އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ކެނދިކުޅުދުއަށް

ސިޔާމް މައުރޫފް ސޮކަރ ކަޕް 2018ގެ ޗެމްޕިއަން ނ. ކެނދިކުޅުދޫން މުބާރާތުގެ ތަށި އުފުލައިލަނީ-- ފޮޓޯ: ކޭކޭއެފްސީ

ރާއްޖޭގައި މިހާތަނަށް ބާއްވަމުން އަންނަ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ "ސިޔާމް-މައުރޫފް ސޮކަރ ކަޕް"ގެ މިއަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ނ. ކެނދިކުޅުދޫ ފުޓްބޯޅަ ޓީމުން ހޯދައިފިއެވެ. މިއީ ކެނދިކުޅުދޫން މި މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.

އަމިއްލަ ދަނޑުގައި ނ. ހޮޅުދޫއާ ވާދަކޮށް ކެނދިކުޅުދޫން މުބާރާތުގެ ތަށި އުފުލައިލީ 2-0 ލަނޑުން ފައިނަލް މެޗުން މޮޅުވެގެންނެވެ.

ނޮވެމްބަރު 24 އިން ޑިސެމްބަރު 26ގެ ނިޔަލަށް ކުރިއަށް ގެންދިޔަ ފޯރިގަދަ ފުޓްބޯޅަ މުބާރާތުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ފައިނަލަށް ދަތުރުކުރި ކެނދިކުޅުދުއާއި ހޮޅުދޫ އިއްޔެ ކެނދިކުޅުދޫ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުގެ ފޯރިގަދަ ފުރަތަމަ ހާފް ނިމިގެން ދިޔައީ ދެޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ.

ފައިނަލް މެޗުގެ ފުރަތަމަ ލަނޑު، މެޗުގެ 75 ވަނަ މިނިޓްގައި ކެނދިކުޅުދުއަށް ކާމިޔާބުކޮށްދިނީ، މުޙައްމަދު އިޝާންއެވެ. އިޝާން އެ ލަނޑު ކާމިޔާބުކުރީ، ހޮޅުދޫ ޕެނަލްޓީ އޭރިޔާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން، ކެނދިކުޅުދޫ ޓީމުގެ އަލީ ބުޝްރީ ފޮނުވާލި ބޯޅަ ހޮޅުދޫ ކީޕަރު އަތުގައި ޖެހިފައި ގޯލް އޭރިޔާތެރެއަށް ވެއްޓުމުންނެވެ.

ނަމަވެސް މެޗު ނިމެން ކައިރިވެފައި ވަނިކޮށް، ކެނދިކުޅުދޫ ޓީމުގެ އަލީ ބުޝްރީއަށް ދެ ރީނދޫ ކާޑާއެކު ރަތްކާޑެއް ދެއްކުމުން އެޓީމުން މެޗު ނިންމާލަން ޖެހުނީ 10 ކުޅުންތެރީންނާއެކުއެވެ.

ކެނދިކުޅުދޫ ޓީމުން މެޗުގެ ލީޑު ފުޅާކުރީ 82 ވަނަ މިނިޓްގައެވެ. އެޓީމަށް ލަނޑު ޖަހައިދިނީ، ޒުވާން ފޯވާޑް ޙަސަން މިފްރާހުއެވެ.

ސިޔާމް މައުރޫފް ސޮކަރ ކަޕް 2018ގެ ޗެމްޕިއަން ނ. ކެނދިކުޅުދޫގެ ކުޅުންތެރީންނަށް މެޑަލް ހަވާލުކޮށްދެއްވަނީ-- ފޮޓޯ: ކޭކޭއެފްސީ

"ސިޔާމް-މައުރޫފް ސޮކަރ ކަޕް" ކާމިޔާބު ކަމާއެކު ފަސް ވަނަ ފަހަރަށް ބާއްވާފައި ވާއިރު، މިފަހަރު ހަމައެކަނި މުބާރާތުގެ އެކި ވަނަތަކަށް ހުށަހަޅާފައިވާ ފައިސާގެ އިނާމަށް ވެސް 740000 ރުފިޔާ ހުށަހަޅާފައިވެއެވެ. އެގޮތުން މުބާރާތުގެ ޗެމްޕިއަން ޓީމަށް ފައިސާގެ ގޮތުގައި 600،000 ރުފިޔާ ހުށަހަޅާފައިވެއެވެ. އަދި މުބާރާތުގެ ރަނަރަޕް ޓީމަށް، 100،000 ރުފިޔާ އަދި ފެއަރ ޕްލޭ ޓީމަށް 25،000 ރުފިޔާ އަދި އެންމެ ރަނގަޅަށް ސަޕޯޓުކުރާ ޓީމަށް 15،000 ރުފިޔާގެ އިނާމެއް ހުށަހަޅާފައިވެއެވެ.

ނ. އަތޮޅުގެ 11 ރަށަކުން ވާދަކުރި މި މުބާރާތުގެ މެޗު އޮފިޝަލުންގެ ގޮތުގައި މިފަހަރު ހަރަކާތްތެރިވެފައި ވަނީ، ލާއޯސްގެ ރެފްރީންނެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށާއި ރަނަރަޕް ޓީމަށް ޓްރޮފީއާއި މެޑަލް ހަވާލުކޮށްދެއްވީ، ސިޔާމް-މައުރޫފް ސޮކަރ ކަޕްގެ ދެ ބާނީން ކަމަށްވާ، ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދާއި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފެވެ.

ޝިޔާމް-މައުރޫފް ސޮކަރ ކަޕް 2018ގެ އެކިއެކި ވަނަތައް:

  • ޗެމްޕިއަން ޓީމު: ނ. ކެނދިކުޅުދޫ ފުޓްބޯޅަ ކްލަބް
  • ރަނަރަޕް ޓީމު: ނ. ހޮޅުދޫ ފުޓްބޯޅަ ކްލަބް
  • ފެއަރ ޕްލޭ ޓީމު: ނ. ހެނބަދޫ ފުޓްބޯޅަ ކްލަބް
  • ބެސްޓް ސަޕޯޓަރުން: ނ. މިލަދޫ
  • އެންމެ މޮޅު ގޯލްކީޕަރު – މުޙައްމަދު މައީޝް ކެނދިކުޅުދޫ ފުޓްބޯޅަ ޓީމް
  • އެންމެ މޮޅު ކޯޗް، ކެނދިކުޅޫދޫ ކޯޗް އަހްމަދު ނިޔާޒް
  • އެންމެގިނަ ގޯލް މުޙައްމަދު ފާރިޝް ހޮޅުދޫ (5 ގޯލް)

21 އަހަރުން ދަށުގެ އެންމެ މޮޅު ތިން ކުޅުންތެރީން

  • ރިޝްވާން އިބްރާހީމް ރަޝީދު ހޮޅުދޫ
  • ހަސަން ނާއިފް މަނަދޫ ފުޓްބޯޅަ ޓީމް
  • މުޙައްމަދު ވަހީދު ހެނބަދޫ ފުޓްބޯޅަ ޓީމް

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރީން

  • މުހައްމަދު ފާރިޝް ހޮޅުދޫ އެފްސީ
  • ހުސައިން އަބްދުﷲ ހެނބަދޫ އެފްސީ
  • މުހައްމަދު އައްޒާމް ކެނދިކުޅުދޫ އެފްސީގެ ކެޕްޓަން
  • އިބްރާހީމް ރަޝީދު ހޮޅުދޫ އެފްސީގެ ކެޕްޓަން
  • އަލީ ބުޝްރީ ކެނދިކުޅުދޫ އެފްސީ
comment ކޮމެންޓް