ސިޔާސީ މީހާގެ އިންސާނިއްޔަތާއި އާންމު މީހާގެ އިންސާނިއްޔަތު!

ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު (ކ) އަދި އިބްރާހިމް ރަޝީދު (ހޯރަ އިއްބެ) (ވ) --- ސަން ފޮޓޯ

ސެޕްޓެމްބަރު 23 ވަނަ ދުވަހު އޮތް ރިޔާސީ އިންތިހާބު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކާމިޔާބުކުރެއްވުމާ އެކު ކޯޓުތައް މެދުވެރިކޮށް ސިޔާސީ ކުށްވެރިން މިނިވަންކުރާ މަންޒަރު ފެންނަން ފެށި އެވެ. ކޯޓުތަކަކީ ސަރުކާރުގެ ނުފޫޒު ނުހިނގާ މިނިވަން މުއައްސަސާތަކަކަށް ވާން ޖެހުނު ނަމަވެސް، ފެންނަ ފެނުމަށް، އަދި ވެސް އާންމު ރައްޔިތު މީހާއަށް އިންސާފު ލިބެނީ ފިނިހަކަ ދުވެލީގަ އެވެ.

ސިޔާސީ ކުށްވެރިން މިނިވަންކުރަމުން އައިސް، 2012 ވަނަ އަހަރުގެ ތެރޭގައި، 17 އަހަރުގެ އަންހެން ކުއްޖަކާ ބަދުއަހުލާގީ އަމަލެއް ހިންގިކަމުގެ ކުށުގައި ޖަލަށްލި، ރައީސް ނަޝީދުގެ ސަރުކާރުގައި ރައީސް އޮފީހުގެ އަންޑަ ސެކެޓްރީކަން ކުރި، އިބްރާހިމް ރަޝީދު (ހޯރަ އިއްބެ)ގެ އަދަބު ލުއިކޮށްދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދާދި ފަހުން ވަނީ ނިންމަވައިފަ އެވެ. އެ ނިންމެވުމަށް ފާޑުކިޔާ ފަރާތްތައް މަދެއް ނޫނެވެ.

6 ޑިސެމްބަރު 2012: ހޯރަ އިއްބެ ހައްޔަރުކޮށްގެން ގެންދަނީ -- ސަން ފައިލް ފޮޓޯ

ގާނޫނުގައި މައާފު ދެވޭ ގޮތްތައް!

މައާފް ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނަކީ، ޖިނާއީ ކުށްތަކުގައި ހުކުމް ކޮށްފައިވާ، އަދި އިސްތިއުނާފު ކުރުމުގެ އިތުރު ފުރުސަތެއް ނެތް މީހުންގެ އަދަބުތަކަށް ލުއި ދޭނެ ނުވަތަ މައާފު ދެވޭނެ ގޮތްތައް ބަޔާން ކުރާ ގާނޫނެވެ.

އެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް މީހެއްގެ އަދަބަށް މައާފު ދެވޭނެ ނުވަތަ އަދަބު ލުއި ކޮށްދެވޭނެ ދެ ގޮތެއްވެ އެވެ. އެއް ގޮތަކީ ކްލެމެންސީ ބޯޑުގެ ލަފަޔަށް ރިއާޔަތް ކޮށް ލުއެއް ދޭން ނުވަތަ މައާފް ދޭން ނިންމެވުމެވެ. އަނެއް ގޮތަކީ، މައާފު ދިނުމާއި އަަދަބު ލުއި ކޮށްދިނުމުގެ ގާނޫނުގެ 29 ވަނަ މާއްދާއިން ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އެއްވެސް އިލްތިމާސަކާ ނުލައި، ރައީސްގެ އަމިއްލަ އިސްނެންގެވުމުގެ މަތީން މައާފު ނުވަތަ ލުއި ދިނުމެވެ.

