ކޮންރެޑް މޯލްޑިވްސް ރިސޯޓު ވިއްކާލަން ނިންމައިފި

މޫދު އަޑީގައި ރަންގަލީގައި ހެދި ވިލާ---

އދ. ރަންގަލިފިނޮޅުގައި ހިންގަމުން އަންނަ ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑް ރިސޯޓު ވިއްކާލަން ނިންމައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީ އިން ކޮށްފައިވާ އިއުލާނެއްގައި ވަނީ ރަންގަލިފިނޮޅު ލީސް އެގްރީމަންޓްގެ ދަށުން އެރަށް ކުއްޔަށްހިފާފައިވާ ފަރާތަށް ލިބިދީފައިވާ އެންމެހާ ހައްގުތައް އެހެން ފަރާތަކަށް ބަދަލުކުރުމުގެ ހުއްދައަށް އެދި އެފަރާތުން ހުށަހަޅުއްވާފައިވާ ކަމަށެވެ.

ރަންގަލިފިނޮޅުގެ ލީސްހޯލްޑަރަކީ ކްރައުން ކޮމްޕެނީ އެވެ. އެ ކުންފުނީގެ ޑިރެކްޓާ އަހްމަދު ސަލީމް "ސަން" އަށް ވިދާޅުވީ، ރިސޯޓު ވިއްކާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

ނަމަވެސް އެ ރިސޯޓު ވިއްކާލާ އަގު އަދި، ވިއްކަނީ ކޮން ބަޔަކަށް ކަމެއް ސަލީމް ހާމައެއް ނުކުރެއްވި އެވެ.

ކޮންރެޑް މޯލްޑިވްސް ރަންގަލި ރިޒޯޓު---

ކޮންރެޑް ހޮޓެލްސް އެންޑް ރިޒޯޓްސް އިން ހިންގާ ކޮންރެޑް މޯލްޑިވްސް އަކީ، މުޅި ދުނިޔޭގައި ވެސް އެންމެ ފުރަތަމަ މޫދު އަޑީގައި ހުޅުވި ރެސްޓޯރެންޓު "އިތާ" ރެސްޓޯރެންޓު ހުންނަ ރިސޯޓެވެ. އޭގެ އިތުރުން ދާދި ފަހުން އެ ރިސޯޓުގައި ވަނީ "ދަ މުރަކަ"ގެ ނަމުގައި މޫދު އަޑީގައި ވިލާއެއް ހުޅުވާފަ އެވެ. އެއީ މުޅި ދުނިޔޭގައި ވެސް ހުޅުވި އެފަދަ ފުރަތަމަ ވިލާ އެވެ.

ޓޫރިޒަމް ދާއިރާގެ ބައިނަލްއަގްވާމީ ފެންވަރުގެ އެވޯޑުތައް ލިބިފައިވާ ކޮންރެޑުގައި 150 ވިލާ ހުރެ އެވެ. އަދި 12 ރެސްޓޯރެންޓާއި ދެ ސްޕާ ހުރެ އެވެ.

comment ކޮމެންޓް