ރިބާ ހުއްޓުވުން، ބުރުގާ ނޭޅުމަކީ ހަރާމްކަމެއް ކަމުގައި ބުނުން

ބަޔަކު މޫނު ބުރުގާ އަޅައިގެން -- ފޮޓޯ: އަބްދުﷲ އަބީދު

މިސާލަކަށް ރާއްޖޭގެ މީހުންއުޅޭ ރަށްރަށުގައި ރާ ވިއްކުމުގެ ހުއްދަ ދިނީ އެވެ! އެއްވެސް ސަރުކާރަކުން މިފަދަ ކަމެއްކޮށްފި ނަމަ ރައްޔިތުން އުތުރި އަރައިގަންނާނެ އެވެ. "ސިޔާސީ ލީޑަރުން" ނާއި "ދީނީ އިލްމުވެރިން" ފިލާފައި ތިބި ހޮރު ހޮރުން ނިކުމެ ފަތުވާތައް ނެރެން ފަށާނެ އެވެ. އިސްލާމީ ޝަރިއަތާ ޙިލާފް، އަދި އިސްލާމް ދީނާ ޙިލާފް އެއްވެސް ކަމެއް ރާއްޖޭގެ ޤާނޫނުގައި ހުއްދަ ނުކުރެވޭނެ ކަމައް ބުނާނެ އެވެ. ސިއްރު ފެންފުށި ކިޔާ ރިސޯރޓެއްގައި ދާދި ފަހުން ކަނޑުއަޑީގެ މިއިޒިއަމެއް ހަދާ، އެތަނުގައި ބުދުތަކެއް ބެހެއްޓުމުން ބައެއް ޝެއިހުންގެ ޓްވީޓްތައް ފެނިގެން ދިޔައެވެ. ރަލާއި ބުދު ހަރާމްވާ ފަދައިން ރިބާ ކެއުމާއި ބުރުގާ ނޭޅުމަކީ ވެސް ހަރާމް ކަންތައްތަކެއް ނޫންތޯ އެވެ؟

އަޅުގަނޑުގެ ސުވާލަކީ: ﷲ ހަރާމް ކުރެއްވީ ރާ އެކަނި ތޯއެވެ؟ ބޭންކް އިންޓަރެސްޓް ނުވަތަ ރިބާ އެއީ ހަލާލް އެއްޗެއްތޯއެވެ؟ ކީރިތި ޤުރުއާންގެ ބަޤަރާ ސޫރަތުގައި ﷲ ވަނީ ރިބާ ބޭނުންކުރާ މީހުންނާއި ރިބާ ދޭމީހުންނާ ދެކޮޅަށް ﷲ އާއި އެ އިލާހުގެ ނަބިއްޔާ ހަނގުރާމަ އިއުލާން ކުރައްވާ ކަމަށް ވަޙީ ކުރައްވައިފަ އެވެ.

ދުނިޔޭގެ ގިނަ ޤައުމުތަކާއި ރާއްޖޭގައި ވެސް ރިބާ ބޭނުން ކުރުން އާއްމު ވެފައި އޮތަސް ﷲ ޙަރާމް ކުރެއްވި ކަމެއް ހަލާލް ކުރެވޭނެ އެއްވެސް އުޒުރެއް ނުވަތަ ހުއްޖަތެއް ނޯންނާނެއެވެ. ދީނުގެ އުސޫލްތަކާ ދުރު މީހުން މިފަދަ ވާހަކަ ތަކާމެދު ދެކޭނީ ޖޯކެއްގެ ގޮތުގަ އެވެ. އެމީހުން ބުނާނީ ރާ ނުވިއްކައި، ރިބާ ބޭނުން ނުކޮށް މިޒަމާނުގެ ދުނިޔޭގައި ކުރިއަށް ނުދެވޭނެ ކަމަށެވެ. ނަމަވެސް މުސްލިމުންގެ އަޤީދާ އަކަށް ވާންޖެހޭނީ ﷲ ހަރާމް ކުރެއްވި އެއްވެސް ކަމެއްގައި ބަރަކާތެއް ނުވާނެ ކަމާއި، ހަރާމް ވިޔަފާރިއާ ދުރުވުމުން ރިޒުގުގެ ގޮތުން ހީނުކުރާ އާދޮރުތައް ﷲ ހުޅުއްވަވާނެ ކަމެވެ.

