލުވާ ގޮތް އެނގެނީ މިހިސާބުންނެވެ. މާނާ އަށް ވަމުންދާ ކަންތައްތަކުގެ ހަގީގަތް ތިލަވަމުން އާދެއެވެ. ހާޑީގެ ވާހަކަ އިތުރަށް ތިލަ ކުރަން ވެއްޖެ ނަމަ ފިލްމު އެއްކޮށް "ސްޕޮއިލް"ކޮށްލެވުނީއެވެ. ކަންތައްވާ ގޮތް ބަލާލަން "ނިވައިރޯޅި"ގެ ޓިކެޓެއް ނަގައިގެން އޮލިމްޕަހަށް ވަންނާށެވެ.

ހުރިހާ ތަރިންގެ އެކްޓިންވެސް އެހާމެ މޮޅެވެ. ޔޫއްޕެ އާއި ނިއުމާ އެއްނޫންހެއްޔެވެ. ސްކްރީނުން ފެންނަ މިދެޖޯޑަކީ ދިވެހިން އަބަދު ވެސް އެންމެ ގަޔާވާ ދެ ޖޯޑެވެ. އެންމެ ތައުރީފުކުރާ ދެޖޯޑެވެ. ފިލްމުގައި ހާޑީގެ މަންޒަރުން ފެނިގެންދިޔަ އާސިމް ސްކްރީނުން ފެނިގެން މިދިޔައީ ލައްކަ ޒަމާނަށްފަހު އެވެ. އެކަމަކު އަދި ވެސް އެ "ޓަޗް" ހުއްޓެވެ. ތަފާތު އުންމީދު ނުކުރާ ކެރެކްޓާ އަކުން އާސިމްގެ ފެނިގެންދިޔައިރު އޭނާގެ އެކްޓިން ވަރަށް ފުރިހަމަ އެވެ.

"ނިވައިރޯޅި" ގެ މަންޒަރެއް: ފޮޓޯ ފޭސްބުކް

ނިއުމާގެ މަންމަގެ ރޯލުން ފެނިގެން ދިޔަ ޝަކީލާ އަދި ޔޫއްޕެގެ މަންމަގެ ރޯލުން އައިމިނަތު ރަޝީދާ (އައިންތު)ގެ އެކްޓިންނަށް ސުވާލު އުފައްދާކަށް ނެތީމެވެ. އަޒްމީލް(އަޒޭ)ގެ ކުޑަ ރޯލެއް ފިލްމުން ފެނުނު ނަމަވެސް އޭނާގެ ސީން އެންމެ ފުރިހަމައަށް ވަނީ އަދާކޮށްފަ އެވެ. ނާއްކޮ ވެސް ވަނީ އޭނާއަށް ކުޅެން ޖެހުނު ރޯލު ފަސްޖެހުމެއްނެތި އަދާކޮށްލައިފަ އެވެ.

ފިލްމުގައި ނިއުމާގެ ދަރިފުޅު ޒޯޔާ ވެސް ފެނިގެންދިޔަ އެވެ. ޒޯޔާގެ މޫނު މަތިން ދައްކާލާ ކުލަވަރުތަކުން އޭނާއަށް އެކްޓްކުރެވޭނެ ކަމަށް ގަބޫލުކުރަމެވެ. އުންމީދަކީ ޒޯޔާ ވެސް މިދާއިރާއިން ކުރިއަށް ދިޔުމެވެ. މިއީ ޒޯޔާގެ ފުރަތަމަ ފިލްމެވެ. ނިއުމާގެ ވަދާއީ ފިލްމެވެ. ސްކްރީނުން ދުރަށް ދާތީ ދެރަވެ އެވެ.

ފިލްމުގެ ޕްލޮޓް އަތުރާލެވިފައިވާ ގޮތް ވެސް ސަޅި އެވެ. ވިޝުއަލް އިފެކްޓް ވަރުގަދަކަމަށް ފާހަގަކުރެވެ އެވެ. ޖުމްލަކޮށް ބުނާ ނަމަ މި ފިލްމަކީ ރީތި ފިލްމެކެވެ. ތަފާތު ދިވެހި ފިލްމެކެވެ.

ފިލްމުގެ ވާހަކަ އަކީ ރީތި ވާހަކައެކެވެ. ފަށުވި އިބާރާތްތަކެއް ފިލްމުގައި އިވިގެންދިޔަ އެވެ. ނިއުމާ ސްކްރީނުން ވަކިވުމަކީ މުޅި މިދާއިރާއަށް ލިބޭނެ ފަޅުކަމެކެވެ. ދެވަނަ ނިއުމާއެއް މުޅި ދިވެހި ފިލްމު އިންޑަސްޓްރީއަކަށް ވެސް ދެނެއް ނާންނާނެއެވެ.

ކޮންމެ އެއްޗަކީ އެންމެ ފުރިހަމަ އެއްޗެއް ނޫނޭ ބުނާ އުސޫލުން މި ފިލްމުގައި ވެސް މައްސަލަތަކެއް ހުއްޓެވެ. ފިލްމުގެ ބައެއް މަންޒަރުތައް އެންމެ ފުރިހަމައަށް ގެނެސްނުދެވޭ ކަމަށް ގަބޫލުކުރަމެވެ. މި މަންޒަރު މިހެން ހަދާލި ނަމަ މާ ފުރިހަމަ ވާނޭ ހިތަށް އެރި އެވެ. ފިލްމުގެ ނިންމުން "ވީކް" ކަމަށް ފާހަގަކުރެވުނެވެ. ފިލްމުގެ "ކުރި" މަރާކަށް ނޫޅެމެވެ. އަވަހަށް ގޮސް ފިލްމު ބަލާލާށެވެ.

ހަމަ ޔަގީނުން ވެސް 100 ރުފިޔާ ދީފައި ޓީކެޓް ނަގައިގެން މާޔޫސް ވާކަށް ނުޖެހޭނެ އެވެ. ނިއުމާ ސްކްރީނުން ގެއްލެނީ ބެލުންތެރިން އުފާކޮށްދިނުމަށްފަހު އެވެ.

"ނިވައިރޯޅި"ގެ މަންޒަރެއް...

"ނިވައިރޯޅި" މިހާރު ވެސް އަންނަނީ އޮލިމްޕަހުގައި ދައްކަމުންނެވެ. އަދި ހުޅުމާލެ ޝްވެކްގައި ވެސް ދައްކަމުންނެވެ.

comment ކޮމެންޓް