ފަރަންސޭސި ރައްޔިތުން އިންސާފާއި އިޖްތިމާއީ އަދާލަތު ހޯދުމަށް ގުރްބާންވަނީ

ފަރަންސޭސިވިލާތުގައި ކުރަމުން ގެންދާ މުޒާހަރާތައް ހުއްޓާލައި ބުއްދި އިސްކުރުމަށް އެގައުމުގެ ރައީސް އެންމަނުއެލް މެކްރޯން ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައި ވަނިކޮށް އިއްޔެވެސް އެގައުމުގެ އެތައް ހާސް ބަޔަކު ސަރުކާރާ ދެކޮޅަށް ވަނީ މުޒާހަރާތައް ކުރިޔަށް ގެންގޮސްފައެވެ.

ޕެރިހުގެ އިތުރުން ފަރަންސޭސިވިލާތުގެ ދެކުނުގެ ރަށެއް ކަމަށްވާ ބޯޑޯ ،މާސެލީ، ލިޔޯން އަދި ތޮލޯޒް ފަދަ ސިޓީތަކުގައި މުޒާހަރާތައް ކުރިޔަށް ގެންދިޔައެވެ. ނަމަވެސް "ޔެލޯވެސްޓް" ހަރަކާތުން އިސް ނަގައިގެން އިއްޔެ ކުރިޔަށްގެންދިޔަ މުޒާހަރާތަކުގައި ބައިވެރިވި މީހުންގެ އަދަދު ވަރަށް ބޮޑުތަން މަދުވެ މީގެކުރީގެ މުޒާހަރާތަކަށްވުރެ އިއްޔެގެ މުޒާހަރާތަކުގެ ސައިޒްވެސް މާބޮޑަށް ކުޑަކަން މުރާސިލުންވަނީ ފާހަގަކޮށްފައެވެ.

"ޔެލޯވެސްޓް" ހަރަކާތުގެ އެކްޓިވިސްޓުން މުޒާހަރާތައް އަނެއްކާވެސް ވަރުގަދަކުރުމުގެ މަސައްކަތް ފަށާފައި މިވަނީ ރައްޔިތުން ބޭނުންވާ މިންވަރަށް އިޖްތިމާއީ އަދާލަތާއި އިންސާފު އަދިވެސް ނުލިބޭކަމަށް ބުނެ މުޒާހަރާތައް ހުއްޓާލުމުގެ ވަގުތު އަދި ނާންނަކަން އެޖަމާއަތުން ހާމަކުރަމުން ގެންދާ ދަނޑިވަޅެއްގައެވެ. "ޔެލޯވެސްޓް" ހަރަކާތުގެ މުޒާހަރާތަކަށް މަސްދުވަސްވެފައި ވާއިރު މުޒާހަރާތަކަށް އިޖާބަދިނުމުގެ ގޮތުން ރައީސް މެކްރޯން ވަނީ ބޮޑެތި ދޫތަކެއް ދެއްވާފައެވެ.

މީގެތެރޭގައި ތެލުގެ ޓެކްސް ކަނޑާލުމާއި ފަރަންސޭސި ރައްޔިތުންނަށް ކުރިމަތިވެފައިވާ އަތްމަތި ދަތިވުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި މަހުން މަހަށް ލިބޭ އާމްދަނީ އިތުރުކުރުމުގެ ގޮތުން ގިނަ ކަންތައްތަކެއް ނިންމެވުން ހިމެނެއެވެ.

މީގެއިތުރުން އެންމެ ކުޑަ އުޖޫރަ ލިބޭ މީހުންގެ މުސާރައަށްވެސް މަހަކު ސަތޭކަ ޔޫރޯ އިތުރުކުރުމާއި ވަޒީފާ ނެތް އެތައް ސަތޭކަ ހާސް ބަޔަކަށް ވަޒީފާ ލިބޭނެ މަގުތަނަވަސްކޮށްދިނުމާއި އެނޫންވެސް އެތައް ކަމެއްވެސް މެކްރޯން ދެއްވި ދޫތަކުގެ ތެރޭގައި ހިމެނެއެވެ.

"ޔެލޯވެސްޓް" ހަރަކާތުން މުޒާހަރާތަކަށް ރައްޔިތުން ނެރެނީ ފޭސްބުކްއާއި ޓުވިޓާ ފަދަ ސޯޝަލް މީޑިޔާގެ ވަސީލަތްތައް ބޭނުންކޮށްގެންނެވެ. މިކަމަށްޓަކައި "ޔެލޯވެސްޓް" އެކްޓިވިސްޓުންގެ އެތައް ހާސްބަޔަކު ސޯޝަލް މީޑިއާގައި ކެނޑިނޭޅި ހަރަކާތްތެރިވަމުން ގެންދެއެވެ. މުޒާހަރާތަކަށް ގޮވާލާ އެކްޓިވިސްޓުން ބުނަނީ ފަރަންސޭސި ރައްޔިތުންނަށް ހައްގުވާ މިންވަރު އަދިވެސް ނުލިބޭކަމަށާ ގައުމުގެ މުއްސަނދިކަމުގެ ފައިދާ ނަގަމުންދަނީ ބޮޑެތި ކުންފުނިތަކާއި ވިޔަފާރީވެރިންނާ އަދި ސިޔާސީ ޕާޓީތަކާ ގުޅިފައިވާ މަދު ބައެއްކަމުގައެވެ.

އަދި މުޒާހަރާތައް ހުއްޓުވުމުގައި ނާކާމިޔާބުވުމާ ގުޅިގެން މެކްރޯންގެ ސަރުކާރު ބަލިކަށިވެ ރައްޔިތުންގެ އަޑުއަހަން ފަށާފައި ކަމަށާއި މިހާލަތުގައި ހުރިހާ ރައްޔިތުންނަށް އިޖްތިމާއީ އަދާލަތު ފުރިހަމައަށް ލިބި ގައުމުގެ މުއްސަނދިކަން ބެހުމުގައި އިންސާފު ލިބެންދެން މުޒާހަރާތައް ކުރިޔަށް ގެންދަން ޖެހޭކަމަށްވެސް އެކްޓިވިސްޓުން ބުނެއެވެ. އަދި މުޒާހަރާތަކުގެ އަޑު އައްސަވައިގެން މެކްރޯން އެޅުއްވި އިސްލާޙީ ފިޔަވަޅުތަކަކީ މުޒާހަރާތައް ހުއްޓުވުމުގެ އުކުޅެއްގެ ގޮތުގައި ރައްޔިތުންގެ ލޮލުގައި "އަނދުން އަޅުވަން" އެޅުއްވި ފިޔަވަޅުތަކެއް ކަމަށްވެސް "ޔެލޯވެސްޓް" އެކްޓިވިސްޓުން ބުނެއެވެ.

ނަމަވެސް މީގެކުރީގެ މުޒާހަރާތަކަށްވުރެ އިއްޔެގެ މުޒާހަރާތަކުގެ ސައިޒް ކުޑަވެފައި ބައިވެރިވި މީހުންގެ އަދަދު މަދުކަމުން "ޔެލޯވެސްޓް" ހަރަކާތަށް ދިގުމުއްދަތަކަށް މުޒާހަރާތައް ގެންދެވިދާނެ ކަމާމެދުވަނީ ސުވާލު އުފެދިފައެވެ.

comment ކޮމެންޓް