މޯދީގެ ބަޔޮޕިކް ކުޅޭނީ ވިވެކް!

ވިވެކް އޮބްރޯއީ އަދި މޯދީ --

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބަޔޮޕިކް ހަދަން ނިންމައި މޯދީގެ ކެރެކްޓަރު ކުޅުމަށް ބޮލީވުޑް އެކްޓަރު ވިވެކްއާނަންދު އޮބްރޯއީ (ވިވެކް އޮބްރޯއީ) ހަމަޖައްސައިފި އެވެ.

ކްރިޝް 3 (2013)، އޯމްކާރާ (2006)، ކޮމްޕެނީ (2002) އަދި ސާތިޔާ (2002) ފަދަ ފިލްމުތަކުން ފެނިގެން ގޮސްފައިވާ ވިވެކް ފިލްމީ ދާއިރާ އާއި ތަންކޮޅެއް ދުރުގައި އުޅޭތާ އަހަރުތަކެއް ވެއްޖެ އެވެ. ބޮޑު ސްކްރީނުން މަދުން ނަމަވެސް ފެނިލި ނަމަވެސް މި ފަހުން މާ ކާމިޔާބު މަސައްކަތްތަކެއް ކޮށްފައެއްނުވެ އެވެ.

އެހެންކަމުން މޯދީގެ ބަޔޮޕިކް އަކީ ވިވެކްގެ އުންމީދީ ފިލްމަކަށް ވެގެންދާނެ އެވެ. އަންނަ އަހަރު މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ އެ ފިލްމަށް އަދި ނަމެއް ދީފައެއް ނުވެ އެވެ.

ފާއިތުވި ދޮޅު އަހަރު ދުވަހު ފިލްމުގެ ޓީމުން މަސައްކަތް ކޮށްފައި ވަނީ ފިލްމުގެ ވާހަކަ އާއި ސްކްރިޕްޓް އަދި ސްކްރީންޕްލޭ ފައިނަލް ކުރުމަށެވެ. ފިލްމު އުފެއްދުމުގެ ހުރިހާ ހުއްދައެއް ހަމަޖެހިފައި ވަނީ މިދިޔަ ހަފުތާގެ ތެރޭގައި ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އޮމަންގް ކުމާރު ޑައިރެކްޓު ކުރާ އެ ފިލްމުގެ މަންޒަރުތައް ނެގުމަށް ހަމަޖެހިފައި ވަނީ އިންޑިއާގެ ގުޖުރާތު، ނިއު ދިއްލީ، ހިމާޗަލް ޕްރަދޭޝް އަދި އުއްތަރަކަންޑުގަ އެވެ.

comment ކޮމެންޓް