100 ކޮންޓެއިނާއެކު މުދާ ހިފައިގެން އައި ބޯޓެއް މުދާ ނުބާލާ ފުރައިފި

ސިޓީ އޮފް ޝަންހާއީ --

ރާއްޖެއަށް އަށް 100 ކޮންޓައިނަރުގެ މުދާ ހިފައިގެން އައި ބޯޓެއް މުދާ ނުބާލާ ސްރީލަންކާ އަށް ފުރައިފި އެވެ.

ޗާއިނާގެ ޝަންހައި އިން މެލޭޝިއާގައި ޓްރާންސިޓް ކުރުމަށް ފަހު މިދިޔަ މަހު 25 ވަނަ ދުވަހު ރާއްޖެ އައި "ސިޓީ އޮފް ޝަންހާއި" ބޯޓު ނުވަ ދުވަހަށް ފަހު، ސްރީލަކަންކާ އަށް ދިޔުމަށް ފުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

އެ ބޯޓަކީ ޝިޕިންގް ކުންފުނި، "ސީއެމްއޭ ސީޖީއެމް" އަށް ނިސްބަތްވާބޯޓެކެވެ. އެ ބޯޓްގެ ރާއްޖޭގެ އެޖެންޓަކީ، ފޮރިން އިންވެސްޓްމަންޓަކުން ހިންގާ، ޓޯޓަލް ޓްރާންސްޕޯޓް ސޮލިއުޝަން (ޓީޓީއެސް) އެވެ.

ޓީޓީއެސްގެ ސީއީއޯ އަރޯޝާ ފެނާންޑޯ މިއަދު ސަން އަށް ވިދާޅުވީ މާލެ އަށް މުދާ ނުބާލާ ބޯޓު ފުރީ، މާލޭ ޕޯޓްގައި ނުވަ ދުވަހު މަޑު ކުރުމަށް ފަހު، މުދާ ނުބޭލި ލަސްވާތީ ސީއެމްއޭ ސީޖީއެމް އިން އެނގުމުން ކަމަށާއި އެ ބޯޓުގެ ކުރިއަށް ހުރި ޝެޑިއުލްތަކަށް ބުރޫ އަރާތީ ކަމަށެވެ.

އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު އަލީ ޝާހިދު ސަން އަށް ވިދާޅުވީ، އެ ބޯޓު މާލެއައުމަށް ފަހު ލަންކާއަށް ދިޔައީ އެމްޕީއެލްގެ ސަބަބުން ނޫން ކަމަށާއި އެ ބޯޓަށް މުދާ ބޭލުމަށް ޝެޑިއުލް ދިނީ ހުކުރު ދުވަހަށް ކަމަށެވެ.

ސިޓީ އޮފް ޝަންހާއީ ފުރައިގެން ދިޔައީ އެމްޕީއެލް އިން މުދާ ބޭލޭނެ ކަމަށް ދިން ތާރީހަށް ވުރެ އެއް ދުވަސް ކުރިން ބުރާސްފަތި ދުވަހު އެވެ. ޝާހިދު ވިދާޅުވީ ބޯޓު ފުރައިގެން ދިޔަ އިރު އެމްޕީއެލް އަށް ސަބަބު ނާންގާ ކަމަށެވެ.

