ޝުކުރު އަދާކުރެއްވުމަށް ރައީސް މައުމޫނާއި އާއިލާ މާފުއްޓަށް

ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު މާފުއްޓަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރަނީ --- ފޮޓޯ/ ރައީސް މައުމޫން

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެމަނިކުފާނުގެ އާއިލާގެ ދެ މެމްބަރަކު މާފުށީ ޖަލުގައި ހުންނެވި އިރު އެރަށުގެ ރައްޔިތުން އެ އާއިލާއާ ބެހެއްޓި ގާތްކަމަށް ޝުކުރު އަދާކުރުމަށް އެމަނިކުފާނާއި އާއިލާ އެރަށަށް ވަޑައިގެންފިއެވެ.

ފެބްރުއަރީ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ކުއްލި ހާލަތު އިއުލާނުކުރުމަށްފަހު ރައީސް މައުމޫން އަބްދުލްގައްޔޫމުގެ އިތުރުން ދަނބިދަރިކަލުން މުހައްމަދު ނަދީމް ހައްޔަރުކުރިއެވެ. އަދި އެމަނިކުފާނުގެ ދަރިކަލުން އަހްމަދު ފާރިސް މައުމޫނުވެސް އެކި ތުހުމަތުތަކުގައި ހައްޔަރުކޮށް، މާފުށީ ޖަލުގައި ބަންދުކުރިއެވެ.

ރައީސް މައުމޫނު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމަނިކުފާނާއި އަނބިކަނބަލުން ނަސްރީނާ އިބްރާހިމާއި ދަރިކަނބަލުން ދުންޔާއާއި ޔުމްނާ މައުމޫނުގެ އިތުރުން ދަނބިދަރިކަލުން މިއަދު މާފުއްޓަށް ހާއްސަ ދަތުރެއް ކުރެއްވި ކަމަށެވެ.

ރައީސް މައުމޫނު ވިދާޅުވީ އެ ދަތުރަކީ އެމަނިކުފާނާއި ފާރިސް އަދި ނަދީމް މާފުށި ޖަލުގައި ބަންދުކޮށްފައި ބެހެއްޓި އިރު، އެބޭފުޅުންގެ އަރިހަށް ޒިޔާރަތްކުރެއްވި އާއިލާ މެމްބަރުންނާމެދު މާފުށީ ރައްޔިތުން ބެހެއްޓި ގާތްކަމާއި އޯގާތެރިކަމަށް ޝުކުރުއަދާކުރެއްވުމަށް ކުރެއްވި ދަތުރުފުޅެކެވެ.

ރައީސް މައުމޫން އަބްދުލްގައްޔޫމާއި ދަރިކަލުން އަހްމަދު ފާރިސް މައުމޫނު މިނިވަންވީ ކަފާލާތުގެ ދަށުން، ސެޕްޓެމްބަރު 30 ވަނަ ދުވަހުއެވެ. އޭރު ރައީސް މައުމޫން ގެންދެވީ އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅި ކަމަށް ބުނެ، އެއް އަހަރާއި ހަތް މަހުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ.

އެހެން ނަމަވެސް އެ ހުކުމް، ހައި ކޯޓުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ބާތިލުކޮށްފައެވެ.

comment ކޮމެންޓް