ޗައިނާއިން "އާޓިފިޝަލް ހަނދެއް" ލޯންޗު ކުރަނީ

ޗައިނާއިން ވަނީ 2020ގައި އާޓިފިޝަލް ހަނދެއް ލޯންޗު ކުރާނެ ކަމަށް ބުނެފަ -- ފޮޓޯ: އޭޕީ

ޗައިނާގެ މަގުތައް އަލި ކުރުމަށްޓަކައި އެގައުމުން 2020ގައި 'އާޓިފިޝަލް ހަނދެއް' ލޯންޗު ކުރަން ތައްޔާރުވަމުންދާ ކަމަށް ޗައިނާގެ ދައުލަތުގެ މީޑިއާއިން ބުނެފި އެވެ.

ޗައިނާ ޑެއިލީގައިވާ ގޮތުން އެގައުމުން މަސައްކަތް ކުރަމުން ދަނީ ސިޗުއާން ޕްރޮވިންސުގެ ޗެންގްޑޫއަށް އަލިކޮށްދޭނެ 'އިލުމިނޭޝަން ސެޓެލައިޓެއް' 2020ގައި ލޯންޗު ކުރާށެވެ. އަދި އެމަސައްކަތް ކާމިޔާބުވެއްޖެ ނަމަ 2022ގައި އެފަދަ އިތުރު ސެޓެލައިޓުތަކެއް ލޯންޗު ކުރާނެ އެވެ.

އެޕްރޮޖެކްޓުގައި އިސްކޮށް ހަރަކާތްތެރިވާ ޓިއަން ފޫ ނިއު އޭރިއާ ސައިންސް ސޮސައިޓީގެ ވެރިޔާ ވޫ ޗުންފެންގް ވިދާޅުވި ގޮތުގައި އެސެޓެލައިޓުގެ ވަށައިގެން ހުންނާނީ އިރުގެ ދޯދިތައް ދުނިޔެއަށް ރިފްލެކްޓުކޮށްދޭނެ ކޯޓިންއެކެވެ. އެހެންކަމުން އެސެޓެލައިޓުން ޗެންގްޑޫއަށް އަލިކޮށްދޭނީ އަސްލު ހަނދެއް ފަދައިންނެވެ.

ނަމަވެސް އެސެޓެލައިޓު ދައުރު ކުރާނީ އަސްލު ހަނދަށް ވުރެ ދުނިޔެއާ މާ ކައިރިންނެވެ. އެގޮތުން އަސްލު ހަނދާއި ދުނިޔެއާ ދޭތެރޭ 380،000 ކިލޯމީޓަރުގެ ދުރުމިން ހުންނަ އިރު އާޓިފިޝަލް ހަނދާ ދުނިޔޭގެ މެދުގައި ހުންނާނީ ގާތްގަނޑަކަށް 500 ކިލޯމީޓަރުގެ ދުރުމިނެވެ.

"ނަމަވެސް އެއީ މުޅި އުޑު ދިއްލާލާނެ ފަދަ އައްޔެއް ނޫން. އިންސާނުންނަށް އޭގެ އަލިކަން ފޯރާއިރު ފެންނާނެ ކަމަށް ބެލެވޭނީ މަގުމަތީ ޖަހާފައި ހުންނަ ލައިޓުތަކަށް ވުރެ އަލި މަޑުކޮށް،" ވޫ ވިދާޅުވި އެވެ.

އަދި އެސެޓެލައިޓުގެ އަލިގަދަ ކަމާއި އަލި ފެންނަ ސަރަހައްދު ބަދަލު ކުރެވޭނެ ކަމަށާއި، އެއްކޮށް ނިއްވާލަން ބޭނުން ވެއްޖެ ނަމަ އެކަން ވެސް ކުރެވޭނެ ކަމަށް ވޫ ވިދާޅުވި އެވެ.

ޗައިނާ ޑެއިލީގައިވާ ގޮތުން އެޕްރޮޖެކްޓު ކާމިޔާބުވެއްޖެ ނަމަ މަގުމަތީގައި ހޮޅިބުރި ޖެހުން ހުއްޓާލެވިދާނެ އެވެ. އަދި އޭގެ ސަބަބުން ކަރަންޓު ހަރަދު ކުޑަ ކުރެވޭނެ އެވެ.

އެގޮތުން އާޓިފިޝަލް ހަނދުން ޗެންގްޑޫގެ 50 ކިލޯމީޓަރުގެ ސަރަހައްދެއް ދިއްލާލެވިއްޖެ ނަމަ، އެސިޓީން ކަރަންޓަށް ހަރަދު ކުރާ ފައިސާގެ ތެރެއިން 239 މިލިއަން ޑޮލަރު ރައްކާ ކުރެވޭނެ އެވެ.

ޗައިނާގެ އިތުރުން ރަޝިއާއިން ވެސް ވަނީ މީގެ ކުރިން އެފަދަ ޕްރޮޖެކްޓެއް ކުރިއަށް ގެންގޮސްފަ އެވެ. ނަމަވެސް 1999 ވަނަ އަހަރު ފެށި އެޕްރޮޖެކްޓު ލޯންޗުކުރުމާ އެކު ނާކާމިޔާބުވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް