މާދަރީ ބަހުގެ ހައްގުގައި ކުރާ ފަރިޔާދު

ބައިނަލްއަޤްވާމީ މާދަރީ ބަހުގެ ދުވަސް ފާހަގަކުރުން: ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ދިވެހި ބަހަކީ ދިވެހި ޤައުމިއްޔަތާއި ދިވެހި ޝަޚްޞިއްޔަތުގެ އަސާސެވެ. އެއީ އަޅުގަނޑުމެންގެ އަމިއްލަ އެއްޗެކެވެ. އެއީ އަޅުގަނޑުމެންގެ އަމިއްލަވަންތަކަމުގެ ޖައުހަރެވެ. ވީމާ ދިވެހި ބަސް ދިރުވައި ދެމެހެއްޓުމަކީ ދިވެހީންގެ ޤައުމީ ވާޖިބެކެވެ. ބަސް ކުރި އަރުވައި ތަރައްޤީ ކުރުމާއި، އިލްމީ އެންމެހައި މައިދާންތަކެއްގައި ހުރިހައި ކޮޅުކޮޅަށް ފަސޭހަކަމާ އެކު ދުވާ ސަވާރީއަކަށް ދިވެހި ބަސް ހެދުމަށް މަސައްކަތް ކުރުމާއި، އެ މަސައްކަތް ކާމިޔާބު ކުރުން ވާނީ ދިވެހީންގެ އާދަޔާ ޚިލާފު ގާބިލިއްޔަތުގެ އަލިގަދަ ހެއްކަކަށެވެ. އެކަން ނުކުރެވިގެން، ދިވެހި ބަސް ދޫކޮށްލައި ބިދޭސީ ބަހެއް ބަލައިގަތުމަކީ، ދިވެހީންގެ ކިބައިގައި އަމިއްލަވަންތަކަމެއް، ގައުމީ ޣީރަތެއް، ޒާތީ ޝަޚްސިއްޔަތުގެ މުހިއްމުކަން ވަޒަން ކުރުމުގެ ފިކުރީ ނަޒާހަތްތެރިކަމެއް ނެތް ކަމުގެ ފާޅުކަން ބޮޑު ދަލީލެކެވެ. ތިމާމެންގެ ބަސް ކުރި އަރުވައި ތަރައްގީ ކުރުމުގެ އިލްމީ އަދި ފިކުރީ ގާބިލުކަން ދިވެހީންގެ ކިބައިގައި ނެތް ކަން ދުނިޔެއަށް ސާބިތު ކޮށްދެވޭ ސާބިތު ކޮށްދިނުމެކެވެ.

ދިވެހި ވަރަށް ގިނަ އާއިލާތަކުގައި، ކުދީން ދިވެހި ބަހާ ދުރު ކޮށް، އިނގިރޭސި ބަހުން ކުދީންނާ މުއާމަލާތު ކޮށް، ހަމައެކަނި އިނގިރޭސި ދަސް ކޮށްދީގެން ކުދީން ބޮޑު ކުރަނީ ދިވެހި ބަހަކީ ކަޓުމުއްލާ، ދެރަ، ނިކަމެތި ބަހެއް ކަމަށް އަދި އިނގިރޭސި ބަހަކީ މާ ގައްޑާ އެއްޗެއް ކަމަށް އެމީހުންގެ ވިސްނުމަށް ފެންނާތީއެވެ. މި ވިސްނުން ހުންނަ މީހާޔަކީ ފިކުރީ ގޮތުން އަޅުވެތި ވެފައި ވާ މީހެކެވެ. ސިކުނޑި ދޮވެލެވި، ބުއްދި އިސްތިއުމާރު ކުރެވިފައި ހުރި މީހެކެވެ. ސަހުޔޫނީ ޔަހޫދީންގެ އަމިއްލަ ބަހާއި ސަގާފަތާއި ގިޔަމުތަކަށް ނަފުރަތު ކޮށް އެއީ ކަޓުމުއްލާ އެއްޗެހިތަކެއް ނުވަތަ ކަންތައްތަކެއް ކަމަށް ވިސްނާ މީހުންނަށް އެއުރެން އިނގިރޭސި ބަހުން ކިޔަނީ "ސެލްފް-ހޭޓިންގ ޖޫވ" އެވެ. ދިވެހި ބަހާ މެދު ލަދުވެތި ވާ ދިވެއްސަކީ ހަމަ އެ ބީދައިން "ނަފުސަށް ނަފުރަތު ކުރާ ދިވެއްސެއް" ކަމަށް މެނުވީ ވާނެތޯއެވެ؟ ކޮންމެ ގައުމެއްގައި ވެސް މި ފަދަ "ފީ ލަކުޑި" ހުރެއެވެ. ގައުމުތައް ތަރައްގީ ވެ، ކުރި އަރައި، ދުނިޔޭގެ ކުރިމަތީގައި އިއްޒަތްތެރި، އެހެން ގައުމުތަކުގެ ގާތުގައި ގަދަރުވެރި ބަޔަކަށް ވަނީ މިފަދަ ފީ ލަކުޑީގެ ނުބައިކަމުން ސަލާމަތްވެ ގައުމިއްޔަތާއި ޝަޚްސިއްޔަތު ރައްކައުތެރި ކުރެވިގެންނެވެ.