ރާއްޖޭގައި އިސްލާމީ ޝަރިއަތް ހިންގެނީ ވަރަށް އެހެންކަހަލަ ގޮތަކަށެވެ. ތިމާ ރުހޭކަމެއް ނަމަ ހަރާމްވިއަސް އޯކޭއެވެ. ރިބާއާ ދެކޮޅަށްބަހެއް ބުނާނެ، ނުވަތަ ބުނަންކެރޭނެ ސިޔާސީ މީހަކު މަދުވާނެ އެވެ. މިސާލަކަށް އަދާލަތު ޕާޓީ ނުވަތަ މައުމޫން މޫވްމެންޓް ނުވަތަ ޖުމްހޫރީ ޕާޓީގެ އިސް އެއްވެސް ފަރާތަކަށް މިކަމާ ބެހޭ ގޮތުން އެއްޗެއް ބުނަން ނުކެރޭނެކަން ކަށަވަރެވެ. "ޕޮޕިއުލަރ ވޯޓު" ގެއްލިދާނެތީ ބިރުންނެވެ. ﷲ ހަރާމް ކުރެއްވި ކަމެއް ޤާނޫނަކުން ހުއްދަކޮށްގެން ތިބެން ކެރެ އެވެ. އެކަމާ ބިރެއްވެސް ނުގަނެއެވެ. ނަމަވެސް "ޕޮޕިއުލަރ ވޯޓު" ނުލިބިދާނެތީ ހައްޤު ބަސް ބުނަން ބިރުގަނެއެވެ. ކޮންފަދަ ބޮޑު މުނާފިޤް ކަމެއްތޯ އެވެ.

އިސްލާމް ދީނުގައި ނަހީ ކުރައްވައި، ހަރާމް ކަމަށް ބަޔާން ކުރައްވާ ފައިވާ، ރާބުއިން، ޒިނޭ ކުރުންފަދަ އެއްވެސް ކަމެއް ކުރާ ފާފަވެރިންނާ ދެކޮޅަށް ﷲ ހަނގުރާމަ އިއުލާން ކުރައްވާފައި ވޭތޯ އެވެ؟ ރިބާ ފިޔަވައި އެވެ! ރިބާ ދޭ މީހާ އާއި، ރިބާގައި ހިފާ މީހާ އާއި، ރިބާ ދިނުމަށް މެދުވެރިވާ މީހާއާ ދެކޮޅަށް ވެސް މި "ހަނގުރާމަ" އިއުލާން ކުރެވިފައިވެ އެވެ. ވީއިރު ރިބާ އެއީ މާކުޑަ ކަމަކަށްވެ، މާއާދައިގެ ކަންތައްވެސް ބޮޑެތި ކަންތަކަށްވެގެން އުޅޭ ސިޔާސީ މީހުންނާއި ދީނީ ޝެއިހުންނަކީ މުނާފިގުންނޫން ދެން ކޮންބައެއްތޯ އެވެ؟

