ދަތިކުރުމުގެ ފިޔަވަޅުތަކާ އެކު ވެސް އިޓަލީގެ ގިނަ ކުންފުނިތައް އީރާނުން ނުފައިބާނެ: އިޓަލީ

ތެހެރާން (އޮކްޓޯބަރ 18) : އެމެރިކާއިން އީރާނާ ދެކޮޅަށް އަޅަމުންގެންދާ ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކާ އެކު ވެސް އިޓަލީގެ ގިނަ ކުންފުނިތައް އީރާނުން ނުފައިބާނެ ކަމަށް އިޓަލީން ބުނެފި އެވެ.

ތެހެރާންގައި ހުންނަ އިޓަލީގެ އެންބަސީގެ ވިޔަފާރިއާބެހޭ އެޓާޗޭ އޮގަސްޓޯ ގެޗިންޓޯ ވިދާޅުވީ އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާ އެކު އީރާނުގައި މަސައްކަތްކުރަން އުނދަނގޫތަކެއް ކުރިމަތިވި ނަމަވެސް އީރާނުގައި މިހާރު މަސައްކަތްކުރާ އިޓަލީގެ ގިނަ ކުންފުނިތައް އީރާނުން ފައިބަން ގަސްދުނުކުރާ ކަމުގަ އެވެ.

އީރާނުގެ ވިޔަފާރިވެރިންގެ ޖަމްއިއްޔާގެ ރައީސް އާ ބައްދަލުކުރެއްވުމަށް ފަހު ގެޗިންޓޯ ވިދާޅުވީ ޑޮލަރާނުލައި އީރާނާ ވިޔަފާރީގެ މުއާމަލާތްތައް ކުރެވޭނެ ޕޭމަންޓް ނިޒާމެއް ޔޫރަޕްގެ އިއްތިޙާދުން ގާއިމް ކުރުމަށް ކުރާ މަސައްކަތަށް އިޓަލީން ތާއީދުކުރާ ކަމަށާ އެ ނިޒާމު ގާއިމްވުމުން އިޓަލީގެ ކުންފުނިތައް އޭގެ ބޭނުންހިފާނެ ކަމުގަ އެވެ. އެމެރިކާ އިން އީރާނާ ދެކޮޅަށް އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ގޮންޖެހުމުގެ ގޮތުން ޑޮލަރާނުލައި އީރާނާ ވިޔަފާރީގެ މުއާމަލާތްތައް ކުރެވޭނެ ޕޭމަންޓް ނިޒާމެއް ގާއިމް ކުރުމަށް ވިލާތުގެ އިއްތިޙާދުން ވަނީ ނިންމައިފަ އެވެ.

މި ނިޒާމު ގާއިމް ކުރުމުގެ ކަންތައް އަވަސް ކުރުމަށް ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތާ ޖަރުމަނުން މިމަހުގެ ކުރީކޮޅު ވަނީ އެއްބަސްވެފަ އެވެ. ޔޫރަޕްގެ އިއްތިޙާދުން އީރާނާއެކު ވިޔަފާރި ކުރުމަށް ގާއިމްކުރާ ޕޭމަންޓް ނިޒާމު ބިނާވެފައި ވަނީ ބާޓާ ސިސްޓަމަށެވެ. މިގޮތުން އީރާނުން ޔޫރަޕްގެ ގައުމަކަށް އެކްސްޕޯޓްކުރާ ތެލުގެ ބަދަލުގައި އީރާނަށް ލިބޭނީ ޔޫރަޕްގައި އުފައްދާ ތަކެއްޗެވެ. މިސާލަކަށް އީރާނުން ޖަރުމަނުގެ އުފެއްދުމެއް ގަންނަން ބޭނުންވާ ނަމަ ސްޕޭން ނޫނީ ޔޫރަޕްގެ އެހެން ގައުމަކަށް އީރާން ވިއްކާތެލުގެ އަގުން ވެސް ޖަރުމަނުން އީރާން ގަންނަން ބޭނުންވާ އެއްޗަކަށް އަގު ދެއްކުމަށް ފަހު އެއެއްޗެއް އީރާނަށް ލިބިދާނެ އެވެ. އަދި މި ނިޒާމުގެ ތެރެއިން ޖަރުމަނުން އީރާނަށް ވިއްކާ ތަކެއްޗަށް ސްޕޭނުން ނޫނީ ޔޫރަޕްގެ އެހެން ގައުމަކުން ވެސް އަގު ދެއްކިދާނެ އެވެ.

އެމެރިކާ ވަނީ ޑޮލަރާނުލައި އީރާނާ ވިޔަފާރީގެ މުއާމަލާތްތައް ކުރުމަށް ގާއިމްކުރާ ޕޭމަންޓް ނިޒާމަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވަނީ އެއީ އީރާނާ ދެކޮޅަށް އެމެރިކާ އަޅާ ފިޔަވަޅުތައް ބަލިކަށިކޮށްލާނެ ނިޒާމެއްކަމަށް ސިފަކުރައްވައި ޔޫރަޕްގެ އިއްތިޙާދުން އެފަދަ ކަމެއް ކުރުމަކީ ހިތާމަ ހުރިކަމެއް ކަމަށް ވިދާޅުވެ ވާހަކަ ދައްކަވައިފަ އެވެ.

އިޓަލީއާއި އީރާނާދެމެދު އަހަރެއްގެ މައްޗަށް ކުރަނީ ގާތްގަނޑަކަށް ފަސް ބިލިޔަން ޑޮލަރުގެ ވިޔަފާރި އެވެ. މިއަދަދު ފަސް އަހަރު ތެރޭގައި 13 ބިލިޔަން ޑޮލަރަށް އިތުރުކުރުމަށް ދެގައުމުން ވަނީ އެއްބަސްވެފަ އެވެ. (އާރުޓީ)

comment ކޮމެންޓް