މާދަރީ ބަހެއްގެ ގޮތުގައި ދިވެހި ބަސް ތިމާގެ ދަރިފުޅަށް ދަސް ކޮށްދީފައި، އިތުރު ބިދޭސީ ބަސްތަކެއް ދަރިފުޅަށް ދަސް ކޮށްދިނުމަކީ އެންމެ ރަނގަޅު ގޮތެވެ. މާދަރީ ބަހުގެ ގޮތުގައި ދިވެހި ބަސް ދަސް ކޮށްދިނުމަކީ، އިނގިރޭސި ފަދަ ބޭރު ބަސްބަސް ކުއްޖާޔަށް ދަސް ކޮށްދިނުމަށް އެޅޭ ހުރަހެއް ކަމަށް ބައެއް މީހުންނަށް ވިސްނިފައި އޮންނަ އޮތުމަކީ ވަރަށް ބޮޑު ގޯހެކެވެ. މާދަރީ ބަސް ކުއްޖާއަށް ރަނގަޅަށް ދަސް ކޮށްދިނުމަށް ފަހު، ދެން އިތުރު ބިދޭސީ ބަސްބަސް ދަސް ކޮށްދިނުމަކީ އެންމެ ރަނގަޅު ގޮތް ކަމަށާއި، މި އުސޫލުން ދެތިން ބިދޭސީ ބަހެއް ކުއްޖާއަށް ދަސް ކޮށްދިނުމަކީ ދަރިފުޅުގެ ވިސްނުމާއި ފިކުރުގެ ދާއިރާ އިންތިހާއަށް ފުޅާ ކޮށް ކުއްޖާގެ ފިކުރީ އަދި އަގުލާނީ ގާބިލުކަން އެތައް ގުނައެއް ވަރުގަދަ ކުރާ ކަމެއް ކަމަށް ބަހަވިއްޔާތާއި އަގުލާނިއްޔަތުގެ އިލްމުވެރީން މުޅީން އިއްތިފާގު ވެވަޑައިގެންފައި ވެއެވެ. އެހެންކަމުން، ދިވެހި ކުދީންނަށް ދިވެހި ބަސް ދަސް ކޮށްދީފައި، ދެން ޢަރަބި ބަހާއި އިނގިރޭސި ބަހާއި އުރުދޫ ބަހާއި ތުރުކީ ބަސް ފަދަ ބަސްބަހުގެ ތެރެއިން ދެ ބަހެއް ދަސް ކޮށްދިނުމަކީ އެއްވެސް ކަހަލަ ގެއްލުމެއް ނެތް، ހުރިހައި ގޮތަކުން ފައިދާ ހުރި، ރަނގަޅު ގޮތެވެ. ވީ އިރު، އެ ގޮތުގައި ނުހިފާން ވީ ކީއްވެގެންތޯއެވެ؟

ކޮންމެ ކުއްޖަކު މެ، އުފަން ވަނީ އޭނާގެ ޝަޚްސިއްޔަތުގެ ބައެއް ކަމަށް ވެގެން ދާނެ ޖަމާއަތެއްގެ މެންބަރެއްގެ ގޮތުގައެވެ. އެ ޖަމާއަތަށް އާއިލާއޭ ކިޔަސް، ގަބީލާއޭ ކިޔަސް، ވަންހައޭ ކިޔަސް، ގައުމޭ ކިޔަސް، އެ ޖަމާއަތެއް އެއީ ކޮންމެ އިންސާނަކަށް މެ ބޭނުން ވާ އަސާސީ އެއްޗެކެވެ. ނަފްސިއްޔާތުގެ އިލްމުވެރީން މި ކަމާ މެދު ދިގުކޮށް ވާހަކަ ދައްކަވައިފައި ހުރެއެވެ. އަޅުގަނޑުމެންގެ ދަރީން އަޅުގަނޑުމެންނެކޭ އެއްފަދައިން، އުފަން ވީ ދިވެހީންނޭ ކިޔުނު ގައުމީ އަދި ނަސްލީ ޖަމާއަތަށެވެ. އެހެންކަމުން، އެ ޖަމާއަތުގެ ހެޔޮ ޝަޚްސިއްޔަތު ކަމަށް ހިމެނުނު ކޮންމެ ކަމެއް ލިބިގަތުމީ އެ ކުދީންގެ ހައްގެކެވެ. އެ ޖަމާއަތުގެ މެންބަރުންގެ ގޮތުގައި ދިރިއުޅުމަށް ބޭނުން ވާ ހުރިހާ ކަންކަން ލިބިގަތުމީ އެ ކުދީންގެ ހައްގެކެވެ. ކޮންމެ ހައްގަކާ ގުޅިގެން ވާ ވާޖިބެއް އޮންނަ ފަދައިން، މި ދެންނެވި ހައްގުތަކާ ގުޅިގެން، އެ ކަންކަން ދަރީންނަށް ވާސިލު ކޮށްދިނުމުގެ އަޚްލާގީ ވާޖިބު، މައިންބަފައިންނާއި މުޖުތަމައާއި ދައުލަތުގެ މައްޗަށް އޮންނާނެއެވެ. ދިވެހި ބަހާއި، ދިވެހި ހެޔޮ ސަގާފަތާއި، ދިވެހީންގެ ހެޔޮ ދީނާއި، ދިވެހި ގައުމިއްޔަތުގެ ހެޔޮ އެންމެހައި އުންސުރުތަކެއް އަޅުގަނޑުމެންގެ ދަރީންނަށް ވާސިލު ކޮށްދިނުމީ އަޅުގަނޑުމެންގެ ވާޖިބެވެ. ދިވެހި ނަސްލުން އައި ދިވެހި ކުލަ ހުރި ކުއްޖަކަށް އިނގިރޭސި ބަހާއި، ހިންދީ ސަގާފަތް ދަސް ކޮށްދީގެން ބޮޑު ކުރުމުން، އެ ކުއްޖާ އެއްވެސް ޖަމާއަތަކެއް ލައްވައިނުލައި ބީރައްޓެއްސަކަށް ވުމުން، އޭގެ ޒިންމާ އުފުލާނީ ކާކު ބާވައެވެ! އިނގިރޭސި ބަހުން ވާހަކަ ދެއްކިޔަސް، އިނގިރޭސި ކުލަ ނެތީތީ އެއުރެން އެ ކުއްޖާ ހަގީގަތުގައި ބަލައެއްނުގަންނާނެއެވެ. ހިންދީ ސަގާފަތަށް ދިރި ހުއްޓަސް، ހިންދީ ބަސް ނޭނގޭތީ އަދި ހިންދީ ނަސްލަށް ނުވާތީ ހިންދީން އެ ކުއްޖާ ބަލައެއްނުގަންނާނެއެވެ! މި ކަމުން ދަރިފުޅަށް ލިބޭ ދެރަޔާއި ނިކަމެތިކަމުގެ އަގު ދައްކާނީ ކާކު ބާވައެވެ!