"ޓީޓީއެސް ކުންފުނިން އެމްޕީއެލްއަށް އިންފޯމެއް ނުކުރޭ ކީއްވެގެން ކަމެއް [ ބޯޓު ފުރީ]. ނަމަވެސް ކަސްޓަމަރުންނަށް ރާއްޖޭގެ އެޖެންޓް އިންފޯމްކޮށްފައި އިނީ އެ މީހުންގެ ޝެޑުއުލްއާ ދިމާނުވާތީ އެމީހުންނަށް މަޑުކުރެވެން ނެތީ ކަމަށް. އެމީހުންގެ ސިސްޓަމް އިންނަ ގޮތުން ޝަންހައި އަކީ ލައިނާ ވެސަލްއެއް. ގިނަ ފަހަރު އެ ބޯޓު ކޮލަމްބޯއަށް ގޮސް ކޮލަމްބޯއަށް ބޭލުމަށް ފަހު ކޯލަމްބޯއަށް ޓްރާސްފާ ކުރާނެ ފީޑާގައި. އެ އުސޫލުން އެގޮތަށް ފީޑާއެއްގައި ކަނެކްޓް ކުރުމަށް ކޮލަމްބޯއަށް ދަނީ ކަމަށް އެމީހުން އެންގީ،" ޝާހިދު ވިދާޅުވި އެވެ.

ނުވަ ދުވަހު މާލޭ ޕޯޓްގައި އޮތުމަށް ފަހު، މުދާ ބޭލުމަށް އެއް ދުވަހަށް ވެފައި ވަނިކޮށް ބޯޓު ފުރީ ކީއްވެގެންތޯ ސުވާލު ކުރުމުން، ޓީޓީއެސް އިން ބުނީ އެ މީހުންގެ އެކްސްޕެކްޓޭޝަނަކީ ހަތަރު ދުވަހުގެ ތެރޭގައި ބޯޓުން މުދާ ބޭލުން ކަމަށެވެ. އަދި އަށް ވުރެ މުއްދަތު ދިގުވާ ނަމަ، ލައިނިން ވެސަލްތަކަށް އުނދަގޫވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޓީޓީއެސް އިން އެހެން ބުނި ނަމަވެސް، ބޯޓެއް މާލެ އައުމަށް ފަހު، ހަތަރު ދުވަހުގެ ތެރޭގައި މުދާ ބޭލުމަކީ އާންމު ކަމެއް ނޫނެވެ.

"ސީއެމްއޭ ސީޖީއެމް"ގެ އެހެން ދެ ބޯޓެއް ވެސް އެބޯޓާ އެކު ރާއްޖެއަ އެވެ. އަނެއް ދެ ބޯޓުގެ މުދާ ޝެޑިއުލާ އެއްގޮަތަށް މިހާރު ބާލަމުން އަންނަ ކަމަށް ޝާހިދު ވިދާޅުވި އެވެ.

"އެބޯޓު ރާއްޖެއަށް އައި އިރު ވެސް ޕޯޓްގައި މިވަގުތު ފުދޭވަރެއްގެ ކިއުއެއް އޮތްކަން އެމީހުންނަށް އެނގޭނެ. އެއްފަހަރާ އެގޮތަށް ތިން ބޯޓު އައުމުން [ޕޯޓުގައި] އެހާ ކެޕޭސިޓީއެއް ނެތް އެއްފަހަރާ ހެންޑްލް ކުރުމުގެ. މަގަތު ފާލަމަށް ވެސް ލެވެނީ އެއް ބޯޓެއް، އައުޓް އެންކަރޭޖުއަށް ވެސް ލެވެނީ ދެ ބޯޓު،" ޝާހިދު ވިދާޅުވި އެވެ.

ވިޔަފާރިވެރިންނަށް ބޮޑު ގެއްލުމެއް!

ވިޔަފާރިވެރިންނަށް އެ ބޭފުޅުންގެ މުދާ ޝެޑިއުލްކޮށްފައިވާ ދުވަހަށް ނުލިބޭ ނަމަ އެއީ އެ ބޭފުޅުންގެ ވިޔަފާރިތަކަށް ލިބޭނެ ގެއްލުމެކެވެ. ފުރައިގެން ދިޔަ ބޯޓުގައި ހުރި މުދާ ލިބޭނެ ދުވަހެއް ވެސް ވިޔަފާރިވެރިންނަކަށް ނޭނގެ އެވެ.

