"ފިނިފެންމާ: ޣައްދާރުވީ ކާކު؟" ފިލްމުގެ މަސައްކަތް ފަށާނީ އަންނަ އަހަރު: ސީޒަން

އަލީ ސީޒަން...

ނިިމިގެންމިދާ 2018 ވަނަ އަހަރު ދިވެހި ސިނަމާއަށް އަންނަން ބުނި ބައެއް ފިލްމުތައް އަންނަ އަހަރަށް މިހާރު މި ވަނީ ލަސްކޮށްފައެވެ. ފިލްމީ ތަރި އަލީ ސީޒަންވެސް ފިލްމެއް ޑައިރެކްޓްކޮށް މި އަހަރު ފަހުކޮޅު ސިނަމާއަށް ގެންނާނެކަމަށް ކުރިން ބުންޏެވެ.

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި އަނބިކަނބަލުން ދަތުރުކުރެއްވި ފިނިފެންމާ ލޯންޗުގައި އެއްޗެއް ގޮއްވައިލި ހާދިސާއަށް ސީޒަން ހަދަން އުޅޭ ފިލްމުގެ ނަމަކީ "ފިނިފެންމާ: ޣައްދާރުވީ ކާކު؟"އެވެ.

މިއަހަރު ނިމެން ކައިރިވެފައިވާ އިރުވެސް ފިލްމުގެ އެއްވެސް ތަފްސީލެއް އައިސްފައި ނުވާތީ ސީޒަންއަށް ގުޅާލީ ފިލްމުގެ ވާހަކަތައް ދައްކާލާށެވެ. ސީޒަން ބުނަނީ ފިލްމުގެ މަސައްކަތް ފަށާނީ އަންނަ އަހަރުގައި ކަމަށެވެ.

"ވަރަށް ބޮޑު ޕްރޮޖެކްޓެއްވީމަ އަންނަ އަހަރު ފިލްމުގެ މަސައްކަތްތައް ފަށަން ނިންމާފަ އޮންނާނީ، އިރާދަކުރެއްވިއްޔާ އަންނަ އަހަރު އެ ފިލްމު ސްކްރީނަށް އަންނާނެ،" ސީޒަން ބުންޏެވެ.

އެ ފިލްމާ ބެހޭގޮތުން މާ ބޮޑު ތަފްސީލެއް ނުލިބުނެވެ. ފިލްމުގެ ކާސްޓުންވެސް ފައިނަލްކުރި ކަމެއް އެނގޭ ގޮތެއް ނުވިއެވެ. ނަމަވެސް ފިލްމުގައި އާ ތަރިން ފެންނާނެކަމަށް ސީޒަން ބުންޏެވެ.

ނަމަވެސް މީގެ ކުރިން "ސަން" އަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނެފައިވަނީ ފިލްމުގެ ސްކްރިޕްޓްގެ މަސައްކަތް ފެށި ކަމަށެވެ. ކުރިން އޮތީ މިއަހަރުގެ ރޯދަ މަހަށް ފަހު ފިލްމުގެ ޝޫޓިން ފަށާ ގޮތަށެވެ.

އޭނާގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް "އެސް ޕްރޮޑަކްޝަނުން" އުފައްދާ އެ ފިލްމުގެ ބަޖެޓަކީ 1.2 މިލިއަން ރުފިޔާއެވެ. ސްޕެޝަލް އިފެކްޓްސްއާއި ސެޓްވެސް ހަދައިގެން ޝޫޓުކުރަން ޖެހޭ ފިލްމަކަށް ވުމުން ފަހަރުގައި އެ އަދަދަށް ވުރެ އަގު މައްޗަށް އުފުލިދާނެ ކަމަށް އޭނާ ކުރިން ދިން އިންޓަވިއުގައި ފާހަގަކޮށްފައިވެއެވެ.

comment ކޮމެންޓް