އިބުރަތްތެރި ވާހަކައެއް

އަޅުގަނޑުގެ ނުވަރަފުރައިގެ ތެރޭގައި "އަލިފާން ކަނި" ނަމަކަށް ކިޔާ ނިކަން ރީތި ދިވެހި ވާހަކައެއް ކީމެވެ. އުރުދޫ ބަހުން ދިވެހި ބަހަށް ތަރުޖަމާ ކުރެވި ޝާއިއު ކުރެވުނު އެ ވާހަކައިގެ މައިގަނޑު ހާދިސާޔަކީ ބޮޑު ކުށްވެރިޔަކު ފުލުސް ކޮމިޝަނަރުގެ ތުއްތު އަންހެން ދަރިފުޅު ވަގަށް ނަގައިގެން ގެންގޮސް، ހަށި ވިއްކުމާއި ޖީބު ކެނޑުމުގެ ޖަރީމާގެ ދުނިޔެއަށް އެ ކުއްޖާ ބޮޑު ކުރާ ގޮތާއި އެ ބިރުވެރި ދުނިޔެއިން އެ ކުއްޖާ ސަލާމަތް ވާ ގޮތެވެ. ކުއްޖާގެ ހަގީގީ ނަމަކީ ނީލޯފަރެވެ. ކުށްވެރި "ބައްޕަ" އެ ކުއްޖާޔަށް ދިން ނަމަކީ ރޭޝްމާނެވެ. ރޭޝްމާނަށް ހެޔޮ ވިސްނޭ ވަރު ވުމުން، ފާފަޔާއި ކުށުގެ ދުނިޔެއިން ނުކުންނާން އޭނާގެ ޒަމީރާއި ބުއްދި އޭނާޔަށް ނަސޭހަތް ދީ ވިސްނައިދެއެވެ. "ބައްޕަ" ގެ އެންގުންތަކަށް ކިޔަމަން ނުވާން އޭނާ ގަދަ ވެސް ހަދައެވެ. ނަމަވެސް މާތްރަސްކަލާނގެ ހަރާމް ކުރެއްވި ބަނގުރަލުގެ އަލިފާނުން ދެ ލޯ އަނގުރަށް ހަދައިގެން ހުރެ "ބައްޕަ" ދޭ ގަދަފަދަ އިންޒާރުތަކާއި، ދައްކާ ބިރުވެރި ރުޅިގަނޑުގެ ކުރިމަތީގައި ރޭޝްމާނަށް ޖެހެނީ ހަތިޔާރު ބަހައްޓާންށެވެ. "ބައްޕަ" އަންގާ ގޮތަށް "ފާފައިގެ ހަރުފަ ބޯ އުފުއްލައިގެން އިންނަ" މަގުން ކަރުނަ އަޅާ ހާލު ހިނގާންށެވެ.

މިއީ ދުނިޔޭގައި އާއްމުކޮށް ހިނގާ ކަންކަމެވެ.

ފާފަޔާއި ނުބަޔާއި ކުށުގެ އަނދިރި ދުނިޔެއަށް ރޭޝްމާން ކޮއްޕައި ގަޅުވައި ވައްޓައިލަނީ އޭނާގެ ހަގީގީ ބައްޕަ ކަމުގައި ނުވިޔަސް، ހަގީގީ މައިންބަފައިން ވެސް ދަރީންނާ މެދު މިފަދަ ނުބައިނުލަފާ އަދި ބޭރަހުމީ ގޮތްގޮތުން އަމަލު ކުރާ ކަމީ ދުނިޔެ ދައްކާ ހަގީގަތެކެވެ. އެފަދަ ގިނަ މައިންބަފައިން ދަރީން ލައްވައި ފާފަތަކާއި ނުބައި އަމަލުތައް ކުރުވާ އިރު، މި ކުރެވެނީ ކިހައި ވަރެއްގެ ކަމެއްކަމާ މެދުގައި ވިސްނައިވެސްނުލައެވެ. ދަރިން ފާފަޔާއި ކުށުގެ ދުނިޔެއާ ދިމާޔަށް ގެންދާ ގިނަ މައިންބަފައިންނަކީ، ރޭޝްމާންގެ "ބައްޕަ" ފަދަ ބޮޑެތި ކުށްވެރީންނެއް ވެސް ނޫނެވެ. ހަމަ އާދައިގެ "ހެޔޮ" ދިރިއުޅުން އުޅޭ މައިންބަފައިން ވެސް ވިސްނައިލުމެއް ނެތި އަދި ފަހުން ގިސްލައި ކަރުނަ އޮއްސާން ޖެހިދާނެޔޭ ހިތަށް ވެސް އަރުވައިލުމެއް ނެތި، ކުޑަކުޑަ ކަންކަމުން ދަރިންގެ މުސްތަގުބަލުގެ މިސްރާބު ގޯސް މަގުތަކަށް އަނބުރައިލައެވެ. ބައެއް މިސާލުތަކަށް ބަލައިލަމާ ހިންގަވާށެވެ. ދަރިފުޅަށް އިވޭ ހިސާބުގައި އެހެން މީހުންގެ ނުބައި ވާހަކަ ދެއްކުމެވެ. ތިމާ ޖަވާބު ދޭން ބޭނުން ނުވާ ފޯނެއް އައުމުން، ދަރިފުޅުގެ ގާތުގައި ފޯނު ކުރި މީހާގެ ގާތުގައި ދޮގު ހަދައިގެން ޖަވާބު ދޭން ބުނުމެވެ. ދަރިފުޅަށް އިވޭ ހިސާބުގައި ހުތުރު ބަހުރުވައިން ޒުވާބު ކުރުމާއި އަރައިރުން ވުމެވެ.

ދާދި ފަހުން އެއް ރެޔަކު އަޅުގަނޑާއި އަޅުގަނޑުގެ ރައްޓެއްސަކާ ދެ މީހުން ކެފޭޔަކުން ބައްދަލު ވިއެވެ. މުހިއްމު ކަމަކާ މަޝްވަރާ ކޮށްލާން އެ ކެފޭޔަށް ގޮސް ތިބި ތިބުމުގައި ދެކެވުނު ވާހަކަތަކުގެ ތެރޭގައި މި ދެންނެވި މައުޒޫއާ ބެހޭގޮތުން އަޅުގަނޑު އެއްޗެއް ބުނުމުން، އޭނާ ކިޔައިދޭން ފެށީ ވާހަކައެކެވެ. "ތިޔައީ ވަރަށް ރަނގަޅު ވާހަކައެކޭ، ތިޔަ ބާވަތުގެ ވަރަށް ޝައުގުވެރި ކުރުވަނިވި ހާދިސާއެއް އަވަށްޓެރި ގައުމެއްގައި ހިނގައިފިޔޭ" ބުނެ އޭނާ ކިޔައިދިން ވާހަކަޔަކީ ވަރަށް ވެސް އިބުރަތްތެރި ވާހަކައެއް ކަމުން، އެ ވާހަކަ ހިއްސާ ކޮށްލިޔަދެއްވާށެވެ. ވާހަކަޔާ މެދު ހިތްޕުޅު ހަމަޖެހިވަޑައިނުގަތަސް އަޅުގަނޑަށް ލައުނަތް ނުދެއްވުން އެދިހުރީމެވެ.

