އަޅުގަނޑުގެ "ބެނިފިޓް އޮފްދަ ޑައުޓް" އޮތީ ރައީސް ސޯލިހަށެވެ.

އިބްރާހީމް މުހައްމަދު ސޯލިހު -- ފޮޓޯ/ ރައީސް އޮފީސް

މީގެ ހަފްތާއެއްހާ ދުވަސް ކުރީން އަޅުގަނޑުގެ ފޯނަށް ނުދަންނަ ނަމްބަރަކުން ކޯލެއް އައެވެ. ރައީސުލްޖުމްހޫރިއްޔާގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު އެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އަޅުގަނޑާ ބައްދަލު ކޮށްލައްވަން ބޭނުންފުޅު ކަމަށް ވިދާޅުވި އެވެ. އަޅުގަނޑު އެވަގުތު ހުރީ އައްޑޫ ސިޓީގައި ކަމަށް ދެންނެވުމުން ފޯނުން ރައީސް ގުޅުއްވާނެ ކަމަށް ވިދާޅުވި އެވެ. އޭގެ އެއްދުވަސް ފަހުން ރައީސް ގުޅުއްވި އެވެ. އެއީ އަޅުގަނޑުގެ ހަޔާތުގައި ވެސް ރައީސަކު އަޅުގަނޑަށް ކުރެއްވި ފުރަތަމަ ފޯން ކޯލް އެވެ. ވަރަށް ވެސް ސާދާ ބޭފުޅެކެވެ. ވިދާޅުވީ ތިމަން މަނިކުފާނުގެ ސަރުކާރުން ވެސް ކަމެއް ގޯސްކޮށް ކުރާ ނަމަ ފާޑުވެސް ކިޔަންވީ ކަމަށެވެ. ފާޑު ކިއުމަށް މަރުހަބާ ކިޔާނެކަމަށް ވިދާޅުވި އެވެ.

އަޅުގަނޑު ހިތަށް އެެރިއެވެ. ފާޑު ކިޔަން ވެއްޖެ ނަމަ ރައީސް ސޯލިހްގެ ކެބިނެޓަށް ވެސް ފާޑު ކިޔިދާނެ އެވެ. އަލީ ވަހީދު ފަދަ، އޭސީސީ އިން މައްސަލަ ބަލަމުންދާ، އަދި ގިނަ ބަޔަކު ކޮރަޕްޝަނުގެ ތުހުމަތުގެ އިގިލި ދިއްކުރަމުންދާ ބޭފުޅަކު ޓޫރިޒަމް މިނިސްޓްރީ ފަދަ މުހިއްމު ވުޒާރާ އަކަށް ލެއްވީ ކީއްވެގެނެްތޯ ވެސް ސުވާލު ކުރެވިދާނެ އެވެ.

އެއަޕޯޓްސް ކޮމްޕެނީގެ ޗެއާމަނަކަށް ކުރިން ހުންނެވި ބަންދު އިބްރާހިމް ސަލީމް (ކުޑަ ބަންދޭ)، އައިޖީއެމްއެޗްގެ ސީއީއޯ އަކަށް އައްޔަން ކުރެއްވުމަކީ ވެސް ގިނަ ބައެއްގެ ފާޑު ކިއުން ރައްދު ވެދާނެ ކަމެކެވެ. ސަބަބަކީ ބަނދު އިބްރާހިމް ސަލީމް އެއަޕޯޓްސް ކޮމްޕެނީގެ ޗެއަމަނަކަށް ހުނަނަވައިގެން ވަރަށް އަވަސް އަރުވާލައިގެން، ކޮރަޕްޝަނަށް ޝައްކުކުރެވޭ ފަދަ ގޮތަކަށް އިންޑިއާގެ ޖީއެމްއާރަށް އެއަޕޯޓް ދިގު މުއްދަތަކަށް ކުއްޔަށް ދިނުމަކީ އައިޖީއެމްއެޗު ފަދަ ތަނަކާ ސަލީމާ ހަވާލު ކުރަން ނުޖެހޭ ސަބަބެއް ކަމަށް ބައެއް މީހުން ދެކޭތީ އެވެ. ސަލީމުގެ ވެރިކަމުގެ ދަށުން ދަރުމަވަންތަ ހޮސްޕިޓަލް އިންޑިއާގެ ކުންފުންޏަކަށް ދިގު މުއްދަތަކަށް ކުއްޔަށް ދީފާނެ ކަމަށް ވެސް ބައެއް މީހުން ޝައްކު ކުރެއެވެ. އަނެއްކާ ރައީސް ސޯލިހް ވެސް އެފަދަ ގޮތަކަށް ދަރުމަވަންތަ ހޮސްޕިޓަލް އިންޑިއާގެ ކުންފުނަޏަކަށް ކުއްޔަށް ދެއްވަން ބޭނުންފުޅު ވަނީ ބާ އެވެ؟

