އިޓަލީގައި ހުންނަވާ އުތުރު ކޮރެއާގެ ސަފީރު "ގެއްލިއްޖެ"

އުތުުރު ކޮރެއާއިން އިޓަލީއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ގެއްލިއްޖެ ކަމަށް ދެކުނު ކޮރެއާއިން ބުނޭ -- ފޮޓޯ: އޭއެފްޕީ

ސޯލް (ޖެނުއަރީ 3): އުތުރު ކޮރެއާއިން އިޓަލީއަށް ކަނޑައަޅާފައި ހުންނަވާ ސަފީރަށް ވީނުވީ ގޮތެއް ނޭނގި ގެއްލިފައިވާ ކަމަށް ދެކުނު ކޮރެއާގެ މަޖިލިސް މެމްބަރަކު ވިދާޅުވެއްޖެއެވެ.

ސަފީރު ޖޯ ސޮންގް ގިލް ގެއްލިފައި ވަނީ އޭނާ ހުޅަނގުގެ ގައުމަކުން ހިމާޔަތް ހޯދަން އުޅުއްވާ ކަމަށް ދެކުނު ކޮރެއާގެ މީޑިއާއަކުން ބުނި ފަހުންނެވެ.

މެމްބަރު ކިމް ވިދާޅުވި ގޮތުގައި ޖޯ ގެއްލިފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ ފަހުކޮޅު އޭނާގެ މެންޑޭޓު ހަމަވާން ކައިރިވެފައި ވަނިކޮށެވެ. ރޯމްގައި ހުންނަ އުތުރު ކޮރެއާގެ އެމްބަސީން އޭނާ އާއި އަންހެނުން ފިއްލެވީ އެއްވެސް ނޯޓިސްއަކާ ނުލައި ކަމަށްވެސް ކިމް ވިދާޅުވިއެވެ.

ދެކުނު ކޮރެއާގެ މީޑިއާތަކުން ބުނާ ގޮތުގައި އިޓަލީން މިހާރު ވަނީ ޖޯ ހުންނަވާނެ "ރައްކާތެރި ތަނެއް" ހޯދަ ދީފައެވެ. އަދި މިހާރު އެގައުމުން ދަނީ ދެން އަމަލު ކުރާނެ ގޮތަކާ ބެހޭ ގޮތުން ވިސްނަމުންނެވެ.

އުމުރުން 48 އަހަރުގެ ޖޯ ވަގުތީ ސަފީރެއްގެ ގޮތުގައި އިޓަލީއަށް ވަޑައިގެންނެވީ އޮކްޓޯބަރު 2017އިގައި އިޓަލީން ކުރީގެ ސަފީރު އަނބުރާ ގައުމަށް ފޮނުވާލުމުންނެވެ. އެސަފީރު އަނބުރާ ފޮނުވާލީ އުތުރު ކޮރެއާއިން ނިއުކްލިއާ ޓެސްޓެއް ކުރުމާ ގުޅިގެން ނުރުހުން ފާޅު ކުރުމުގެ ގޮތުންނެވެ.

comment ކޮމެންޓް