އަޅުގަނޑު އަޅުގަނޑުގެ ތުއްތު ދަރިފުޅާ ވާހަކަ ދައްކަނީ ދިވެހި ބަހުންނެވެ. ދަރިފުޅުގެ އުމުރުން ވަކި ވަރެއް ވާންދެން އިނގިރޭސި ބަސް ފަދަ ބިދޭސީ އެއްވެސް ބަހަކުން ދަރިފުޅާ ވާހަކަ ނުދެއްކުމަށް އަޅުގަނޑު ވަނީ އަޒުމު ކަނޑައަޅައިފައެވެ. ހަމައެހެންމެ، ދަރިފުޅާ ވާހަކަ ދެއްކުމުގައި ދިވެހި ޖުމުލަތަކުގެ ތެރެއަށް އިނގިރޭސި ލަފުޒުތައް ލައި ދިވެހި ބަސް ގަޑުބަޑު ކޮށްގެން ވާހަކަ ދެއްކުން ވެސް އެއީ އަޅުގަނޑުގެ އާއިލާގައި މުޅީން މަނާ ކަމެކެވެ. ނަމަވެސް ދަރިފުޅުގެ އުމުރު މުނާސިބު ހިސާބަށް ދިޔުމުން، ބޭރު ބަސްބަހުގެ ގޮތުގައި ޢަރަބި ބަހާއި އިނގިރޭސި ބަސް ދަރިފުޅަށް ދަސް ކޮށްދިނުމަކީ އަޅުގަނޑު ގަސްތު ކޮށްފައި އޮތް ގޮތެވެ. މި ވާހަކަ އަޅުގަނޑުގެ ވަރަށް ގާތް، އަޅުގަނޑު ވަރަށް އިހުތިރާމު ކުރާ އުސްތާޒެއް ކަމުގައި ވާ އަލްފާޟިލް އޮގަރު އިބްރާހީމް ވަހީދުގެ އަރިއަހުގައި އަޅުގަނޑު ދެންނެވީމެވެ. އަޅުގަނޑުގެ ވާހަކަ އައްސަވައިފައި ވަހީދުގެ ލޯފުޅުން އައީ ކަރުނައެވެ. ދެން އަޅުގަނޑުގެ އަތުގައި ހިއްޕަވައި، ތިޔަ ގޮތުގައި ސާބިތު ވެހުންނާށޭ ވިދާޅުވެ ނަސޭހަތް ދެއްވިއެވެ. އެންމެ ރަނގަޅު ގޮތަކީ ދަރިފުޅުގެ އުމުރުން ފަސް ވަރަކަށް އަހަރު ވާންދެން ބިދޭސީ ބަސްތައް ކުއްޖާޔަށް ތައާރަފު ކޮށްނުދީ، ދިވެހި ބަހުން ކުއްޖާޔާ މުއާމަލާތު ކުރުން ކަމުގައި ވިދާޅުވިއެވެ. ވަހީދަކީ މި ގައުމުގައި އިނގިރޭސި ބަހާއި އަރަބި ބަހާއި އަދިވެސް ބޭރު އެތައް ބަހަކަށް އެންމެ ކުޅަދާނަ އެއް ބަސްވާރެވެ. އޭނާ އެ ހިސާބަށް ވަޑައިގަތީ ދިވެހި ބަހާ ދުރަށް ތުއްތު އިރުއްސުރެ ކުރެއްވި ދަތުރަކުންނެއް ނޫނެވެ. އެންމެ ޅަފުރައިން ފެށިގެން އިނގިރޭސި ބަހުން ވާހަކަ ދައްކަވައިގެންނެއް ނޫނެވެ.

ތިބާ ހައްދަވާނީ ކިހިނެއްތޯއެވެ؟

މި ސުވާލާ މެދު ވިސްނާ އިރު، ދައްކާން ޖެހޭ މުހިއްމު ވާހަކައެއް އެބައޮތެވެ. ދަރިފުޅަށް މާދަރީ ބަހުގެ ގޮތުގައި ދިވެހި ބަސް ދަސް ކޮށްދިނުމަށް ފަހު، ދިވެހިރާއްޖޭގެ މަދަރުސާޔަކަށް ދަރިފުޅު ފޮނުވުމުން ދިމާ ވާ ބޮޑު މައްސަލައެއްގެ ވާހަކައެވެ. ދަރިފުޅުގެ ކުލާހުގައި ދެން ތިބޭ "ދިވެހި" ގިނަ ކުދީންނަކަށް ދިވެއްސެއް ނޭނގެއެވެ. އެ ކުދީން ވާހަކަ ދައްކަނީ އިނގިރޭސި ބަހުންނެވެ. ދަރިފުޅަށް އެ ކުދީންނާ އެއްވަރަށް އިނގިރޭސި ބަސް ނޭނގުމާއި، އަދި ދިވެހި ބަހުން ދަރިފުޅު ވާހަކަ ދައްކާ ދެއްކުމަކީ އެ ކުދީންގެ މަލާމާތުގެ އަމާޒުފަތްގަނޑަކަށް ދަރިފުޅު ވާ ސަބަބަކަށް ވަނީ ވެފައެވެ. އޭގެ އިތުރުން، އެ މާހައުލަށް ފޮނުވުމުން ތިމާޔަކީ އެހެން ކުދީންނާ ތަފާތު، އެހެން ކުދީންނަށް ވުރެ ނިކަމެތި ކުއްޖެއް ކަމުގެ ޝުއޫރުތައް ދަރިފުޅުގެ ހިތާއި ސިކުނޑީގައި އުފެދި، އޭގެ ސަބަބުން ދަރިފުޅަށް ނަފުސާނީ ގޮތުން އުނދަގޫތަކެއް ކުރިމަތި ވެއެވެ. ދަރިފުޅުގެ ތައުލީމީ ހަޔާތުގެ ބިންގާ ހަރުދަނާ ގޮތެއްގައި އެޅުމަށް ވެސް ކޮންމެވެސް ސިފައެއްގައި ހުރަސް އެޅެއެވެ.

މި ދެންނެވި މައްސަލަ ހައްލު ކުރެވޭނީ މަދަރުސާޔަށް ވަންނަ ކޮންމެ ކުއްޖަކީ ދިވެހި ބަހުން ވާހަކަ ދައްކާ ކުއްޖެއް ކަމުގައި ހެދުން މަޖުބޫރު ކޮށްގެންނެވެ. މަދަރުސާގެ ބަހަކީ ދިވެހި ބަސް ކަމަށް ހަދައިގެންނެވެ. އެހެން ނުހަދާން ވީ ކީއްވެގެންތޯއެވެ؟ މި ގައުމަކީ ދިވެހި ގައުމެވެ. ދިވެހިރާއްޖެއެވެ. ދިވެހީންގެ ދަލާއި ލެޔާއި ކަރުނައިން ބިނާ ކޮށް، ދިވެހީންގެ ގުރުބާނީން މިނިވަންކަމާއި ކަރާމާތާއި ޝަރާފަތާ އެކު މިއަދާ ހަމަޔަށް ދެމެހެއްޓި ގައުމެވެ. މި ގައުމުގެ މަދަރުސާތަކަކީ މި ގައުމުގެ ގައުމީ ޝަޚްސިއްޔަތުގެ އަސާސަށް ހުރުމަތްތެރިކޮށް ހިތައި އެ އަސާސް