ކުށް ކުރި މީހާއަށް، މައާފު ދެވޭނެ ނުވަތަ އަބަދު ލުއި ކޮށްދެވޭނެ ހަތަރު ގޮތެއް ވެ އެވެ. އެ ހަތަރު ގޮތަކީ:

  1. ކުށުގެ ހުކުމަށް އެއްކޮށް މައާފް ދިނުން
  2. ހުކުމް ތަންފީޒު ކުރުން ވަކި މުއްދަތަކަށް ފަސް ކުރުން
  3. ހުކުމުގައި ކަނޑައަޅާފައިވާ އަދަބުގެ މުއްދަތު ކުރުކޮށްދިނުން
  4. އެ މީހަކު ކުރި ކުށަކީ، އޭނާ އަށް ދިން އަދަބަށް ވުރެ ކުޑަ އަދަބެއް ދެވޭ ފަދަ ކުށެއް ކަމަށް ވާ ނަމަ، އޭނާ އަށް ހުކުމުގައި ދީފައިވާ އަދަބަށް ވުރެ ލުއި އަދަބެއް ދިނުން

މައާފް ދިނުމާއި އަދަބު ލުއި ކޮށްދިނުމުގެ ގާނޫގައިވާ ގޮތުން ހަތް ކުށަކަށް މައާފު ދިނުމުގެ ބާރު ރައީސަށް ލިބިވަޑައިގެން ނުވެ އެވެ. ނަމަވެސް، އެ ހަތް ކުށުގެ އަދަބަށް ވެސް ލުއި ދެވިދާނެ އެވެ. އެ ކުށްތަކަކީ:

    1. ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ކުށް
    2. މީހަކު މެރުމުގެ ކުށް
    3. އިސްލާމީ ޝަރީއަތުގައި ހައްދު ކަނޑައެޅިފައިވާ ކުށް
    4. ޓެރަރިޒަމްގެ ކުށް
    5. މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ ކުށް
    6. ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގުމުގެ ކުށް
    7. އެއް ޖިންސުން ގުޅުން ހިންގުމުގެ ކުށް

އެ ކުށްތައް މައާފު ނުދެވޭ ގޮތަށް ގާނޫނު އެކުލަވާލާފައި ވަނީ، އެ ކުށްތަކުގެ ބޮޑު މިނަށް ބަލައިފަ އެވެ. އެފަދަ ކުށްތައް ކުރާ މީހުންގެ ފަރާތުން މުޖުތަމައުއަށް ނުރައްކާ ވުމުގެ ފުރުސަތު އޮތީތީ އެވެ.

ގާނޫނުގެ މަގުދަސަދު ހާސިލުވޭ ހެއްޔެވެ؟

އިއްބެގެ ކުށަކީ މައާފު ނުދެވޭނެ ކެޓަގަރީގައި ހިމެނޭ ކުށެކެވެ. އޭނާގެ އަދަބު އެއްކޮށް މައާފު ކުރުމުގެ ބާރު ރައީސަށް ލިބިވަޑައިގެނެއް ނުވެ އެވެ.

ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އަހުމަދު އަބްދުﷲ އަފީފް "ސަން" އަށް ވިދާޅުވީ، ރައީސް ސޯލިހު، އިއްބެގެ 10 އަހަރު ދުވަހުގެ ޖަލު ހުކުމަށް ލުޔެއް ދެއްވީ، މައާފު ދިނުމާއި އަަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ 29 ވަނަ މާއްދާއިން ރައީސަށް ލިބިދޭ ބާރުގެ ދަށުން، އެމަނިކުފާނުގެ އަމިއްލަ އިސްނެންގެވުމުގެ މަތީން ކަމަށެވެ. އަދި އެ ނިންމެވުން ނިންމެވީ، 2016 ވަނަ އަހަރު ކްލެމެންސީ ބޯޑުން ރައީސް އަބްދުﷲ ޔާމީނަށް، އިއްބެގެ އަދަބަށް ލުއި ދޭން އެރުވި ލަފަޔަށް ރިއާޔަތް ކޮށް ކަމަށެވެ.