ވާހަކަ މި ދަންނަވަނީއެވެ.

ނިކަން މުއްސަނދި އަދި އެހައިމެ ބާރުގަދަ ބައްޕައެއްގެ ހުރީ އެންމެ ފިރިހެން ދަރިއެކެވެ. އެ ދަރިޔަކީ ނުހަނު ކިޔަމަންތެރި، އަދަބުވެރި، މުރުއްވަތްތެރި، އަޚްލާގު ރަނގަޅު ދަރިއެކެވެ. ވިލާތަށް ގޮސް ކޮމްޕިޔުޓަރު ސައެންސުގެ ދާއިރާއިން ކިޔަވައިގެން ހުރި ރަނެއް މަލެއް ފަދަ ދަރިއެކެވެ. ތައުލީމު ހާސިލު ކުރުމުގެ މަގުގައި ގައުމުން ބޭރުގައި އެތައް އަހަރެއް ހޭދަ ކުރުމަށް ފަހު، ދަރިފުޅު އެނބުރި ރަށަށް އައިސް ބައްޕަގެ ވިޔަފާރީގެ ކަންކަމުގައި ބައްޕަޔާ އެކުގައި މަސައްކަތް ކުރާން ފަށައިފިއެވެ. މަސައްކަތުގައި ވެސް ފެންނަނީ ދަރިފުޅުގެ ގާބިލުކަމެވެ. މަސައްކަތްތެރިކަމާއި ތެދުވެރިކަމާއި އަމާނާތްތެރިކަމެވެ.

ދެތިން އަހަރެއް ފާއިތު ވެގެން ދިޔަ ފަހުން، ބައްޕަޔަކީ ބޭރުފުށުން ފެންނަ ޝަރާފަތާއި އިއްޒަތާ ނުއެކަށޭނަ ކަންތައްތަކެއް ސިއްރުވެރި ގޮތުގައި ކުރާ މީހެއްކަން ދަރިފުޅަށް އެނގިއްޖެއެވެ. ނަމަވެސް އޭނާ ބައްޕަ ދެކެ ވާ ލޯތްބާއި، ގަންނާކުރައްވާ ބިރާއި، ބައްޕަޔަށް ކިޔަމަންތެރިކަން އަދާ ކުރުމުގެ ސިފަ ގައިގައި އަށަގެންފައި ހުރި ލެއް ބޮޑު ކަމުން، ބައްޕަ ދޫ ކޮށްލައި އަމިއްލަ މަގެއް އިޚްތިޔާރު ކުރާކަށް އޭނާޔަކަށް ނުރުހެވުނެވެ. އެ ކަމާ ވިސްނައިލާ ކޮންމެ ފަހަރަކު، އޭނާގެ ހަނދާނަށް އަންނަނީ ކުޑަ އިރު ކީ ވާހަކަތަކުގެ ތެރެއިން އޭނާގެ ހިތަށް އެންމެ އަސަރު ކުރުވި، ހަނދާނުން ނުފޮހެވުނު، އެންމެ ރީތި ވާހަކައެވެ. އެ ވާހަކަޔަކީ "ކިޔަމަންތެރިކަމުގެ ނަމޫނާއެއް" މި ނަމުގައި ލިޔެފައި އޮތް ކުޑަކުދީންގެ ވާހަކައެކެވެ. ކާޒާ ބިޔާންކާ އެވެ ކިޔުނު ނުވަރަފުރައިގެ ފަރަންސޭސި ޒުވާނަކު އޭނާގެ ބައްޕަޔަށް ކިޔަމަންތެރިކަން އަދާ ކުރުމުގެ ގޮތުން، އިނގިރޭސީންނާ އެކު ކުރެވުނު ހަނގުރާމައެއްގެ ތެރޭގައި ދުޝްމަނުންގެ އަލިފާނާއި އުންޑަތަކުގެ ސަބަބުން ފުނޑުފުނޑު ވެގެން ޣަރަގު ވެގެން ދިޔަ މަނަވަރެއްގެ ޑެގުމަތީގައި ސާބިތުކަމާ އެކު ހުރެ ފުރާނަ ދޫ ކޮށްލި ވާހަކައެވެ.

