ޗުއްޓީ ދުވަސްވަރަކީ ހަމައެކަނި އުފަލާ މަޖަލުގެ ދުވަސްތަކަކަށް ނަހަދާ: ހުތުބާ

ޗުއްޓީއާ ދިމާކޮށް ގިނަ ބަޔަކު ރަށްރަށަށް ފުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޗުއްޓީ ދުވަސްތަކަކީ ހަމައެކަނި އުފާލާ މަޖަލުގެ ދުވަސްތަކެއްކަމަށް ނަހަދައި، ފައިދާހުރި ރަގަޅު ކަންތައް ކުރާ ދުވަސްތަކެއް ކަމުގައި ހެދުމަށް ހުކުރު ހުތުބާގައި ގޮވާލާއިފިއެވެ.

މިއަދު ރާއްޖޭގެ މިސްކިތްތަކުން އިއްވާފައިވާ ހުކުރު ހުތުބާ ބިނާކޮށްފައިވަނީ، ޗުއްޓީ ދުވަސްތައް ހެޔޮގޮތުގައި ހިފުމާ ބެހޭ ގޮތުންނެވެ.

ހުތުބާގައި ބުނީ ޗުއްޓީ ދުވަސްތަކަކީ ހަމައެކަނި އުފާލާ މަޖަލުގެ ދުވަސްތަކެއްކަމަށް ނަހަދާ، ލިބޭ ޗުއްޓީއަކީ ފައިދާހުރި ރަނގަޅު ކަންތައް ކުރުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމުގައި ދެކުމަށެވެ.

އަދި ލިބޭ ހުސްވަގުތަކީ އިންސާނާ ކަނެތް ކުރާ ކަމެއް ކަމަށާއި ލިބޭ ހުސްވަގުތުތައް އެންމެ ފައިދާހުރި ކަންކަމުގައި ހޭދަކުރުމަށް ހުތުބާގައި ވަނީ ބާރު އަޅާފައެވެ.

މިއީ ސްކޫލްތަކުގެ ދިރާސީ އަހަރު ނިމި ސްކޫލުގެ ކިޔެވުން ބަންދު ދުވަސް ކޮޅެއްކަން ފާހަގަކޮށް ހުތުބާގައި ބުނީ، މި ދުވަސްވަރުގައި ވަގުތު ބޭކާރުކޮށް ނުލާ ފާއިދާހުރި އުފެއްދުންތެރި ކަންތައްތަކުގައި ޝާމިލުވުމަށް ޒުވާނުންނަށް ވަސިއްޔަތްކުރާކަމަށެވެ.

"ޝައިތާނާގެ ގޮވާލުންތަކުގެ ތެރޭގައި ހިމެނޭ ހަވާ ނަފްސުގެ ނުބައި އެދުންތަކަށް ހެއްލިގެން ބޭކާރު ކަންތައްތަކާއި ބޭކާރު ވާހަކަ ދެއްކުމުގައި ވަގުތު ނަގާލުމުގެ ބަދަލުގައި، އިސްލާމްދީން ހުއްދަކުރާ އަދި ދުނިޔަވީ ގޮތުން ފައިދާ ކުރަނިވި ކޮންމެސް ހުނަރެއް ކުރިއެރުވުމަށް ނުވަތަ އެފަދަ މަސައްކަތެއް ކުރުމަށް،" ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.

މައިބައިފައިންވެސް ކުދީންގެ މަދަރުސީ ޗުއްޓީގައި ވެސް ދަރީން ތަރުބިއްޔަތު ކުރުމުގައި އިތުރަށް ސަމާލުކަންދީ، ޗުއްޓީ ހެޔޮގޮތުގައި ހޭދުކުރުުގެ ގޮތުން ތަފާތު ހެޔޮ އަމަލު އެކުދީން ލައްވާ ކުރަމަށް ބާރު އެޅުމަށް ހުތުބާގައި ވަނީ ގޮވާލާފައެވެ.

"ފަސްވަގުތުގެ ނަމާދަށް އެކުދީން ސަމާލު ކުރުވައި، އެކަމުގެ މައްޗަށް ހާނުވާ. ޗުއްޓީގެ އުފާ ހާސިލުކުރުމުގެ އިތުރުން މިދުވަސްވަރުވެސް ކީރިތި ގުރުއާން ކިޔެވުމާއި ރިވެތި އަހްލާގުގެ މަތީގައި ދަރިން ތަރުބިއްޔަތު ކުރަންވާނެ،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނީ މަދަރުސާތައް ބަންދުވި ނަމަވެސް ކުދީންނަށް ޗުއްޓީ ހޭދަކުރުމުގައި ކަންކަން ކުރަންވާ ރިވެތި ގޮތް ބުނެދީ، ކުދީން ހަޔާތުގެ މައިދާނަށް ނުކުންނަން އިރު އެ މާއިދާނުގައި ހުރި ކަންކަމަށް އެކުދީން ހޭނުވުމަށް މި ފަދަ ޗުއްޓީތަކުގެ ބޭނުން ހިފަންވާނެ ކަމަށެވެ.

"ކުދީން އުޅެނީ ކޮންކަހަލަ އެކުވެރިންނާ އެކުގައިކަން ތިޔަ ބެލެވެރިން ބަލާންވާނެ. އެކުދީންނަށް ދުނިޔެވީ ގޮތުން ދޭންޖެހޭ ތަމްރީންތަކަށް ސަމާލުކަން ދީ، އެފަދަ ކަންކަން ދަސްކޮށްދީ އޮޅުންފިލުވަން ވާނެ. ހަޔާތުގެ މައިދާނަށް ނުކުންނަން ވާއިރަށް އެ މާއިދާނުގައި ހުރި ކަންކަމަށް އެކުދީން ހޭނުވުމަށް މި ފަދަ ޗުއްޓީތަކުގެ ބޭނުން ހިފަންވާނެ. ދުނިޔޭގެ ވަގުތު ހެޔޮގޮތުގައި ހޭދަކުރުމަށް ދަސްކޮށްދީ، މަސައްކަތްތެރި، މުރާލި ބަޔަކަށް އެކުދިން ހަދަންވާނެ،" ހުތުބާގައި ބުންޏެވެ.

comment ކޮމެންޓް