ރައީސް ސޯލިހު ނިންމެވީ، އިއްބެގެ ހުކުމުގައި ބާކީ ފަސް އަހަރު އޮއްވައި، އޭނާގެ ހުކުމުން ތިން ދުވަސް ފިޔަވައި ބާކީ އޮތް ބައި މައާފުކޮށްދިނުމަށެވެ. އެހެން ކަމުން، އޭނާގެ ހުކުމުގެ ބާކީ އޮތް ފަސް އަހަރު ތިން ދުވަހަށް ކުރު ވެގެން ދިޔައީ އެވެ. ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވަނީ އެކަން ކޮށްފައި ވަނީ ގާނޫނީ އިމުގެ ތެރެއިން ކަމަށް "ސަން" އަށް ވިދާޅުވެފަ އެވެ.

އިއްބެގެ އަދަބަށް ލުއި ދެއްވީ ގާނޫނީ އިމުގެ ތެރެއިން ކަމަށް ވެދާނެ އެވެ. ނަމަވެސް، އިއްބެ މިނިވަން ކުރެއްވުމަށް، ރައީސް ސޯލިހު މި ބޭނުން ކުރެއްވީ ގާނޫނީ "ލޫޕް ހޯލް" އެއް ކަމަށް ބައެއް ގާނޫނީ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ. އަދި އެ ލޫޕް ހޯލްގެ ތެރެއިން އިއްބެ ދޫކުރެއްވުމަށް ނިންމެވުމުން، ހަތް ކުށަކަށް މައާފު ނުދެވޭ ގޮތަށް މައާފު ދިނުމާއި އަދަބު ލުއި ކޮށްދިނުމުގެ ގާނޫނު އެކުލަވާލުމުގެ މަގުސަދު ގެއްލޭ ކަމަށް އެ ފަރާތްތަކުން ދެކެވަޑައިގަންނަވަ އެވެ.

އޭގެ ތެރެއިން އެއް ފަރާތަކީ، ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު ކަން ކުރެއްވި އައިޝަތު އާޒިމާ ޝަކޫރެވެ.

"ކުޑަކުދިންނާ މެދު ބަދު އަހުލާގީ އަމަލު ހިންގުމަކީ މައާފު ނުދެވޭ ކުށެއް. އަދަބު ލުއި ކުރެވިދާނެ. އެހެންވީމަ އަދަބު ލުއި ކުރުމުގެ ތެރެއިން ތިން ދުވަސް ބޭއްވީމާ، މައާފު ކުރުމެއް ނޫނޭ އަދަބު ލުއި ކުރުމޭ ކިޔާފައި ހަމަ މައާފު އެ ދެއްވީ އަސްލު. ގާނޫނުގެ ރޫހާ ހިލާފަށް ކުރައްވާފައި އޮތް ކަމެއް އެއީ،" އާޒިމާ "ސަން" އަށް ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު ވާހަކަފުޅު ދައްކަވަނީ -- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

އާޒިމާ ވިދާޅުވީ، ރައީސް ސޯލިހުގެ ނިންމެވުމާ ގުޅޭ ގޮތުން ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު ވެސް އެއްޗެއް ވިދާޅުވަން ޖެހިވަޑައިގަންނަވާ ކަމަށެވެ.

"ދެ ބޭފުޅަކު އެބަ ޖެހޭ މިއަަށް އެއްޗެއް ވިދާޅުވަން ދެއްތޯ. ޖެންޑާ މިނިސްޓަރު އެބަ ޖެހޭ، ރައީސް ސޯލިހު އެބަ ޖެހޭ، ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް އެބަ ޖެހޭ."

ޝިދާތާ ވަނީ ކުރު ގޮތަކަށް އެކަމާ ބެހޭ ގޮތުން އެއްޗެއް ވިދާޅުވެފަ އެވެ. އޭނާ ހަމަ އެކަނި ވިދާޅުވީ ކުޑަކުދިންގެ ހައްގުތައް ކަށަވަރު ނުކުރާ، އެ ހައްގުތަކަށް އިހުތިރާމު ނުކުރާ ބަޔަކަށް ސަޕޯޓް ނުކުރައްވާނެ ކަމަށެވެ.

