އެޕަލް އާއި ސެމްސަންގަށް ބޮޑު ޖޫރިމަނާއެއް

ފޯނު ބޭނުންކުރާ މީހުންގެ ހައްގަށް އުނިކަން ލިބޭގޮތަށް އަމަލުކުރާކަމަށް ބުނެ އެޕަލް އާއި ސެމްސަންގު ބޮޑު އަދަދަކުން ޖޫރިމަނާކޮށްފިއެވެ.

އިޓަލީގެ ކޮންސިއުމާ ރައިޓްސް މޮނީޓާ ކުރާ އިދާރާއަކުން ސެމްސަންގާއި އެޕްލް ޖޫރިމަނާކޮށްފައިވަނީ ޕްލޭންޑް އޮބްސޮލެސެންސް ގެ ކުށަށް ތުހުމަތުކޮށްފައެވެ.

މިކުށާއެކު އެޕަލް 10 މިލިއަން ޔޫއޯ އަދި ސެމްސަންގު ފަސް މިލިއަން ޔޫރޯ އިން ވަނީ ޖޫރިމަނާކޮށްފައެވެ. އެޕަލް އާއި ސެމްސަންގު ޖޫރިމަނާކުރީ ކަސްޓަމަރުންނަށް އޮޅުވާލާ ކަމަށް ބުނެއެވެ.

ސެމްސަންގާއި އެޕަލްގެ ކުރީގެ މޮޑެލްތަކުގެ ފޯނުތަކަށް ސޮފްޓްވއާ އަޕްގްރޭޑު ކުރުމުން މައްސަލަ ދިމާވެ ފޯނު ސްލޯ ވާކަމަށް ބުނެ ޝަކުވާ ކުރާތާ ދުވަސްކޮޅެއް ވެއްޖެއެވެ. އާ ސޮފްޓްވެއާ އަޕްޑޭޓް ފޮނުވާއިރު ފޯނު ސްލޯވާނެކަމަށް ބުނެފައިނުވާކަމަށް އިޓަލީގެ އިދާރާއިން ވަނީ ބުނެފައެވެ.

މި ޖޫރިމަނާ އާއެކު ސެމްސަންގުން ބުނެފައިވަނީ އެކުންފުނީގެ ޖޫރިމަނާ އިސްތިއުނާފު ކުރާނެ ކަމަށެވެ. އަދި އެކުންފުނީގެ ސޮފްޓްވެއާ އަޕްޑޭޓާއެކު އެއްވެސް ފޯނެއް ސްލޯ ނުވާނެ ކަމަށާއި އެކުންފުނިން އަބަދުވެސް ބަލަނީ ކަސްޓަމަރުންނަށް އެންމެ ފަސޭހަ ގޮތްތައް ހޯދައިދޭން ކަމަށެވެ.

އެޕަލްގެ ޖޫރިމަނާ ބޮޑުވެފައިވަނީ ކަސްޓަމަރުންނަށް އެނގެންޖެހޭ މައުލޫމާތު ފޯރުކޮށްނުދޭކަމަށް ބުނެއެވެ. އެގޮތުން އެޕަލްގެ ފޯނުތަކުގެ ބެޓެރީގެ އުމުރާގުޅޭ މުހިއްމު މައުލޫމާތު ހިއްސާ ނުކުރާކަމަށް ބުނެފައިވެއެވެ. އެޕަލް އިން މީގެ ކުރިން ވަނީ ފޯނުތަކުގެ ބެޓެރީގެ އުމުރު ދިގުކުރުމަށް ގަސްދުގައި ފޯނު ސްލޯކުރާކަމަށް އެއްބަސްވެފައެވެ.

comment ކޮމެންޓް