ސުޝާންތުގެ "ޑްރައިވް" ޖޫން މަހަށް ތާވަލުކޮށްފި

ސުޝާންތު ސިންގް ރާޖްޕުތު އަދި ޖެކްލީން ފާނަންޑޭޒް

ސުޝާންތު ސިންގް ރާޖްޕުތު އަދި ޖެކްލީން ފާނަންޑޭޒް ލީޑު ރޯލުތަކުން ފެނިގެންދާނެ ފިލްމު 'ޑްރައިވް' އަންނަ ޖޫން މަހު 28ގައި ރިލީޒްކުރަން ތާވަލުކޮށްފި އެވެ.

އެ ފިލްމު ރިލީޒް ކުރަން ފުރަތަމަ ހަމަޖެއްސީ މިދިޔަ އަހަރުގެ މާޗު މަހު އެވެ. ނަމަވެސް އެ ތާރީޚުގައި ފިލްމު ރިލީޒް ނުކުރެވި، ސެޕްޓެމްބަރު 2018 އަށް އަނެއްކާ ވެސް ތާވަލު ކުރި އެވެ. އަދި އެ ތާރީޚުގައި ވެސް ފިލްމު ރިލީޒްކުރެވޭ ގޮތެއް ނުވި އެވެ.

ޚަބަރުތައް ބުނާގޮތުން ފިލްމު ރިލީޒް ކުރަން ފަސްކުރަން ޖެހުނީ ފިލްމުގެ ބައެއް މަންޒަރުތަކާ މެދު ޕްރޮޑިއުސަރުން ހިތްހަމަނުޖެހިގެން، އަލުން އެ މަންޒަރުތައް ނަގަން ޖެހުމުންނެވެ. އަދި މިހާރު މިވަނީ ފިލްމު ރިލީޒް ކުރާ ތާރީޚު ބަދަލުކޮށް، ރަސްމީކޮށް ހާމަކޮށްފަ އެވެ.

ފިލްމު ރިލީޒް ކުރާ ތާރީޚު ހާމަކޮށްފައި ވަނީ ފިލްމުގެ ޕްރޮޑިއުސަރު ކަރަން ޖޯހަރު ކުރި ޓުވީޓެއްގަ އެވެ. 'ޑްރައިވް' އަކީ ހަމަ އެނަމުގައި 2011 ވަނަ އަހަރު ރިލީޒް ކުރި ހޮލީވުޑް ފިލްމުގެ އޮފިޝަލް ރީމޭކް އެވެ.

comment ކޮމެންޓް