ވިޔަފާރި ބަނދަރަށް ދިމާވެފައިވާ މައްސަލަ ހައްލު އެބަަ ކުރަން: އެމްޕީއެލް

އެމްޕީއެލްގެ ބައެއް ވެހިކަލްތައް -- ފޮޓޯ/ އެމްޕީއެލް

މާލޭ ވިޔަފާރި ބަނދަރުގެ ހިދުުމަތް ރަނގަޅު ކުރުމަށް މިދިޔަ އަހަރުގެ ކުރީކޮޅު އެމްޕީއެލް އިން ވަނީ ޗައިނާއިން ވެހިކަލްތަކެއް ގެނެސްފަ އެވެ. އެހެން ނަމަވެސް، އޭގެ ތެރެއިން ބައެއް ވެހިކަލްތައް ހަލާކުވި އިރު، އޭގެ ސްޕެއާ ޕާޓްސް ހޯދަން ވަނީ ދަތިވެފަ އެވެ. އެމްޕީއެލްގެ ބައެއް ވެހިކަލްތައް ހަލާކުވުމުގެ ސަބަބުން، މުދާ ކްލިއާ ނުކުރެވި ގިނަ ދުވަސްތަކެއް ނަގާތީ، ވިޔަފާރިތަކަށް ގެއްލުންވަމުންދާ ކަމުގެ ޝަކުވާ ވިޔަފާރިވެރިން މިހާރު ދަނީ ކުރަމުންނެވެ.

ވިޔަފާރިވެރިންގެ ކަންބޮޑުވުން

ރާއްޖެއަށް މުދާ އެތެރެކުރާ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ލިލީ ޝިޕިންގެ ޗެއާމަން އަހުމަދު ނާސިރު (މައްލާ ނާސިރު) މިއަދު "ސަން" އަށް ވިދާޅުވީ، ބޮޑު އަގުގައި ބޯޓުފަހަރު ޗާޓަރުކޮށްގެން މުދާ ގެންނަ އިރު، އެ މުދާ އަންލޯޑު ނުކޮށް ގިނަ ދުވަސް ވުމުން، އިމްޕޯޓު ކުރާ ފަރާތްތަކާއި ޝިޕިންގް ކުންފުނިތަކަށް ވެސް ބޮޑެތި ގެއްލުން ލިބެމުންދާ ކަމަށެވެ.

ނާސިރު ވިދާޅުވި ގޮތުގައި، ލިލީން ޗާޓަރު ކުރާ ކޮންޓެއިނަރު ބޯޓުތަކަށް ދުވާލަކު ގާތްގަނޑަކަށް 15000 ޑޮލަރު (ގާތްގަނޑަކަށް 232،000 ރުފިޔާ) ދައްކަން ޖެހެ އެވެ. އެހެން ކަމުން، ބޯޓުން މުދާ އަންލޯޑު ނުކުރެވިދާ ކޮންމެ އިތުރު ދުވަހަކީ ކުންފުންޏަށް ގެއްލުންވާ ދުވަހެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިކަމަށް ހައްލެއް ނުލިބި ދަންޏާ އަހަރެމެންނަށް އަަބަދުވެސް ގެއްލުންވާނެ އެއްނުން؟" އޭނާ ވިދާޅުވި އެވެ.

ކޮންޓެއިނަރު އުފުލާ ބޯޓެއް މާލެ ވިޔަފާރި ބަނދަރާ ދިމާލަށް ދަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ބޯޓުތަކަށް ނުފުރިފައި އޮތުމުން އެކަމުގެ ސަބަބުން އެ ފަރާތްތަކަށް ވެސް ހަރަދު ބޮޑުވާ ކަމަށް ނާސިރު ވިދާޅުވި އެވެ. ނަތީޖާއެއްގެ ގޮތުން އެ ފަރާތްތަކުން ވެސް އިތުރު ފައިސާ ނަގަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"އަނެއްކާ މިތަނުން ހުސް ކޮންޓެއިނަރު ބޯޓަށް އަރުވަން ވެސް އެހާ ލަސް ވަންޏާ ބޯޓަށް، ހަރަދު ބޮޑުވާނެ އެއްނުން؟ ބޮޑުވަންޏާ ކޮންމެވެސް ފަރާތަކުން އެ ލާރި ނަގަން ޖެހޭނެ އެއްނުން؟"

އޭނާ ވިދާޅުވީ، މުދާ ބޭލުމުގައި ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް އެމްޕީއެލްއާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ބައެއް ކުންފުނިތަކުން ބުނީ މިހާރު ވެސް ކޮލަމްބޯ އިން އަންނަން ހުރި އެއްޗެތި ވެސް، މި ކޮޅުން ޖާގަ ނުލިބިގެން ހުރީ ހިފަހައްޓާފައި ކަމަށެވެ.