ކޯލިޝަންގެ އެއްބަސްވުމަށް ގޮންޖަހައި ރައީސް ނަޝީދުގެ މާލިމީ ކަމުގެ ދަށުން އެމްޑީޕީ އިން މަޖުލިހުގެ ހުރިހާ ގޮނޑިއަކަށް ވާދަކުރަން ނިންމި ނިންމުމަށް ރައީސް ސޯލިހް އެއްވެސް އެއްޗެއް ވިދާޅުނުވުމަކީ ނަޝީދުގެ ހުރިހާ ކަމަކަށް ރައީސް ސޯލިހް ރުހިވަޑައިގެން ހުންނެވުން ބާއޭ ވެސް ސުވާލު ކުރެވިދާނެ އެވެ؟ ރާއްޖޭގެ ސިޔާސީ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރައްވަން ފޫގަޅުއްވައިގެން، މަޖުލިސްތެރެއިން ރައީސް ނަޝީދު ފައްޓަވާފައިވާ މަސައްކަތާ މެދު އެއްވެސް އެއްޗެއް ވިދާޅުނުވެ، ރައީސް ނަޝީދުގެ މަޖުލިސް ކެމްޕެއިން ފެއްޓެވުމުގެ ހަފްލާއަށް ރައީސް ސޯލިހް ވަޑައިގަތުމަކީ ނަޝީދުގެ ހުރިހާ ސިޔާސަތުތަކަށް ރައީސް ސޯލިހް ރުހިވަޑައިގެން ހުންނެވުން ކަމުގައި ވެސް މާނަ ކުރެވިދާނެ އެވެ.

ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރުން، ނުވަތަ ގިސާސް ހިފުން ގާއިމް ނުކުރުމަށް އެއްބަސްވެ ޔޫއެން އާ އެކު އެއްބަސް ވުމެއްގައި ސޮއެ ކުރެއްވުމަށް ސަރުކާރުން ނިންމެވިކަން އިއުލާން ކުރުމާ އެކު ވަރަށް ގިނަ ޝެއިހުންނާއި އާއްމުގެ ގިނަ ބަޔަކު އެކަމަށް ފާޑު ކިއަންފެށި އެވެ. ވެރިކަމުގެ މިހާ ކުރީކޮޅު މިފަދަ ނިންމުމެއް ނުނިންމަވާ މިމައްސަލަ "ޕާރކް" ކުރައްވާފައި ބޭއްވެވުން ވެސް މާ ރަނގަޅުވާނެ ކަމަށް ފެނެ އެވެ. ނަމަވެސް ލިބެރަލް ހިޔާލްގެ ކެރަފާ ނަސީމް ފަދަ ބޭފުޅަކަށް ރައީސް އޮފީހުގެ މިނިސްޓަރުކަން ދެއްވައިގެން، ކެރަފާ ނަސީމް މިދެންނެވި ބައިންލްއަޤްވާމީ ޖަލްސާއަށް ފޮނުއްވައިގެން މާތްﷲގެ ގާނުނަށް ގޮންޖަހާ ފަދަ ބަޔާނެއް ހާރިޖީ ވުޒާރާއިން ނެރުއްވުމަކީ ވެސް ފާޑު ކީދާނެ ކަމެކެވެ.

ހަމައެކަނި އިސްލާމީ ޝަރީއާ ކިޔަވައިގެން ތިބޭ މީހުންނަށް ރާއްޖޭގައި ޤާނޫނީ ވަކީލުކަން ކުރެވޭ ގޮތަށް އޮތް އޮތުން ބަދަލުކޮށް، އިސްލާމީ ޝަރީއާ ކިޔެވިއަސް، ދުނިޔޭގެ ގާނޫނުތައް ނުކިޔަވާ ނަމަ ޤާނޫނީ ވަކީލުކަން ނުކުރެވޭ ގޮތަށް ޤަވާއިދު ބަދަލު ކުރަން ސަރުކާރުން ނިންމެވުމަކީ ވެސް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އިޔާޒް ފަދަ އިލްމުވެރީންނާއި އާއްމުންގެ ބައެއް ފަރާތްތަކުގެ ފާޑު ކިއުން އަމާޒުވި ކަމެކެވެ. މިއީ މާތްﷲގެ ޤާނޫނު ދަށްކުރުމުގެ އަމަލެއް ކަމަށް ފާޑު ކިޔާ މީހުން ދެކެއެވެ. ފާޑު ކިއަން ވެއްޖެ ނަމަ މިއީ ވެސް ފާޑު ކީދާނެ ކަމެކެވެ.

އުމުރުން 18 އަހަރުން ދަށުގެ ކުޑަ އަންހެން ކުއްޖަކާ އެކު ބަދުއަހްލާގީ އަމަލެއް ހިންގައިގެން ޖަލަށް ހުކުމް ކޮށްފައިވާ ހޯރަފުށީ އިއްބެއަށް ރިއާސީ މާފަކުން މާފު ދެއްވައި، ދޫކޮށްލެއްވުމަށް ރައީސް ސޯލިހު ނިންމެވި ނިންމެވުމަށް ވެސް ގިނަ ބަޔަކު ފާޑު ކިޔަމުންދެ އެވެ. އޭގެތެރޭގައި އެމްޑީޕީ އަށް ނިސްބަތްވާ ބައެއް މީހުން ވެސް ހިމެނެ އެވެ. މިއީ ކުރިއަށް އޮތް މަޖުލިސް އިންތިހާބާ ދިމާކޮށް ސިޔާސީ ބޭނުމެއްގައި ނުފޫޒުގެ ބޭނުން ކުރައްވަން ނިންމެވި ނިންމެވުމެއް ކަމަށް ބުނެ، ބައެއް މީހުން ފާޑު ކިޔަމުން ދެއެވެ. ފާޑު ކިޔަން ވެއްޖެ ނަމަ މީވެސް ދެއްކިދާން ވާހަކަ އެކެވެ.

އިންޑިއާއިން ރާއްޖޭގައި ބާއްވަިގެން އުޅޭ ދެހެލިކޮޕްޓަރާއި، އެ ދެ ހެލިކޮޕްޓަރު ބެލެހެއްޓުން އުޒުރަކަށް ހަދައިގެން ރާއްޖޭގައި ބައިތިއްބައިގެން އުޅޭ 40 އިންޑިއާ ސިފައިންގެ މައްސަލާގައި ރައީސް ސޯލިހްގެ ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ އިންޑިއާގެ ދިފާއުގައި ވާހަކަ ދެއްކެވުމުން ވެސް ފާޑުކިޔާ މީހުން ފާޑު ކިޔައެވެ. މާރިޔާގެ ވާހަކައިން އެކަމަނާ އަކީ ރާއްޖޭގެ ދިފާއީ ވަޒީރަށް ވުރެ ބޮޑަށް އިންޑިއާ ސަރުކާރުގެ ސްޕޯކްސް ޕާސަން އެއް ހެން ހީވާ ކަމަށް ވެސް ފާޑުކިޔާ މީހުން ބުނެ އެވެ.