އާޒިމާ ވިދާޅުވީ، ކުޑަ ކުދިންނާ މެދު ޖިންސީ އަމަލު ހިންގާ މީހުން ދޫކުރުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ. އަދި ރައީސް ސޯލިހުގެ ފަރާތުން ފެނިގެން ގޮސްފައި ވަނީ "ހަޑި ހުތުރު" ކަމެއް ކަމަށް އާޒިމާ ވިދާޅުވި އެވެ.

އިންސާނިއްޔަތެއް އޮންނަނީ ސިޔާސީ ބޭފުޅުންގެ އެކަނި ހެއްޔެވެ؟

ރައީސް ސޯލިހުގެ ނިންމެވި ނިންމެވުމަށް ތާއީދުކޮށް ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީ އިން ކުރީ ދުވަހު ނެރުނު ބަޔާނުގައި ބުނެފައި ވަނީ އިއްބެ ދޫކޮށްލީ "އިންސާނިއްޔަތަށް ޓަކައި" ކަމަށެވެ. މި ގޮތުން އޭނާގެ ދަރިއަކު ހުންނަކަން އެމްޑީޕީން ފާހަގަކުރި އެވެ.

އިންސާނިއްޔަތުގެ ވާހަކަ ދެއްކިދާނެ އެވެ.

ދެހާސް ސަތާރަވަނަ އަހަރުގެ މާޗު މަހު ރާއްޖެއިން ހައްޔަރުކުރި ޔަމަނުގެ ރައްޔިތެއް ކަމުގައިވާ ޔާސިރު ޔަހްޔާ ސޯލިހުގެ ވާހަކަ ދައްކަމާ ހިނގާށެވެ.

ދިވެއްސަކާ ކައިވެނިކޮށްގެން، އަދި އަހުމަދިއްޔާ ސްކޫލުގެ އަރަބި ޓީޗަރެއްގެ ވަޒީފާ އަދާކުރަމުން ދިޔަ ޔާސިރު ހައްޔަރުކުރީ އޭނާގެ އަންހެނުން މާބަނޑުވެ، ވިހަން ގާތްވެފައި ވަނިކޮށެވެ. ދަރިއަކު ލިބުނު އިރު ވެސް ޔާސިރު ހުރީ ބަންދުގަ އެވެ. ޔާސިރުގެ ދަރިފުޅަށް މިހާރު ދޮޅު އަހަރު ވެއްޖެ އެވެ.

ޔާސިރަށް އޭނާގެ ދަރިފުޅާ ބައްދަލު ކުރެވެނީ ގާތްގަނޑަކަށް މަހަކު އެއްފަހަރު ކަމަށް އޭނާގެ އަންހެނުން "ސަން"އަށް މައުލޫމާތު ދެމުން ބުންޏެވެ. އަދި އޭނާ ހައްޔަރުކުރި ފަހުން އަދި އަދަށް ދާންދެން އެކަހެރިކޮށް އާއިލާއާ ބައްދަލުކުރުމުގެ ފުރުސަތެއް ވެސް ދީފައި ނުވާ ކަމަށް އޭނާގެ އަންހެނުން ބުންޏެވެ.

"އަޅުގަނޑު ދާއިރު ދަރިފުޅު ވެސް ގޮވައިގެން ދަނީ،" ޔާސިރުގެ އަންހެނުން ކިޔައިދިނެވެ.