އަންހެން ކަނބަލުން ބުރުގާ އެޅުމާމެދު ވެސް ގިނަބަޔަކު ދެކެނީ ރިބާއާ މެދު ދެކޭފަދަ "މުނާފިޤް" ގޮތަކަށެވެ. ބުރުގާ އެޅުމަކީ އަންހެން ކަނބަލުންގެ އަމިއްލަ އިޙްތިޔާރަށް ދޫކޮއްލަން ޖެހޭ ކަމެއް ކަމަށް ސިޔާސީ މީހުން ބުނެ އެވެ. ރަޢީސް މައުމޫންގެ ވެރިކަމުގައި، އޭރުގެ ހަފްތާ މަޖައްލާއަކަށް ދެއްވި އިންޓަރވިއުއެއްގައި، ރައީސް މައުމޫންގެ އަނބިކަނބަލުން ނަސްރީނާ ބުރުގާ ނާޅުއްވަނީ ކީއްވެގެންތޯ ސުވާލު ދެންނެވުމުން މައުމޫން ވިދާޅުވީ ބުރުގާ އެޅުމާއި ނޭޅުމަކީ ނަސްރީނާގެ އަމިއްލަ ކަމެއް ކަމަށެވެ! ސުބުހާންﷲ! ބުރުގާ އެޅުމަކީ އިސްލާމްދީނުގެ ހުރިހާ އިލްމުވެރީން އިއްތިފާގްވާ، އެއްވެސް ޙިލާފެއް ނެތް ކަމެކެވެ. ހިލާފް އުޅެނީ ހަމައެކަނި މޫނުބުރުގާ ވާޖިބްތޯ ނުވަތަ ނޫންތޯ މި ކަމުގަ އެވެ. ވީ އިރު މުސްލިމް އަންހެނާ ބުރުގާ އެޅުމާއި ނޭޅުމަކީ އޭނަގެ "އަމިއްލ" ކަމެއް ނޫނެވެ. އަޅަން ނުޖެހޭނެ ކަމަށް ބުނުމަކީ މާތް ﷲ ގެ އަމުރުފުޅަށް އިންކާރު ކޮށް ޖަދަލު ކުރުމެވެ. އެހެންވީއިރު ރާ ބުއިމާއި ޒިނޭ ކުރުންވެސް ހަމަ އަމިއްލަ އިޙްތިޔާރަށް ދޫކޮއްލަންވީ ނޫންތޯ އެވެ؟ ބުރުގާ އެޅުމަކީ ވާޖިބު ކަމެއްކަމާއި މެދު އެއްވެސް މަޒުހަބެއްގައި ހިލާފެއްނެތެވެ. ޙިޔާލްތަފާތުވެފައި ވަނީ ހަމައެކަނި މޫނު ބުރުގާ ވާޖިބްތޯ ނުވަތަ ނޫންތޯއާއި މެދު އެވެ. އެހެންކަމުން މުސްލިމް އަންހެނުން ބުރުގާ ނޭޅުން ރާއްޖޭގައި "ހުއްދަ" ވުމަކީ ކަނޑައެޅިގެން ހަރާމް ކަމެއް ހުއްދަ ކަމަށް ހެދިގެން ތިބުން ނޫން ދެން ކޮން ކަމެއްތޯ އެވެ؟ މިވާހަކަ ދައްކަން ކެރޭ "ސިޔާސީ" މީހެއް ނެތެވެ. މިކަމުން ވެސް ދައްކައިދެނީ ދިވެހި ރާއްޖޭގެ ސިޔާސީ މީހުންގެ މުނާފިގް ކަމެވެ. އަމިއްލަ އެދުން އިސް ކުރާ މިންވަރެވެ.

އިސްލާމް ދީން ފުރަތަމަ ދުނިޔެއަށް ތައާރަފް ވެގެން އައި އިރު، ރާހަރާމް ކުރެއްވުން ފަދަ ހުކުމްތައް ބާވައިލެއްވީ މަރުހަލާތަކަކަށް ބަހާލައިގެން ކަމަށްބުނެ، މިރާއްޖޭގައ،ި މިޒަމާނުގައި ވެސް ކަން ކުރަންޖެހޭނީ އެފަދައިން މަޑުމަޑުން ކަމަށް ބައެއް މީހުން ބުނެއެވެ. ނަމަވެސް ﷲ ހަރާމް ކުރެއްވި ކަމެއް ހުއްދަ ކޮށްގެން، މަޑުމަޑުންނޭ ކިޔަކިޔައި ތިބުމުގެ އިޙްތިޔާރެއް އެއްވެސް ފަރާތަކަށް މިހާރަކު ނޯންނާނެއެވެ. ރާ ހަރާމްވާ ފަދައިން ރިބާ އާއި ބުރުގާ ނޭޅުން ވެސް ހަރާމެވެ. ހަމައެކަނި ތަފާތަކީ ރަލުގެ ވާހަކަ ދައްކާ މީހުންނަށް ރިބާ އާއި ބުރުގާގެ ވާހަކަ ދައްކަން ނުކެރޭތީ އެވެ. ނުވަތަ ނުދައްކާތީ އެވެ.