ރައްކައުތެރި ކުރާން ކުރާ މަސައްކަތުގެ މަރުކަޒު ކަމުގައި ހަދާން ޖެހެއެވެ. އެ މަދަރުސާތަކުގައި އެންމެ އިސް ބަހަކީ ދިވެހި ބަސް ކަމުގައި ވާން ޖެހެއެވެ. އެ މަދަރުސާތަކުން ދިވެހި ދަރީންގެ ގޮތުގައި ތަރުބިއްޔަތު ކުރާ ދަރީންނަކީ ދިވެހި ބަހުން ވާހަކަ ދައްކާ، ދިވެހި ބަސް ދެކެ ލޯބި ވާ، ދިވެހި ބަހާ މެދު ފަޚުރުވެރި ވާ ބަޔަކު ކަމުގައި ހަދާން ޖެހެއެވެ. ދިވެހި މަދަރުސާތަކުގައި ދިވެހި ބަހަށް ވުރެ އިއްޒަތްތެރި އަދި ޝަރަފުވެރި ބަހެއް އޮންނާކަށް ނުޖެހެއެވެ. ވީއިރު، މަދަރުސާޔަށް އަލަށް ކުއްޖަކު ވައްދާ އިރު އެ އުމުރުގައި ކުއްޖާގެ ދިވެހި ބަހުގެ ފެންވަރު ހުންނާން ޖެހޭ ވަރަށް ހުރިތޯ ބަލައި ކަށަވަރު ކުރުމާއި، އެ ފެންވަރު ނެތް ކުދީންނަށް ބަސް ދަސް ކޮށްދިނުމުގެ ޚާއްސަ މަސައްކަތްތަކެއް މަދަރުސާއިން ކުރުމާއި، މަދަރުސާޔަށް ވެއްދުމަށް ޓަކައި ގެންނަ ކުއްޖާޔަށް ދިވެހި ބަސް ނޭނގި އޮތީ ކުއްޖާގެ މައިންބަފައިން ނުވަތަ ބެލެނިވެރީންގެ އިހުމާލުން ކަމުގައި ވަނީ ނަމަ އެމީހުން ޖަވާބުދާރީ ކުރުވުން ފަދަ ކަންކަން ނުކުރާން ވީ ކީއްވެގެން ބާވައެވެ!

މި ދެންނެވި ގޮތް ގޯސް ނަމަ، ދެން އޮތް ގޮތަކީ އަޅުގަނޑުމެން އެންމެން ވެސް ގައުމިއްޔަތާއި އަމިއްލަ ސަގާފީ ޝަޚުސިއްޔަތު އެއްލައިލައިފައި ދަރީންނަށް ތުއްތު އިރުއްސުރެ އިނގިރޭސި ދަސް ކޮށްދޭން ފެށުމެވެ. ދިވެހި ބަސް ނަގައި ގާދޫކޮލުން ބޭރަށް ހޫރައިލުމެވެ. އަޅުގަނޑުގެ ދަރިފުޅު މަދަރުސާޔަށް ގެންދިޔުމުން، އޭނާޔަށް ރަނގަޅަށް ދިވެހި ބަސް އެނގުމާއި، ތުއްތު އިރުއްސުރެ މައިންބަފައިން އިނގިރޭސި ބަސް ދަސް ކޮށްދީގެން ބޮޑު ކުރާ ކުދީންނަށް އެނގޭ ވަރަށް އިނގިރޭސި ނޭނގުމަކީ އޭނާ މަދަރުސާގެ މާހައުލުގައި ބާކީ ވުމަށް މެދުވެރި ކުރުވާ ސަބަބުތަކެއް ކަމުގައި ވާކަށް އަޅުގަނޑަކަށް ނުރުހެވޭނެއެވެ.

