މުޖުތަމައެއް ކުރިއަރައިދާނީ ތެދުވެރިވެ އަމާނާތްތެރިވުމުން: ޙުތުބާ

އިސްލާމީ މަރުކަޒު: މުޖުތަމައެއްގެ ހަމަޖެހުމާއި ތަރައްގީއާއި ކުރުއެރުމުގެ އެންމެ މުހިއްމު އެއް އަސާސަކީ ތެދުވެރިކަމާއި އަމާނާތްތެރިކަން ކަމަށް މިއަދުގެ ހުކުރު ޙުތުބާގައި ވަނީ ބުނެފައި -- ސަން ފައިލް ފޮޓޯ

މުޖުތަމައެއްގެ ހަމަޖެހުމާއި ތަރައްގީއާއި ކުރުއެރުމުގެ އެންމެ މުހިއްމު އެއް އަސާސަކީ ތެދުވެރިކަމާއި އަމާނާތްތެރިކަން ކަމަށް މިއަދުގެ ހުކުރު ޙުތުބާގައި ބުނެފިއެވެ.

ތެދުވެރިކަމާއި އަމާނާތްތެރިކަމުގެ މުހިންމު ކަމުގެ މައްޗަށް ބިނާކޮށްފައިވާ ހުކުރު ހުތުބާގައި ވަނީ މާތްﷲ އިންސާނުން ކިބައިން އެދިވޮޑިގެންވަނީ ހުރިހާ ހާލަތެއްގައިވެސް ތެދުވެރިވެ އަމާނާތްތެރިވުމަށް ކަމަށާއި އެކަމަކީ އިންސާނާ ގެއްލުމާއި ހަލާކުންވެސް ސަލާމާތްކޮށްދޭ ކަމެއް ކަމަށެވެ.

"މުސްލިމް އަޚުންނޭވެ! މުޖުތަމައެއްގެ ހަމަޖެހުމާއި ތަރައްގީއާއި ކުރިއެރުމުގެ އެންމެ މުހިންމު އެއް އަސާސަކީ ތެދުވެރިކަމާއި އަމާނާތްތެރިކަމެވެ،" ހުތުބާގައި ވެއެވެ.

ތެދުވެރިވުމަކީ، ހަގީގަތާ އެއްގޮތަށް އިންސާނާގެ ބަހާއި އަމަލު އެއްގޮތް ކުރުމެވެ. އަދި އަމާނާތްތެރިވުމަކީ ތިމާއާ ހަވާލުކުރެވޭ ކަމެއް އުނި އިތުރުކަމެއް ނެތި ފުރިހަމައަށް އެކަމެއް އަދާކުރުން ކަމަށްވެސް ހުތުބާގައި ވެއެވެ.

"ބަސް ބުނުމުގައި އިންސާނަ ތެދުވެރިވުމަކީ އޭނާގެ މަސައްކަތުގައިވެސް އޭނާ ތެދުވެރިވުމަށް މަގުފަހިވާ ކަމެއް. އަދި އެންމެހާ ކަންތައްތައް ރަނގަޅުވެގެން ދިއުމަށް ވެސް ބާރުލިބޭ ކަމެއް.، ހުތުބާގައި ބުނެފައިވެއެވެ.

ތެދުވެރިވުމަކީ ކިހާ ބޮޑު ނިއުމަތެއްކަން ހަނދާންކޮށްދެމުން ހުތުބާގައި ވަނީ ތެދު ބުނުމުން އިންސާނާގެ އަމަލުތައް އިސްލާހުކޮށްދެއްވައި އޭނާއަށް ކުރެވިފައިވާ ފާފަތައް ފުއްސަވައިދެއްވުމަށް ﷲ ސުބުހާނަހޫ ވަތައާލާ ވައުދުވެވޮޑިގެންފައި ވާކަމަށެވެ.

ތެދުބުނެފިނަމަ ތިމާއަށް ބައެއް ފަހަރު ގެއްލުން ލިބިދާނެކަމަށް އިންސާނުންނަށް ބައެއްފަހަރު ހީވެފައި އޮވެއެވެ. ނަމަވެސް އިސްލާމްދީން ބާރުއަޅާ ގޮތުގައި އެފަދަ ގޮތަކަށް ހީކުރެވުނު ނަމަވެސް ކާމިޔާބު ލިބުންވަނީ ތެދުބުނުމުގައި ކަމަށް ހުތުބާގައި ބުނެއެވެ.

"ތެދުވެރިކަމާއި އަމާނާތްތެރިކަމަކީ މީހާގެ އީމާންތެރިކަން ގަދަފަދަކަމުގެ އަލާމާތެއް. ނަތީޖާއެއްގެ ގޮތުން މޫސްތަކުންގެ މެދުގައި މަގުބޫލުކަން ލިބިގެންދޭ. ތެދުވެރި އަމާނާތްތެރި މީހާ މީސްތަކުންނަށް މަކަރެއް ނުހަދާނެ. އަދި ހިޔާނާތްތެރިއެއްވެސް ނުވާނެ،" ހުތުބާގައި ބުންޏެވެ.

ވާހަކަދެއްކުމާއި ކުރާ މަސައްކަތުގައި ތެދުވެރިވެ އަމާނާތްތެރިވުމަށް، ހުތުބާގައި ވަނީ ވަސިއްޔަތްކޮށް ނަސޭހަތްތެރިވެފައެވެ.

comment ކޮމެންޓް