ރިބާ އާއި ބުރުގާގެ ވާހަކަ ދައްކަން ނުކެރޭ ފަދައިން، ސިޔާސީ މީހުންނަށާއި ސިޔާސީ ޝެއިހުންނައް ދައްކަން ނުކެރޭ އަނެއް ވާހަކައަކީ ޒަކާތުގެ ވާހަކައެވެ. ނިސާބު ހަމަވާ ކޮންމެ ފަރުދެއްގެ މުއްސަންތި ކަމުގެ 40 ބައި ކުޅަ އެއްބައި އަހަރަކު އެއްފަހަރު ޒަކާތުގެގޮތުގައި ނެރުމަކީ ﷲ ޝަރުއު ކުރައްވާފައިވާ ބޮޑު ވާޖިބު ކަމަކެވެ. މުދަލުގެ ވެރިފަރާތުން އެ ޒަކާތް ނެރުން ވާޖިބްވާ ފަދައިން އެޒަކާތް ހޯދައި، އެޒަކާތުގެ ހައްގުވެރި ފަގީރުންނަށް އެޒަކާތް ހަވާލު ކުރުމަކީ ދައުލަތުގެ މައްޗަށް ވާޖިބެކެވެ. ބީޕީޓީ އާއި ޖީއެސްޓީ އާއި އޭބީސީޑީގެ އެކި ނަންތައް ކިޔާ ފާޑުފާޑުގެ ޓެކްސްތަކަކީ އިންސާނުން އުފައްދާފައިވާ ޓެކްސްތަކެވެ. އެ ޓެކްސް ނުދައްކާ މީހުން ހުރަގެ އަށް ލައި ހަރުކަށި ފިޔަވަޅު އަޅާ އިރު ﷲ ޝަރުއު ކުރެއްވި، އަދި ވާޖިބް ކުރެއްވި ޒަކާތް ނުދެއްކިއަސް އެއީ މި ދިވެހި ރާއްޖޭގައި އޯކޭ ކަމެކެވެ. އެއީ ވެސް އަމިއްލަ އިޙްތިޔާރަށް ދޫކޮއްލެވިފައިވާ "ކުޑަ" ކަމެކެވެ. މިވާހަކަ ދައްކަން ކެރޭ ސިޔާސީ ލީޑަރެއް ނުވަތަ ސިޔާސީ ޝެއިހެއް ނެތެވެ.

ބަރަހަނާ ސައިޓު ތަކަށާއި، ވަހުށީއިންޓަނެޓް ސައިޓުތަކަށް އެއްވެސް ހުރަހެއްނެތި ދިވެހިރާއްޖޭގައި ވަދެވޭ ގޮތަށް އޮންނަ އޮތުން ނިމުމަކަށް ގެނެސް މިފަދަ ބަރަހަނާ، އަދި އިސްލާމްދީނާ ޙިލާފް ސައިޓުތަކަށް އެއްވެސް ގޮތަކަށް ނުވަދެވޭ ވަރަށް އިންޓަނެޓް ސެންސަރު ކުރަން ޖެހޭ ކަމަށް ބުނަން ކެރޭ މީހަކު ވެސް މަދެވެ. ޕޯން ސައިޓްތައް ބޮލޮކް ކުރަން ޖެހޭ ކަމާއި އިންޓަރނެޓަކީ ކޮންމެވެސް ވަރަކަށް ސެންސަރުނުކޮށް އާއްމުންނަށް ދޫކޮށްލަން ހެޔޮނުވާވަރު އެއްޗެއްކަމަށް ބުނެފި ސިޔާސީ މިހެއްގެ ސިޔާސީ މުސްތަޤްބަލް ނިމުނީ އެވެ. މިއީ ސައްތައިން ސައްތަ އިސްލާމީ ދިވެހީންގެ ހާލަތެވެ. ސިޔާސީ މީހުން ތިބީ މިފަދަ ވާހަކަ ދައްކަން ބިރުންނެވެ. މިފަދަ ވާހަކަ ދައްކާ ސިޔާސީ ލީޑަރަކު ނަމަ އެއީ "ޕޮޕިއުލަރ" ކެންޑިޑޭޓެއްނޫނެވެ! މިއީ ހަޤީގަތެވެ.

