ޚަޝޯގީގެ މައްސަލަ ބަލަން އދ. އަށް ގޮވާލައިފި

ގެއްލުނު ނޫސްވެރިޔާ ޖަމާލް ޚަޝޯގީ

އެމެރިކާގެ ވޮޝިންޓަން ޕޯސްޓަށް ލިޔަމުންދިޔަ ސައުދީ އަރަބިއާގެ ނޫސްވެރިޔާ ޖަމާލް ޚަޝޯގީގެ މައްސަލަ އދ. އިން ބެލުމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ގޮވާލައިފިއެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ހަތަރު ޖަމްއިއްޔާއަކުން ވަނީ ޚަޝޯގީގެ މައްސަލަ ބެލުމަށް ތުރުކީ ވިލާތުން އދ. އަށް ބާރު އެޅުމަށް ގޮވާލައިފައެވެ. އެ މައްސަލަ އދ. އިން ބެލުމަށް ގޮވާލި ޖަމާއަތްތަކަކީ އެމްނެސްޓީ އިންޓަނޭޝަނަލާއި ދަ ކޮމެޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް އަދި ހިއުމަން ރައިޓްސް ވޮޗްއާއި ރިޕޯޓާސް ވިތްއައުޓް ބޯޑާސްއެވެ.

ޚަޝޯގީއަކީ އެމެރިކާގެ ރައްޔިތުކަން ލިބިފައިވާ، އެމެރިކާ ރައްޔިތެކެވެ. އޭނާ މަސައްކަތް ކުރަމުން ގޮސްފައިވަނީ އެމެރިކާގެ ވޮޝިންޓަން ޕޯސްޓުގައެވެ. ޚަޝޯގީ ގެއްލިފައިވަނީ ތުރުކީގައި ހުންނަ ސައުދީގެ ކޮންސިއުލޭޓަށް ދިޔަ ފަހުންނެވެ. އޭގެ ފަހުން އޭނާގެ ހަބަރެއް ވެފައެއް ނުވެއެވެ.

ރިޕޯޓުތައް ބުނާގޮތުން ކޮންސިއުލެޓު ތެރޭ ހަޝޯގީ ވަނީ މަރާލައިފައެވެ. ސައުދީއަށް ނިސްބަތްވާ ހަޝޯގީގެ ހަށިގަނޑު ކުދިކުދިކޮށް ކޮންސިއުލޭޓު ތެރެއިން ނެރެފައިވާކަމަށްވެސް ބައެއް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް ސައުދީއިން ބުނެފައިވަނީ އޭނާ ހަމަ އެ ދުވަހު ކޮންސިއުލޭޓު ތެރެއިން ނިކުމެފައިވާކަމަށެވެ. ސައުދީ އަރަބިއާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒާއި ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވަނީ ޚަޝޯގީއަށް ވީގޮތެއް އެނގިފައި ނުވާކަމަށް ވިދާޅުވެފައެވެ.

މި މައްސަލައާ ގުޅޭ ހެކި ސައުދީ އިން ނައްތާލުމުގެ ކުރިން މައްސަލަ ތަހުގީގުކުރުމަށް ވަނީ ގޮވާލައިފައެވެ.

comment ކޮމެންޓް