އަވަސް ހައްލެއް ހޯދުމަށް މަސައްކަތް ފަށައިފިން: ޝާހިދު

ވިޔަފާރިވެރިންގެ ކަންބޮޑުވުންތަކާ ގުޅިގެން އެމްޕީއެލްގެ ސީސީއޯ ޝާހިދު އަލީ މިއަދު "ސަން" އަށް ވިދާޅުވީ، ބަނދަރުގައި ބޭނުން ކުރާ ވަސީލަތްތަކުގެ ސްޕެއާޕާޓްސް ހޯދައި، އެ ތަކެތި ބޭނުން ކުރެވޭ ފެންވަރަށް ގެންނަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ޕޯޓުގެ ވަސީލަތްތަކުގައި އެބަ އުޅޭ ދަތިތަކެއް. އެންމެ ފުރިހަމައެއް ނޫން ވަސީލަތްތައް. އަޅުގަނޑުމެންގެ ޓާގެޓަކީ ވަސީލަތްތައް، އިކުއިޕްމެންޓުތައް ރަނގަޅު ކުރުން،"

އަދި މާލެއާއި ހުޅުމާލެއަށް ވާ ވަރަށް ބޭނުން ކުރާ އިކުއިޕްމެންޓުތަކުގެ އަދަދު ވެސް އިތުރު ކުރަން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު މާލޭ ޕޯޓުގައި ދިމާވެފައި މި ހުރި ދަތިތަކަށް އިމީޑިއޭޓް [އެންމެ އަވަސް] ހައްލަކަށް އަޅުގަނޑުމެންނަށް ކުރެވޭނެ ކަމަކީ މިހާރު ހުރި އިކުއިޕްމެންޓުތައް މިހާރު ހުރި ކޮންޑިޝަނުން ރަނގަޅު ކޮންޑިޝަނަށް ގެނެސް މަސައްކަތް ކުރުވައި، އަދި އޭގެ އިތުރަށް ހަމަ އިމީޑިއެޓްލީ، ވީހާ ވެސް އަވަހަކަށް އަޅުގަނޑުމެން އިތުރު އިކުއިޕްމެންޓު ހޯދުން،"

އޭނާ ވިދާޅުވީ، އެ މަސައްކަތް މިހާރު ވެސް އެމްޕީއެލް ކުރަމުންދާ ކަމަށެވެ.

މާލޭ ވިޔަފާރި ބަނދަރަަށް ގެންނަ މުދާ އިތުރުވަމުންދާއިރު، އެ ތަނުގައި ޖާގައިގެ މައްސަލަތައް ވެސް ދަނީ އުފެދެމުންނެވެ. އެއީވެސް ބައެއް ވިޔަފާރިވެރިން ކަންބޮޑުވުން ފާޅު ކުރާ ކަމެކެވެ.

"މާލޭ ކޮމާޝަލް ހާބަރުގައި އިން ޖާގަ އަކީ، މިހާރު މި އޮންނަ މޮޑަލަަށް މުދާތައް ބާލަން އެކަށީގެންވާ ޖާގައެއް ނޫން. އެހެންވީމާ ޖާގައިގެ ދަތިކަން ވެސް ވަރަށް ބޮޑު،" ޝާހިދު ވިދާޅުވި އެވެ.

އެމްޕީއެލްގެ ކޮންޓެއިނާ ޖަހާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޭނާ ވިދާޅުވީ، މާލޭ ކޮމާޝަލް ބަނދަރުގެ ޖާގައިގެ ދަތިކަން ހައްލު ކުރެވޭނީ ބަނދަރު ތިލަފުށްޓަށް ބަދަލުކޮށްގެން ކަމަށެވެ.

"ތިލަފުއްޓަށް ބަދަލުކޮށްފިއްޔާ ވަރަށް ގިނަ މައްސަލަތަކަށް ހައްލު ލިބޭނެ. އެކަށީގެންވާ ޖާގަ އެކޮޅުން ލިބޭނެ. އޭގެ އިތުރުން، ވެއާހައުސިން އާއި ސްޓޯރޭޖް އާއި އެކަހަލަ ކަންކަމަށް ވެސް ކްރިއޭޓް [އުފެއްދޭނެ] ވެވޭނެ އޮޕްޝަން [ފުރުސަތު] އެބަ އޮތް. ހަމަ ފުދޭވަރެއްގެ ބޮޑު ޕްރޮޖެކްޓެއް ހިންގައިގެން އެކަން ކުރެވޭނީ. އެހެންވީމާ އޭގެ ދިރާސާތަކެއް އަޅުގަނޑުމެން ކުރަމުން މިދަނީ،"

އޭނާ ވިދާޅުވީ، މާލޭ ބަނދަރު މިހާރު ހުރި ސަރަހައްދުގެ ޖާގައިގެ މައްސަލަ ހައްލު ކުރުމަށް ކުރެވޭނެ މާ ބޮޑު ކަމެއް ނެތް ކަމަށެވެ. އޭނާ ވިދާޅުވީ، އެތަން އެހެން ގޮތަށް އަތުރާލިޔަސް މާ ބޮޑު ޖާގައެއް ނުއުފެދޭނެ ކަމަށެވެ.

"ޖާގައިގެ ދަތިކަން ހައްލު ކުރެވޭނީ ހަމަ އެހެން ތަނަކަށް ރީ ލޮކޭޓު ވެގެން." ޝާހިދު ވިދާޅުވި އެވެ.

comment ކޮމެންޓް