އިސްލާމިކް ބޭންކުގެ ކާޑުން ވިޔަފާރިކުރާ ފަރާތްތަކަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި

އެމްއައިބީގެ ފައިސާ ކާޑުން ކަނޑާލާ ޕްރޮމޯޝަނުގެ ޕޯސްޓަރެއް

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ޑެބިޓް ކާޑު (ފައިސާ ކާޑު) ބޭނުންކޮށްގެން ވިޔަފާރިކުރާ ފަރާތްތަކަށް ހާޢްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ.

މިއަދުން ފެށިގެން އަންނަ ޖެނުއަރީ މަހުގެ ނިޔަލަށް ފައިސާ ކާޑުން ކުރާ 25 ރުފިޔާ އިން މަތީގެ ވިޔަފާރިތައް ހިމަނައިގެން ކުރިއަށްގެންދާ މި ޕްރޮމޯޝަނުގައި އެއްމެ ގިނަ އަދަދަކަށް ވިޔަފާރި ކުރާ ތިން ފަރާތަކަށް ހާއްސަ އިނާމުތަކެއް ދޭން ވަނީ ނިންމައިފައެވެ.

އެމްއައިބީގެ "ފައިސާ ކާޑުން ކަނޑާލާ" ޕްރޮމޯޝަނާ ގުޅޭގޮތުން މައުމޫމާތު ދެއްވަމުން އެ ބޭންކުގެ ހެޑް އޮފް ޗެނެލް މެނޭޖުމެންޓު މުހައްމަދު ޒިޔާއު އަހުމަދު ވިދާޅުވީ ފައިސާ ކާޑު ބޭނުންކުރާ ކޮންމެ ކަސްޓަމަރަކަށްވެސް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ޕީއޯއެސްތަކުން ކުރާ ކޮންމެ 25 ރުފިޔާ އިން މަތީގެ ޓްރާންސްސެކްޝަނެއް މި ޕްރޮމޯޝަނުގައި ހިމަނާނެ. މި މުއްދަތުގައި އެންމެ ގިނަ އަދަދެއްގެ ޓްރާންސެކްޝަން ކުރާ ފަރާތެއް ހޮވާނެ،"

ޒިޔާއު ވިދާޅުވީ މާލެ، ހުޅުމާލެ ވިލިމާލޭގެ ގިނަ ފިހާރަތަކުގައި މިހާރު އެމްއައިބީގެ ޕީއޯއެސް މެޝިން ބޭނުންކުރާ ކަމަށެވެ.

"އަޅުގަނޑުމެންގެ ޕީއޯއެސް ބޭނުންވާ ވިޔަފާރިތަކުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތުވެސް އެބައޮތް،" އޭނާ ވިދާޅުވީ މާލެ ސަރަހައްދުގެ އިތުރުން އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ އަދި ތިނަދޫ އާއި ކުޅުދުއްފުށީގައިވެސް އެ ބޭންކުގެ ކާޑު މެޝިންތައް ބޭނުންކުރާ ކަމަށެވެ.

ޕްރޮމޯޝަނުގެ މުއްދަތުގައި ފައިސާ ކާޑު ބޭނުންކޮށްގެން އެންމެ ގިނަ ވިޔަފާރި ކުރާ ފަރާތަކަށް ކަނޑައަޅާފައިވާ އިނާމަކީ ދެ މީހަކަށް އުމްރާ ދަތުރެކެވެ. ދެވަނައަށް އައިފޯނު 10އެސް މެކްސް އެއް ކަނޑައަޅާފައިވާއިރު ތިންވަނައަށް އެންމެ ގިނަ ޓްރާންސެކްޝަން ހަދާ ފަރާތަކަށް ސެމްސަންގް ގެލެކްސީ ނޯޓު 9 ވަނީ ކަނޑައަޅައިފައެވެ.

އެމްއައިބީ އިން ދަނީ އިންޓަނެޓް ބޭންކިން އާއި މޯބައިލް ބޭންކިން އަދި ޕޭމެންޓް ގޭޓްވޭގެ ހިދުމަތްވެސް ދެމުންނެންނެވެ.

comment ކޮމެންޓް