ރާއްޖޭގައި އިންޑިއާގެ މިލިޓަރީ ބޭސްއެއް ހަދަން ހުއްދަ ދެއްވަން މި ސަރުކާރުން ނޫޅުއްވާ ކަމަށް ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ތަކުރާރުކޮށް ވިދާޅުވި އަސް މިކަމާމެދު ކަންބޮޑުވާ މީހުންގެ އުދާސްތަކަށް ލުޔެއް ލިބޭކަމަކަށް ނުވެ އެވެ. މިލިޓަރީ ބޭސް އެއް ހަދަން ހުއްދަ ނުދިނަސް ސާޗްއެންޑް ރެސްކިއުގެ ނަމުގައި ހަނިމާދޫގައި ވެސް އިންޑިއާގެ ޑޯނިއާ މަތިންދާ ބޯޓަކާއި އިންޑިއާ ސިފައިން ބޭތިއްބުމުގެ ހުއްދަ ރައީސް ސޯލިހްގެ ސަރުކާރުން ދެއްވަން އުޅުއްވާ ކަމަށް އަޑުތައް ވަނީ ފެތުރިފަ އެވެ. މިއީ ނަމުން މިލިޓަރީ ބޭސް އަކަށް ނުވިއަސް ކަމުން މިލިޓަރީ ބޭސްއެއް ހެދުމަށް އިންޑިއާއަށް ހުޅުވާލަދެވޭ ދޮރެއް ކަމަށް ފާޑުކިޔާ މީހުން ބުނެއެވެ.

އަވަށްޓެރި ޤައުމެއް ކަމުގައިވާ ބޫޓާންގައި ވެސް އިންޑިއާ ސިފައިން މިލިޓަރީ ބޭސް ހަދައިގެން ބޫޓާންގެ ހާރިޖީ ސިޔާސަތު އިންޑިއާގެ މުށުތެރެއަށް ލައިގެން އުޅޭ ގޮތަށް ރާއްޖެ ވެސް އިންޑިއާގެ މުށުތެރެއަށް ލުމުގެ ދިގުރާސްތާގެ ޕްލޭނެއް އޮތް ކަމަށާއި އެކަން އިތުރަށް ގޯސް ނުވަނީސް މުލުން ލުހެލުމަށް ރައީސް ސޯލިހްގެ ސަރުކާރު ނުކުޅެދިފައިވާ ކަމަށް ފާޑު ކިޔާ މީހުން ބުނެ އެވެ.

ރައީސް ސޯލިހަކީ ސާދާ ބޭފުޅެކެވެ. މަޑުމައިތިރި، ކެތްތެރި ބޭފުޅެކެވެ. ހަތަރު ފަރާތުން އަންނަ ސިޔާސީ ޕްރެޝަރަށް ވަގުތުން ވަގުތަށް ރައްދު ނުދެއްވައި، ހިކުމަތް އިސް ކުރައްވައިގެން، ދުރު ރާސްތާގެ ޕްލޭނަކާ އެކު ކުރިއަށް ވަޑައިގަންނަވާ ބޭފުޅެއް ކަމަށް، ބައެއް ސަޕޯޓަރުން ދެކެ އެވެ. ހިކުމަތްތެރިކަން ބައެއް ސިޔާސަތުތަކުން ފެންނަ އިރު، އޭގެ އިދިކޮޅު ވެސް ބައެއް ފަހަރު އެބަ ފެނެއެވެ. ގިސާސްގެ މައްސަލަ އާއި ލޯޔަރުންގެ މައްސަލަ އަކީ އަވަސް އަރުވާލައިގެން މިހާރުން މިހާރަށް ނަގަން ޖެހޭ މައްސަލަތަކެއް ބާވައޭ ސުވާލު އުފެދެ އެވެ.

