ސައުދީއަށް ހަތިޔާރު ވިއްކުން މަނާކުރުމާ ބެހޭ ބިލެއް އެމެރިކާގެ ކޮންގްރެސްއަށް

އެމެރިކާއިން ސައުދީއަށް ހަތިޔާރު ވިއްކުން ހުއްޓާލުމާ ބެހޭ ބިލެއް އެގައުމުގެ މަޖިލީހަށް ހުށަހެޅުއްވި މެމްބަރު ޖޭމްސް މެކްގަވަން ---

ވޮޝިންޓަން (އޮކްޓޯބަރ 18): ސައުދީ އަރަބިއްޔާއަށް ހަތިޔާރު ވިއްކުން މަނާކުރުމާ ބެހޭ ބިލެއް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅައިފިއެވެ. މި ބިލު ހުށަހަޅަފައިވަނީ އެމެރިކާގެ ކޮންގްރެސްގެ ދަށުގެއަށެވެ.

މި ބިލު އެމެރިކާގެ ޚާރިޖީ ވުޒާރާއަށް ގޮވާލަނީ އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް ވަނުމާއެކު ގެއްލިފައިވާ ސައުދީ ނޫސްވެރިޔާ ޖަމާލް ޚަޝޯގީގެ މައްސަލައިގެ ހަގީގަތް ހާމަކުރުމަށް ސައުދީ ސަރުކާރަށް ފިއްތުންތައް ކުރިމަތި ކުރުމަށާ އަދި އޭނާ ގެއްލުނު މައްސަލައިގައި ސައުދީގެ އަތެއް ވާކަން ނުވަތަ ނޫންކަން ބަޔާންކޮށް އެކަމާ ބެހޭ ރިޕޯޓެއް ކޮންގްރެސްއަށް ހުށަހެޅުމަށެވެ.

ސައުދީއަށް ހަތިޔާރު ވިއްކުން މަނާކުރާ ބިލެއްގެ ޑްރާފްޓެއް ހުށަހަޅާފައި މިވަނީ ކޮންގްރެސްގެ ގިނަ މެންބަރުންތަކެއް ގުޅިގެންނެވެ. ބިލު ހުށަހަޅުއްވަމުން ގާނޫނު ހަދާ މަޖިލީހެ މެމްބަރު ޖިމް މެކްގަވަން ވިދާޅުވީ އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް ވަނުމާއެކު އެތަނުގައި ޚަޝޯގީ މަރާލާފައިވާކަމުގެ ހެކިތައް އެބަހުރިކަމަށާއި މިފަދަ ގޮތަކަށް އިންސާނީ ހައްގުތަކަށް އަރައިގަންނަ ގައުމަކަށް ހަތިޔާރު ވިއްކުމާއި ސަލާމަތީ ކަންކަމުގައި އެއްބާރުލުން ދިނުމަކީ އެމެރިކާ ލަދުވެތިވާންޖެހޭ ކަމެއް ކަމަށެވެ.

މި ބިލު ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅި ނަމަވެސް ގާނޫނެއްގެ ގޮތުގައި އެ ހުށަހެޅުން ފާސްވުމަކީ ދުރުކަމެއްކަމަށް މުރާސިލުން ބުނެއެވެ. އެމެރިކާގެ ގައުމީ އުފެއްދުންތެރިކަމުގެ 60 އިންސައްތައަކީ ހަތިޔާރު އަދި އެއާ ގުޅިފައިވާ އުފެއްދުންތައް ކަމަށްވެފައި އެމެރިކާގެ ހަތިޔާރުގެ ގާތްގަނޑަކަށް 18 ޕަސަންޓު ގަންނަނީ ސައޫދީ ކަމަށްވާތީ ސައޫދީއާ ދެކޮޅަށް މިފަދަ ފިޔަވަޅެއް އެޅުމަކީ އެމެރިކާގެ އިގްތިސާދު ހީނަރުވެ އިނދަޖެހިގެންދާނެ ކަމެއްކަމަށް ރިޕޯޓްތައް ބުނެއެވެ.

ޚަޝޯގީ ގެއްލިފައިވާ މައްސަލާގައި ސައޫދީއަށް ހަރުކަށި އިންޒާރުތަކެއް ދެއްވުމަށްފަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ކުއްލި ގޮތަކަށް އޭނާގެ ވާހަކައިގެ ރާގު ބަދަލުކުރައްވައި ސައޫދީގެ ދިފާއުގައި ވާހަކަ ދައްކަވަން ފައްޓަވާފައެވެ. ޓްރަމްޕް ސައުދީއަށް ދެއްވި އިންޒާރުތަކުގެ ރާގު ބަދަލުކުރެއްވީ ރައްދުގައި އެމެރިކާއާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާނެ ކަމުގެ ނުސީދާ އިންޒާރު ސައުދީން ދިނުމާ ގުޅިގެންނެވެ.

(ނޫސްއެޖެންސީތައް)

comment ކޮމެންޓް