ކޮރަޕްޝަނަށް މަގުފަހިވާ މުއާމަލާތްތައް ނުހިންގުމަށް އެސްޓީއޯއަށް އަންގައިފި

އެސްޓީއޯގެ ސަބްސިޑަރީ، އެފްއެސްއެމްއިން ހިންގާ ޕެޓްރޯލް ޝެޑެއް -- ފޮޓޯ: އެސްޓީއޯ

އެސްޓީއޯގެ ސަބްސިޑަރީ ދެ ކުންފުންޏަކުން އެ ކުންފުނިތަކުގެ މުވައްޒަފުންގެ މަސްލަހަތު އޮންނަ ގޮތަށް، ކޮރަޕްޝަނަށް މަގުފަހިވާ ފަދަ މުއާމަލާތްތަކެއް ހިންގަމުންދާނަމަ، އެކަންކަން ހުއްޓާލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން އެސްޓީއޯއަށް އަންގައިފިއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ނައިބު ރައީސް މުއައްވިޒް ރަޝީދު ސޮއިކުރައްވައި، އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރ އަހްމަދު ޝަހީރަށް މިދިޔަ ބުދަ ދުވަހު ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ، އެސްޓީއޯގެ ދެ ސަބްސިޑަރީ ކުންފުނި ކަމުގައިވާ އެސްޓީއޯ މޯލްޑިވްސް ސިންގަޕޯއާއި ގައުމީ ތެޔޮ ކުންފުނި، މޯލްޑިވްސް ނޭޝާނަލް އޮއިލް ކޮމްޕެނީގެ މުވައްޒަފުންގެ މަސްލަހަތު އޮންނަ ގޮތަށް، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެހެން ކުންފުނިތަކާއެކު އާ ކޮންޓްރެކްޓްތަކެއް ހަދައި ފައިސާގެ މުއާމަލާތްތަކެއް ހިންގަމުންދާކަމުގެ މައުލޫމާތު އޭސީސީއަށް ލިބިފައިވާ ކަމަށެވެ.

އޭސީސީގެ ސިޓީގައި ކޮމިޝަނުގެ ނައިބު ރައީސް ވަނީ، ސަރުކާރު ބަދަލުވުމުގެ މި މަރުހަލާގައި އާ ޓެންޑާތައް ހުޅުވާނުލުމަށާއި އާ މަޝްރޫއުތައް ނުފެށުމަށާއި ދައުލަތުން މާލީ ޒިންމާއެއް އުފުލަންޖެހިދާނެ ފަދަ އެއްވެސް މުއާމަލާތެއް ނުހިންގުމަށް އިންތިހާބީ ރައީސް އެދިވަޑައިގެންފައިވާކަމަށް ވިދާޅުވެފައެވެ.

އަދި ވެރިކަމުގެ ބާރުތައް ބަދަލުވާ މި ދަނޑިވަޅުގައި އެފަދަ މަޝްރޫއުތަކަށް ހުޅުވައި ހިންގުމަކީ ރައްޔިތުން އެކަމާ ސުވާލު އުފައްދާނެކަމެއް ކަމަށާއި، ކޮރަޕްޝަނަށް މަގުފަހިވެދާނެ ފަދަ ކަމެއް ހިންގުމުގެ ހުޅުވިގެންދާނެ ކަމެއް ކަމަށްވެސް އޭސީސީގެ ނައިބު ރައީސްގެ ސިޓީގައި ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން މިފަދަ މުއާމަލާތްތަކުގެ ސަބަބުން އަލަށް އުފެދޭ ސަރުކާރުން އެކަމުގެ މާލީ ޒިންމާއެއް އުފުލަން ޖެހިދާނެކަމަށްވެސް މުއައްވިޒް ވިދާޅުވެފައިވެއެވެ.

"[ވީމާ] މަތީގައި ދަންނަވާފައިވާ ދެ ކުންފުނިން އފަދަ މުއާމަލާތްތައް ހިންގަވަމުން ގެންދަވާނަމަ އެކަން ހުއްޓުވައިދެއްވުން އެދެމެވެ،" ސަރުކާރާ ރައްޔިތުން ހިއްސާވާ އެންމެ ބޮޑު ކުންފުންޏަށް އޭސީސީން ފޮނުވި ސިޓީގައި ބުނެފައިވެއެވެ.

ވެރިކަމުގެ ބާރުތައް ބަދަލުކުރުމުގެ މަރުހަލާ ހިނގަމުންދާ އިރު، އިންތިހާބީ ސަރުކާރުން އުފައްދާފައިވާ ޓްރާންސިޝަން ކޮމިޓީތަކުން ދަނީ ސަރުކާރުގެ އެކި އިދާރާތަކާއި ކުންފުނިތަކާ ބައްދަލުކުރަމުންނެވެ.

އެގޮތުން، ސަރުކާރުގެ ކުންފުނިތަކާ ބެހޭ ޓްރާންސިޝަން ކޮމިޓީން މި މަހުގެ ކުރީކޮޅު ވަނީ އެސްޓީއޯގެ ވެރިންނާ ބައްދަލުކޮށްފައެވެ. އެ ބައްދަލުވުމުގައި އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރު އަހްމަދު ޝަހީރުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެ އިތުރުން އެސްޓީއޯގެ ބައެއް ސަބްސިޑަރީ ކުންފުނިތައް ކަމުގައިވާ މިފްކޯ، އެލައިޑް އިންޝުއަރަންސް އަދި ފިއުލް ސަޕްލައި މޯލްޑިވްސްއާވެސް ވަނީ ބައްދަލުކޮށްފައެވެ.

comment ކޮމެންޓް