އިންޑިއާގެ ޝާކަޕަޓްނަމްގައި ޤާއިމްކޮށްފައިވާ އިންޑިއަން ނޭވަލް ޑޮކްޔާޑުގައި މަރާމާތުގެ މަސައްކަތެއް ކުރުމަށްފަހު ކޯސްޓު ގާޑު ޝިޕް ހުރަވީ މިރޭ ރާއްޖެ އަތުވެއްޖެއެވެ.
ޝިޕް ހުރަވީ އަކީ އެމްއެންޑީއެފް ކޯސްޓުގާޑުގެ އެންމެ ބޮޑު އުޅަނދެވެ. ޝިޕް ހުރަވީ މަރާމާތަށް އިންޑިއާ އަށް ދިޔައީ މިއަހަރުގެ ޖުލައިމަހުއެވެ.
ޝިޕް ހުރަވީގެެ އެކްސްޓެންސިފް ރީފިޓިންގެ މަސައްކަތަށް ފަސް މިލިއަން ޑޮލަރު ޚަރަދުނެ ކަމަށް އޭރު ވަނީ ރިޕޯޓުކޮށްފައެވެ. މި ފައިސާ ހަރަދުކުރާނީ އިންޑިއާގެ ސަރުކާރުން ކަމަށްވެސް ރިޕޯޓުކޮށްފައިވެއެވެ.
ޝިޕް ހުރަވީގެ ރިފިޓް ކާމިޔާބުކަމާއެކު ނިންމުން ފާހަގަކުރުމުގެ ގޮތުން، މިމަހުގެ 14 ވަނަ ދުވަހު ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ. މިރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ، އިންޑިއަން ނޭވަލް ޑޮކްޔާޑުގެ އެޑްމިރަލް ސްޕްރިޑެންޓް، ރިއަރ އެޑްމިރަލް އަމިތު ބޯސްއެވެ.
ޝިޕް ހުރަވީގެ މަރާމާތަށް ބޮޑެތި މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. މިގޮތުން ޝިޕްގެ ހަލް އާއި، ޓޭންކްތަކާއި ކީލް އޭރިއާ މަރާމާތުކޮށް ނިމި ޕްރެޝަރ ޓެސްޓް ކުރުމާއި، ފައިނަލް ޕެއިންޓް ސްކީމް ދުއްވުމުގެ މަސައްކަތްތައް ވަނީ ކޮށްފައިވެއެވެ. މީގެ އިތުރުން، ޝިޕްގެ ތެރޭގައި ހުރި ސިސްޓަމް ތަކާއި އެހެނިހެން އާލާތްތައް އަޕްގުރޭޑް ކުރުމުގެ މަސައްކަތްތައް ވެސް ވަނީ ކުރެވިފައެވެ.
ކޯސްޓްގާޑު ޝިޕް ހުރަވީ ރިފިޓް މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ޝިޕްގެ ސިފައިން ޙަރަކާތްތެރިވެފައިވާއިރު، ރިފިޓްގެ މަސައްކަތުގައި އިންޑިއަން ނޭވީގެ ސިފައިން ވެސް ބައިވެރިވެފައިވެއެވެ.
އިންޑިއާގެ ވިޝާކާޕަޓްނަމްގައި ކުރި ރިފިޓަށް ފަހު އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ހުރަވީ ރާއްޖެ އައިސްފައިވަނީ މިރޭ އަށެއް ޖެހިއިރުއެވެ.