ކޮންމެއަކަސް ކިޔަމަންތެރި ދަރިފުޅު ދިޔައީ ބައްޕަ ބުނާ ކަންކަން ކުރަމުންނެވެ. ފުރަތަމަ ކުރުވި ކަމަކީ، ބައްޕަޔާ ދެކޮޅުވެރި ވެގަނެ އަރައިރުން ހަދައިގެން އުޅުނު މީހަކު އަތުލައިގަނެގެން ގެންގޮސް ތަނެއްގައި ބާއްވައިގެން، ބައްޕަ ރުހޭހައި ގޮތަކަށް ކަންކަން ކުރާން އޭނާ އެއްބަސް ކުރުވުމުގެ މަސައްކަތެވެ. ބައްޕަ އެންގި ގޮތަށް، ދަރިފުޅު އޭނާގެ އެކުވެރީން ކުރެ ގަދަފަދަ ހައެއްކަ މީހުން ގޮވައިގެން ގޮސް އެއްކަލަ މީހާގެ ގެޔަށް ވަދެގަތީ ގޭގެ ދޮރު ވައްޓައިލައިގެންނެވެ. އެއިރު އެ މީހަކު އިނީ އަނބިމީހާޔާއި ކުޑަކުޑަ ތިންހަތަރު ދަރީންނާ އެކު ރޭގަނޑުގެ ކެއުމުގެ މޭޒުދޮށުގައެވެ. ދަރިފުޅާއި އޭނާގެ އެކުވެރީން، މޫނު ފޮރުވައިގެން ތިބެ އެ ގެޔަށް ވަދެގަނެ އެއްކަލަ މީހާ އޮބައިގަނެގެން، ގޮވައިގެން އެ ދިޔައީއެވެ. އޭނާގެ އަނބިމީހާގެ ހިތަށާއި ބޮލަށް ކުޅަ އަސަރާއި ގަތް ބިރެއްގެ ސަބަބުން އަނބުރައިގަނެގެން ވެއްޓުނީއެވެ. ދަރިންކޮޅު ރޮއި ހަނާ ވޭވެ ތިބީއެވެ. ދަރިފުޅާއި އޭނާގެ އެކުވެރީން އެއްކަލަ މީހާ ގެންދިޔައީ މާ ދުރުގައި، ފަޅު ޖަންގަލީގެ ތެރޭގައި ހުންނަ، ދަރިފުޅުގެ ބައްޕަގެ ކިއްލާޔަކަށެވެ. އެ ކިއްލާގެ ތެރޭގައި އެއްކަލަ ކަލޭގެ ބާއްވައިގެން، އެކި ގޮތްގޮތުން އޭނާ ރުއްސޭތޯ، އަދި ބައްޕަގެ ކިޔަމަނުގެ ދަށަށް ގެނެވޭތޯ ދަރިފުޅު އެބަ މަސައްކަތް ކުރެއެވެ. ވާހަކަ ދައްކައިގެން ވެސް، ފައިސާއިން ވެސް އެކަން ނުވުމުން، އެންމެ ފަހުން ދިމާ ކުރީ، ބައްޕަގެ އިރުޝާދުގެ ދަށުން، އަންހެން ކުއްޖަކު ގެންގޮސްގެން ފާހިޝް އަމަލުތަކުގެ ދޮރުން އޭނާ ހަލާކުގެ ތެރެޔަށް ފޮނުވައިލެވޭތޯއެވެ. އެކަން ވެސް ކާމިޔާބެއް ނުވިއެވެ. އެންމެފަހުން ޖެހުނީ އޭނާ ދޫ ކޮށްލާންށެވެ.

މި ކަންތައް ހިނގައި ނިމުމަށް ފަހު، އެއް ދުވަހަކު ދަރިފުޅު އޭނާގެ ބައްޕަޔާ ވާހަކަ ދައްކައި، އެ ބާވަތުގެ ވިޔާނުދާ ކަންކަން އޭނާ ލައްވައި ކުރުވަނީ ކީއްވެގެންތޯ ސުވާލު ވެސް ކުރިއެވެ. އަދި އެ ކަހަލަ ކަންކަމުން ބައްޕަ ވެސް ދުރުހެލި ވޭތޯ ނަސޭހަތް ދިނެވެ. ނަމަވެސް ބައްޕަ އެ ވާހަކަ ގަބޫލެއް ނުކުރިއެވެ. ދެބަފައިންގެ ވާހަކަ އަރައިރުމަކަށް ވެ އެންމެ ފަހުން ދަރިފުޅު ބައްޕަގެ ކުރިމަތީގައި ހަތިޔާރު ބެހެއްޓީއެވެ.

ހައެއްކަ އަހަރު ފަހެވެ. އަނެއްކާވެސް ބައްޕަ ދަރިފުޅާ ކަމެއް ހަވާލުކޮށްފިއެވެ. މި ފަހަރު ޖެހުނު މައްސަލަޔަކީ ބައްޕަ ކުރާ ވިޔަފާރިއެއް އެއީ ދީނުގެ ހުކުމްތަކުގެ ދަށުން ހުއްދަ ނުކުރެވޭނެ ވިޔަފާރިއެއް ކަމަށް ޝަހަރުގެ އެންމެ ބޮޑު ދަންނަ ކަލޭގެފާނު ފަތުވާއެއް ނެރުއްވުމެވެ. އެކަމާ ބައްޕަ އައި ރުޅީގައި، ދަރިފުޅު ގެނެސް އަމުރު ކުރީ، މީހުންކޮޅެއް ގޮވައިގެން އިލްމުވެރިޔާގެ ގެކޮޅަށް ގޮސް އިލްމުވެރިޔާއަށް ބިރު ދައްކައި، ބައްޕަ ބޭނުން ވާ ގޮތަށް ފަތުވާ ބަދަލު ކުރުމަށް މަޖުބޫރު ކުރުމަށެވެ. ދަރިފުޅު މި ފަހަރު ވެސް ވަރަށް ނުރުހިފައި، އިލްމުވެރީންނާ މެދު ތިޔަ ބީދައިން ކަންކަން ކޮށްގެން ނުވާނެޔޭ، އިލްމުވެރީންގެ ބަހަކީ މުޖުތަމައަށް އަލިކަމާއި ތެދުމަގު ގެނެސްދޭ ދަންމަރެކޭ، އިލްމުވެރީންނަށް އިހުތިރާމު ނުކުރުމަކީ ބައެއްގެ ހަލާކާއި ބަރުބާދީގެ އެންމެ ބޮޑު ސަބަބޭ ބުނެ ލައްކަ ގިނަ ވާހަކަ ދެއްކިއެވެ. ނަމަވެސް ބައްޕަ އެއްގޮތަކަށް ވެސް އެ ވާހަކަތައް ގަބޫލެއް ނުކުރިއެވެ. އެންމެފަހުން، ދަރިފުޅު ހަތިޔާރު ބެހެއްޓީއެވެ. އަދި އެ ރޭގެ ދަންވަރުގެ ވަގުތެއްގައި، މީހުންކޮޅެއް ގޮވައިގެން ގޮސް އިލްމުވެރިޔާގެ ގެކޮޅަށް ވަދެ، އިލްމުވެރިޔާ ގޮވައިގެން އެއްކަލަ ޖަންގަލީގައި ހުންނަ ކިއްލާޔަށް ދިޔައީއެވެ. ކިއްލާގެ ކޮޓަރިއެއްގެ ތެރޭގައި އިލްމުވެރިޔާއަށް ބިރު ދައްކައި، އަނިޔާ ކުރުމުގެ މަސައްކަތުގައި އުޅެނިކޮށް، ދަރިފުޅުގެ އަތުން އިލްމުވެރިޔާ ޝަހީދު ވެއްޖެއެވެ.

