މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރުގެ ނައިބުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކޮށްފި

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގާއި ނައިބު އަހުމަދު ޒާހިދު ހަމީދީ -- ފޮޓޯ: ރޮއިޓާސް

ކުއަލަލަމްޕޫރު (އޮކްޓޯބަރު 19): މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރުގެ ނައިބު އަހުމަދު ޒާހިދު ހަމީދީގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކޮށްފިއެވެ.

މެލޭޝިއާގެ މައި އިދިކޮޅު ޕާޓީ ޔުނައިޓެޑް މެލޭސް ނެޝަނަލް އޯގަނައިޒޭޝަން (އުމްނޯ)ގެ ލީޑަރު ކަމަށްވާ ޒާހިދުގެ މައްޗަށް ވަނީ ކޮރަޕްޝަނުގެ 45 ދައުވާއެއް ކޮށްފައެވެ. އޭގެ ތެރޭގައި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުމާއި 27.4 މިލިއަން ޑޮލަރު ލޯންޑާކުރުން ހިމެނެއެވެ.

އޭގެ ތެރެއިން ބައެއް ދައުވާތައް ކޮށްފައި ވަނީ ޒާހިދުގެ އާއިލާއަށް ނިސްބަތްވާ ޗެރިޓީ ފައުންޑޭޝަނެއްގެ ފައިސާ ނަހަމަގޮތުގައި ބޭނުންކުރުމާ ގުޅިގެންނެވެ. އަދި ބާކީ ދައުވާތައް ކޮށްފައި ވަނީ 2013 ވަނަ އަހަރު އޭނާ ހޯމް މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި އިރު، ލިބިވަޑައިގެންނެވި އިނާޔަތްތަކަކާ ގުޅިގެންނެވެ.

މެލޭޝިއާގެ އެންޓި ކޮރަޕްޝަން ކޮމިޝަނުން އިއްޔެ ވަނީ ޒާހިދު ހައްޔަރުކޮށްފައެވެ. ނަމަވެސް އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާތައް އޭނާ ދޮގުކުރެއެވެ.

ޒާހިދުގެ މައްޗަށް އެދައުވާތައް ކޮށްފައިވަނީ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގާއި އަނބިކަނބަލުން ރޮސްމާ މަންސޫރުގެ މައްޗަށްވެސް ކޮރަޕްޝަނުގެ ދައުވާތަކެއް ކޮށްފައި ވަނިކޮށެވެ.

މެލޭޝިއާގެ އިންވެސްޓްމެންޓު ފަންޑު ވަންއެމްޑީބީގެ ކޮރަޕްޝަނުގެ މައްސަލައިގައި އެގައުމުގެ ކުރީގެ ސަރުކާރުގެ ގިނަ އަދަދެއްގެ އޮފިޝަލުން ގައުމުން ބޭރަށް ދިއުން ވަނީ މަނާކޮށްފައެވެ. އަދި އުމްނޯއާ ގުޅުން ހުރި ގިނަ އަދަދެއްގެ ބޭންކް އެކައުންޓުތައް ވަނީ ފްރީޒްކޮށްފައެވެ.

ވަންއެމްޑީބީގެ މައްސަލަ އަލުން ތަހުގީގުކުރަން ފެށީ މިދިޔަ މެއި މަހު އެގައުމުގައި ބޭއްވި އިންތިހާބުން ނަޖީބު ނާކާމިޔާބުވެ، ޑރ. މަހާތިރު މުހައްމަދު ވެރިކަމަށް ވަޑައިގެންނެވުމުންނެވެ.

(އަލްޖަޒީރާ)

ގުޅޭ ޓެގު
comment ކޮމެންޓް