ސިލްސިލާކޮށް ބާއްވާ ހަފްތާ މާކެޓްގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

މީގެ ކުރިން މާލޭގައި ބޭއްވި ނައިޓު މާކެޓެއްގެ ތެރެއިން ----- ސަން ފޮޓޯ: މުހައްމަދު އަފްރާހް

ސިލްސިލާ ގޮތެއްގައި ކޮންމެ ހަފްތާ ބަންދެއްގައި މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއިން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ "ހަފްތާ ރެސް" މާކެޓް އަދި ޓެލެންޓް ޝޯގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.

"ހަފްތާ ނިންމުމުގެ ގޮތުން ވީކްއެންޑް މާކެޓްއާއި މުނިފޫހިފިލުވުމުގެ ޕްރޮގްރާމް" އަކީ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހަށް ކަނޑައަޅުއަވާފައިވާ ވައުދުތައް ފުރިހަމަ ކުރުމަށްޓަކައި ފުރަތަމަ 30 ދުވަހުގެ ތެރޭގައި ހިމެނޭ 49 ވައުދުގެ ތެރޭގައި ހިމެނޭ ވައުދެކެވެ.

އިއްޔެ ޔޫތު މިނިސްޓްރީން ވަނީ "ހަފްތާ ރެސް"ގެ މާކެޓް އަދި "ހަފްތާ ރެސް"ގެ މިއުޒިކް އެންޑް ޓެލެންޓް ޝޯވގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައެވެ.

ހަފްތާ ރެސްގެ ގަވައިދުގައިވާ ގޮތުން، ޓެލެކްޓް ޝޯގައި އިސްކަން ދޭނީ އުމުރުން 16 އަހަރާއި 30 އަހަރާ ދެމެދުގެ މީހުންނަށެވެ. އަދި އަބަދުވެސް އަލަށް ހުށަހަޅާ ފަރާތްތަކަށް އިސްކަންދޭނެ ކަމަށާއި ބޭނުންކުރަންޖެހޭނީ އަމިއްލަ އިންސްޓްރުމެންޓުގައި ކަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުރުން ހަފްތާ ރެސް މާކެޓުގެ ސްޓޯލްތަކުގެ 15 ޕަސަންޓު އަންހެނުންނަށް، 10 ޕަސަންޓު ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް، 15 ޕަސަންޓު ދިވެހި އުފެއްދުންތަކަށް އަދި 30 ޕަސަންޓު ޒުވާނުންނަށް ހާއްސަކޮށްފައިވާ ކަމަށް ގަވައިދުގައި ބުނެފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާ މަގާމެއް ނުވަތަ އިންތިހާބީ އެއްވެސް މަގާމެއްގައި ހުންނަ މީހަކަށް މާކެޓުގައި ބައިވެރިނުވެވޭނެކަމަށް ގަވައިދުގައި ވެއެވެ.

ހަފްތާ ރެސްގެ މާކެޓާއި ޓެލެންޓް ޝޯގައި ބައިވެރިވާން އެދޭ ފަރާތްތަކަށް ޔޫތު މިނިސްޓްރީންނާއި އެ މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެއެވެ. އަދި މާފަންނު ޒުވާނުންގެ މަރުކަޒުގައި ފޯމު ދޫކުރުމާއި ބަލައިގަތުން ކުރިއަށް ދާނެއެވެ.

comment ކޮމެންޓް