މިހެން ކަންތައްތައް ވުމުން، ދަރިފުޅުގެ ސިކުނޑި ހާސްކަމާއި ބިރުވެރިކަމުގެ އުޑިއެއްގެ ތެރެޔަށް ވެއްޓިގެން ހިނގައްޖެއެވެ. މީހާގެ ލޯމަތީގައި ދުނިޔެ އަނދިރި ވެއްޖެއެވެ. ތިމާގެ އަތުން ކުރެވުނު ބޮޑު ކުށުގެ ބުރައިގެ އިހުސާސުގެ ސަބަބުން މީހާގެ ނަފުސު ބޮޑު ތުލުސްމާތެއްގެ ތެރެޔަށް ޣަރަގު ވެގެން ހިނގައްޖެއެވެ. އައި ގަދަ ރުޅީގައި ހުރެ ދިޔައީ ބައްޕަގެ ގާތަށެވެ. މި ފަހަރު ދެ ބަފައިންގެ އަރައިރުން ނިމިގެން ދިޔައީ ދަރިފުޅުގެ އަތުން ބައްޕަ ވެސް މަރު ވެގެންނެވެ.

ދަރިފުޅު ސާފުކަމާއި މަތިވެރި އަޚްލާގާއި ހެޔޮކަމުގެ މަގުން މުޅީން އެއްކިބާ ވެ، އިންސާނީ ލެއިން ފަސްބައި ކިލަނބު ވެފައި ވާ ނުބައި މުޖުރިމަކަށް ބަދަލު ވުމުގެ ދައުރާން ފުރިހަމަ ވީއެވެ.

އޭގެ ފަހުން އަހަރުތަކެއް ވީ އިރު، އެއްކަލަ ދަރިފުޅަކީ މުޅި ޝަހަރުގެ އެންމެ ނުބައި ކުށްވެރިޔާއެވެ. އޭނާގެ އައުވާނުންގެ ގޮތުގައި ތަސައްރަފު ފުދޭ އަދި ތަސައްރަފު ނުފުދޭ މީހުންގެ ތިރީހަކަށް މީހުން ތިބެއެވެ. އެއުރެން ކުރާ ކަމަކީ މަސްތުވާ ތަކެތީގެ ވިޔަފާރިޔާއި، ބޭރުގެ ގައުމުތަކުން ޒުވާން އަންހެން ކުދީން ގެނެސްގެން މަސާޖު ޕާލާތަކުގައި ހިންގާ ގާރޫނު ވިޔަފާރިޔާއި، ބޮޑެތި އަދަދުތަކުން ފައިސާ ދިނުމުން މާރާމާރީ ހިންގައި މީހުން މަރައިދީ ހެދުމުގެ ވިޔަފާރިއެވެ. ވިޔަފާރިއެއް ނަމަ ވާނީ ހަމަ ވިޔަފާރިއަކަށް ތާއެވެ! އެހެންވީމާ އެންމެ ރަނގަޅުތާއެވެ! މިހާރު އޭނާ މަޝްހޫރު ވެފައި ވަނީ ދާދާ ގްރީންގެ ނަމުންނެވެ. ކުށާއި ޖަރީމާގެ ދުނިޔޭގައި އޭނާގެ އެންމެ ބޮޑު ޕާޓުނަރަކީ އޭނާގެ ދޮންބައްޕައެވެ. އެ ދޮންބައްޕަޔަކީ އޭނާގެ އަތުން އޭނާގެ ބައްޕަ މަރު ވުމަށް ފަހު، މަންމަ ކައިވަނި ކުރި މީހާއެވެ. ދޮންބައްޕަޔަށް މީހުން އާއްމުކޮށް ކިޔައިއުޅޭ ނަމަކީ މޭޔަރެވެ. މޭޔަރު ހުންނަނީ ސްލިމް ފިޓު ގަމީހާ އެކު އިނގިރޭސި ސޫޓު ލައިފައި، ކޮޅު ދިގު އިޓަލީ ބޫޓަށް އަރައިފައި، ފަރަންސޭސި ވިލާތުން ގެންނަ ހިމަ ޓައި އަޅައިގެންނެވެ. މިއީ ދާދާ ގްރީން އެންމެ ހިނި އަންނަ އެއް ކަންތަކެވެ. ބޮޑު މުޖުރިމެއްގެ ގޮތުގައި ދާދާ ގްރީން މަޝްހޫރު ވެފައި އޮތަސް، އޭނާގެ ދޮންބައްޕަޔަކީ އޭނާޔާ ގުޅުން އޮންނަ މީހެއް ކަމެއް އާއްމުން ނުދަނެއެވެ. އެނގޭ ބަޔަކަށް އެނގިގެން އެ ވާހަކަ ދެއްކިޔަސް އާއްމުން އެކަން ގަބޫލެއް ނުކުރެއެވެ.

އެއް އަހަރެއްގެ ރަމަޟާން މަހުގެ ހަތާވީސް ވިލޭރޭ މީހަކު ދާދާ ގްރީނާ ބައްދަލު ކޮށް، އަތުން އަތަށް އެއް މިލިޔަން ރުފިޔާ ދީފައި، މީހަކު މަރައިލަދޭން އެދުނެވެ. "ބިޒްނަސް އޭޒް ޔޫޜުއަލް" އުސޫލުން ދާދާ ގްރީން ފައިސާގައި ހިފައި މަސައްކަތާ ހަވާލު ވިއެވެ. އަދި އެކަން ކުރާން އޭނާގެ ގޭންގުގެ ޖައްލާދުންގެ ތެރެއިން މީހަކާ ހަވާލު ކުރިއެވެ. އޭގެ ފަހުން ތިންވަނަޔަށް ވީ ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައި ޖައްލާދު ކަލޭގެ އޭނާގެ އައުވާނުންނާއިގެން ގޮސް "ކަތިލުމުގެ މިޝަން" ފުރިހަމަ ކޮށްފިއެވެ. ހައެއްކަ މީހުން ގުރޫޕު ހަދައިފައި ގޮސް ވަޅިތަކާއި ކަތިވަޅިތަކުން އޭނާގެ މުޅި ހަށިގަނޑު ކަހަލަ ގޮތަކަށް ކޮށައި ތޮރުފައި ސުންނާފަތި ކޮށްލީއެވެ.