ދިވެހިރާއްޖޭގައި އިންޓަނެޓް އަދި ކޭބަލް ޓީ.ވީގެ ޚިދުމަތްތައް ދިނުމުގައި ގެންގުޅޭ އުސޫލުތައް "ރިވިއު" ކުރުމާއި، އަދި މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި މެދު އިސްލާމީ ފަތުވާދޭ ޤަވްމީ މަޖުލިހުގެ ލޯ އޮތީ "ކަނު" ވެފައެވެ. ރިބާ ކެއުން، ބުރުގާ ނޭޅުން، ޒަކާތް ނުދިނުންް، ނުވަތަ ޒަކާތް ނުނެގުން، އަދި އިންޓަރނެޓުން ޕޯން ސައިޓުތައް ބެލުން ފަދަ ކަންކަން "ހުއްދަވެ"، އާއްމުވެފައިވާ އިރު ސިޔާސީ ލީޑަރުން ކޮބައިތޯ އެވެ؟ ސިޔާސީ ޝެއިހުން ކޮބެއިތޯ އެވެ؟ އިސްލާމީ ފަތުވާދޭ ޤަވްމީ މަޖުލިސް ކޮބައިތޯ އެވެ؟

ރިބާ ހުއްޓުވުން، ބުރުގާ ނޭޅުމަކީ ހަރާމްކަމެއް ކަމުގައި ބުނުން، ޒަކާތް ނެގުމަކީ ދައުލަތުގެ މައްޗަށް ވާޖިބެއް ކަމުގައި ބުނުން، ކޭބަލް ޓީވީ އިން ދައްކާ، ފެޝަން ޓީވީ ފަދަ އިސްލާމީ ރިވެތި އަޙްލާގާ ޙިލާފް ޗެނެލް ތައް ހުއްޓުވުން، އަދި ފަސް ނަމާދުގެ ބަންގި ގަޑީގައި ކޭބަލް ޓީވީގެ ބޭރު ޗެނެލްތައް ވެސް މަދުވެގެން ފަސް މިނިޓަށް މެދު ކަނޑާލުން، ރޯދަމަހު މީޑިއާތަކުން ހިންގާ ތަފާތު ޕްރޮގްރާމްތަކުގެ ބޮޑުބައެއް ރޯދަމަހާ ގުޅޭ ދީނީ ޕްރޮގްރާމްތަކެއް ކަމުގައި ހެދުން، ރޯދަމަހު ޓީވީ އަދި ރޭޑިއޯގެ ޚިދުމަތް ރޭގަނޑު މެންދަމު ބާރައިގެ ފަހުން މުޅީން ވެސް ދީނީ ޕްރޮގްރާމް ކަމުގައި ހެދުން، ކޭބަލް ޓީވީގެ ހިންދީީ ޗެނެލް ތަކުން ބަގުވާން އަށް އަޅުކަން ކުރާތަންބެލުމަކީ ދިވެހި އަންހެންވެރީންގެ ހޮބީ ކަމުގައި އޮތް އޮތުން ނިމުމަކަށް ގެނައުން: މިއީ ހައްތާވެސް ދައްކަން ޖެހޭ، އެކަމަކު ސިޔާސީ ފަރާތްތަކާއި ސިޔާސީ ޝެއިހުން ނުދައްކާ، ނުވަތަ ދައްކަން ނުކެރޭ ވާހަކަ ތަކެވެ.

މިވާހަކަތައް ދައްކަން ޖެހެނީ ހަމައެކަނި ހުކުރު ޙުތުބާ ތަކުގައެއް ނޫނެވެ. ޙުތުބާތަކެކޭ އެއްފަދައިން ރައްޔިތުންގެ މަޖުލީހުގައާއި، ސިޔާސީ ޕޯޑިއަމް ތަކުގައާއި، ހޮޅިއަށިތަކުގައާއި މީޑިއާގެ ޕްރޮގްރާމްތަކުގައި ވެސް މިވާހަކަތައް ދައްކަން އެބަޖެހެ އެވެ. މިމުޖުތަމައު ނިދާފައިއޮތް އޮތުން ނިމުމަކަށްގެނެސް އިސްލާމީ ދިވެހި ވެއްޓަކަށް ހޭލާން އެބަ ޖެހެއެވެ. ބިރުގަންނަނީ ނުވަތަ ޖެހިލުން ވަނީ ކޮންފަރާތެއް ދެކެތޯ އެވެ؟ ހައްޤު ބަސް ބުނަން ނުކެރެނީ ފިނޑި ކަމުން ތޯއެވެ ނުވަތަ މުނާފިޤް ކަމުންތޯއެވެ؟ މިކަމުގަ ޒިއްމާ ނަގާނީ ކޮން ސިޔާސީ ލީޑަރުންނެއްތޯ އެވެ؟ ނުވަތަ ކޮން ސިޔާސީ ޝެއިހުންނެއް ތޯއެވެ؟

comment ކޮމެންޓް