ލޯކަލް ޓުއަރިޒަމަށް ހުރި ގޮންޖެހުންތައް މިނިސްޓަރު ބައްލަވާލައިފި

ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު މާފުއްޓަށް ވަޑައިގެން އެރަށު ލޯކަލް ޓުއަރިޒަމް އަށް ހުރި ގޮންޖެހުންތައް ބައްލަވާލެއްވުން -- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު، ލޯކަލް ޓުއަރިޒަމް ފުޅާ ދައިރާއެއްގައި ކުރަމުން އަންނަ ކ. މާފުއްޓަށް ވަޑައިގެން ލޯކަލް ޓުއަރިޒަމްއާއި އެރަށަށް ހުރި ގޮންޖެހުންތައް ބައްލަވާލައްވައިފިއެވެ.

މިނިސްޓަރު އަލީ ވަހީދު މިއަދު ހަވީރު އެރަށަށް ވަޑައިގަތުމުން މަރުހަބާ ދެންނެވީ އެ ރަށު ކައުންސިލަރުންނާއި ރައްޔިތުންނެވެ.

މިނިސްޓަރު ކައުސިލަރުންގެ ކަންބޮޑުވުންތައް އެއްސެވުމަށް ފަހު އެ ރަށު ކުނި ނައްތާލާ ސަރަހައްދު ބައްލަވާލެއްވިއެވެ.

ނޫސްވެރިންނާއެކު މިނިސްޓަރު އެ ސަރަހައްދަށް ވަޑައިގެން ކުނި ނައްތާލާ ސަރަހައްދު ބައްލަވާލެއްވި އިރު ފާހަގަކުރެވުނީ އެރަށުގައި ކުނި ނައްތާލަމުން ދަނީ އެންމެ އެދެވޭ ގޮތުގައި ނޫން ކަމެވެ. އަދި އެކަމަށް ސަރުކާރު ތެރެއިން ހައްލެއް ގެނައުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި ކައުސިލަރުންނަށް ދެއްވިއެވެ.

މިނިސްޓަރު އަލީ ވަހީދު މާފުށީ ކުނި ނައްތާލާ ސަރަހައްދު ބައްލަވާލެއްވުން -- ސަން ފޮޓޯ/މުޒައްޔިން ނާޒިމް

ވަޒީރުކަމާއި ހަވާލުވުމަށް ފަހު ރާއްޖޭގެ ރަށަކަށް ކުރެއްވި އެންމެ ފުރަތަމަ ދަތުރު މާފުއްޓަށް ކުރައްވަމުން މިނިސްޓަރު ވަނީ އެ ރަށުގެ ޓުއަރިސްޓް ސަރަހައްދުތަކާއި އަދި ގެސްޓްހައުސް ހިންގާ ވިޔަފާރިވެރިންނާ ވަކިން ބައްދަލު ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ވިޔަފާރިވެރިން ވަނީ އެބޭފުޅުންގެ ގެސްޓްހައުސް ވިޔަފާރިތަކަށް ހުރި ގޮންޖެހުންތަކާއި ރަށަށް ކުރިމަތިވެފައި ހުރި މައްސަލަތަކުގެ މައުލޫމަތު މިނިސްޓަރާ ހިއްސާ ކުރައްވާފައެވެ.

ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު، މާފުށީ ގެސްޓް ހައުސް ވިޔަފާރި ވެރިންނާ ބައްދަލުކޮށް އެބޭފުޅުންގެ ކަންބޮޑުވުން އަޑު އެއްސެވުން -- ސަން ފޮޓޯ/މުޒައްޔިން ނާޒިމް

އަދި މި ބައްދަލުވުމުގައި އިތުރަށް ލޯކަލް ޓުއަރިޒަމް ހަރުދަނާ ކުރެވޭނެ ގޮތްތަކާއި ވިޔަފާރިވެރިންގެ މަޝްވަރާއާއި ހިޔާލު މިނިސްޓަރު ހޯއްދެވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވަނީ އެރަށުގެ ސިއްހީ މަރުކަޒަށްވެސް ވަޑައިގެން އެތަނުގެ ހާލަތުވެސް އޮޅުން ފިލުއްވާފައެވެ.

މާފުށީގައި މިވަގުތު 52 ގެސްޓްހައުސްއާއި ފަސް ވޯޓާސްޕޯޓްސް ސެންޓަރާއި އަދި ފަސް ޑައިވިން ސްކޫލް ހުރެއެވެ.

comment ކޮމެންޓް