ދިވެހި ދައުލަތުގެ، ޚާއްސަކޮށް ދިވެހި ތައުލީމީ އަދި ތަރުބަވީ ނިޒާމުގެ، ބަނުމާއި މޮހުމުގެ އަހުލުވެރީންގެ އަރިއަހުން އަޅުގަނޑު އެދޭ އެދުމަކީ ކޮންމެވެސް އެއް ގޮތަކަށް މި ކަން ހަމަޖައްސަވައިދެއްވުމެވެ. އަޅުގަނޑު ހިތާއި ރޫހުން އެދެނީ، ދިވެހި ކޮންމެ ދަރިޔަކަށް ދިވެހި ބަސް ދަސް ކޮށްދިނުމަކީ ފަޚުރެއް އަދި ގައުމީ ވާޖިބެއް ކަމުގެ ވިސްނުން ގައުމުގައި ފެތުރުމަށް ޓަކައި ފުޅާ ދާއިރާއެއްގައި މަސައްކަތް ކޮށްދެއްވުމެވެ. އެ މަސައްކަތް ކާމިޔާބު ކުރުމަށް ޓަކައި، ދިވެހި ބަހުން އެކިއެކި އުމުރުފުރައިގެ ކުދީންނާއި މީހުން ކިޔާނެ ފޮތްތަކާއި ލިޔުންތައް އެކުލަވައިލެވޭނެ މަގުތައް ފަހި ކޮށްދެއްވުމެވެ. ދިވެހި ބަހުގެ އެކަޑަމީ ވަރުގަދަ ކުރެއްވުމާއި، ދިވެހި ބަސް ނުދަންނަ މީހުން ދިވެހި ބަހުން ނޫސްވެރިކަން ކުރުން ހުއްޓުވުމެވެ. ކޮށި ދިވެހީން ކުޑަކުދީންގެ ފޮތްތައް ލިޔެ ބާޒާރަށް އަޅައިގެން ފައިސާ ހޯދާ މީހުން ހިންގާ "ޖަރީމާ" ހުއްޓުވައިދެއްވުމެވެ. މި މުހިއްމު ކަންކަން ކުރެއްވުމަށް ފަހު، ނަސޭހަތަކުން އަދި ވިސްނައިދިނުމަކުން އަސަރު ނުކުރާ މީހުންނަށް ޓަކައި، މަދަރުސާގައި ނިޒާމީ ތައުލީމުގެ މަރުހަލާތައް ފެށޭނީ ދިވެހި ބަހުން ކަނޑައެޅޭ ފެންވަރު ހުރި ކުދީންނަށް ކަމުގައި ގާނޫނުން ލާޒިމު ކުރުން ވެސް އެއީ ކުރާން ޖެހޭ ކަމެކެވެ.

މި ކަންކަން ކުރައްވާން ތިޔަ ބޭފުޅުން ބޭނުންފުޅު ނުވަނީ ނަމަ، އަދި އެއީ "ޑިމޮކްރަސީ"ގެ މަގުން ރައްޔިތުންގެ ގިނަ މީހުން ނޭދޭ ކަމެއް ކަމުގައި ވަނީ ނަމަ، ދެ ބައި ވަކި ކޮށްދެއްވާށެވެ. އެމީހުންނަށް އެމީހުންގެ ގޮތެވެ. އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ގޮތެވެ. އަޅުގަނޑުމެންނަށް ދިވެހި މަދަރުސާތަކެއް ހައްދަވައިދެއްވާށެވެ. އަޅުގަނޑުމެންގެ ބަހާއިގެން އިއްޒަތާއި ޝަރަފާއި ހުރުމަތާ އެކު އަޅުގަނޑުމެން ދިވެހީންނަށް ވެސް މި ގައުމުގައި އުޅެވޭނެ ގޮތް ހައްދަވައިދެއްވާށެވެ. އެހެން ވެސް ހައްދަވައިނުދެއްވާނެ ނަމަ، ދިވެހި ބަހަކީ ނެތް އެއްޗަކަށް ހައްދަވައިދެއްވާށެވެ. ހުރިހާ އެންމެން ވެސް ވާހަކަ ދައްކާ ބަހަކީ އިނގިރޭސި ބަސް ކަމަށް ހައްދަވައިދެއްވާށެވެ. އަޅުގަނޑުމެން އެންމެންނަކީ ވެސް ހަންކަޅު އިނގިރޭސީން ކަމުގައި ހައްދަވައިދެއްވާށެވެ. އެ ބަދަލު ގެންނަވާ އިރު، އޭގެ ސަބަބުން އެތައް ހާސް ކުޑަކުދީން އެ ކުދީންގެ މާމައިން މާފައިން މުންނައިން ކާފައިންނާ މުއާމަލާތު ކުރުމުގެ ދޮރު ބަންދު ވެގެން ދާ ދިޔުމަށް ހައްލެއް ހޯދުމުގެ ކަންކަން ވެސް ހަނދުމަފުޅުގައި ބަހައްޓަވާން ވާނެއެވެ.

