މަރުގެ ހުކުމް ތަންފީޒު ނުކުރުމަށް ފޮރިން މިނިސްޓްރީ އިން މިއަދު ނިންމި ނިންމެވުމަށް ކުރީގެ ހޯމް މިނިސްޓަރު، އުމަރު ނަސީރު އަދި ދީނީ އިލްމުވެރިޔާ އަލީ ޒައިދު ފާޑު ކިޔައިފި އެވެ.
ފޮރިން މިނިސްޓްރީ އިން މިއަދު ބުނީ ރާއްޖޭގައި އެންމެ ފަހުން މަރުގެ އަދަބުދީފައި ވަނީ މީގެ 65 އަހަރު ކުރިން ކަމަށާއި އަދި އޭގެ ފަހުން އެކަން ކޮށްފައި ނުވާ ކަމަށާއި އަލުން މަރުގެ އަދަބު ނުދޭނެ ކަމަށް ފޮރިން މިނިސްޓްރީ އިން މިއަދު ވަނީ ބުނެފަ އެވެ.
އެކަމަށް ފާޑު ވިދާޅުވެ އުމަރު ނަސީރު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސަރުކާރުން މަރުގެ އަދަބު ތަންފީޒު ނުކުރުމަށް ނިންމުގެ ސަބަބުން ހިތާމަ ކުރައްވާ ކަމަށާއި ގިސޯސް ހިފުމަކީ މީހުން މެރުމާއި ވަޅި ޖެހުމަށް އޮތް ހައްލު ކަމަށެވެ.
"ގިސޯސް ހިފުމަކީ، މީހުން މެރުމާއި ވަޅި ޖެހުމަށް އޮތް ހައްލު. އަމާން ކަން ގައިމު ކުރެވޭނީ ގަސްތުގައި މީހުން މަރާ މީހުންނަށް މަރުގެ އަދަބު ދެވިގެން. މި ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރާނެ ރައީސް އަކީ އިރާދު ކުރެއްވީޔާ އަޅުގަނޑު،" އުމަރު ކުރެއްވި ޕޯސްޓުގައި ލިޔެފައިވެ އެވެ.
އުމަރުގެ އިތުރުން އެނިންމުމަށް ފާޑު ކިޔައި އަލީ ޒައިދު ޓްވިޓާގައި ވިދާޅުވީ، މާތްﷲ ގުރުއާނުގައި ގިސޯސް ހިފުމަށް އަންގަވާފައިވާ ކަމަށާއި އެކަމަށް ސަރުކާރުން އިންކާރު ނުކުރޭވެނެ ކަމަށެވެ. އަދި ސަރުކާރަށް މަރުގެ އަދަބު ތަންފީޒު ނުކުރެވޭނެ ކަމަށް ނުބުނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ "ނަމަވެސް ސަރުކާރަށް ޝަރުއީ ދައިރާ އިސްލާހު ކުރެވިދާނެ. ކަމަށާއި ނަމަވެސް އިސްލާހު ކުރުމަށް ފަހު ވެސް ގުރުއާނަށް އަމަލު ކުރަން ޖެހޭ" ކަމަށެވެ.
އުމަރާއި އަލީ ޒައިދުގެ އިތުރުން ބައެއް އޮދިކޮޅު ފަރާތްތަކުން ވެސް ދަނީ ސަރުކާރުގެ އެ ނިންމުމަށް ފާޑު ކިޔަމުންނެވެ. ނަމަވެސް ބައެއް ފަރާތްތަކުން ބުނަމުން ދަނީ ރާއްޖޭގެ ޝަރުއީ ދާއިރާ އިސްލާހު ނުކުރެވި މަރުގެ އަދަބު ތަންފީޒު ކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށާއި ސަރުކާރުގެ އެ ނިންމުމަށް ތާއީދު ކުރާ ކަމަށެވެ.
ރާއްޖޭގައި މަރުގެ އަދަބުދިނުން ހުއްޓަލާފައި އޮންނަތާ އެތައް އަހަރެއް ފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި ވަނީ މަރުގެ އަދަބުދޭން ނިންމައިފަ އެވެ. ނަމަވެސް އެ ސަރުކާރުގެ ފަސް އަހަރުގެ ދައުރު ނިމުނު އިރު ވެސް އެކަން ތަންފީޒުކޮށްފައެއް ނުވެ އެވެ.