މަގޫދޫ އަތުން އެއްވަރުވެ ހެނބަދޫއަށް ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެ

މިއަދު ހެނބަދޫ އާއި މަގުދޫ ބައްދަލު ކުރި މެޗުގެ ތެރެއިން ---

ސިޔާމް މައުރޫފް ސޮކާކަޕުގައި މަގޫދޫއާ ދެކޮޅަށް ކުޅުނު މެޗުން އެއްވަރުވެ ޕޮއިންޓަކުން ފުއްދާލަން ހެނބަދޫއަށް ޖެހިއްޖެ އެވެ.

މިއަދު ހަވީރު ކެނދިކުޅުދޫ ފުޓުބޯޅަ ދަނޑުގައި އެ ދެ ޓީމު ބައްދަލު ކުރި މެޗު ނިމުނީ 1-1ގެ ނަތީޖާއިން އެއްވަރު ވެގެންނެވެ. މެޗުގައި އެންމެ ފުރަތަމަ ގޯލު ޖެހީ ހެނބަދޫއިންނެވެ. އެ ގޯލު މެޗުގެ 77 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ، މެޗުގެ މޮޅު ކުޅުންތެރިޔާ ކަމަށް ހޮވުނު، ހެނބަދޫގެ ޖާޒީ ނަމްބަރު ނުވައެއް މުހައްމަދު އިރުޝާދު އެވެ.

މަގޫދޫއިން މެޗުގެ ނަތީޖާ ހަމަ ހަމަ ކުރީ މެޗުގެ ފުރިހަމަ ވަގުތު ނިމި، ދިން އިތުރު ވަގުތުގެ ތެރޭގައި ލިބުނު ޕެނަލްޓީ އަކުންނެވެ. އެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ އެ ޓީމުގެ ޖާޒީ ނަމްބަރު 11 އަލީ ޝަހީދެވެ.

މިއަދުގެ ނަތީޖާއާ އެކު ހެނބަދޫ ވަނީ ހަތް ޕޮއިންޓާ އެކު ގްރޫޕް އޭގެ ދެ ވަނައަށް ޖެހިލާފަ އެވެ. އެއްވަނައިގައި 10 ޕޮއިންޓާ އެކު އޮތީ ކެނދިކުޅުދޫ އެވެ.

އަންނަ އާދީއްތަ ދުވަހު މާޅެންދޫ އަތުން ހެނބަދޫ މޮޅުވެއްޖެ ނަމަ އެ ޓީމު ސެމީއަށް ދަތުރު ކުރާނެ އެވެ. އެއްވަނައިގައި އޮތް ކެނދިކުޅުދޫ މިހާރުވެސް ވަނީ ސެމީއަށް ކޮލިފައި ވެފަ އެވެ.

ގްރޫޕް އޭ

  • ކެނދިކުޅުދޫ (10 ޕޮއިންޓު)
  • ހެނބަދޫ (7 ޕޮއިންޓު)
  • މިލަދޫ (6 ޕޮއިންޓު)
  • މަނަދޫ (6 ޕޮއިންޓު)
  • މަގޫދޫ (4 ޕޮއިންޓު)
  • މާޅެންދޫ (1 ޕޮއިންޓު)

ގްރޫޕް ބީ

  • ހޮޅުދޫ (6 ޕޮއިންޓު)
  • ލަންދޫ (4 ޕޮއިންޓު)
  • މާފަރު (4 ޕޮއިންޓު)
  • ކުޑަފަރި (3 ޕޮއިންޓު)
  • ވެލިދޫ (0 ޕޮއިންޓު

ސިޔާމް މައުރޫފް ކަޕުގައި މާދަމާ ކުޅޭނީ ގްރޫޕް ބީގެ ދެ ޓީމު ކަމަށްވާ ލަންދޫ އާއި ހޮޅުދޫ އެވެ.

comment ކޮމެންޓް