ވިސާއާ ނުލައި ދިވެހިންނަށް ޔޫއޭއީއަށް ދެވޭނެ ގޮތް ހަމަޖައްސައިފި

ޔޫއޭއީ. --ފޮޓޯ: ރޮއިޓާސް

މާދަމާއިން ފެށިގެން ދިވެހީންނަށް ވިސާއާ ނުލައި ޔޫއޭއީއަށް ދަތުރުކުރެވޭ ގޮތަށް ހަމަޖައްސައިފިއެވެ.

ވިސާއާ ނުލައި ދިވެހިންނަށް ޔޫއޭއީއަށް ދަތުރު ކުރެވޭ ގޮތް ހަމަޖައްސަން އެއްބަސްވެފައި ވަނީ، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައެވެ.

މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދް ހަލީލް ވިދާޅުވީ، ޔޫއޭއީގެ ސަރުކާރުން ދިވެހިންނަށް ހިލޭ ވިސާ ފޯރުކޮށްދިނުމަށްޓަކައި ހަމަޖައްސަން ޖެހޭ ހުރިހާ އިންތިޒާމެއް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން އެއަރލައިނުތަކަށްވެސް އެކަން އަންގާފައިވާ ކަމަށް ހިލްމީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ހުރިހާ ކެޓަގަރީއެއްގެ މީހުންނަށް ވެސް އެއް މަސް ދުވަހުގެ ވިސާ ލިބިގެންދާނެ ކަމަށެވެ. އަދި ޔޫއޭއީއަށް ދާން ދިވެހިން ވިސާ ނަގަން ނުޖެހުމުގެ ސަބަބުން، އެކަމުގެ ފަސޭހަ ދިވެހިންނަށް ވަރަށް ބޮޑަށް ކުރާނޭ ކަމަށެވެ.

ހިލްމީ ވިދާޅުވި، އެހެން ގައުމުތަކަށްވެސް ވިސާއާ ނުލައި ދަތުރު ކުރެވޭނެ ގޮތް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި ނަމަވެސް މަސައްކަތް ކުރަމުން ދާނީ ފަހަރަކު ގައުމަކާ އެއްބަސްވެވޭތޯ ކަމަށެވެ.

ޔޫއޭއީއަށް ވިސާއާ ނުލައި ދެވޭ ގޮތް ހަމަޖައްސާފައިވާއިރު އަވަށްޓެރި އިންޑިއާއަށް ދަތުރު ކުރުމުގައި ވިސާގެ ބޮޑެތި ފަސޭހަތަކެއް ލިބޭނެ ގޮތަށް ދިވެހި ސަރުކާރާއި އިންޑިއާއާ އެކު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

comment ކޮމެންޓް