ރަނިލްއަށް އަލުން ބޮޑުވަޒީރުކަން ދޭން ޕާލިމެންޓުން ފާސްކޮށްފި

ރަނިލް ވިކްރަމަސިންހަ -- ފޮޓޯ: އޭޕީ

ކޮލަމްބޯ (ޑިސެމްބަރު 13): މިދިޔަ އޮކްޓޯބަރު މަހު ސްރީ ލަންކާގެ ބޮޑުވަޒީރު ކަމުން ދުރުކުރި ރަނިލް ވިކްރަމަސިންހައަށް އެމަގާމު އަނބުރާ ދޭން އެގައުމުގެ ޕާލިމެންޓުން ފާސްކޮށްފި އެވެ.

އިއްޔެ ލަންކާ ޕާލިމެންޓުގައި ނެގި ވޯޓުގައި މަޖިލީހުގެ 225 މެމްބަރުންގެ ތެރެއިން 117 މެމްބަރުން ވަނީ ވިކްރަމަސިންހައަށް އިތުބާރު އޮތް ކަމަށް ވޯޓު ދެއްވައިފަ އެވެ.

އެވޯޓަށް ފަހު ވިކްރަމަސިންހަ ނިސްބަތްވެ ވަޑައިގަންނަވާ ޔުނައިޓެޑް ނެޝަނަލް ޕާޓީ (ޔޫއެންޕީ)ގެ މެމްބަރުން ވަނީ ވިކްރަމަސިންހަ އަލުން ބޮޑުވަޒީރުކަމަށް އައްޔަންކުރުމަށް ރައީސް މައިތިރިޕާލަ ސިރިސޭނާއަށް ގޮވާލައްވައިފައެވެ.

ނަމަވެސް ސިރިސޭނާ ވަނީ ވިކްރަމަސިންހަ ބޮޑުވަޒީރު ކަމަށް އައްޔަން ނުކުރައްވާނެކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. އަދި މިހާރު ބޮޑުވަޒީރުކަމަށް އައްޔަންކޮށްފައިވާ މަހިންދަ ރާޖަޕަކްސަގެ އިތުބާރު ނެތްކަމަށް ޕާލިމެންޓުން ދެ ފަހަރަކު ފާސް ކުރި ނަމަވެސް، އެ ވޯޓު ގަބޫލުކުރައްވަން ދެކޮޅު ހައްދަވާފައެވެ.

ރާޖަޕަކްސަގެ އިތުބާރު ނެތްކަމަށް ވޯޓު ނެގި ދެ ދުވަހު ލަންކާގެ ޕާލިމެންޓުގައި މެމްބަރުން ވަނީ ހަމަނުޖެހުން ހިންގައި، މިރުސް ފެން ޖަހާފައެވެ. އަދި އޭގެ ފަހުން ރާޖަޕަކްސައާއި ސިރިސޭނާއަށް ތާއިދު ކުރާ މެމްބަރުން ވަނީ މަޖިލިސް ބައްދަލުވުންތައް ބޯއިކޮޓް ކުރައްވާފައެވެ.

ވިކްރަމަސިންހަ މަގާމުން ދުރުކުރެއްވުމަށް ފަހު ޕާލިމެންޓު އުވާލަން ސިރިސޭނާ އަމުރުކުރެއްވި ނަމަވެސް އެގައުމުގެ ސުޕްރީމް ކޯޓުން ވަނީ އެ އަމުރު ބާތިލުކޮށްފައެވެ. އަދި ސިރިސޭނާ އެ އަމުރު ކުރެއްވީ ގާނޫނު އަސާސީއާ ހިލާފަށްތޯ މި ހަފްތާ ތެރޭގައި ސުޕްރީމް ކޯޓުން ނިންމާނެ ކަމަށް ރިޕޯޓުތަކުގައިވެއެވެ.

comment ކޮމެންޓް