އަނެއް ދުވަހުގެ އިރު އަރައިގެން އައި ވަގުތު އެ ޚަބަރު ޓީވީތަކާއި ރޭޑިޔޯތަކުން ގޮވާން ފަށައިފިއެވެ. އޮންލޭނުކޮށް ޚަބަރު ފަތުރާ ވަސީލަތްތަކުން ވެސް ގަތުލުގެ ހާދިސާގެ ތަފްސީލުތައް ފޮޓޯޔާއި ވީޑިޔޯތަކާ އެކު މުޅި މުޖުތަމައަށް އޮއްސާން ފަށައިފިއެވެ. ބޮޑެތި މީހުން އެ ތަކެތި ބަލައި، އެ ވާހަކަ ދައްކައި، އިޖުތިމާއީ މީޑިޔާގެ ވަސީލަތްތައް މެދުވެރި ކޮށް ފޮޓޯތަކާއި ވީޑިޔޯތައް "ޝެއަރު" ކުރަނީއެވެ. ކުޑަކުދީން އެ ކުދީންގެ އައިފޯނުތަކުން ފޭސްބުކަށް ވަދެ އެ ތަކެތި ބަލައި، ބައެއް ކުދީން ބިރުން ގޮތް ހުސް ވެ، ބައެއް ކުދީން އެއީ މާ ގައްޑާ ކަމެއް ކަމަށް ދެކެ، މަދަރުސާގެ ފިލާވަޅުގެ ގަޑީގައި ވެސް ޑެސްކު ދަށުން ފޯނުތަކުން އެ ފޮޓޯތަކާއި ވީޑިޔޯތައް ބަލައި، އެކަކު އަނެކަކަށް ވައިބަރުން އެ ތަކެތި ފޮނުވައި، މި ކަހަލަ ކަންތައްގަނޑެއް ހިނގަނީއެވެ.

ގަތުލުގެ ޚަބަރު އެންމެ ފަހުގެ ތަފްސީލުތަކާ އެކު އެ ދުވަހުގެ ހެނދުނުގެ ޓީވީ ޚަބަރުގައި ގޮވި އިރު، ދާދާ ގްރީން އިނީ އޭނާގެ ގޭގައި ހުންނަ ތަނަވަސް ބޮޑުކޮޓަރީގައި ޓީވީ ބަލާންށެވެ. އެހެން އިންދައި، "ގޭންގެއްގެ ބަޔަކު ދިން ހަމަލައިގައި ހަށިގަނޑުގެ ހަތާވީސް ތަނަކަށް ވަޅި ހަރައިގެން މަރައިލި އަންހެން ކުއްޖާގެ މައުލޫމާތު ފުލުހުން ހާމަ ކޮށްފި" މި ސުރުޚީއާ އެކު ޓީވީން އެ ދެއްކި ފޮޓޯ ދެކެފައި ދާދާ ގްރީން ދިޔައީ އިން ތަނުން ލުހިގެންނެވެ. "މަގޭ ދަރިފުޅު" އޭ ބުނި ކަހަލަ އަޑުތަކެއް އަނގައިން ބޭރު ވިއެވެ. އެޔާއެކު މީހާ ތަންޑާ ވެގެން ވެއްޓުނީއެވެ.

ހޭ ވަރިކަން ވެގެން، އަނގައިން ސޮނި ފައިބަފައިބައި ހުރި ހާލު ޓީވީޔަށް ބެލި އިރު، ޓީވީން ދައްކަމުން ގެންދިޔައީ ކަމާ ބެހޭގޮތުން ފުލުހުންގެ މީޑިޔާ އޮފިސަރަކު ދެއްކި ވާހަކައެވެ. "ހަގީގަތުގައި މި ހަމަލާގައި ޝަހީދު ވެގެން އެ ދިޔައީ ގޭންގުގެ މީހުންގެ އަސްލު އަމާޒެއް ނޫން. އެމީހުންގެ އަސްލު އަމާޒަކީ އެހެން ގޭންގެއްގެ ލީޑަރު. އަސްލު އަމާޒު އެ ފިހާރައިގެ ތެރޭގައި ހުރި ކަން އެމީހުންނަށް އެނގިގެން އަވަހަށް އެތަނަށް ދިޔައީ. ނަމަވެސް އެމީހުން އެތަނަށް ވަނުމުގެ ދެތިން މިނެޓެއް ކުރީން، އަސްލު އަމާޒު އެތަނުން ހިނގައްޖެ. އެމީހުންގެ ހަމަލައިން ޝަހީދު ވި އަންހެން ކުއްޖާ ހުރީ، އަސްލު އަމާޒު ލައިގެން ހުރި ކަމަށް އެމީހުންނަށް މައުލޫމާތު ލިބުނު ކުލައިގެ ޖިންސަކާއި، އޭނާ ލައިގެން ހުރި ކަމަށް މައުލޫމާތު ލިބުނު ފަދަ ބިލަބޮންގު ދަނބު ޓީޝާޓެއް. އެމީހުން ތިބީ މާތްރަސްކަލާނގެ ހަރާމް ކުރެއްވި ތަކެތި މަތިމައްޗަށް ބޮއިގެން ބުރާންތި ވެފައި. އެހެންކަމުން މި ކޮށައިލެވުނީ އަސްލު އަމާޒު ނޫން ކަން، ފިރިހެނެއް ވެސް ނޫން ކަން އެމީހުންނަކަށް ރޭކައެއް ނުލި." މި އިންޓަވިޔުކޮޅަށް ފަހު ކުޑަ އިރުކޮޅަކުން ޚަބަރު ނިމިއްޖެއެވެ. ދެން ޓީވީން ފެންނާން ފެށީ މާދަމަޔަކީ މި އަހަރުގެ އީދު ދުވަސް ކަމަށް ބުނެ އެރުވި ނޯޓިހަކާ އެކު ފޮނުވާން ފެށި އީދު ލަވައެކެވެ. އެ ލަވައިގައި ކިޔަނީ ހިނިތުން ވަމުން، ޖައްވު ހުވަނދު ލަމުން އީދު އަންނަ ވާހަކައެވެ.

ދާދާ ގްރީން އިތުރަށް ޓީވީ ބަލާކަށް ވެސް ނުހެދިއެވެ. ޓީވީ ރިމޯޓު ހޫރައިލައިފައި، ޓީވީގަނޑު ވެސް ނަގައި ބިންމައްޗަށް ޖެހިޖެހީނުން ފުނޑުފުނޑު ކޮށްލައިފިއެވެ. އެ ދުވަހުގެ ހަތަރުދަން ހޭދަ ކުރީ މާތްރަސްކަލާނގެ ހަރާމް ކުރެއްވި ތަކެތި މަތިމައްޗަށް ބުއިމުގައެވެ. އަނެއް ދުވަހު ވެސް އަސުރު ވާންދެން މީހާ އޮތީ ހެއިގެ އެއްބައި ހުރެފައި، އަނެއް ބައި ނެތް ހާލުގައެވެ. އަސުރުން ތިރި ވި ފަހުން ދެ ފައިމައްޗަށް ކޮޅަށް ތެދު ވެލެވޭ ވަރު ވެގެން، އެ ދިޔަ ގޮތަށް ދިޔައީ ފުލުހުންގެ މަރުކަޒަށެވެ. އަދި ކުރީ ރޭ މަރައިލެވުނު އަންހެން ކުއްޖާގެ ގާތިލަކީ ތިމަންނައޭ ބުނެ، ފުލުހުންނާ ހަވާލު ވެއްޖެއެވެ.

