ޑިޕްރެޝަނާ ހަނގުރާމަ ކުރާ މީހުންނަށް ދީޕިކާގެ ސިޓީއެއް!

ބޮލީވުޑްގެ މަޝްހޫރު ބަޠަލާ ދީލިކާ ޕަދްކޯން-- ފޮޓޯ: ޓައިމް މެގަޒިން

ބޮލީވުޑްގެ ހުނަރުވެރި ބަތަލާ ދީޕިކާ ޕަދުކޯން ވެގެން ދިޔައީ ނަފްސާނީ ބައްޔެއްގެ ޝިކާރައަކަށްވެ، އެކަމަށް ފަރުވާ ހޯދަމުން އަންނަ ކަމަށް އެންމެ ފުރަތަމަ ހާމަކުރި އެއް އެކްޓަރުގެ ގޮތުގައެވެ.

މީގެ ހަތަރު އަހަރު ކުރިން ދީޕިކާއަށް ވަނީ ޑިޕްރެޝަން ޖެހި، އެންޒައިޓީއަށް ވެސް ފަރުވާ ހޯދަން ޖެހިފައެވެ. އަމިއްލަ ތަޖުރިބާ ހިއްސާކޮށް، އިންޓަވިއުތަކުގައި ވާހަކަދައްކަން ފެށުމުން ސަޕޯޓަރުންގެ ހިތްތަކުގައި ދީޕިކާއަށް އޮތް ލޯތްބާއި އިހުތިރާމު އިތުރުވިއެވެ. އަދި ނަފްސާނީ ބަލިތަކުން އަރައިގަތުމަށް މަސައްކަތް ކުރަމުން އަންނަ ގިނަ ބަޔަކަށް ހިތްވަރުދޭ މީހަކަށް ދީޕިކާ ވެގެންދިޔައެވެ.

އެއަށްފަހު ދީޕިކާ އަންނަނީ ނަފްސާނީ ބަލިތަކަށް މީހުން ހޭލުންތެރި ކުރުވުމުގެ މަސައްކަތް ފަށައިފައެވެ. އެގޮތުން ދީޕިކާ ވަނީ މީހުން ހޭލުންތެރި ކުރުވުމަށާއި، ނަފްސާނީ ބަލިތަކުގެ ޝިކާރައަކަށް ވެފައިވާ މީހުންނަށް އެހީވުމަށް "ލިވް، ލަވް، ލާފް" ކިޔާ ފައުންޑޭޝަނެއް ވެސް އުފައްދައިފައެވެ.

އެ ފައުންޑޭޝަން މެދުވެރިކޮށް މީހުންނަށް އެހީތެރިވުމުގެ މަސައްކަތް ދީޕިކާ ކުރަމުން އަންނަ އިރު، އޭނާ މިވަނީ ޑިޕްރެޝަންގެ އިތުރުން އެހެނިހެން ނަގްސާނީ ބަލިތަކާ ހަނގުރާމަ ކުރަމުން އަންނަ އެންމެނަށް ސިޓީއެއް ލިޔެފައެވެ.

ދީޕިކާ ސިޓީ ލިޔެފައި ވަނީ ކައިވެނީގެ ކުރިންނެވެ. އަދި އެލް އިންޑިއާ މެގަޒިންގެ 22 އަދަދުގައި އެ ސިޓީ ވަނީ ޝާއިއު ކޮށްފައެވެ. ސިޓީގައި ދީޕިކާ ބުނެފައި ވަނީ 2014 ވަނަ އަހަރު އޭނާގެ ޑިޕްރެޝަން ހުރިކަން އެނގުނު ހިސާބުން ބައްޔާއި ގުޅޭ ފޮތްތަކާއި ލިޔުންތައް ކިޔަން ފެށި ކަމަށެވެ. އަދި ކިޔަމުން ދިޔަ ވަރަކަށް، އޭނާ ފަދައިން އެތައް ބަޔަކު، ބަލީގެ ވާހަކަ އިތުރު މީހެއް ގާތު ނުބުނެ، ބަލީގެ ވޭން ތަހައްމަލު ކުރަމުން އަންނަ ކަން އެނގުނު ކަމަށެވެ.

އަމިއްލަ މީހާގެ ޑިޕްރެޝަންގެ ވާހަކަ އެހާ ފާޅުކަން ބޮޑު ގޮތެއްގައި ދައްކަން އުންދަގޫވި ނަމަވެސް، އެ ވާހަކަތައް ހިއްސާކުރީ ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދަން މީހުންނަށް ހިތްވަރު ދިނުމަށް ކަމަށެވެ.

ސިޓީ ނިންމާލަމުން ދީޕިކާ ވަނީ ޑިޕްރެޝަންގެ ކަޅު އަނދިރިކަމުގައި ދިރިއުޅެމުން އަންނަ އެންމެނަށް މެސެޖެއް ދީފައެވެ.

ދީޕިކާ ބުނީ އެހީތެރިވާނެ ފަރާތްތައް އެބަތިބި ކަމަށާއި، އެއްވެސް މީހަކު އެކަނި ނުވާނެ ކަމަށެވެ. އަދި ކޮންމެވެސް ދުވަހަކުން އުޖާލާ ވެގެންދާނެ ކަމަށެވެ.

comment ކޮމެންޓް