ޔާސިރު ޔަހްޔާ އަހުމަދިއްޔާ ސްކޫލްގެ ޓީޗަރުގެ ދުވަހުގެ ހަފްލާގައި -- ފޮޓޯ/ އަހުމަދިއްޔާ

ޔާސިރުގެ އަންހެނުން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނީ، ޔާސިރު ބަންދުކޮށްފައި ހުންނަނީ އެކަހެރިކޮށް ކަމަށެވެ. އޭނާ ބުނީ އެކަމުގެ ސަބަބުން ނަފްސާނީ ގޮތުންނާއި ސިއްހީ ގޮތުން ޔާސިރު ބަލިކަށިވެފައިވާ ކަމަށެވެ. އޭނާ ގޮޅިން ނެރެނީ ވެސް ބިޑި އަޅުވައިގެން ކަމަށާއި އޭނާ ބަހައްޓާފައި ހުންނަ ގޮޅިއަކީ ހޫނުގަދަ ގޮޅިއެއްކަމަށް ވެސް އޭނާގެ އަންހެނުން ބުނެފައިވެ އެވެ.

ޔާސިރު ހައްޔަރުގައި ބަހައްޓާފައިވާ އިރު އޭނާގެ މައްޗަށް ދައުވާއެއް ކޮށްފައެއް ނުވެ އެވެ. އޭނާގެ މައްޗަށް އެއްވެސް ކޯޓަކުން ހުކުމެއް ކޮށްފައެއް ނުވެ އެވެ. އޭނާ ހައްޔަރު ކޮށް "ނިޒާމުން ގެއްލުވާލާފައި"ވާ ސަބަބާއި އޭނާ ހައްޔަރު ކުރީ އޭނާއާ ދެކޮޅަށް ކޮން ހެކިތަކެއް ހުރެގެން ކަމެއްވެސް ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ. އޭނާ ބަހައްޓާފައި ހުރީ ފުލުހުންގެ ބަންދުގައެއް ނޫނެވެ. ޖަލުގެ ބަންދުގައެއް ނޫނެވެ. އިމިގްރޭޝަންގެ ބަންދުގަ އެވެ.

ކަން މިހެން އޮތް އިރު، އިންސާނިއްޔަތަށް ޓަކައި މިނިވަން ކުރަން އައުލާކަން ބޮޑީ ކުޑަ ކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގާފައިވާ މީހެއްތޯ އެވެ؟ ނޫނީ ހުކުމެއް ވެސް ކޮށްފައި ނުވާ މީހެއްތޯ އެވެ؟

ޔާސިރަކީވެސް ހޯރަ އިއްބެ ފަދައިން ހަމަ ތުއްތު ދިވެހި ދަރިއެއްގެ ބައްޕައެކެވެ. ތަފާތަކީ އިއްބެއަކީ ދިވެއްސަކަށް ވެފައި، ސިޔާސީ މީހަކަށް ވުމެވެ. ޔާސިރަކީ އާންމު ރައްޔިތަކަށް ވުމެވެ.

ޔާސިރުގެ އަންހެނުން ބުނި ގޮތުގައި ވެރިކަން ބަދަލުވުމާ އެކު ޔާސިރު މިނިވަންވާނެކަމަށް ވަރަށް ބޮޑަށް އުންމީދުކޮށްގެން ހުރި ކަމަށެވެ. "އެއްވެސް ކަމެއް ސާބިތުވެގެން ނޫން ކުރީގެ ސަރުކާރުން ޔާސިރު ބަންދުކޮށްފައި ހުރީ. އެހެންވީމާ ސަރުކާރު ބަދަލުވެގެން [ޔާސިރު] މިނިވަންވާނެ ކަމަށް ވަރަށް ބޮޑަށް އުންމީދު ކުރިން. އަދިވެސް ގަބޫލު ކުރަނީ ވަރަށް އަވަހަށް މިނިވަން ވާނެ ކަމަށް."

ޔާސިރަކީ ހަމަ އެންމެ މިސާލެކެވެ. "ރާޑަރަށް" ނާރާ އެތައް ބަޔަކު އިންސާފަށް ކެތް މަދުވެފައި އެބަ ތިއްބެވެ.