ތަހުގީގުގެ ތެރޭގައި ދާދާ ގްރީން ލޮލުން ކަރުނަ އަޅާ ހާލު، ފުލުހުންގެ ތަހުގީގު އޮފިސަރަށް ހުރިހާ ވާހަކައެއް ކިޔައިދިނެވެ. އޭނާ ބުންޏެވެ. "އަހަރެންނަކީ ވެސް ކުޑަ އިރު ދީނަށާއި ގައުމަށް އިންތިހާ ދަރަޖަޔަށް ލޯބި ކުރި މީހަކީމެވެ. ރަނގަޅު އަޚުލާގެއްގެ މަތީގައި، ހަރުދަނާ ދިރިއުޅުމެއް އުޅުމަށް އުއްމީދު ކުރި މީހަކީމެވެ. ނަމަވެސް އަހަރެން ހަމަމަގުގައި، ހެޔޮކަމުގެ މަގުގައި، އިންސާނިއްޔަތުގެ މަގުގައި، ޒަމީރާއި ބުއްދީގެ މަގުގައި ސާބިތު ކޮށް، އެ މަގުން އަހަރެންގެ ފައި ކައްސައިލާ ކޮންމެ ފަހަރަކު އަހަރެންގެ އަތުގައި ހިފައި އެ މަގަށް އަނބުރައި ގެނެސްދިނުމުގެ ވާޖިބު އަދާ ކުރާން ހުރި ބައްޕަ އަހަރެން ލައްވައި ކުރުވި ނުބައި ކަންތައްތަކެއްގެ ސަބަބުން އަހަރެންގެ ނަފުސުގައި ފާފަޔާއި ކުށުގެ ކަޅު އޮށް އިންދުނީއެވެ." ފުލުސް އޮފިސަރު ބުންޏެވެ. "ބައްޕަ ދާދާ ގްރީން ލައްވައި ކުރުވީ ކޮން ކަމެއް ހެއްޔެވެ؟ ނިކަން ކިޔައިދީބަލާށެވެ." ދާދާ ގްރީން އިރުކޮޅަކު ހިމޭނުން އިނދެލައިފައި ބުންޏެވެ. "އެ ހަނދާންތައް އަހަރެން ވަރަށް ރަނގަޅަށް ހުރެއެވެ. ނަމަވެސް އަހަރެން ވެސް ހައިރާން ވާ ކަމެއް ވެއެވެ. އެއީ އެ ކަންކަން އަހަރެންގެ ހަނދާނުގައި ހުންނަނީ ކުލައެއް ނެތި ކަމެވެ. އަހަރެންގެ ހަނދާނުގެ ބޯޑުން އެ ދެ ދުވަހުގެ މަންޒަރުތައް ފެންނަނީ ކަޅާއި ހުދުގެ ފިލްމެއް ފަދައިންނެވެ. އެކަމަކު ވެސް ދެ މަންޒަރެއްގައި ކުލަ ހުރެއެވެ. އެއީ އަހަރެން ލައްވައި އެ ޖަރީމާތައް ހިންގުވުމަށް ޓަކައި ބައްޕަ އަހަރެންނާ ވާހަކަ ދައްކާން ފިސާރި ބޮޑު ގޮނޑިއެއްގައި އިންނަ މަންޒަރެވެ. ފުރަތަމަ ދުވަހު ބައްޕަ އިނީ ރީނދޫ ކުލައިގެ ހެދުމެއް ލައިގެންނެވެ. ދެވަނަ ދުވަހު އިނީ ފިޔާތޮށި ކުލައިގެ ހެދުމެއް ލައިގެންނެވެ."

މި ހިސާބަށް ވާހަކަ ދައްކައިފައި ދާދާ ގްރީން އަނެއްކާވެސް ލޮލުން ކަރުނައިގެ ސައިލެއް ބައިލަމުން ހަނު އިނީއެވެ. އެއަށްފަހު ބުންޏެވެ. "އެންމެ ފުރަތަމަ ދުވަހު ވެސް އަހަރެންނަށް އަހަރެންގެ ބައްޕަޔަށް ވުރެ މަތިވެރި ފަރާތެއް ވޮޑިގެން ވާ ކަމާއި، ބައްޕަޔަކީ ވެސް އަދި އަހަރެންނަކީ ވެސް އެކަލާނގެ ޚަލީފާއެއްގެ ގޮތުން ބިމުގައި ހަމަޔާއި އިންސާފާއި ހެވާއި ރަނގަޅުގެ ދުނިޔެއެއް ބިނާ ކުރާން ފޮނުއްވިގެން ވާ ބައެއް ކަން ހަނދާނުން ފޮހެނުލެވުނު ނަމައެވެ. ނަމަވެސް އަހަރެންގެ ފިނޑިކަމާއި، ބުއްދިޔާއި ޒަމީރަށް ވުރެ އެހެން އަޑުތަކަށް އިސްކަން ދެވުމާއި، ހަވާނަފުސަށް ހެއްލުންތެރި ވެވުނު ވެވުމުގެ ނަތީޖާއެއްގެ ގޮތުން މަގޭ މުޅި ޒިންދަގީ ބަރުބާދު ވީއެވެ. އުމުރުގައި ދެން އޮތް ތަނުގައި ވެސް މަށަކަށް ހެވެއް ނެތެވެ." ފުލުސް އޮފިސަރު ހީނލައިފައި ބުންޏެވެ. "ދާދާ ގްރީނެވެ! ކަލޭ ކުރި ކަމަކަށް ގާނޫނު ދޭ ސަޒާއެއް ވާނީ ލިބިގަންނާށެވެ. އެކަމަކު ބުނަން ހެއްޔެވެ؟ އިސްލާހު ވެ ތައުބާ ވުމަށް މާތްރަސްކަލާނގެ އަހަރެމެންނަށް ދެއްވި ފުރުސަތު، އަހަރެމެންގެ ފަހުނޭވަޔާ ހަމަޔަށް ވެސް ވަނީ ތަނަވަސް ވެގެންނެވެ. މުޅި ދިރިއުޅުން ފާފައިގެ މަގުގައި ހޭދަ ކޮށް، އެކަމުގެ ސަބަބުން އަމިއްލަ ނަފުސުތަކާ މެދު އުއްމީދު ކެނޑިފައި ތިބޭ މީހުންނަށް ވެސް މާތްރަސްކަލާނގެ އެންގެވީ، އެކަލާނގެ ރަޙުމަތްޕުޅާ މެދު މާޔޫސް ނުވުމަށެވެ. އެނބުރި އެކަލާނގެ މަގަށް ރުޖޫއަ ވުމަށެވެ. ދާދާ ގްރީނަށް އެނގޭ ހެއްޔެވެ؟ އަހަރެމެންގެ ހަޔާތަށް ހަގީގީ އަނދިރިކަން އަންނަނީ ބައްތިތަކާއި ބޮކިތައް ނިވިގެން އަލިކަން ފިލައިދާ ފިލައިދިޔުމަކުން ނޫނެވެ. ހަގީގީ އަނދިރިކަން އައިސް އަހަރެމެން ހަފުސް ކޮށްލަނީ، އަދިވެސް އަލިކަމާއި ނޫރު އަންނާނެކަމާ މެދު އަހަރެމެންގެ ހިތްތަކުގައި ދިއްލިފައި ހުންނަ އުއްމީދުގެ ހުޅުކޮޅު ނިވުމުންނެވެ."

ފުލުސް އޮފިސަރުގެ ވާހަކަ އިވުމުން، ދާދާ ގްރީން މޫނުގައި ބާރަށް ދެ އަތުން ހިފަހައްޓައިގެން އިނދެ ރޯން ފަށައިފިއެވެ. އަދި ބުނަމުން ގެންދިޔައެވެ. "އޭ އޯގާވަންތަ ރަސްކަލާކޯއެވެ! ފާފައިގެ ބަރުގެ ސަބަބުން މި އަޅާގެ ނަފުސު މި އަޅާޔަށް އުފުއްލޭ ވަރަށް ވުރެ ބަރު ވެއްޖެއެވެ. ފާފައިގެ ބަރަށް ވުރެ ބޮޑު ބަރެއް ނުވެއެވެ. ފާފައިން ލިބޭ ހިތްދަތިކަމާއި ވޭނަށް ވުރެ ބޮޑު ހިތްދަތިކަމަކާއި ވޭނެއް ނުވެއެވެ. ފާފަޔަކީ އިންސާނާ ޖަނަވާރަކަށް ވުރެ ދަށު ދަރަޖަޔަކަށް ވައްޓައިލާ އެއްޗެކެވެ. އޭ އޯގާވަންތަ ރަސްކަލާކޯއެވެ! މި އަޅާ އިބަރަސްކަލާނގެ ރަޙުމަތްޕުޅާ މެދު އައު އުއްމީދެއްގެ ހުޅުކޮޅު ދިއްލައިފީމެވެ. މި އަޅާގެ ތައުބާ ގަބޫލުފުޅު ކުރައްވައި މައާފު ދެވިގެން ވާ ފުރާނައެއްގެ ގޮތުގައި މި އަޅާ އިބަކަލާނގެ ހަޒުރަތަށް ގެންދަވައިފާނދޭވެ! ދުނިޔޭގެ ނުބައި ވުޖޫދުގެ ގައިދުން މި އަޅާ މިނިވަން ކޮށްދެއްވައިފާނދޭވެ!"

މި ހިސާބަށް ބުނެވުނު ތަނާ ދާދާ ގްރީންގެ ހަށިގަނޑަށް ކުއްލިއެއް ޖެހިފައި، މަޑުމަޑުން ބިންމައްޗަށް އެ ތިރި ވީއެވެ. އެހެރަ ވަރުގަދަ އަދި ބިޔަ މީހާ އަރި އަޅައިލައިގެން ބިންމައްޗަށް ޖެހުނީ ރޭގަނޑެއް ފަދައިން ހަމަހިމޭން ވެގެންނެވެ.

ތަހުގީގު އޮފިސަރު ފުންމައިގެން ތެދު ވެ، ނިކަން ބާރަށް "ކޮންމެވެސް މީހަކު ޑޮކްޓަރަށް ގުޅާ، އެންބިޔުލޭންސަށް ގުޅާ" މިހެން ބުނަމުން ދިޔައީ ތަހުގީގު ކޮޓަރިޔަށް ވަދެނުކުމެވާން ހުރި ދޮރާ ދިމާޔަށެވެ. ނަމަވެސް އޭނާޔަށް ދެ ފިޔަވަޅެއް އެޅުނުތަނާ، ކޮޓަރީގެ ބޭރުން އަޑުފަށްގަނޑެއް އިވިފައި، ކުއްލިޔަކަށް މީހަކު ދޮރުގައި ޖެހިގަނެގެން ކަހަލަ ގޮތަކަށް ދޮރު ހުޅުވިއްޖެއެވެ. އެތެރެޔަށް ވަނީ ފުލުހުންގެ އޮފިސަރެކެވެ. އޭނާގެ ބޮލުގައި ފުލުހުންގެ ތޮތްޕެއް ނެތެވެ. ޔުނިފޯމުން ތަންގަނޑެއް ވީދިފައެވެ. ފަޔަކު ބޫޓެއް ވެސް ނެތެވެ. މޫނު ހީވަނީ މައްޔިތެއްގެ މޫނު ހެންނެވެ. ތަހުގީގު އޮފިސަރަށް އޭނާ ފެނުމުން، ހައިރާން ވެފައި "ކަލެޔަށް ތިހަހަރީ ކިހިނެއް ވެފައި ހެއްޔޭ، ބޫޓު ކޮބައިހޭ، ޔުނިފޯމު ވީދިފައި ތިޔަހަރީ ކިޔެއް ވެގެންހޭ" އަހައިފިއެވެ. އެއްކަލަ އޮފިސަރު ޒަޚަމް ވެފައި އޮތް ކަންބަޅިއެއްގެ އަޑު ކަހަލަ އަޑަކުން ވާހަކަ ދެއްކިއެވެ. "ދެނެއް ޔުނިފޯމެއް، ބޫޓެއް، ސޫޓެއްގެ ވާހަކަ ދައްކާނެ ކަމެއް ނެތެވެ. ހަމަ ދެންމެ އިންޑޮނީޝިޔާގެ އައްސޭރިން ކަނޑުއަޑިޔަށް ރިކްޓަރ މިންގަނޑުން މީޓިއޮރިކް އިސްކޭލުގެ ބިންހެލުމެއް އަތުވެއްޖެއެވެ. އޭގެ ރާޅުތައް ކުރިޔަށް އޮތް ސާޅީސް ފަސް މިނިޓުގެ ތެރޭގައި މި ރަށާ ހަމަޔަށް އަންނާނެ ކަމަށް އިންޑިޔަން އޯޝަން ސުނާމީ ވޯރނިންގ ސިސްޓަމުންނާއި އިންޓަރނޭޝަނަލް ސުނާމީ އިންފޮރމޭޝަން ސެންޓަރުން އެބަ ބުނެއެވެ. އަދި އެ ރާޅުތަކުގެ އިސްޕީޑާއި ބާރަށް ބަލާ އިރު، މި ރަށް އެ މުރަކައެއްގެ މަތީގައި އޮންނަ މުރަކައިގެ ބުޑުގަނޑު ބިންދާލާނެ ކަމަށާއި، ދިރޭ އެންމެ ފުރާނައެއް ވެސް ސަލާމަތް ވާނީ މުއުޖިޒާތަކުން ކަމަށް ވެސް އެބަ ބުނެއެވެ."