ރައީސަށް އެޑްވައިސް ދެއްވާނީ ސިދާ ހަތަރު ލީޑަރުން ކަމަށް ކުރިން ވަނީ ވިދާޅުވެފަ އެވެ. އެހެން ކަމުގައިވާ ނަމަ ރައީސް މައުމޫނާއި، ޤާސިމް އިބްރާހިމާއި، ޝެއިހް އިމްރާންގެ އެޑްވައިސްކޮބައިތޯއެވެ. ގިނަ ސިޔާސަތު ތަކުން ފެންނަނީ ރައީސް ނަޝީދު މާބޮޑަށް އެޑްވައިޒް ދެއްވާ ކަމެވެ! "ބެކްސީޓް ޑްރައިވަރެއް"ގެ ގޮތުގައި މިހާ އަވަހަށް ރައީސް ނަޝީދު ވަޑައިގެންފި ކަމަށް ވެސް ފާޑު ކިޔާ މީހުން ބުނެއެވެ. ނަމަވެސް އަޅުގަނޑު ބޭނުން ވަނީ ރައީސް ސޯލިހަށް "ބެނިފިޓް އޮފް ދަ ޑައުޓް" ދޭށެވެ. އެއަށް ދިވެހީން ކިޔާނީ ކޮންނަމެއްތޯ އެވެ؟ އެއީ ޝައްކު އުފެދޭ ކަނކަން ހުއްޓަސް މިވަގުތައް ކޮންމެވެސް ވަރަކަށް އިތުބާރު ކުރުމެވެ. ރައީސްގެ ފޯން ކޯލް ނިމްމަވާ ލެއްވިވަގުތު އަޅުގަނޑު ދެންނެވީމެވެ. ފަސް އަހަރުގެ ދައުރު ހެޔޮ ވެރިކަމެއް ކުރައްވާފައި ވެރިކަން އަނބުރާ ދިވެހި ރައްޔިތުންނާ ހަވާލު ކުރައްވައްޗެވެ!

ފަސް އަހަރު ނިމޭއިރު ބޭރު ޤައުމެއްގެ މުށުތެރެއަށް މި ޤައުމު ވެއްޓި، ކޮރަޕްޝަނާއި ފަސާދަ އާއި ނާޖާއިޒު ނުފޫޒުން މުޅި ނިޒާމް ފޯވެ، ދިވެހި ޤައުމާއި ރައްޔިތުން އަޅުވެތިވެފައި ތިބުމަކީ ވެސް ހަމަ ވެދާނެ ކަމެކެވެ. ފާޑުކިޔާ މީހުން މިފަދައިން ބުންޔަސް އަޅުގަނޑުގެ އުއްމީދަކީ، އަދި އަޅުގަނޑު ޤަބޫލް ކުރާ ގޮތަކީ ރައީސް ސޯލިހަކީ އެއަށް ވުރެ ބޮޑަށް ޤައުމު ދެކެ ލޯބިފުޅުވާ ބޭފުޅަކަށް ވުމެވެ. ފަސް އަހަރުގެ ދައުރަކަށް ފަހު، އަމާނާތްތެރި ކަމާއި އެކު، މިހާރަށް ވުރެ ތަރައްގީ ވެފައިވާ ޤައުމެއް، ދިވެހި ރައްޔިތުންނާ، އަމާނާތްތެރިކަމާ އެކު ހަވާލު ކުރައްވާނެ ކަމަށް އަޅުގަނޑު އުއްމީދު ކުރަމެވެ. އަޅުގަނޑުގެ "ބެނިފިޓް އޮފް ދަ ޑައުޓް" ހަމަ އޮތީ ރައީސް ސޯލިހަށެވެ.

comment ކޮމެންޓް