ނިންމައިލުމުގެ ކުރީން އަޅުގަނޑުމެން އެންމެން ވެސް ފިސާރި ރަނގަޅަށް ދަންނާން ޖެހޭ ހަގީގަތެއްގެ ވާހަކަ ދަންނަވައިލާނަމެވެ.

ކޮންމެ ގައުމެއްގައި ވެސް އެ ގައުމެއްގެ ޝަޚްސިއްޔަތާއި އަމިއްލަވަންތަކަމާއި ގައުމިއްޔަތުގެ އަސާސްތަކާ ދެކޮޅަށް ބަޣާވާތްތެރި ވިސްނުމަކުން ވިސްނާ ބަޔަކު ތިބޭނެއެވެ. ދުނިޔޭގެ އެއްވެސް ގައުމަކީ މި ދަންނަވާ ބާވަތުގެ މީހުންގެ ނުބައިކަމުން ސަލާމަތް ވެގެން ވާ ގައުމެއް ނޫނެވެ. އެފަދަ މީހުންގެ ނަފްސިއްޔާތު ހުންނަ ގޮތަށް ވިސްނައި ބަލައިލުމުން ފެންނަ ފެނުމުގައި، އޭގެ ތެރެއިން ބައެއް މީހުންނަކީ އެހެން ގައުމުތަކުގެ ގޮތްތައް މާ ރީތި ކަމަށް ގަބޫލު ކޮށްގެން އެ ގޮތްތައް ކޮޕީ ކުރެވޭތޯ އުޅޭ ބައެކެވެ. ބައެއް މީހުންނަކީ ގައުމާއި މުޖުތަމައުގައި ހުންނަ ބޮޑެތި މައްސަލަތަކާ މެދު ވިސްނައި ފިކުރު ކުރުމުގެ ތެރެއިން، އެ ކަންކަމަކީ ގައުމުގެ ދީނާއި ބަހާއި ސަގާފަތް ފަދަ ކަންކަމުގެ ސަބަބުން އުފެދިފައި ވާ މައްސަލަތަކެއް ކަމަށް ގަބޫލު ކޮށްގެން، އެ ކަންކަމާ ދެކޮޅަށް އަޑު އުފުލާން ފަށާ ބައެކެވެ. ބައެއް މީހުންނަކީ ތަބީއަތުގައި ހިމެނޭ ބަލިކަށިކަމެއްގެ ސަބަބުން އިއްޔެގެ ކޮންމެ އެއްޗެއް އެއީ އަގެއް ނެތް އެއްޗެއް ކަމަށް ބަލައި، ތިމާމެންގެ އަތްމަތީން ކޮންމެވެސް ބޮޑެތި ބަދަލުތަކެއް މުޖުތަމަޔަށް ގެނެސްގެން ނަމާއި ޝުހުރަތު ހޯދުމަށް މަސައްކަތް ކުރާ ބައެކެވެ. ކޮންމެއަކަސް، ގައުމެއްގެ ބާރުވެރިކަން މި ދަންނަވާ ބާވަތުގެ މީހުންގެ އަތްމައްޗަށް ލިބިއްޖެ ނަމަ، އެ ގައުމެއްގެ ދީނާއި ސަގާފަތާއި ބަސް ފަދަ ގައުމީ އަސާސްތަކަށް ފައިން އަރާނެއެވެ. އެ އެއްޗެތި ސުންނާފަތި ކުރާނެއެވެ. އެ އެއްޗެތީގެ ހުރުމަތް ކަނޑާނެއެވެ. ގައުމެއް ދެމިއޮންނާނީ، އަދި ގައުމެއް ދިރޭ ގައުމަކަށް ވާނީ މި ދަންނަވާ ބާވަތުގެ މީހުންނާ މެދު ފިސާރި ސަމާލު ވެތިބެގެންނެވެ. ޑިމޮކްރަސީގެ ޒަމާނުގައި އެއީ ނުލާހި އުނދަގޫ ވެސް ކަމެކެވެ. ނަމަވެސް އެކަން ނުކޮށްފި ގައުމެއް ސަލާމަތަކުން ނުއޮންނާނެއެވެ.

comment ކޮމެންޓް