ފުލުސް އޮފިސަރު ކަލޭގެ ދުވެ ގޮސް ކުޑަދޮރުން ބޭރު ބެލި އިރު، ކުރިމަތީން އޮތް މައިދާނުގައި ސިފައިންގެ ސަފުތައް ރުކުރުވައިލަނީއެވެ. އެއުރެންގެ ކޮމާންޑަރު ގަދަފަދަ އަދި ރީތި އަޑަކުން ގޮވައެވެ. "ތިޔަ ހިތްވަރުގަދަ ފަހުލަވާނުންނަކީ ކޮންމެ ހާލަތެއްގައި ވެސް މި ގައުމާއި މި ގައުމުގެ ލޮބުވެތި ރައްޔިތުންގެ ސަލާމަތާއި ހިމާޔަތުގެ ފާރެވެ. މީގެ އަށްސަތޭކަ އަހަރު ކުރީން އަހަރެމެންނަށް ނޫރު ލިބުމަށް ފަހު، އަހަރެމެން ވާގި އެދެނީ އެ ނޫރުގެ ވެރި އޯގާވަންތަ ރަސްކަލާނގެ ކިބައިންނެވެ. އަހަރެމެން ކިޔަމަންތެރި ވަނީ އެކަލާނގެޔަށެވެ. އެކަލާނގެ ވާގިފުޅާ އެކު އަހަރެމެން މާދަމާގެ ފަތިސް ދެކޭނީ އަހަރެމެންގެ ރައްޔިތުންނަށް އައު ކުރިމަގެއްގެ ފެށުމުގެ ގޮތުގައެވެ. ހަމަ މިހާރު ސިފައިންގެ ޔުނިޓުތައް ގޭގެޔަށް ވަންނާށެވެ. އަދި ޅަޒުވާނުންނާއި މުސްކުޅީންނާއި އަންހެނުންނާއި ފިރިހެނުން ކުރެ ހަމަ އެކަކު ވެސް ބާކީ ނުކޮށް، އެންމެން ގޮވައިގެން ރަށް ވަށައިގެން ހުރި ކަނޑުއުޅަނދުފަހަރަށް އަރާށެވެ. ހަމައެކަނި މީހުންނެވެ. މުދަލެއް، ފައިސާއެއް ނޫނެވެ. އަވަހަށް ދާށެވެ! އަހަރެމެންނަށް އޮތީ ސާޅީސް ފަސް މިނެޓެވެ. އެންމެ ރައްޔިތަކު ވެސް ގެއްލުނަނުދޭށެވެ. މި ކަމުގައި އަހަރެމެން އެންމެން ހަލާކު ވިޔަސް، އެންމެ ރައްޔިތަކު ވެސް މި ބިރުވެރި މުސީބާތުގެ ޝިކާރަޔަކަށް ވިޔަނުދޭށެވެ. "ކޮމާންޑަރުގެ ވާހަކަ ނިމުމާ އެކު، ސިފައިންގެ ސަފުތަކުގައި ތިބި ހައެއްކަ ހާސް މީހުން އެއް އަޑަކުން "ލައްބަ ސަރ" އޭ ބުނެ ދިން ޖަވާބު ޖައްވުގެ ތެރޭގައި ގުގުރީގެ އަޑު ފަދައިން ގުގުމައިގެން ދިޔަ ގޮތުން، ހައިބަތަކީ، އިއްޒަތަކީ، ކަރާމާތަކީ، އަދި ހުރުމަތަކީ ފައިސާޔަކުން ގޮނޑިޔަކުން ޕޯޑިޔަމަކުން ލިބޭ އެއްޗެއް ނޫން ކަން އެއް ފަހަރުން އެ ސާބިތު ވެ، ގާއިމު ވެ، ކަށަވަރު ވީއެވެ.

މި ހިސާބަށް އަޅުގަނޑުގެ އެކުވެރިޔާ ވާހަކަ ކިޔައިދިން ތަނާ، އަޅުގަނޑުމެން ކޮފީ ބޯން ތިބި ކެފޭއިން ކުއްލިޔަކަށް ކަރަންޓު ހިނގައްޖެއެވެ. މުޅި ތަނަށް އަނދިރިކަން ވެރި ވެގެން ހިނގައްޖެއެވެ. އެޔާއެކު ކެފޭގެ ތެރޭގައި މީހުންތައް ހޭލަމޭލަ ވެގަތް ވަގުތު، ކެފޭގެ ތެރެއިން އެކަމަކު އަޅުގަނޑުމެން ތިބި ތަނާ ތަންކޮޅެއް ދުރުން މީހަކު ވޭނީ އަޑަކުން ރޮއި ހަޅޭއްލަވައިގަތް އަޑު އަރައަރައިގެން ހިނގައްޖެއެވެ. އެ ސުކޫތުގެ އަނެއް ފަޅީގައި އަނެކަކު ގޮވައިލި އަޑު އިވުނެވެ. "ވަޅި ޖަހައިފި. ވަޅި ޖަހައިފި. ކޮށައި ކުދިކުދި ކޮށްލައިފި. ސުބުޙާނަﷲ! ސުބުޙާނަﷲ!"

comment ކޮމެންޓް