ތިން ގައުމުގެ އަސްކަރީ ތަމްރީނުތައް މާދަމާ ރާއްޖޭގައި ފަށަން ތައްޔާރުވެއްޖެ

މީގެ ކުރިން ބޭއްވި ދޯސްތީ ތަމްރީން ޕްރޮގްރާމްގެ ތެރެއިިން -- ފޮޓޯ އެމްއެނޑީއެފް

ރާއްޖެ، އިންޑިއާ އަދި ސްރީލަންކާގެ ކޯސްޓްގާޑާ ގުޅިގެން ހިންގާ އަސްކަރީ ތަމްރީން، "ޓްރައިލެޓެރަލް ޖޮއިންޓް އެކްސަސައިޒް ދޯސްތީ" މާދަމާ ފަށާން ތައްޔާރުވެއްޖެ ކަމަށް އެމްއެންޑީއެފްގެ ކޯސްޓް ގާޑުން މިއަދު ބުނެފި އެވެ.

އެކްސަޒައިޒް ދޯސްތީއަކީ 1992 ވަނަ އަހަރުން ފެށިގެން ކޮންމެ ދެ އަހަރަކުން އެއް އަހަރު، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށް އަދި މި ސަރަހައްދުގައި ހިނގާ ކަނޑުމަތީގެ ހާދިސާތަކަށް ސަމާލުވުމަށް މި ސަރަހައްދުގެ ތިން ގައުމުން ކުރިއަށް ގެންދާ ކަނޑުމަތީ އަސްކަރީ ތަމްރީނުު ޕޮރޮގްރާމެކެވެ. އެގޮތުން މިއަހަރު މި ބާވަނީ "ދޯސްތީ 14" އެވެ.

ކޯސްޓްގާޑް ބިލްޑިންގައި މިއަދު ތަމްރީނު ޕްރޮގްރާމާ ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމަތު ދެއްވަމުން އެމްއެންޑީއެފްގެ ލެފްޓިނެންޓް މުޙައްމަދު ސަލީމް ވިދާޅުވީ، ތިން ގައުމު މެދުގައި ބޭއްވޭ މިތަމްރީން ޕްރޮގްރާމްގެ ފައިނަލް ޕްލޭނިން ކޮންފަރެންސް މިއަދު ބޭއްވިގެން ދާނެ ކަމަށާއި ހުޅުުމުގެ ރަސްމިއްޔާތު މާދަމާ ހެނދުނު އިސްލާމީ މަރުކަޒުގައި އޮންނާނެ ކަމަށެވެ.

ކޯސްޓްގާޑުން މިއަދު ބޭއްވި ނޫސްވެއިންގެ ބައްދަލުވުމުގައި އެމްއެންޑީއެފްގެ ލެފްޓިނެންޓް މުޙައްމަދު ސަލީމް ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

އޭނާ ވިދާޅުވީ މިހާރު އިންޑިއާ އަދި ސްރީލަންކާގެ މަނަވަރުތައް ރާއްޖެ އައިސްފައިވާ ކަމަށާއި ރާއްޖޭގެ ފަރާތުން ބޭނުން ކުރަނީ ހުރަވީ ކަމަށެވެ.

"މިހާރުވަނީ އިންޑިއާގެ ދެ މަނަވަރާކާއި ސްރީ ލަންކާގެ މަނަވަރެއް ރާއްޖެ އައިސްފައި. މީގެ އިތުރުން އިންޑިއާގެ ހެލިކޮޕްޓަރަކާއި ޑޯނިޔާއެއް ވެސް މިއެކްސަސައިޒްގައި ބައިވެރިވާނެ. ރާއްޖޭގެ ފަރާތުން ބައިވެރިވުމަށް ހަމަޖެހިފައި ވަނީ މަރާމަތަށް ފަހު ގެނެވުނު ހުރަވީ،" ސަލީމް ވިދާޅުވި އެވެ.

ތިން ގައުމުން 200 އެއްހާ ބައިވެރިން ބައިވެރިވާ މި ހަރަކާތް މާދަމާ އިން ފެށިގެން 28 ވަނަ ދުވަހާ ހަޔަށް ކުރިއަށް ދާނެ ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.

comment ކޮމެންޓް