ވަރުގަދަ މެލޭޝިއާއިން ރާއްޖެ ކޮޅަށް ތިން ލަނޑު ޖަހައިފި

ރާއްޖެއާ މެލޭޝިއާ ބައްދަލު ކުރި މެޗުގެ ތެރެއިން-- ފޮޓޯ: މެލޭޝިއާ އެފްއޭ

މެލޭޝިއާގައި އެގައުމާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗެއްގައި ރާއްޖެ 3-0ގެ ނަތީޖާއިން ބަލިވެއްޖެ އެވެ.

މެލޭޝިއާގެ ބުކިޓް ޖަލީލް ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗަށް އެ ޓީމު ނުކުތީ ރަނގަޅަށް ތައްޔާރު ވެގެންނެވެ. މިއަދުގެ މެޗަކީ އާސިއާން ސަރަހައްދުގެ ފުޓުބޯޅަ މުބާރާތް، އާފް ސުޒުކީ ކަޕަށް މެލޭޝިއާ ތައްޔާރުވުމުގެ ގޮތުން ދައުވަތު ދީގެން ކުޅުނު މެޗެކެވެ.

ދިވެހި ޓީމު ނުކުތީ ސާފު ސުޒުކީ ކަޕުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އެއް ނަމްބަރު ކީޕަރު ފައިސަލްއާ ނުލަ އެވެ. ފައިސަލް ފުރަތަމަ އެގާރާގައި ނުހިމެނީ އޭނާގެ އަތަށް އަނިޔާވެފައި ވުމުންނެވެ. ފައިސަލްގެ ބަދަލުގައި އެރުވީ ޒުވާން ގޯލްކީޕަރު، ހުސައިން ޝަރީފެވެ.

މެޗުގެ ކުރީ ކޮޅުގައި މޮޅު ކުޅުމެއް ދައްކައި، މެލޭޝިއާއިން ވަނީ 16 ވަނަ މިނެޓްގައި ލީޑު ނަގާފަ އެވެ. އެ ލަނޑު މެލޭޝިއާއަށް ކާމިޔާބު ކުރީ ޒަކްވާން އަބްދު ރައްޒާގް އެވެ. އޭނާ އެ ގޯލު ކާމިޔާބު ކުރީ އަރިމަތިން ނަގައިދިން ހުރަހެއް ކޮންޓްރޯލު ނުކޮށް އެއްފަހަރުން ޖަހައިގެންނެވެ.

ރާއްޖެ އިން އެއަށް ފަހު ހަމަލާތަކެއް އުފައްދައި ގޯލު ޖެހުމަށް މަސައްކަތް ކުރި އެވެ. އެގޮތުން އަލީ ފާސިރު ސެންޓޭއަށް ގޯލު ޖަހަން ފުރުސަތެއް ލިބުނެވެ. ނަމަވެސް އޭނާ ޖެހި ބޯޅަ މެލޭޝިއާގެ ކީޕަރު ވަނީ ދިފާއު ކޮށްފަ އެވެ.

ދިވެހި ޓީމުން ބޮޑަށް އެޓޭކު ކުރަމުން ދިޔައީ ކައުންޓާގަ އެވެ. ނަމަވެސް މެލޭޝިއާގެ ޑިފެންސް ލައިނުން ވަނީ ގިނަ ހަމަލާތައް ހުއްޓުވާފަ އެވެ. ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ މެލޭޝިއާ އެވެ.

ނަމަވެސް، ދެވަނަ ހާފުގައި ރާއްޖެއިން ވަނީ ކުޅުން ރަނގަޅުކޮށް ހަމަލާތަކެއް އުފައްދާފަ އެވެ. އެގޮތުން ފޭދޫ އިއްބެއަށް ދެ ފުރުސަތު ލިބުނު އިރު އޭނާ ފުރަތަމަ ފޮނުވާލި ބޯޅަ ދިޔައީ ދަނޑި ކައިިރިން ބޭރަށެވެ. ދެވަނަ ހަމާލާ މެލޭޝިއާގެ ކީޕަރު މަތަ ކުރީ އެވެ.

މެލޭޝިއާއަށް ލީޑު ފުޅާކޮށް ދިނީ ކޯނަރެއްގައި ކީޕަރު ހުސެއިން ރަޝީދު ކްލިއާ ކުރި ބޯޅަ ލިބުމުން، ދުރުގައި ހުރެފައި ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިގެން، މެލޭޝިއާގެ ސަފާވީ ރަޝީދު އެވެ. އެ ގޯލު އޭނާ ކާމިޔާބުކޮށްދުނީ 80 ވަނަ މިނެޓުގަ އެވެ.

މެލޭޝިއާގެ ތިންވަނަ ގޯލަކީ މެޗުގެ 90 މިނެޓުގެ ކުޅުން ނިމި، ލިބުނު ތިން މިނެޓުގެ އިތުރު ވަގުތުގެ ތެރޭގައި ޖެހި ގޯލެކެވެ. އޭނާ އެ ގޯލު ކާމިޔާބު ކުރީ އަރިމަތިން ޑިފެންޑަރު އަހްމަދު ނޫމާން ގާތުން ނައްޓާލުމަށް ފަހު ގޯލުގެ ތިރީ ކަނަށް ބާރު ޝޮޓެއް ފޮނުވާލައިގެންނެވެ. އެ ގޯލު ކާމިޔާބު ކުރީ މުހައްމަދޫ ސުމޭރާ އެވެ.

ފަހު ހާފުގައި ގިނަ ކުޅުންތެރިންތަކަށް ކޯޗު ވަނީ ފުރުސަތު ދީފަ އެވެ. އެގޮތުން ނާއިޒު ހަސަން (ދާދު)، އަހުމަދު ރިޒުވާން (ރިޒޭ)، އަސަދުﷲ އަބްދުﷲ، އަބްދުﷲ ޔާމީން، މުހައްމަދު ނާއިމް އަދި ކީޕަރު ހަސަން ތޮލާލް ވެސް ވަނީ ފަހު ހާފުގައި ކުޅެން ނެރެފަ އެވެ.

ފީފާއިން އެންމެ ފަހުން ނެރުނު ރޭންކިންގައި މެލޭޝިއާ ދުނިޔޭގެ 169 ވަނައިގައި އޮތްއިރު ރާޢްޖެ އޮތީ 151 ވަނައިގަ އެވެ. ރޭންކިންގައި މެލޭޝިއާ ފަހަތުގައި އޮތް ނަމަވެސް އެ ޓީމަކީ އަބަދުވެސް ވަރުގަދަ ޓީމެކެވެ.

comment ކޮމެންޓް