ބަލިވާ ކޮންމެ ފަހަރަކު އުސޫލެއް ނެތި އެންޓިބައޮޓިކް ބޭނުން ކުރުމަކީ ނުރައްކާތެރި ކަމެއް

އެންޓިބައޮޓިކްސް -- ފޮޓޯ: މަޔޯކްލިނިކް

ޑޮކްޓަރީ ބޭހުގެ ތެރޭގައި ހިމެނޭ އެންމެ މަޝްހޫރު އެއް ބާވަތަކީ އެންޓިބައޮޓިކްސްއެވެ.

އެންޓިބައޮޓިކްސް ބޭނުން ކުރެވެނީ ބެކްޓީރިއާ ފަދަ ދިރުންހުރި ޖަރާސީމު ނައްތައިލުމަށެވެ. އިންސާނުންނަށް ބަލި ޖެހެނީ ހަމައެކަނި ބެކްޓީރިއާއަކުން ނޫނެވެ. ވައިރަހާއި ޕެރަސައިޓްސްގެ އިތުރުން އެލާޖިކް ވުމުގެ ސަބަބުން ވެސް ބަލިވެދާނެއެވެ.

ވައިރަހެއްގެ ސަބަބުން ޖެހޭ ބައްޔަކަށް ބޭނުން ކުރަން ޖެހޭނީ އެންޓިވައިރަލް ބޭހެކެވެ. އެލާޖިކްގެ މައްސަލައެއް ނަމަ އެންޓިހިސްޓަމިންއެކެވެ. ހުން އަންނަ ނަމަ އެންޓިޕައިރެޓިކް ބޭހެކެވެ.

ހުން އަންނަ ކޮންމެ ފަހަރަކު ނުވަތަ ރޯގާ ޖެހޭ ކޮންމެ ފަހަރަކު އަމިއްލައަށް ބޭސްފިހާރައަކަށް ގޮސް އެންޓިބައޮޓިކްސް ގަނެގެން ކެއުމަކީ ރައްކާތެރި ކަމެއް ނޫނެވެ.

ކޮންމެ ބައްޔަކަށް ވެސް ފަރުވާ ކުރަން ވާނީ، އެއީ ކޮން ބައްޔެއް ތޯ ރަނގަޅަށް ދެނެގަނެ، ބަލި ޖެހުނު ސަބަބު ހޯދުމަށް ފަހުއެވެ. ބަލި ޖެހުމުގެ ސަބަބުން ބޭރަށް ފެންނަ އަލާމާތްތައް ކަނޑުވާލުމަށް ބޭސް ކެއުމަކީ ގިނަ ބައެއްގެ އާދައެއް ނަމަވެސް، އެއީ ވަރަށް ނުރަނގަޅު އާދައެކެވެ.

އާންމު އުސޫލެއްގެ ގޮތުން ބޭސް ސިޓީއާ ނުލައި އެންޓިބައޮޓިކްސް ފަދަ ބޭސްތައް ދޫކުރުން ސަރުކާރުގެ ކަމާ ބެހޭ ފަރާތުން މަނާ ކޮށްފައި އޮތް ނަމަވެސް ބޭސް ފިހާރަތަކުގައި ބޭސް ވިއްކަން ތިބޭ ބައެއް މީހުން މި ކަމަށް ސަމާލުކަން ނުދީ، މީހަކު ހަމަ ގޮސް ބުނެލާ އިރަށް އެ ބުނާ ބޭހެއް ވިއްކުމަކީ، އަދި އެ ބޭހެއް ބޭނުން ކުރުމުގެ ރައްކާތެރިކަން ކަށަވަރު ކޮށްދޭ ކަމެއް ނޫނެވެ.

ގިނަ ބޭސްތަކަކީ އެ ބޭހެއް ބޭނުން ކުރުމުން ސައިޑްއިފެކްޓުގެ ގޮތުގައި އިތުރު އުނދަގޫތަކެއް ތަހައްމަލް ކުރަން ޖެހޭ ފަދަ ބޭސްތަކެކެވެ. އަދި ކޮންމެ ކޮންމެ ބޭހަކީ ހަމަ ކޮންމެ މީހަކަށް ރައްކާތެރި ބޭހެއް ވެސް ނޫނެވެ. މިސާލަކަށް ކިޑްނީގެ މައްސަލަ ހުރި މީހަކު ބޭނުން ކުރުން ރައްކާތެރި ނޫން ބޭސް ހުރެއެވެ. އެފަދަ ބޭހެއް ބޭނުން ކުރުމުގެ ސަބަބުން އެމީހާގެ ކިޑްނީ އެއްކޮށް ފެއިލްވުމަކީ ވެސް ކުރިމަތި ވެދާނެ ކަމެކެވެ. އެހެންކަމުން ޑޮކްޓަރެއްގެ އިރުޝާދުގެ ދަށުން ނޫނީ ބޭސް ބޭނުންކޮށްގެން ނުވާނެއެވެ.

ބައެއް ބޭސްތަކަކީ އެ ބޭސް ބޭނުން ކުރުން އާންމު ވުމުގެ ސަބަބުން ބޭހުން ކުރާ އަސަރު ދަށް ވެގެންދާ ބޭސްތަކެކެވެ. އެންޓިބައޮޓިކްސްއަކީ މިފަދަ ބޭހެކެވެ. އާންމުކޮށް ބޭނުން ކުރާ އެންޓިބައޮޓިކްސްއަށް ޖަރާސީމު "އަހުލުވެރި" ވުމުގެ ސަބަބުން، އެ ޖަރާސީމަށް އެ އެންޓިބައޮޓިކްސްއިން އެއްވެސް އަސަރެއް ނުކުރާ ފަހަރު އާދެއެވެ.

ވަރަށް ނުރައްކާތެރި ޖަރާސީމުތަކާ ދެކޮޅަށް ބޭނުން ކުރަން ހުންނަ އެންޓިބައޮޓިކަކީ ޖަރާސީމްތަކަށް އެއިން އެއްވެސް އަސަރެއް ނުކުރާ ކަހަލަ އެއްޗަކަށް ބަދަލު ވެއްޖެ ނަމަ، ޖަރާސީމުން ޖެހޭ ބައެއް ކަހަލަ ބަލިބައްޔަށް ބޭސް ކުރުމަކީ ވަރަށް އުނދަގޫ ކަމަކަށް ވެގެން ހިނގައިދާނެއެވެ. ވީމާ ބަލިވާ ކޮންމެ ފަހަރަކު ޑޮކްޓަރެއްގެ މަޝްވަރާއާ ނުލައި އެންޓިބައޮޓިކްސް ބޭނުން ކުރުމަކީ ވަރަށް ނުރައްކާތެރި ކަމެކެވެ.

ކިތަންމެ ކުޑަ ކަމެއް ކަމުގައި ހީވިޔަސް ޑޮކްޓަރަކަށް ދައްކައިގެން ޑޮކްޓަރުގެ ލަފާއާއި އިރުޝާދާ އެއް ގޮތް ވާ ގޮތުގެ މަތީން ނޫނީ އެންޓިބައޮޓިކްސް ވެސް އަދި އެހެން ބޭހެއް ވެސް ބޭނުން ނުކުރާށެވެ.

comment ކޮމެންޓް