ސައިޕްރަސްގެ ބަޖެޓް އެއާލައިނެއް ކުއްލިގޮތަކަށް އޮޕަރޭޝަންސް ހުއްޓާލައިފި

ސައިޕްރަސްގެ ބަޖެޓް އެއާލައިނެއް ކަމަށްވާ ކޯބަލްޓްގެ ދަތުރުތައް ކުއްލިއަކަށް ހުއްޓާލައިފި އެވެ.

އެ އެއާލައިނުގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ ބުދަ ދުވަހުން ފެށިގެން ދަތުރުތައް ހުއްޓާލާފައިވާކަމަށެވެ. ކުރިން ނޯޓިސްއެއްވެސް ދިނުމަކާ ނުލާ އެ އެއާލައިނުން ދަތުރުތައް ހުއްޓާލާފައިވަނީ ސީދާ ކީއްވެކަމެއް ބުނެފައެއް ނުވެއެވެ.

ނަމަވެސް ސައިޕްރަސްގެ ނޫސްތަކާ ހަވާލާދީ ބީބީސީއިން ބުނެފައިވަނީ އެ އެއާލައިނުން ދަތުރުތައް ހުއްޓާލީ އިންވެސްޓަރުން ނުލިބިގެން ކަމަށެވެ.

ވަކި މުއްދަތެއް ނެތި ކޯބަލްޓުގެ ދަތުރުތައް ހުއްޓާލާފައިވާއިރު ބުރާސްފަތި ދުވަހަށްވެސް ނުވަ ފްލައިޓެއް ޝެޑިއުލްކޮށްފައިވެއެވެ. އެ ފްލައިޓުތަކުން ދަތުރުކުރުމަށް ޓިކެޓް ނަގާފައިވާ ފަސިންޖަރުންނަށް ވާނެ ގޮތެއް ބުނެފައެއް ނުވެއެވެ.

ކޯބަލްޓުން ދަނީ ސައިޕްރަސްގެ އެތެރޭގައި އަދި ބައިނަލްއަގުވާމީ ދަތުރުތައްވެސް ކުރަމުންނެވެ. އެގޮތުން އިނގިރޭސިވިލާތުގެ ހީތުރޯގެ އިތުރުން ޔޫރަޕުގެ އިތުރު 22 މަންޒިލަކަށް އަދި ރަޝިއާއާއި މެދުއިރުމައްޗަށްވެސް އެ އެއާލައިނުން ދިޔައީ ދަތުރުތައް ކުރަމުންނެވެ.

ފްލައިޓުތައް ކެންސަލްކުރުމުން ފަސިންޖަރުން ދަނީ ސޯޝަލް މީޑިއާގައި ފާޑުކިޔަމުންނެވެ. ސައިޕްރަސްގެ ސަރުކާރުން ބުނެފައިވަނީ އެ އެއާލައިނުން ރިޓާން ޓިކެޓު ނަގާފައިވާ މީހުންނަށް ސަރުކާރުން ބަދަލު ދޭނެ ކަމަށެވެ. ބަދަލު ދޭނީ ދަތުރުގެ އެއް މަންޒިލަށް ދަތުރުކޮށްފައި އެނބުރި ދާންތިބި މީހުންނަށް ކަމަށްވެސް ވަނީ ބުނެފައެވެ.

މީގެ ދެ އަހަރު ކުރިން 2016 ވަނަ އަހަރު ދަތުރުތައް ފެށި ކޯބަލްޓުން ބުނެފައިވަނީ ފުރަތަމަ އަހަރުވެސް 740،000 ފަސިންޖަރުން އުފުލި ކަމަށެވެ.

comment ކޮމެންޓް