އަދުލު އިންސާފުގެ ނިޒާމް ގޯސް ވުމުގެ ސަބަބުން ސިޔާސީ މީހުންނަށް ނުހައްގުން ހުކުމް ކޮށްފައި ހުރިއްޔާ އާއްމުންނަށް ވެސް ނުހައްގުން ހުކުމް ކޮށްފައި ހުންނާނެ ކަމީ ބުއްދީގެ ހަމަތަކުން ބަލާއިރު ގަބޫލުކުރަން ދަތި ކަމެއް ނޫނެވެ.

ހޯރަ އިއްބެގެ ކުޑަ ދަރިއަކު ހުންނާތީ، އިންސާނިއްޔަތަށް ޓަކައި އޭނާ ދޫކުރަން ޖެހޭ ނަމަ، ހަމަ އެ ބީދައިން ދޫކުރަން ޖެހޭ މީހުންގެ އަދަދު ވަރަށް ގިނަ ކަމަށް ބުނެ އާއްމުން ވެސް ދަނީ ފާޑުކިޔަމުންނެވެ.

ހޯރަ އިއްބެ މިނިވަންވުމަށް ފަހު --- ފޮޓޯ: ޓްވިޓާ

"އެމްޑީޕީ އަށްވީމާ ކޮންމެ ކަމެއްވެސް އޯކޭ. މިވެސް އިންސާފު. އެމްޑީޕީގެ މީހަކަށްވީމާ ވެލެޒިނީ ވެސް ދޫކޮށްލީ. މީ އިންސާފާއި އިންސާނީ ހައްގުތަކާއި ޑިމޮކްރަސީގެ ނަމުގައި ވާހަކަ ދައްކާމީހުންގެ އިންސާފު ހުރި ގޮތް. ކޮބައިތޯ ޖަލުގައި ތިބި އެހެން މީހުންގެ ހައްގުތައް؟ ހޯރަ އިއްބެއަކީ އެމްޑިޕީގެ އެކްޓިވިސްޓަކަށްވީމާ އޭނާގެ މައްޗަށް ގާނޫނު ވެސް ހިނގައިގެން ނުވޭ. އިންސާނިއްޔަތަށް ޓަކައި ދޫކޮށްލަންޖެހޭ އެތައް ބަޔަކު ތިބިކަން އެމްޑީޕީއަށް ނޭނގޭތޯ؟" އެމްޑީޕީގެ ބަޔާނަށް ފާޑު ކިޔައި އާންމުންގެ މީހަކު ކުރި ކޮމެންޓެއްގައިވެ އެވެ.

"މަގޭ ބޭބެއަކީ ނުކުޅެދުންތެރި މީހެއް. ކުދިބަޔަކު ތެޔޮބިޑި އަނބުރަންތިބި ތަނެއްގައި އޭނާ ވެސް ހުއްޓާ ތެޔޮ ބިޑިއެއްގެ މައްސާލާގައި ވަނީ ޖަލަށްލާފައި. ތިކިޔާ އިންސާނިއްޔަތަށް ޓަކައި އޭނާ ވެސް ދޫކޮއްލަދޭންވީނުން؟ ނުކުޅެދޭ މީހެއް، އަމިއްލަ ހާލާއިގެން ނޫޅެވޭ ހާލަތުގަ ހުރީ! ކަނާތްފަޅި ޕެރަލައިޒްވެފައި،" އެކަމާ ގުޅިގެން އެހެން މީހަކު ބުންޏެވެ.

ސުވާލަކީ، ހޯރަ އިއްބެ ފަދަ ސިޔާސީ މީހުންނަށް އިސްކަމެއް ދީގެން، އެފަދަ މީހުންގެ އަދަބު ލުއި ކޮށްދިނުމުންނާއި، ސިޔާސީ ކުށްވެރިން ފުލުފުލުގައި މިނިވަން ކުުރުމުން، އުފެދެމުން މިދަނީ ސިޔާސީ މީހުންނަށް އަވަހަށް އިންސާފު ލިބުމުގެ ސަގާފަތެއްތޯ އެވެ؟

comment ކޮމެންޓް