އަމީރު އަހްމަދު މަގު ހުޅުވާ އިރު ޓްރެފިކް ފްލޯއަށް ބައެއް ބަދަލުތައް ގެންނަނީ

އަމީރު އަހްމަދު ގައި ހުރި މާބްލް ތާޅާލާ، އެ މަގު ހުޅުވުމުގެ މަސައްކަތް ކުރިއަށް ދަނީ: މަގު ހުލުވާ އިރު އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމަށް ވަނީ ހަމަޖެހިފައި -- ސަން ފޮޓޯ/އަހްމަދު އަވްޝަން އިލްޔާސް

އިސްލާމީ މަރުކަޒާއި ޖުމްހޫރީ މާދާނު މެދުގައި އޮންނަ އަމީރު އަހްމަދު މަގުގެ މަރާމާތު ކުރުމަށް ފަހު ހުޅުވާއިރު އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެންނަން ޓްރާންސްޕޯޓް މިނިސްޓްރީ އިން ނިންމައިފިއެވެ.

އިސްލާމީ މަރުކަޒުގެ އުތުރަށް އޮންނަ އަމީރު އަހްމަދު މަގުގައި އަޅާފައިވާ މާބްލްތައް ތަޅާލުމަށް ފަހު މި ސަރުކާރުން ވަނީ އެ މަގުން ދުއްވޭގޮތަށް ހެދުމަށް ނިންމާފައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން އިއްޔެ ނިންމާފައިވަނީ އެ މަގު ހުޅުވުމަށްފަހު، ޗާންދަނީމަގުގައި ދެކޮޅަށް ދުއްވާ ބައި ބަންދުކޮށް، ލިލީމަގު އެއްކޮޅަށް ދުއްވާ ގޮތަށް ހަމަޖައްސައި އެ ދެ މަގުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމަށެވެ.

އެ މިނިސްޓްރީގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޓްރާންސްޕޯޓް އޮތޯރިޓީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް މުހައްމަދު ރަފީއު ވިދާޅުވީ، އަމީރު އަހުމަދުމަގު ހުޅުވައި ޓްރެފިކަށް ބޮޑެތި ބަދަލުތަކެއް ގެންނަން ތައްޔާރުވަމުން އަންނަ ކަމަށާއި އެގޮތުން ކުރިންވެސް އޮތް ގޮތަށް، ހުޅަނގުން އިރަށް އެ މަގުން ދުއްވޭނެ ގޮތަށް ހެދުމަށް ނިންމާފައިވާ ކަމަށެވެ.

ސީއެޗްއެސްއީ ހުންނަ، ލިލީމަގަކީ މިހާރު ދެކޮޅަށް ދުއްވޭ މަގެކެވެ. އަދި ލިލީމަގާއި ޗާންދަނީމަގު ގުޅޭ ހިސާބާއި، ލިލީމަގާއި ފަރީދީމަގު ގުޅޭ ހިސާބާ ދެމެދު އޮންނަ ސަރަހައްދަކީވެސް ދެކޮޅަށް ދުއްވޭ ހިސާބެކެވެ.

އެ މަގުތަކަށް ބަދަލު ގެނައުމާއެކު ދެން ދަތުރުކުރެވޭނީ ޗާންދަނީމަގުން ދެކުނަށް ދާއިރު ލިލީމަގަށް ވަދެވޭ ގޮތަށެވެ.

ލިލީ މަގާއި ޗާންދަނީ މަގު ގުޅޭ ސަރަހައްދު: މި މަގަކީ މިހާރު ދެކޮޅަށް ދުއްވޭ މަގެއް، ޓްރާސްޕޯޓް މިނިސްޓްރީ އިން ވަނީ މި ދެ މަގު ހިމެނޭ ގޮތަށް ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމަށް ނިންމާފަ -- ސަން ފޮޓޯ/އަހްމަދު އަވްޝަން އިލްޔާސް

އޭގެ އިތުރުން ބަދަލު ގެންނަނީ މެދުޒިޔާރަތްމަގުން އައިސް ވަދެވޭގޮތަށް މިހާރު އޮންނަ، ޝަހީދު ކުޑަ އާދަމްގެ ކުޑަ ތުއްތު ހިނގުމަށެވެ. ބަދަލު ގެންނަނީ ސީއެޗްއެސްއީ ހުންނަ ލިލީމަގުން އައިސް ޝަހީދު ކުޑަ އާދަމްގެ ކުޑަ ތުއްތު ހިނގުމުން މެދުޒިޔާރަތް މަގަށް ނިކުމެވޭ ގޮތަށެވެ.

ރަފީއު ވިދާޅުވީ، ޓްރެފިކް ފުލޯއަށް ބަދަލުގެނައި ނަމަވެސް ބަދަލުގެންނަން ޕްލޭންކޮށްފައި ވަނީ އާންމުންނަށް އުދަގޫ ނުވާނެ އެންމެ ކުރީގައިވެސް އޮތް ގޮތައް ކަމަށެވެ. އަދި އެއީ ގިނަ އަދަދެއްގެ ސްކޫލުތައް ހުންނަ ސަރައްދެއްކަމުން ސުކޫލް ކުދިންނާ ރައްކާތެރިކަމާއި ސަލާމަތާއި ރައްކާތެރިކަން ވިސްނަން ޖެހޭ ކަމަށެވެ.

އަމީރު އަހްމަދު މަގު ހުޅުވާ އިރު އެ ސަރަހައްދުގެ ޓްރެފިކް ފުލޯއަށް ގެންނަ ބަދަލުތައް ރަތް ކުލައިން ފާހަގަ ކުރެވިފަ --

ރަފީއު އިތުރަށް ވިދާޅުވީ، އަމީރު އަހްމަދުމަގު ހުޅުވާލާއިރު ޖުހޫރީ މާއިދާނާވީ ފަޅިން 106 ސައިކަލު ޕާކުކުރެވޭނެ ގޮތަށް ޕްލޭން ކުރެވިފައިވާ ކަމަށެވެ. މީގެ އިތުރުން އަދިވެސް މާލޭގެ އެކިއެކި ހުސް ތަންތަނުގައި ވެސް ޕާކިން ޒޯންތައް ހެދިގެން ދާނެކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މަގު ހަދާ ނިމޭއިރު ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށްވެސް އެރޭ ގޮތަށް ޕޭވްމަންޓްތަށް ވެސް ހާދާގޮތަށް ވެސް ޕްލޭންކޮށްފައިވާ ކަމަށެވެ.

comment ކޮމެންޓް