ފުރައިގެން ދިޔަ ބޯޓުގައި ދިވެހި އެތަކެއް ވިޔަފާރިވެރިންގެ މުދާ ހިމެނެ އެވެ. އެ 100 ކޮންޓެއިނަރުގެ ތެރެއިން 40 ފޫޓުގެ ކޮންޓެއިނަރުގެ މުދާ ހިމެނޭ ވިޔަފާރިވެރިއަކު "ސަން" އަށް ވިދާޅުވީ، އެ ކުންފުނީން ސްކޫލް ދުވަސްވަރަށް ގެނައި ކޮންޓެއިނަރެއްގެ މުދާ ހިމެނޭނެ ކަމަށާއި ސްކޫލް މި މަހު 13 ވަނަ ދުވަހު ހުޅުވޭ އިރު، އޭގެ ފަހުން އެ މުދާ ލިބިގެން އެއީ ހަމަ ބޭކާރު އެއްޗަކަށް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެންމެ ފުރަތަމަ އެ ބޯޓު މާލެ އައުމަށް ޝެޑިއުލްކޮށްފައި ވަނީ މިދިޔަ މަހު 19 ވަނަ ދުވަހަށް. ނަމަވެސް އެ ބޯޓަށް [މާލެ] އާދެވުނީ 25 ވަނަ ދުވަހު. އަޅުގަނޑުމެންނަކީ ސީޒަންތަކަށް މުދާ ގެންނަ ބައެއް. ސުކޫލް ސީޒަން ދިޔުމުން އެމުދާތަކެއް ނުއެއް ވިއްކޭނެ. މުޅި ޝިޕްމަންޓް މި ޖެހެނީ ގުދަން ކޮށްފައި މިއަންނަ އަހަރު ސުކޫލް ސީޒަން އަންނަންދެން ބަހައްޓަން،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ސްކޫލް ސީޒަން ނިމުން ދެން އަންނާނީ ރޯދަ ސީޒަން ކަމަށާއި އެ ސީޒަންގެ ޕޭމަންޓް ޑިޕެންޑްވެފައި ހުންނާނީ ވެސް މިސީޒަންގެ ލިބޭ ފައިދާއަށް ކަމަށެވެ. ނަމަވެސް ބޯޓު ޝެޑިއުލްކޮށްފައިވާ ތާރިހަށް ނައިސް މުދާ ނުބާލައި ދިޔުމުން ވަރަށް ބޮޑު ގެއްލުމެއް ލިބިގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ވިޔަފާރިވެރިޔާ ވިދާޅުވި ގޮތުގައި ބޯޓު ފުރައިގެން ދިޔަ ސަބަބު ނޭނގޭތާ ބޯޓު ފުރައިގެން ދިޔަކަން ވެސް އެނގުނީ އެކި ދެތިން ދުވަސް ފަހުންނެވެ.

މުދާ ނުބޭލި ވިޔަފާރިވެރިންނަށް ލިބުނު ގެއްލުމުގެ ޒިންމާ ނަގާނީ ކޮން ފަރާތަކުންތޯ ޓީޓީއެސްއާ ސުވާލުކުރުމުން އެ ކުންފުނިން ބުނީ އެކަން އެފަރާތަށް ނޭނގޭ ކަމަށެވެ. އަދި ބަނދަރުގައި އޮންނަ ކޮންމެ ދުވަހަކަށް 25،000 ޑޮލަރު ޝިޕިން ކުންފުންޏަށް އެ މީހުން ދައްކަން ޖެހޭ ކަމަށް ޓީޓީއެސް އިން ބުންޏެވެ.

ޓީޓީއެސް އިން ބުނީ ސިޓީ އޮފް ޝަންހާއީގައި ހުރި މުދާ އެހެން ބޯޓަކަށް ބަދަލު ކުރުމަށް ފަހު މާލެ އައުމަށް މާދަމާ ފުރާނެ ކަމަށެވެ.

comment ކޮމެންޓް